ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 3 )

ނީމާ އާއި ސޯނިޔާ ވާހަކަދައްކަމުން ދައްކަމުން ދިޔައީ ނީމާގެ ބޮޑު ބޭބެ ސަރަތުމެން އުޅޭ ގެއަށެވެ.  ނީމާމެން ގޮސް އެގެއަށް ވަތްއިރު ސަރަތުގެ ދެމަފިރިން ކޮންމެވެސް ވާހަކައެއް ދައްކާން ފެންޑާތެރޭގައި ތިއްބެވެ.

ނީމާމެނަށް މަރުޙަބާކިޔައި ހާލުއަހުވާލު އޮޅުންފިލުވަމުން އެގެއަށް އައި ބޭނުމާއި ބެހޭގޮތުން ސަރަތާއި އޭނާގެ އަންހެނުން ނާއިރާ ވާހަކަ ދެއްކިއެވެ.

” ބޭބޭ! އަހަރެންނަށް ވަޒީފާއެއް ހަމަޖެހިއްޖެ. ރާއްޖެތެރޭ ރަށެއްގެ މަދަރުސާއަކުން ޓީޗަރެއްގެ ވަޒީފާ ލިބުނީ. އެގޮތް ރަނގަޅުތަ؟  ” ސަރަތާއި ނާއިރާއަށް ބަލާލަމުން ނީމާ އެހިއެވެ.

” އެހެންތަ؟ ހާދަ އުފާވެރި ޚަބަރެކޭ. ވަރަށް ރަނގަޅު … ޤައުމަށް ޙިދުމަތްކުރާން ފުރުސަތު ލިބިއްޖެނަމަ އެކަން ކުރާންޖެހޭނެ …. އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ޙައްޤުކަން ބޮޑު އެއްޗެއް ނުލިބޭނެ. ރަނގަޅަށް އުޅުނީމަ ރަނގަޅުވާނެ.” ނީމާއަށް ހިތްވަރުދޭ ފަދައަކުން ސަރަތު ވާހަކަ ދެއްކިއެވެ.

ނީމާއަށް ވަޒީފާ ލިބިފައިވާ ރަށަށް ދިއުމަށްޓަކައި މާލެއިން ފުރުމަށް ފެރީގިމަތަ ކައިރިއަށް ނީމާ ދިޔައިރު އޭނާގެ ޢާއިލާގެ މެންބަރުންނާއި ބައެއްރައްޓެހިން ވެސް އެތަނަށް ދިޔައެވެ. ނީމާއަށް ހިތްވަރާއި ނަސޭހަތް ދިނެވެ.

ނީމާ އައުމަށް ހަމަޖެހިފައިވާ ރަށަށް ލޯންޗް ލެފުމާއިއެކު އެހެން ވެސް ދަތުރުވެރިން ފަދައިން އޭނާގެ ދަބަސްތައް ހިފައިގެން ނީމާ ވެސް ލޯންޗުން ފޭބިއެވެ. ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލަމުން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ.

ކުލީ ކާރެއް ހޯދައިގެން ނީމާ ދިޔައީ މަދަރުސާގެ ޕުރިންސިޕަލް އުޅޭ ގެއަށެވެ. މިއަދަކީ މަދަރުސާތަކުގެ ކިޔެވުން ބަންދު ދުވަހަކަށް ވާތީ އޭނަ ދާން ޖެހޭނީ އެގެއަށް ކަމަށް އޭނާއަށް ވަނީ ކުރިން މަޢުލޫމާތު ދީފައެވެ. ކާރުގެ ޑުރައިވަރުގެ ފަރާތުން އެރަށާއި ބެހޭގޮތުން ބައެއް މަޢުލޫމާތުތައް ނީމާއަށް ލިބުނެވެ.

އެންމެ މިހާރުގެގޮތަށް ހަދާފައިވާ ގެއެއް ކައިރިއަށް ކާރުމަޑުކޮށް އެއީ ޕުރިންސިޕަލް ދިރިއުޅޭ ގެކަމަށް ޑުރައިވަރު ބުނުމުން ނީމާ ދަބަސްތައް ހިފައިގެން ފޭބިއެވެ.

ނީމާ ކާރުންފޭބުމާއިއެކު މެދުއުމުރުގެ ފިރިހެނަކު އެގެއިން ނުކުމެ ނީމާއާ ބައްދަލު ކުރިއެވެ. ނީމާއަށް އެހީތެރިކަންދީ ގޭތެރެއަށް ވަނުމަށް ބުންޏެވެ.

އެމީހާގެ ފަހަތުން ކަހަލަގޮތަކަށް ނީމާ ވެސް އެގޭތެރެއަށް ވަނެވެ. އެ ގޭތެރެއަށް ވަދެވުމާއިއެކު ނީމާއަށް ބަލާލެވުނީ އެގޭތެރޭން ފެންނަމުންދިޔަ ފުރިހަމަ ކަމަށެވެ.

” މަދަރުސާގެ ޕުރިންސިޕަލް … ” މަޑުމަޑުން ނީމާއަށް އަހާ ލެވުނެވެ.

” މިތަނުގައި އިށީންނަވާ .. އަޅުގަނޑު އަންނާނަން ޕުރިންސިލަށް ދަންނަވާލާފައި. ” ނީމާއާ ދިމާއަށް އެހެން ބުނުމަށްފަހު އެމީހާ ގޮސް ކޮޓަރިއަކަށް ވަނެވެ.

ކޮންމެ ވެސް ވަރަކަށް ހައިރާންވެފައި ހުރެގެން ވަށައިގެން ބަލަމުން ބަލަމުން ނީމާ ގޮސް ގޮނޑިއެއް ގައި އިށީނެވެ.

ރީނދޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއް ލައިގެން އައިނެއް އަޅައިގެން ހުރި ވާފިރު ފެނުމާއިއެކު ނީމާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.

” ނީމާ! އަހަރެމެން ކައިރިއަށްދޯ ތިޔަ އައީ. އަހަރެމެން އިންތިޒާރު މިކުރަނީ ކަލެޔަށް … ކަލޭގެ ސޫރަ ފެނުމުން އަހަރެންނަށް ޔަގީންވެއްޖެ އަހަރެންނަށް ބުނެވުނީ ދޮގެއް ނޫންކަން …. އިށީނދޭ. ” އަތުގެ އިސާރާތުން ގޮނޑި ދައްކަމުން ވާފިރު ބުންޏެވެ.

” ޝުކުރިއްޔާ! ” އަދަބުވެރިކަމާއިއެކު ޝުކުރު އަދާކުރަމުން ނީމާ އިށީނެވެ.

” މިއީ އަހަރެންގެ ފުރަތަމަ ވަޒީފާ. އެކަމަކު އަހަރެން ވާފިރަށް ޔަގީންކަން ދެން އަހަރެންގެ މަސައްކަތް ރަނގަޅުވާނެކަން. ” މަޑުމަޑުން ނީމާ ވާހަކަދެއްކި އެވެ.

” ފުރަތަމަ އަހަރެމެން ބަލާނީ އެމީހާއަށް. އެއަށްފަހު އެމީހެއްގެ މަސައްކަތަށް. އަހަރެންނަށް ކަލޭ ކަމުދޭ. އެހެންވެ މަސައްކަތް ވެސް ރަނގަޅުވާނެ ކަމަށް ބަލަނީ. ކަލޭ އަމިއްލަ ނަފްސަށް އިތުބާރުކުރޭ. އަހަރެމެން ބޭނުން ވަނީ ތިކަހަލަ ހުނަރު ވެރިން … ކެރޭ ޒުވާނުން. ކަލޭ ބޭނުންނަމަ މިހާރު ވެސް އަހަރެންގެ އަނެއް ގެއަށް ދެވިދާނެ. ނޫނީ ފަހުން ވެސް ދެވިދާނެ. ” ވާފިރު ވާހަކަދެއްކި އެވެ.

” އަޅުގަނޑަށް ރަނގަޅީ މިހާރު ގެންގޮސް ދިނިއްޔާ.” މަޑުމަޑުން ނީމާ ބުނެލި އެވެ.

” ހުރުމުގެ ކަންތަކާއި ބެހޭގޮތުން ސުވާލެއް ކޮށްލަން އަހަރެން ބޭނުން .. ކަލޭ ބޭނުންނަމަ މިގޭގައި ވެސް ހުރެވިދާނެ. އަނެއް ގޭގައި ވެސް ހުރެވިދާނެ. އަހަރެމެން ކައިރީ ނުވަތަ ކަލޭ އެކަނި. ” ނީމާ ބޭނުންގޮތެއް ނިންމަން ފުރުސަތު ދެމުން ވާފިރު ބުންޏެވެ.

” އަޅުގަނޑު ގޮސް އެގެބަލާލާފައި ޖަވާބެއް ދޭނަން. ” އަވަސް އަވަހަށް ނީމާ ބުނެލި އެވެ.

” ނީމާ! އަހަރެން ކަލެޔާއި މެދުގައި ދެކެނީ ވަޒީފާއަށް ވުރެ ބޮޑަށް ތިމާގެ ކުއްޖެއްގެ ގޮތުގައި. ” ވާފިރު އޭނާގެ ހިތުގައިވާގޮތް ހާމަކުރި އެވެ.

” ޝުކުރިއްޔާ! ” ނީމާ ޝުކުރު އަދާކުރި އެވެ.

” އެކަމަކު … ކަލޭގެ އަމިއްލަ ކަމަކާއި ނުބެހޭނަން. އެހެނަސް ވަރަށް ބޮޑަށް ކަލެޔަށް ބަލާނަން. އަދި ބުނަން. އަހަރެންބުނާ ދެކަމެއް ވަރަށްބޮޑަށް ހަނދާން ބަހައްޓާތި. ފުރަތަމަ ކަމަކީ އަހަރެން ބުނާއެއްޗެތި އަޑުއެހުން. އަހަރެން ދައްކާ ވާހަކަތައް އަޑުނާހާ މީހުންނާއި މެދު އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ. އަދި މާގިނައިން ޝަކުވާ ކުރުމަކީ ވެސް އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއްނޫން. ” ވާފިރު ކިޔައިދިނެވެ.

” އަޅުގަނޑު ވެސް ތިހުރިހާ ކަމަކަށް ވިސްނާނަން. ” ވާފިރަށް ބަލާލަމުން ނީމާ ބުންޏެވެ.

ވާފިރު އޭނާގެ ޖީބުން ނެގި އެޑްރެސް ކާރޑެއް ނީމާގެ އަތަށް ދިނެވެ.

” މީގެ ސަބަބުން އަހަރެމެންނަށް މުޢާމަލާތްކުރަން ފަސޭހަވާނެ. އެހެންނު ދޯ ؟ ” އެކާރޑުގައި ނީމާ ހިފުމުން ވާފިރު ވާހަކަ ދެއްކިއެވެ.

” ޝުކުރިއްޔާ! ” މަޑުމަޑުން ނީމާ ބުނެލިއެވެ.

ޕްރިންސިޕަލް ދިރިއުޅޭ ގެއިން ނީމާއާ ބައްދަލުވި މީހާއާ އެކުގައި ޕްރިންސިޕަލްގެ ކާރުގައި ނީމާ ހުރުމަށް ހަމަޖެހިފައިވާ ގެއަށް ނީމާ ގޮވައިގެން އެމީހާ ދިޔައެވެ. އެގެއަކީ ޕުރިންސިޕަލް އުޅެމުންދާ ގެއަށްވުރެ ފުރިހަމަ ގެއެއްކަން އެގޭގެ ބޭރު ފެނުމުން ވެސް ނީމާއަށް ޔަގީން ވިއެވެ.

ނީމާ ކާރުން ފޭބުމުން އޭނާގެ ތަކެތި ގެނެސް އެގޭގެ ދޮރުކައިރީ ބަހައްޓާފައި ކާރުގައި އައި މީހާ ހިނގައްޖެ އެވެ. ނީމާ ހުރީ އެގޭގެދޮރު ހުޅުވާލަން ނުކެރިފައެވެ. އޭނާގެ ޢަމަލުތަކުން ހީވަނީ ކޮންމެވެސް ކަމަކާއި ހާސްވެފައި ނުވަތަ ބިރު ގެންފައި ހުރި ހެންނެވެ.

ބިރާއި ސިހުމާއި ހާސްކަމުގައި ހުރެގެން ނަމަވެސް ނީމާ މަޑުމަޑުން ގޮސް އެގޭގެ ދޮރު ހުޅުވާލި އެވެ. ގޭތެރެއިން ނުކުތީ މުސްކުޅިވަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ދަނޑިބުރިއެއް އޮތެވެ.

” ތިޔައީތޯ ނީމާ އަކީ ؟  އަޅުގަނޑަކީ އަލިދީ. ” އެމުސްކުޅިމީހާ އަމިއްލައަށް ތަޢާރަފްވެލި އެވެ. އެމީހާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނީމާ އާނއެކޭ ބުނީ ބޮލުންނެވެ.

” މިމީދަލުގެ ސަބަބުން ކަލެޔަށް އުނދަގޫ ވެދާނެތީ މީތި މަރާލީ. މިއެއްލާލާން މިދަނީ. ގެ ސާފުކޮށް ނިމެއްޖެ.  ރަނގަޅުވާނެ ހެން ހީވަނީ. ” ނީމާއާ ދުރަށް ހިނގައިގަންނަމުން މީދަލެއް ދައްކާލާފައި އަލިދީ ބުންޏެވެ.

މީދާ އެއްލާލުމަށްފަހު އަނެއްކާ އައިސް ނީމާގެ ދަބަސްތައް ގޭތެރަށް ވައްދަމުން އަލިދީ ވާހަކަ ދައްކާން ފެށިއެވެ.

” މިތަނުގައި ކަލޭ އުޅެމުން ދާއިރު ރޭގަނޑު ގަޑީގައި ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އަހަރެންނަށް ނުގޮވާތި. އަހަރެން އެގަޑިއަކު މިތާ ނޫޅޭނަން. އަހަރެން އަންނާނީ އަންނާން ބުނެފައި އޮންނަ ގަޑިތަކުގައި އެކަނި .. އަހަރެން ގަބޫލުކުރާ ގޮތުގައި އެއްވެސް އިންސާނަކު ގަޑިއަށް ކަމޭނުހިތާ ނަމަ ގަޑި ވެސް އޭނާ އަކަށް ގަދަރެއް ނުކުރާނެ. އޭނާ ހަލާކު ކޮށްލާނެ. ހަވީރު ހަތަރެއް ޖަހާއިރު އަހަރެންގެ ޑިއުޓީ ނިމޭނެ. މާދަމާ ވެސް ހެނދުނު އަށެއް ޖަހާއިރަށް އަހަރެން އަންނާނަން. ” އަލިދީ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކޮޓަރިއަކަށް ވަނެވެ.

އެތައްއިރެއް ވަންދެން ނީމާއާ ވާހަކަދައްކާ ނަސޭހަތްދޭން ހުރުމަށްފަހު އަލިދީ އެގެއިން ނުކުމެގެން ހިނގައްޖެ އެވެ.

ގޭ ދޮރުލައްޕާ ތަޅުލުމަށްފަހު މަޑުމަޑުން ގޮސް ކޮޓަރިއަކަށް ވަދެ ކުޑަދޮރުގެ ދޮރުފޮތިތައް ކަހާލި އެވެ. އަވަސް އަވަހަށް ދަބަސް ހުޅުވާލަމުން އޭގެތެރޭން ބައެއްތަކެތި ނަގައި ކޮޓަރީގެ އެތަން މިތަނުގައި ބަހައްޓަން ފެށިއެވެ. މަޑުމަޑުން އެކިތަންތަން ތަރުތީބު ކުރަމުން ދިޔައިރު ފޮޓޯނަގާ ކަހަލަ އަޑެއް އިވެމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމެއް ނީމާއަކަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. އެހެން މީހަކު ފެންނާކަށް ނެތެވެ. ނީމާގެ އަނގައިން އިވެމުން ދިޔަ ރާގުގެ ސަބަބުން އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައިކަން ޔަގީންވެ އެވެ.

މަޑުމަޑުން ގޮސް ފާޚާނާބަޔަށްވަދެ ފެންވަރަން ތައްޔާރުވަމުން އޭނާ ލައިގެން ހުރި ޓީސާޓްގެ ގޮށްތައް ނައްޓަމުން ދިޔައިރު ކެމެރާގެ އަލި ކަހަލަ އައްޔެއް ވަމުންދިޔަ ކަމެއް ނީމާއަކަށް ނޭނގެ އެވެ. ފާޚާނާބައިގެ ފެންލައިޓަށް ލޮޅުމެއް އައިހެން ހީވެގެން ނީމާ އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު ކޮންމެ ވެސް މީހަކު އެތަނުން ދިޔަތަން ފެނުނެވެ.

ލިބުނު ހައިރާންކަމާއި ގަތްބިރާއިއެކު ނީމާއަށް ހަޅޭލަވައި ގަނެވުނެވެ. އަވަސް އަވަހަށް ޓީސާޓްގެ ގޮށްތައް އަޅުވަމުން ކޮޓަރިއަށް ވަތްއިރު އޭނާގެ ފަހަތުން ކަހަލަގޮތަކަށް ފެންލައިޓުން ވަދެގެން އައިސް ކޮޓަރިއަށް ވަނީ އާސިމު އެވެ.

” ކާކު ކަލެޔަށް ހުއްދަ ދިނީ މިގެއަށް ވަންނާން. ކަލޭތީ ހާދަހާ ގޮތެއްފޮތެއް ވެސް ނެތް މީހެކޭދޯ ؟  ނުކުމޭ. ހަމަ މިހާރު މިގެއިން ނުކުމޭ.” ރުޅިވެރިކަމާއިއެކު ނީމާ ހަޅޭލަވައި ގަތެވެ.

” އަހަރެން މިދައްކާ ވާހަކަތައް އަޑުއަހާބަލަ …. އޭރުން … ” ނީމާގެ އަތުގައި ހިފަމުން އާސިމު ވާހަކަދެއްކި އެވެ.

” އަހަރެންގެ ގައިގާ އަތްނުލާ. މިތަނުން ނުކުމޭ .. އެހެންނޫނީ އަހަރެން ރަށުއޮފީހަށް އަންގާނަން. ޕްރިންސިޕަލް ގާތު ވެސް ބުނާނަން.” އާސިމުގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ނީމާ ވާހަކަދެއްކި އެވެ.

” އަނގަ މަޑުކުރޭ .. ފުރަތަމަ އައިސް މިތަން ދެކިބަލަ. އަހަރެން ކަލޭގެ ފުރާނަ ސަލާމަތް ކޮށް ދިނީ. ތިޔަ ގުޅާތާކަށް އަވަހަށް ގުޅާ. ރަށުއޮފީހަށް އަންގާ. ޕްރިންސިޕަލް ގާތު ވެސް ބުނޭ .. މިގޭ ބޭރުގައި ކަރަންޓް ޝޯޓަކުން އަލިފާން ރޯވެފައި ހުއްޓާ އަހަރެން އަރާ އެތަން ނިއްވާލީ. އާދޭ. އައިސް އެތަން ބަލާ. ހިނގާ. ” ނީމާގެ އަތު ހިފައިގެން އާސިމު ނުކުތީ އެގޭ އުތުރު ފަރާތު ބޭރަށެވެ. ނީމާ ގޮވައިގެން ގޭކޮޅަށް ގޮސް ކަރަންޓުން އަލިފާން ރޯވެ އަނދަމުން ދިޔަ ތަން ދެއްކިއެވެ. ވެގެން އުޅޭގޮތް އެނގުމުން ނީމާ ހަމަހިމޭންވެ މާޔޫސްވާގޮތް ވިއެވެ.

” އަހަރެންނަށް ފެނުނީ މިތަނުގައި އަލިފާން ރޯވެފައި ހުއްޓާ. އަހަރެން އައިސް ބެލިއިރު މިގޭ ހުރިހާ ތަނެއް ހުރީ ތަޅުލާފައި. މީހެއްގެ ޚަބަރެއް ނުވި. ގޭތެރެއަށް ވަދެވޭނެ އެހެން ގޮތެއްނެތް. ދަނޑިގަނޑަކުން ތަޅައިގެން އެ ވަރަށް ވެސް މައިތިރިވީ. އެހެން ގޮތެއް ނެތިގެން އެތަނުން ވަނީ. ކަލޭ މަޑުކުރޭ މިތަނުގައި. އަހަރެން އަންނާނަން. ” ނީމާއާ ދިމާއަށް އެހެން ބުނުމަށްފަހު އާސިމު ދުއްވައިގަތެވެ.

ނީމާއާ ދިމާއަށް އެހެން ބުނުމަށްފަހު އާސިމު ދިޔައިރު ވެސް ނީމާއަށް ހުރެވުނީ އަނދަމުން ދިޔަ ތަނާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ނުތަނަވަސްކަމާއި ހާސްކަމުގެ އަސަރުތަކެވެ. އިރުއިރުކޮޅުން ގެއާ ދިމާއަށް ބަލާ ވެސް ލެވެއެވެ.

އާސިމު ގޮސް ގޭތެރެއަށްވަދެ ކަރަންޓާއި ކުޅެ އެނަރުން ކަރަންޓް ދުއްވާލުމާއިއެކު މަޑުމަޑުން ގޮސް އަލިފާން ނިވިއްޖެ އެވެ.

” މިހާރު ރަނގަޅުދޯ. އެއީ އެވަރުގެ ކަމެއްނޫން. އެކަމަކު ކަރަންޓް ލިބޭނީ ކުޑައިރުކޮޅެއް ފަހުން. އަހަރެން ދެންދަނީ. ” ނީމާއާ ދުރަށް ހިނގައިގަންނަމުން އާސިމު ވާހަކަދެއްކި އެވެ.

” އޭތް! އިހަށް މަޑުކޮށްބަލަ … އަހަރެންނަށް ނޭނގުނީ އިނގޭ. އަހަރެންނަށް މަޢާފުކުރޭ. ” ކަންތައް ކުރެވުނު ގޮތުން ނީމާ ދެރަވިއެވެ.

” އެކަމާދެން އަޅާނުލާ. ތިހެން ވެދާނެކަން އަހަރެންނަށް އިނގޭ. އެކަންދެން އެނިމުނީ. ދެންވެސް އެފަދަކަމެއް ދިމާނުވޭތޯ ބަލައިގެން އުޅުނީމަ ރަނގަޅުވާނެ. އެވަގުތު އަހަރެންނަށް އާދެވުނުކަން އެއީ ކަލޭގެ ނަސީބު ކަންނޭނގެ. ” ނީމާ އާއި އާސިމު ވާހަކަދައްކަމުން ދައްކަމުން ގޮސް ގޭތެރެއަށް ވަނެވެ.
ނުނިމޭ

2
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.