ބިރުވެރި ލޯބީގެ

ނިދިތެރޭން ( 9 )

” މިރަށް ރަނގަޅުތަ؟ ” ކެއުމާއިގެން މަޝްޣޫލްވެއިން ޒުބޭދާއަށް ބަލާލަމުން މަރީނާ އަހާލިއެވެ.

” އާން .. ވަރަށް ހިތްހަމަޖެހޭ. މިއަދު އަތިރިމައްޗަށް ދަނިކޮށް އަންޖާމުގެ ރައްޓެއްސަކާއި ވެސް ދިމާވި. ” މަރީނާގެ ސުވާލަށް ޖަވާބުދެމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.

” އެހެންތަ؟ އެއީ އަނެއްކާ ކާކުބާ؟ ” އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ އަހާލިއެވެ.

” އެއީ ވިސާމް. އަހަރެން ރައްޓެއްސެއްގެ ޝޮޕްގެ މަސައްކަތެއް ކުރާން ރަށަށް ގޮސް އުޅެނިކޮށް ދިމާވީ. ” ޙަޤީޤަތް ހާމަކުރަމުން އަންޖާމު ވާހަކަ ދެއްކިއެވެ.

” އެހެންތަ؟ އެއީ ދެން ތިރަށު ކުއްޖެއްނު. ” އަވަސް އަވަހަށް މަރީނާ ބުނެލިއެވެ.

” އެ ކީއްވެ؟ ” ޒުބޭދާ އާއި އަންޖާމަށް އެކުގައި ކަހަލަ ގޮތަކަށް އަހާލެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ.

” އެއީ ތިރަށު ކުއްޖަކާއި ވިސާމް އިނދެގެން އުޅޭތީ. އެކުއްޖާ ވެސް އެބައުޅޭ މިރަށުގައި. އޭނާއާ ދިމައެއް ނުވޭތަ؟ ”  ޒުބޭދާ އާއި އަންޖާމުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަބްދުލް ހާދީ ދެއްކި ވާހަކަތަކުގެ ސަބަބުން ޒުބޭދާ އާއި އަންޖާމުގެ ހައިރާންކަން އިތުރުވެ އުފެދުނު ސުވާލުތައް ގިނަވެގެން ދިޔައެވެ.

” އަހަރުން އަޑުއެހި ގޮތުން އެއީ ތިރަށު ކުއްޖެއް. ކޮންމެސް ނީނާ އެއް ކިޔަނީ. ” މަރީނާ އިތުރުކޮށްލިއެވެ.

” އަހަރުމެން ރަށު ނީނާއޭ؟ ….. އޭނާ އެބަހުރި ރަށުގައި. ” މަޑުމަޑުން ޒުބޭދާއަށް ބުނެވުނެވެ.

” އާން. އެހެން ކިޔާ އަޑު އިވެނީ. އަހަރުންނަކަށް ނޭނގޭ ތެދެއް ދޮގެއް. ” ހަމަޖެހޭގޮތް ދައްކާލަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.

” އޭނާ މިހާރު ވެސް މިރަށުގައި އެބަހުރިތަ؟ މިހެން މިއެހީ އަހަރުމެން މާލެ އައިއިރު ވެސް އޭނާ ރަށުގައި ހުރީމަ. އެކަމު ދުވަސްކޮޅެއް ކުރިން އޭނާ އެކަނި މާލެ ދިޔަ. އެދުވަސްވަރު ވިސާމް ވެސް މަސައްކަތް ނިންމާލާފަ މާލެ ދިޔައީ. އަހަރުމެން އަޑު ވެސް ނާހަން އެދެމީހުން ކައިވެނި ކުރި ވާހަކައެއް. ” ކުޑައިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޒުބޭދާ ވާހަކަ ދެއްކިއިރު ވެސް އޭނާގެ ކިބައިން ފާޅުވަމުންދިޔަ ހައިރާންކަން ފިލާ ނުދެއެވެ.

” މިއަދު ހަވީރު ވިސާމާއި ބައްދަލުކޮށް އެވާހަކަ ދައްކާލާނީ. އެހެންނޫނީ ނީނާ ފެނޭތޯ ހިނގާލާނީ. އޭރުން އެކަން ވެސް އެނިމުނީނު. ” ޚިޔާލެއް ހުށަހަޅަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.

ކައި ނިމިގެން ޒުބޭދާ އާއި އަންޖާމު ދިޔައީ ކޮޓަރިއަށެވެ. ދެކެވުނު ވާހަކަތަކާއި މެދު ވިސްނާލާން ދެމަފިރިން ވެސް ބޭނުން ވިއެވެ. ކުއްލިއަކަށް މިލިބުނު ޚަބަރުން ދެމީހުން ވެސް ތިބީ ފާޑަކަށް ވާނުވާ ނޭނގިފައެވެ.

ޒުބޭދާ އާއި އަންޖާމު ކޮޓަރީގައި ތިބި އިރު ވެސް ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައީ ނީނާއާ ބެހޭގޮތުންނެވެ.

” ވިސާމް ރަށުގައި އުޅުނުއިރު ނީނާ އާ ވިސާމް އުޅުނީ ރައްޓެހިވެގެންތަ؟ ” ޒުބޭދާ އަހާލި އަންޖާމަށް ބަލާލަމުން ނެވެ.

” އަހަރެންނަކަށް ނޭނގެ .. އަހަރެން ވެސް މިހުންނަނީ ތިކަމާއި ހައިރާންވެފަ. އެދެމީހުން ކިހިނެތް ކައިވެނި ކުރާނީ؟ ނީނާ މާލެ ދިޔައިރު އޭނާގެ ބައްޕައެއް މާލެއަކު ނުދޭ. އެދެމީހުން ރާވައިގެން ކައިވެނި ކޮށްގެންނޭ ކިޔައިގެން އުޅެނީ ކަންނޭނގެ. އަހަރެމެން ކައިރީގަ ވެސް ވިސާމް އެވާހަކައެއް ނުދައްކައެއްނު؟ ” އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެ އަންޖާމު ވާހަކަ ދެއްކިއެވެ.

” އަހަރެންނަށް ވެސް ހީވަނީ ތިހެން. އެކަމު އެއީ ކިހާ ގޯސް ގޮތެއްދޯ؟ އެކުގައި އުޅެންޏާއި ކައިވެނި ކުރީމަ ނިމުނީނު. ” އަންޖާމުގެ މޫނަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.

” އަހަރުމެން ގޮތަށް ދޯ؟ ” ޒުބޭދާއާ ހަތަރުކަޅި ހަމަކޮށްލަމުން އަންޖާމު ބުންޏެވެ.

” ހާދީބެމެންނާއި އެކުގައި ދާނީ. އަހަރުންނަށް އެނގޭނެއެއްނު ނީނާ ފެނުނީމަ. ” އެ ވާހަކަތަކުގެ ޙަޤީޤަތް ބެލުމަށް ނުހަނު ބޭނުން ވެފައިވާ ޒުބޭދާ ވާހަކަ ދެއްކިއެވެ.

” އާން. ތިއީ އެންމެ ރަނގަޅު ގޮތަކީ. ވިސާމާއި ވާހަކަދައްކައިގެން އޭނާ އޮޅުވާ ވެސް ލާފާނެ. ” އަންޖާމު ވެސް ބޭނުން ވަނީ އެކަމުގެ ޙަޤީޤަތް އޮޅުން ފިލުވާށެވެ.

އިރުގެ ހަލުވި ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުގެ ހޫނުކަމުގެ މައްޗަށް ހަވީރުގެ ފިނިކަން ގަދަވެ ގަނެއްޖެއެވެ. ކުރިއްސުރެ ވާހަކަދައްކާ މަޝްވަރާ ކޮށްފައިވާ ފަދައިން ހަވީރު ސައިބޮއިގެން އަންޖާމުމެން ހަމީހުން ނުކުތީ ނީނާގެ ޚަބަރެއް ވޭތޯ އެވެ. ޒުބޭދާ އާއި އަންޖާމު ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނީނާއާ ބައްދަލު ކުރާށެވެ.

ނީނާއާ އެންމެ ފަސޭހައިން ބައްދަލުވާނީ ވިސާމްމެން ގެއިން ކަމަށްވާތީ ޒުބޭދާ އާއި ވިސާމް ގޮވައިގެން އަބްދުލް ހާދީ ދިޔަގޮތަށް ދިޔައީ ވިސާމްމެން ގެއަށެވެ. އަންޖާމުމެން ގޮސް އެގޭ ގޯތިތެރެއަށް ވަތްއިރު ގޯތިތެރޭހުރި ގަސްތަކަށް ފެން ދިނުމުގެ މަސައްކަތުގައި މެދުއުމުރުގެ އަންހެނަކު އުޅެމުން ދިޔައެވެ. އަންޖާމުމެން ސަލާން ގޮވާލުމުން އެމީހާ ސަލާން ބަލައިގަތެވެ. އަދި އޭނާގެ މަސައްކަތް މެދުކަނޑާ ލުމަށްފަހު އައިސް ޖޯލިފަތި ދައްކަމުން އިށީންނާން ބުންޏެވެ.

” ވިސާމް އުޅޭތޯ ބަލާލާން މިއައީ. ” އެއަންހެންމީހާ އަށް ބަލާލަމުން އަންޖާމު ބުންޏެވެ.

” ވިސާމް ވީ ފުޓްބޯޅަ ކުޅޭން ގޮސް. ނީނާ ވީ ނެޓްބޯޅަ ކުޅޭން ގޮސް. އެއީ ކުޅިވަރަށް މާ ފޯރި ހުންނަ ދެމަފިރިން. ތިއީ ކޮން ކުދިންނެއްތަ؟ މީގެކުރިން މިރަށަކުން ނުދެކެން. ” ޒުބޭދާ އާއި އަންޖާމަށް ބަލާލަމުން އެއަންހެންމީހާ ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކައިންނާއި ހަރަކާތްތަކުން ފެނިގެން ދިޔައީ ގާތްކަމާއި މެހެމާނުންނަށް ކަމޭހިތުމެވެ.

އެއަންހެންމީހާގެ ވާހަކާގައި ނީނާގެ ނަން ބުނުމާއި އޭނާއަކީ ވިސާމް އަންހެނުން ކަމަށް ބުނި ބުނުން އަންޖާމުމެނަށް ފާހަގަ ކުރެވުނެވެ. އަބްދުލް ހާދީގެ އާއި މަރީނާގެ ވާހަކަތަކާމެދު އިތުރަށް ވިސްނާން ޖެހުނީ އެހެންވެއެވެ.

” އަޅުގަނޑުމެންނަކީ ނީނާމެން ރަށު ބައެއް. އެދެމީހުން ކުރެ މީހަކާއި ބައްދަލުވޭތޯ އައީ. ދެން ގޮސްލަނީ. ” އެމީހާ އަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.

” އާން. އެ ދެމަފިރިންނާއި ގެއިން ބައްދަލުވާނީ ކާގަޑިތަކުގައި. ” އަންޖާމުމެން ހިނގައިގަތުމުން އެއަންހެންމީހާ އިތުރަށް ބުނެލިއެވެ.

އެގޯތިތެރޭން ނުކުތްއިރު ނީނާއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން އަންޖާމުމެން ދެމަފިރިންގެ ހިތުގައި އިތުރުވަމުން ދިޔައެވެ.

” އެބުނާ ނެޓްބޯޅަ ކޯޓް ކައިރިއަށް ދާންވީނު. ” މަރީނާމެން ކައިރިއަށް އަންނަމުން ޒުބޭދާ ބުނެލިއެވެ.

” އާން. ހިނގާ ދާން. އެތަން ވެސް ބަލާލަންވާނެ. ” ޒުބޭދާއަށް ޖަވާބުދެމުން މަރީނާ ހިނގައިގަތުމުން އަންޖާމުމެން ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ނައުރާ އާއި މާހު ވަނީ މަދަރުސާ ގޯތިތެރެއަށެވެ.

ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކަމުންދިޔަ ހަތަރުމީހުނަށް އެހިސާބަށް ދެވުނުއިރު ޒުވާނުންތައް ނެޓްބޯޅަ ކުޅުމާއިގެން އުޅެމުން ދިޔައެވެ. އެހިސާބަށް ދެވުމާއިއެކު އަންޖާމާއި ޒުބޭދާ ބަލާލީ އެތަނުން ނީނާ ފެނޭތޯ އެވެ.

ނެޓްބޯޅަ ކުޅުމާއިގެން މަޝްޣޫލްވެ ހުރި ނީނާ، ޒުބޭދާގެ ލޮލުގައި އަޅައިގަތެވެ. އެމީހުންގާތު މަރީނާ އާއި އަބްދުލް ހާދީ ބުނެފައިވާ ފަދައިން އެއީ އެރަށު ނީނާ އެވެ. އެއީ އެހެން މީހެއް ނޫނެވެ. އެކަން އަންޖާމަށް ވެސް ފާހަގަކުރެވުނެވެ. އެކަން ނީނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

” އެއީ އަހަރުމެން ރަށު ނީނާ. ހިނގާ ދާން. ” ޔަގީންކަމާއެކު އަންޖާމު ބުންޏެވެ.

ރަށުތެރޭގައި ކުޑަކޮށް ހިނގާލުމަށްފަހު، މަދަރުސާގެ ކުޅިވަރު ކޯޓަށް ގޮސް ނައުރާ އާއި މާހު ގޮވައިގެން އަންޖާމުމެން ދިޔައީ ގެއަށެވެ.

ނީނާއާ ބެހޭގޮތުން ވާހަކަދައްކާން ޒުބޭދާ އާއި އަންޖާމު ތިބީ ކޮޓަރިތެރޭގައެވެ.

” މިރަށު މީހުން އެބުނާ ގޮތުން ވިއްޔާ ނީނާ މިރަށުގައި އުޅޭތާ ދެމަހެއްހާ ދުވަސް ވެދާނެ. އެކަމު ވަރަށްފަހުން ވެސް ރަށުން އޭނާ ފެނުނު ހަނދާނެއް ވޭ …… އެ ނީނާގެ ޙަޤީޤަތް ބަލާން އެބަޖެހޭ. ” ނީނާއާމެދު ސައްކުއުފެދިފައިވާ ފަދައަކުން ޒުބޭދާ ވާހަކަ ދެއްކިއެވެ.

ނެޓްބޯޅަ ކުޅެ ނިންމާލާފައި ނީނާ ގެއަށް އައުމުން ވިސާމްގެ މަންމަ ވާފިރާ، ނީނާ ހޯދުމަށް ބަޔަކު އައި ކަމަށާއި އެއީ ނީނާމެން ރަށު ދެމީހުން ކަމަށް ވެސް ބުންޏެވެ. އެއީ އަންޖާމުމެންކަން ނީނާއަށް ޔަގީންވިއެވެ. ނީނާ އެރަށުގައި އުޅޭކަން އަންޖާމުމެނަށް އެނގުމުން ކޮންވެސް ވަރަކަށް ހައިރާންވި ނަމަވެސް ވާފިރާގާތު އެވާހަކައެއް ނުދައްކައެވެ.

ވާފިރާ އާއި ވާހަކަ ދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު ނީނާ ގޮސް ކޮޓަރިއަށް ވަތްއިރު ކޮޓަރިތެރޭގައި ވިސާމް ހުއްޓެވެ. އޭނާ ވެސް ކުޅެފައި އައިސް ފެންވަރާން ތައްޔާރު ވަނީ އެވެ.

ނީނާ ހޯދުމަށް ޒުބޭދާ އާއި އަންޖާމު އައިކަމަށް ވާފިރާ ބުނި ކަމަށާއި އޭނާ އެރަށުގައި ހުރިކަން އަންޖާމުމެނަށް އެނގުނީ ކިހިނެތްތޯ ވިސާމާއި ނީނާ ސުވާލުކުރިއެވެ. އެސުވާލުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހައިރާންކަން ލިބިގެންދިޔަ ވިސާމް ބުނީ އޭނާއަށް ވެސް އެކަން ނޭނގޭކަމަށާއި އޭނާގާތު އެމީހުން އެފަދަ ވާހަކައެއް ދައްކާފައި ވެސް ނުވާ ކަމަށެވެ.

” އެމީހުން އުޅެނީ ކޮން ގެއަކު؟ ” ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައިހުރި ނީނާ އަހާލިއެވެ.

” އަބްދުލް ހާދީ މެން ގޭގައި. ” ވިސާމް ޖަވާބު ދިނެވެ.

ނީނާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ޒުބޭދާ ފޯނުކުރީ އޭނާގެ ރައްޓެހި ފާތުން ނަށެވެ. އަދި ވެގެން އުޅޭގޮތް ފާތުންނަށް ކިޔައިދީ އޭނާ ހޯދާން ބޭނުންވާ މަޢުލޫމާތުތައް ހޯދިއެވެ.

” މިކަމުގައި ވަރަށްބޮޑު ނުބަޔެއް އެބައުޅޭ ….. އެއީ އަހަރުމެން ރަށު ނީނާއެއް ނޫން. ” ފޯނު ބޭއްވުމަށްފަހު އަންޖާމަށް ބަލާލަމުން ޒުބޭދާ ބުންޏެވެ. އަޑާއި ހަރަކާތުން ފާޅުވީ ކަންބޮޑުވުމާއި ނުތަނަވަސް ކަމެވެ.

” ފާތުން ބުނީ ކީކޭ؟ ” ޒުބޭދާގެ ވާހަކައިން އަންޖާމަށް ލިބިގެންދިޔަ ނުތަނަވަސްކަމުގައި އަވަސް އަވަހަށް އަހާލެވުނެވެ.

” ފާތުން ބުނީ މިއަދު ވެސް ނީނާމެންނާއި އެކުގައި ތުނޑިއަށް ދިޔަ ވާހަކަ. އެހެންވީމަ ވިސާމް ކައިވެނިކޮށްގެން އެއުޅެނީ އަހަރުމެން ރަށު ނީނާ އަކާ ނޫން. އަހަރުމެން ރަށު ނީނާއާ ކިތަންމެ ވައްތަރު ގޮތެއް ހުއްޓަސް އެއީ އެހެން މީހެއް. މިކަމުގައި ވަރަށްބޮޑު އޮޅުން ތަކެއް އެބަހުރި. ” ކޮންމެވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ޒުބޭދާ ވާހަކަ ދެއްކިއެވެ.

” ތިހެން ވެދާނެ. ފަންޑިތަހަދާ އަލީ އަހްމަދާ އޭނަޔާ އުޅުނީ ވަރަށް އެއްކޮށް. އަލީ އަހްމަދުގެ ކަމަކަށް ވެސް ވެދާނެ އެއްނު. ” އަންޖާމު ވާހަކަ ދެއްކި އޭނާއަށް ހީވި ހީވުމެއްގެ މައްޗަށް ބުރަވެއެވެ.

އެކަމާބެހޭގޮތުން އެތައް އިރެއް ވާންދެން ވާހަކަދެއްކުމަށްފަހު ޒުބޭދާ އާއި އަންޖާމު ނިންމީ އެކަންތައް އިތުރަށް ބަލާ ދިރާސާ ކުރުމަށާއި އެކަމުގައި ހޯދާންޖެހޭ ހުރިހާ މަޢުލޫމާތެއް ހޯދާށެވެ.

އަށެއް ޖަހާކަން ހާއިރެވެ. ޙިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ނީނާ އެނދުގައި އޮތްއިރު ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމާއި ފަނޑު އަލިކަމެވެ. މިއަދު ހަވީރު ކަންތައް ވީގޮތުން ނީނާ އޮތީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ނުނިމޭ

0
1
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 9 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 9 )“

Leave a Reply

Your email address will not be published.