ބިރުވެރި ލޯބީގެ

ނިދިތެރޭން ( 6 )

ކުއްލިއަކަށް ވިދާލި ވިދުވަރަށްފަހު ޖަހާލި ބާރު ގުގުރީގެ އަޑުން ވިސާމް ދިޔައީ ސިއްސައިގެންނެވެ. މަހާނަތައް މަތީ ހުރި ވެލިތަކާއި ގަސްތަކުގެ ފަތްތައް ވަޔާއި ބުރައިގެން ދިޔައިރު ހީވާނީ ތޫފާނެއްލައިގެން ހެންނެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުންވާގޮތް ވި ނަމަވެސް އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުންދާ ހަމަޖެހުމުގެ އަސަރުތައް ފެނުމުން ވިސާމް ހަމައަކަށް އެޅޭގޮތް ވިއެވެ. އެހެންވެ އޭނާ ވެސް ކެތްތެރިވެ ހަމަޖެހިގެން ހުއްޓެވެ.

އަލީ އަހްމަދު އޭނާގެ މަސައްކަތް ހުއްޓާލުމާއެކު ވައިމަޑުވެ މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

ވިސާމާއި އަލީ އަހްމަދު އެތަނުގައި ކުރާން އައި މަސައްކަތްތައް ނިންމާލުމަށްފަހު އަވަސް އަވަހަށް އެތަނުން ނުކުމެގެން ގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. މިގަޑީގައި އެދެމީހުން ފިޔަވާ އެއްވެސް މީހަކު މަގެއް މަތިން ނުފެންނާތީ އެމީހުން ކުރާން އުޅޭ މަސައްކަތް ފަސޭހަކަމާއެކު ކުރެވޭނެކަމުގެ ޔަގީންކަން ދެމީހުންނަށް ވެސް ވަރަށް ބޮޑެވެ.

ވިސާމާއި އަލީ އަހްމަދު އެދިޔަ ގޮތަށް ގޮސް މަޑުކުރީ ނީނާ މެންގޭ ދޮރޯށި ކައިރީގައެވެ. އަލީ އަހްމަދު އޭނާގެ ޖީބުން ކޮންމެވެސް އެއްޗެއް ނަގަމުން ވަށައިގެން ހޯދާލަމުން އެތަނުގައި އިށީނެވެ. ހިމަހިމަ ރޮދިފަށެއްގައި ފައްޖަހާފައިވާ ކަރުދާސްކޮޅެއް ހަރުކޮށްފައިވާ އެއެއްޗަކީ ތަވީދެއް ފިޔަވާ އެހެން އެއްޗެއް ނޫންކަން ޔަގީނެވެ. ވަރަށް ޝައުޤުވެރިކަމާއެކު މަޑުމަޑުން އެތަން ކޮނެ އެ ތަވީދު ވަޅުލާފައި އަލީ އަހްމަދު ތެދުވެ ހިނގައިގަތުމުން ވިސާމް ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.

ނީނާމެން ގެކައިރިން ނައްޓާލިގޮތަށް އަލީ އަހްމަދު މިސްރާބުޖެހީ އޮޑިހަރުގެތަކާއި ދިމާއަށެވެ. ކުރީ ދެރޭފަދައިން މިރޭ ވެސް ދެން އޮތް ބައި ފުރިހަމަކުރާން ހަމަޖެހިފައިވަނީ އެތަނުގައި ކަންނޭނގެއެވެ.

އަލީ އަހްމަދާއި ވިސާމް ދިޔަގޮތަށް ގޮސް، ކުރީ ދެރޭ ވެސް އެމީހުން މަސައްކަތްކުރި އަޑިހަރުގެއަށް ވަދެ އެތެރޭން ތަޅުލިއެވެ. އަދި ދުންކިބަ ރޯކޮށްލުމަށްފަހު ފޯނުގެ އަލީގެ އެހީގައި ކިޔެވެލި ކިޔެވުމުގެ މަސައްކަތް ފެށިއެވެ.

އަލީ އަހްމަދުގެ ކިޔެވެލީގެ މަސައްކަތާއިގެން ހަރަކާތްތެރިވާން ފެށިތާ ދޮޅުގަޑިއެއް ހާއިރު ފަހުން މޫސުމަށް ބަދަލު އަންނާން ފެށިއެވެ. ވައިބާރުވަމުން ރާޅުތައް ބޮޑުވަމުން ދިޔައިރު ވައިމަތި ފަރާތު އުދަރެހުން ވިއްސާރައިގެ އަސަރުތައް ދައްކަމުން ކަޅުކުރަމުން ދިޔައެވެ.

ޖެހެމުންދާ ބާރުވަޔާއި ގޮނޑުދޮށަށް ބީއްސަމުންދިޔަ ބިޔަ ރާޅުތަކުގެ ސަބަބުން، ތުނޑީކޮޅު ރާޅުފެނުގައި ޖެހި ބޮންތި ފަންވަތްތައް ކޮޅަށް ހުންނަވަރެއް ނުވިއެވެ. ބާރުވަޔާއެކު ގަހަކުން ވެއްޓުނު ހިކިފަތެއްހެން ޖެހި ރާޅަކާއެކު ފަންވަތްތައް ވެއްޓިއް އޮޔާއި ދަމާ ގެންފިއެވެ.

ދުންކިބައިގެ ދުމުގެ ކުލަ ރަތަށް ބަދަލުވެގެން ދިއުމާއެކު އަލީ އަހްމަދު ކިޔެވެލީގެ އަޑު ބާރުކޮށްލީ ކަމެއް އެނގިގެން ކުރި ފަދައަކުންނެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ.

އޮޔާއި ވަޔާ ރާޅާއެކު ވެލިގަނޑުގައި ބީހެމުންދިޔަ ފަންވަތްތަކުގެކުލަ ރަތްވާން ފެށިތާ މާގިނައިރެއް ނުވަނީސް ހުރިހާ ފަންވަތެއްގެ ކުލަ ރަތަށް ބަދަލުވެގެން ދިޔައެވެ.

ފަރުމަސްވެރިކަމުގައި އުޅުމަށްފަހު ރަށާއި ދިމާއަށް ދަތުރުކުރަމުން އައި ދޯނީގެ ކުނބުކުރިން ކުއްލިއަކަށް ފާޅުވި ގަދަރަތް ކުލައިގެ އަލިކޮޅާއިއެކު ބައެއް މީހުން ސިއްސައިގެން ދިޔައެވެ. ކަންބޮޑުވުމާއެކު އަވަސް އަވަހަށް ފަހަތް ބަލާލިއިރު މޯހިރު ތެރޭން ވެސް ގަދަރަތް ކުލައިގެ އަލިކަމެއް ފާޅުވާން ހުއްޓެވެ. ވެހޭންފެށި ހިމަފޮދު ވާރޭއާއެކު ދޯނީގެ ކުރިމަތިންނާއި ދެއަރިމަތިން ސަންދޯކާއި ކަފުންކަފަ އަދި ގަބުރާއި ގަބުރުސްތާނު ފަދަ ތަންތަން ފެންނާން ފެށިއެވެ. ވެހެމުންދިޔަ ހިމަފޮދު ވާރޭއިން ލޮނުރަހަ ލަމުން ދިޔައިރު ދޯނި ދުއްވޭނެ މަގެއް ނުފެނިގެން މަޑުކުރާން ޖެހުނު އެތައް ފަހަރަކާއި ދިމާވެއްޖެއެވެ.

ދޯނި ކައިރީގައި ދައުރުވަމުން ދިޔަ ބައެއް ސަންދޯއް ރަށާއި ދިމާއަށް ދަތުރު ކުރަމުންދާކަން ބައެއް މީހުންނަށް ފާހަގަ ކުރެވި އެވާހަކަތައް ސިއްރުސިއްރުން ދައްކަމުން ދިޔަ ވެސް މެއެވެ.

ނަގަމުންދިޔަ ބިޔަރާޅުތަކާއި ދަމަމުންދިޔަ ބާރުއޮޔާއިއެކު އައިސް ގޮނޑުދޮށައް ލެއްގި ސަންދޯކުތެރެއިން ތެދުވީ ގަދަރަތް ކުލައިގެ ހެދުމެއްލައިގެން ހުރި ޒުވާންފުރައިގެ އަންހެންކުއްޖެކެވެ. ނުހަނު ބަލިކަށިގޮތަކަށް ސަންދޯކުތެރެއިން ފައިބާގެން އޮޑިހަރުގެތަކާއި ދިމާއަށް ހިނގައިގަތްއިރު އެއީ ނީނާ އެވެ. ޖެހެމުންދިޔަ ބާރު ވަޔާއި ގޮނޑުދޮށުން ވިއްސަމުންދާ ލޮނުފެނުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

ކިޔެވެލީގެ މަސައްކަތާއިގެން އަވަދިނެތި ހަރަކާތްތެރި ވަމުންދިޔަ އަލީ އަހްމަދު އޭނާގެ މަސައްކަތް ކުޑައިރުކޮޅަކަށް މެދު ކަނޑާލަމުން ވިސާމަށް ބަލާލީ އޮޑިހަރުގޭ ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. އޭނާގެ ވާހަކަތައް ހަނދާން ބެހެއްޓުމަށް ހަނދާން ކޮށްދެމުން، ދޮރުހުޅުވުމަށް ވިސާމަށް އަލީ އަހްމަދު އިސާރާތް ކޮށްލިއެވެ.

ވިސާމް ގޮސް އޮޑިހަރުގޭގެ ދޮރު ހުޅުވާލުމާއެކު ނީނާ އެތެރެއަށް ވަނެވެ. އޮޑިހަރުގެއަށް ވަދެގެން ދިޔަގޮތަށް ގޮސް ނީނާ މަޑުކުރީ، ކުރީ ދެރޭގެ ވެސް އާދައިގެ މަތިން ދުންކިބަ ކައިރީގައެވެ. އޮޑިހަރުގޭގެ ދޮރުލައްޕާ ތަޅުލާފައި ވިސާމް އައިސް އަލީ އަހްމަދު ކައިރީ އިށީންއިރު ނީނާއަށް އެއްވެސް ސަމާލުކަމެއް ނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހެންކަމުން ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ދެން ވާގޮތެއް ބަލާން ވިސާމް މަޑުމަޑުން އިނެވެ.

އަލީ އަހްމަދު އޭނާގެ ކިޔެވެލި ނިންމާލަމުން ކޮޅަށް ތެދުވުމާއެކު ވިސާމް ވެސް ކޮޅަށް ތެދުވިއެވެ.

” ވިސާމް!.. އަހަރެންގެ މަސައްކަތް ނިމުނީ. ދެން އޮތީ ވިސާމަށް ވީ ބައި. އޭނާއާއެކު އޭނާ ބުނާ ތާކަށް ދޭ. އެކަމު އޭނާ ވާހަކަ ނުދައްކަނީސް ވާހަކަ ނުދައްކާތި. ” ވިސާމަށް ބަލާލަމުން މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ.

އަލީ އަހްމަދުގެ ވާހަކަތަކާއި އެއްބަސްވެ އާނއެކޭ ބުނާފަދައަކުން ބޯޖަހާލަމުން ވިސާމް ބަލާލީ ނީނާ އަށެވެ.

މަޑުމައިތިރިކަމާއެކު ވިސާމް އައިސް ނީނާގެ އަތުގައި ހިފައިގެން އޮޑިހަރުގެއިން ނުކުންނަން ހިނގައިގަތެވެ. އޮޑިހަރުގެއިން ނުކުންނަމުން ނީނާއާ ދިމާއަށް ވިސާމް ބަލާލުމުން، ވިސާމަށް ބަލާލަމުން ނީނާ ހިނިތުންވެލީ އުފަލާއި ހިތްހަމަޖެހުމާއެކުގަ އެވެ.

އަލީ އަހްމަދު ބުނި ފަދައިން ވިސާމް ހުރީ ނީނާ ބޭނުންތާކަށް ދާށެވެ. ވިސާމް ގޮވައިގެން ނީނާ މިސްރާބުޖެހީ ޖެޓީއާ ދިމާއަށެވެ. މިފަދަވަގުތެއް އޭނާ ގޮވައިގެން ނީނާ އެތަނަށް އެދަނީ ކީއްކުރަންބާއޭ ހިތަށް އެރި ނަމަވެސް ވިސާމް ސުވާލެއް ނުކުރެއެވެ. އަލީ އަހްމަދު ބުނެފައިވާ ފަދައިން ނީނާ ވާހަކަ ނުދައްކަނީސް އޭނާ ވާހަކައެއް ނުދައްކާނެއެވެ.

ނީނާ އާއި ވިސާމް ދިޔަގޮތަށް ގޮސް މަޑުކުރީ ޖެޓީއާ ދިމާއިން އެއްގަމުގައި ހަދާފައިވާ ޖޯލިފަތިތަކުން ޖޯއްޔެއްގައެވެ.

އެ ސަރަހައްދުގައި އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަމާން އޮމާން ކަމެވެ.

” ވިސާމް! ” ވިސާމްއާ ދިމާއަށް ބަލާލަމުން މަޑުމަޑުން ނީނާ ގޮވާލިއެވެ.

ނީނާ ގޮވާލުމާއިއެކު ވިސާމް ބަލާލިއެވެ. ނީނާ އިނީ ވިސާމަށް ބަލަހައްޓައިގެން ކަމަށްވާތީ އެއްވެސް އިހްތިޔާރަކާއިނުލާ ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ހަތަރުކަޅި ހަމަވިވަގުތު ދެމީހުނަށް ހުއްޓުން އަރައި ބަސްހުއްޓި ހަރަކާތް ވެސް ހުއްޓުނެވެ. ކުރާނެ ހަރަކާތެއް ބުނާނެ އެއްޗެއް ނޭނގިފައި އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނީ ކިހާ އިރެއް ވަންދެންކަމެއް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ.

” ކިރިޔައެއްނު މިސަލާމަތްވީ. ” ވިސާމާއި ނީނާ ސިއްސައިގެން ދިޔައީ ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑަށެވެ.

އަޑުއައި ދިމާއަށް ބަލާލިއިރު ޒުވާންފުރައިގެ ދެ ފިރިހެނުން މަހުން ލަފައިގެން ބަރޯއަކަށް މަސްތައް އަޅައިގެން ގެއާ ދިމާއަށް ދަނީއެވެ. އެމީހުންގެ ވާހަކަތަކާއި ހަރަކާތްތައް ހުރިގޮތުން އެމީހުނަށް ކޮންމެވެސް ނުރައްކަލެއް ދިމާވެއްޖެކަން ވިސާމަށް ޔަގީންވިއެވެ.

އެމީހުނަށް އެދެމީހުން ފެނިދާނެތީ ވިސާމް ކޮންމެވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް އެމީހުންގެ ހަރަކާތްތަކާއި ބަސްމަގު ހުރިގޮތުން މިވަގުތު އެމީހުންގެ ސަމާލުކަން އެހެން ދިމާއަށް ނުދާނެކަން ޔަގީންވެ ހިތްހަމަ ޖައްސާލިއެވެ.

އެމީހުންގެ އެވާހަކަތައް އަޑުއިވުމުން ނީނާ ހީލި ހީލުން ވިސާމަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަ ކުރެވުނެވެ. އެހެނަސް ނީނާގެ އެހީލުމުގެ މާނަ އާއި އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރު އެއްގޮތަކަށް ވެސް ވިސާމަކަށް ނުވިސްނުނެވެ.

” ވިސާމް! އަހަރެންނަށް މަޢާފްކުރޭ. އަހަރެން ވެސް ގަބޫލުކުރަން ލޯތްބަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަން. އަހަރެން ވިސާމް ދެކެ ވަރަށް ލޯބިވޭ. ” ވިސާމްގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ނީނާ ވާހަކަ ދެއްކިއެވެ.

” އަހަރެން އަބަދު ވެސް ނީނާއަށް މަޢާފްކުރާނަން. އެކަމާ ދެން އަޅާނުލާ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އަހަރެން ނީނާ ދެކެ ލޯބިވޭ. އެ ނިމުނީނުދޯ ؟ ” ނީނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ވިސާމް ބުންޏެވެ. ވިސާމްގެ އެވާހަކަތަކުން ނީނާ އުފާވެ ހިތްހަމަ ޖެހުނުވަރު އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވެގެން ދިޔައެވެ.

ނީނާ އާއި ވިސާމް ލޯބީގެގޮތުންގުޅި ލާމެހިގެން ދިޔައީ އެހެން އެންމެންގެ ލޯތަކަށް ސިއްރުންނެވެ. ފުރަމެންދަމެއްގެ ހަމަހިމޭންކަމާއި އަމާން އޮމާންކަމާއި އެކުގައެވެ. އެދިއެދި ތިބި ލޯބި ކާމިޔާބުވުމުން ދެމީހުން ވެސް ތިބީ އުފަލުން ފޮޅިފައެވެ. ނީނާގެ އަތުގައި ހިފާ ގަޔާއި ގާތަށް ދަމާލަމުން ވިސާމް ދިން ދަޢުވަތު ނީނާ ގަބޫލުކުރީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. ވިސާމް ބޭނުންވި ފަދައިން ނީނާ އައިސް ވިސާމްގެ މޭގައި ލައްވެލިއެވެ.

ލޯބީގެ ޢަހުދުތަކާއި ވަޢުދުތައް ވަމުން އެކަކު އަނެކަކުގެ ކިބައިން އުފަލާއި ހިތްހަމަޖެހުން ހޯދަމުންދިޔަ ނީނާ އާއި ވިސާމަކަށް ވަގުތުތައް ހޭދަވަމުން ދިޔަގޮތެއް ނޭނގެއެވެ. ދެމީހުން ވެސް ތިބީ ލޯބީގެ އިޝްޤީ މަސްތުގައި ޖެހި ބަނދެވިފައިވާ ފަދަ އަކުންނެވެ.

” ހިނގާ ގެއަށް ދާން …. ބައްޕަ ފަތިސްނަމާދަށް ދާން ހޭލާއިރު އަހަރެން ގޭގައި ނެތްކަން އެނގިއްޖެއްޔާ ވަރަށް ސަކަރާތްވާނެ. މާދަމާރޭ ނުވައެއް ޖަހާއިރު އަހަރެން ދާނަން ދިގުމަގު ކޮޅަށް. އެގަޑިއަށް ވިސާމް އާދޭ އެތަނަށް. ” ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ކަހަލަގޮތަކަށް ވިސާމަށް ބަލާލަމުން ނީނާ ވާހަކަދެއްކިއެވެ.

ނީނާ އާއި ވިސާމްގެ ލޯބީގެފެށުން ކަމުގައިވި ބައްދަލުވުމަކީ ދެމީހުނަށް ވެސް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެންދިޔަ ބައްދަލުވުމަކަށް ވިއެވެ. ބައްދަލުވުން ނިންމާލުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއިރު ދެމީހުން ވެސް ތިބީ އުފަލުން ހިނިތުންވެފަ އެވެ.

އަތުގައި ހިފާލައިގެން ތިބެ ދެމީހުން ނީނާމެން ގެއާއި ދިމާއަށް ހިނގަމުން ދިޔައިރު އެކަކު އަނެކަކާއި ވާހަކަދައްކާ ހިތް އުފާކުރަމުން ދިޔައެވެ. ނީނާއާ އެކުގައި ނީނާމެން ގެއާއި ހަމައަށް އާދެވުމުން ވިސާމް މަޑުކޮށްލިއެވެ.

މާދަމާރެއަށް އިންތިޒާރު ކުރާކަމަށް ބުނަމުން ވަރަށް ލޯބިވެތި ސަލާމަކުން ސަލާން ކޮށްލުމަށްފަހު ނީނާ ގޮސް ގޯތި ތެރެއަށް ވަނުމުން ވިސާމް އޭނާ ހުންނަ ގެއާއި ދިމާއަށް ހިނގައިގަތެވެ.

ވިސާމްގެ ފުރަގަހުން ކަހަލަގޮތަކަށް ވަރަށް ބާރަށް ދުވެފައި އައި ކަޅުބުޅާ ނީނާމެން ގޯތިތެރެއަށް ވަންނަމުން ގޮވާލި ނަމަވެސް ވިސާމަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.

ނީނާމެން ގޯތިތެރެއަށް ވަދެގެންދިޔަ ބުޅަލާއި ނީނާގެ ހަތަރުކަޅި ހަމަވުމާއިއެކު ބުޅަލުގެ ދެލޮލުން ފޮނުވާލި ގަދަރަތް ކުލައިގެ އަލި ނީނާގެ ލޮލު ތެރެއަށް ގޮސް ގެއްލުނެވެ. އުއްބައްތިއެއް ވިރޭފަދައަކުން ނީނާ ވިރިގެން ގޮސް ގެއްލިއްޖެ އެވެ. ވީނުވީއެއް ނޭނގުނު ތާންގައި ޖެހުނުތާ ލަކުނު ވެސް ނެތެވެ.

ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކު އޭނާއަށް ނިދިއްޖެއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 6 )“

Leave a Reply

Your email address will not be published.