ބިރުވެރި ލޯބީގެ

ނިދިތެރޭން ( 11 )

އަންޖާމުގެ ވާހަކަތަކުގެ ސަބަބުން މަރީނާ އާއި އަބްދުލް ހާދީ ވެސް ހާސްވެ ކަންބޮޑުވާގޮތް ވިއެވެ. މަރީނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އެކޮޓަރީގެ އަނެއް ތަޅުދަނޑި ބަލައެވެ.

” ޒުބޭދާއަކީ އެހާ ނިދިގަދަ މީހެއް ނޫން. އަހަރެންނަށް ހީވަނީ ކޮންމެ ވެސް ކަމެއް ވެއްޖެހެން. ” ދެވަނަ ފަހަރަށް އަންޖާމު ވާހަކަ ދެއްކިއިރު ދެލޮލު ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވެއްޖެއެވެ.

ކޮޓަރީގެ ތަޅުދަނޑި ގެނެސް ދިނުމުން އޭނާއަށް ޝުކުރުއަދާކޮށްފައި އަންޖާމު އަވަސްވެގަތީ ކޮޓަރީގެ ދޮރު ހުޅުވާށެވެ.

ކޮޓަރީގެ ތަޅުހުޅުވައި ދޮރު ހުޅުވާލަމުން އެތެރެއަށް ނަޒަރު ހިންގާލި ވަގުތު ފެނުނު މަންޒަރާއެކު އަންޖާމަށް އަޑުގެ ކޮޅަށް ރޮއި ގަނެވިއްޖެ އެވެ. ކޮޓަރީ ފަންކާގައި ބެޑްޝީޓެއް އައްސައި ދަންޖެހިގެން މަރުވެފައި ހުރި ޒުބޭދާ ފެނުމުން އަންޖާމަކަށް ކެތެއް ނުވިއެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ޒުބޭދާގެ ގައިގާ އޮޅުލައިގަތެވެ. ބެޑްޝީޓްގެ މަތީކޮޅު އައްސާފައިވާތަނުން ނެއްޓިގެން ޒުބޭދާ އާއި އަންޖާމު ތަޅުން މައްޗަށް ވެއްޓުނީ އެކުގައެވެ.

އަންޖާމުގެ ފަހަތުން ކޮޓަރިއަށް ވަތް އަބްދުލް ހާދީ ހުރީ ހައިރާންވެ ބަސް ހުއްޓިފައެވެ. ދެލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެމަންޒަރު ބަލާން ކެތް ނުވެގެން ރޮއިގަންނަމުން މަރީނާ ނުކުތީ ބޭރަށެވެ.

އަންޖާމު ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. ރޮއިރޮއިފައި ޒުބޭދާގެ ގައިގާ އޮޅުލަމުން އޭނާއާ ވާހަކަ ދައްކަމުން އޭނާއާ ވާހަކަ ދައްކަން ބުނަމުން ދިޔައެވެ. ވާހަކަ ނުދައްކާތީ ސަކުވާ ކުރަމުން ދިޔައެވެ.

އަންޖާމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިބުމަކީ މަރީނާ އާއި އަބްދުލް ހާދީއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އަބްދުލް ހާދީ އައިސް ގަދަކަމުން ކަހަލަ ގޮތަކަށް އަންޖާމު ދުރަށް ޖެއްސިއެވެ. ޒުބޭދާ ކައިރިއަށް ދާން ދެވަނަ ފަހަރަށް އަންޖާމު މަސައްކަތް ކުރި ނަމަވެސް އަބްދުލް ހާދީ ހިފަހައްޓައިގެން ހުރުމުން އަންޖާމަށް ކާމިޔާބެއް ނުލިބުނެވެ.

އަބްދުލް ހާދީގެ ބުނުމާއި އެއްގޮތަށް މަރީނާ އަވަސް އަވަހަށް ގޮސް ރަށުކައުންސިލްގެ ރައީސް އަލީ ވާފިރަށް ގޮވައި އެވާހަކަ ބުންޏެވެ. ވެގެން އުޅޭގޮތް ކިޔައިދިނެވެ. މަރީނާގެ އެވާހަކަތައް އަޑުއިވުމުން ވާފިރު ވެސް ނުތަނަވަސްވެ ކަންބޮޑުވެއްޖެއެވެ.

މަރީނާއާއެކު މަރީނާމެން ގެއަށް ވާފިރު އައި މަގުމަތީގައި ރަށުކައުންސިލްގެ ނާއިބުރައީސް ހަސަން ޖަނާހުގެ ގެއަށްވަދެ އޭނާއަށް ގޮވާއި އެޚަބަރު ދިނެވެ. ސިއްހީމަރުކަޒު ހިންގުމާއި ހަވާލުވެހުރި ފަރާތަށް ފޯނުކޮށް ވެގެންއުޅޭގޮތް ކިޔައިދިނެވެ.

މަރީނާ އާއި ވާފިރު އެގެއަށް އައިއިރު އަބްދުލް ހާދީ މަސައްކަތް ކުރަމުން ދިޔައީ އަންޖާމު ހޭއަރުވާށެވެ. ވާފިރުމެން އެގެއަށް އައިސް މާގިނައިރެއް ނުވަނީސް ރަށުކައުންސިލްގެ ނާއިބްރައީސް އާއި ކައުންސިލްގެ އެހެން މެންބަރުންގެ އިތުރުން ޑޮކްޓަރ ވެސް އައިސް ފިއެވެ.

ފެނުނު މަންޒަރުގެ ސަބަބުން އެންމެން ވެސް ތިބީ ނުތަނަވަސްވެ ކަންބޮޑުވެފައެވެ. ސުވާލުތަކުން ފުރި ބާރުވެފައެވެ. ވެގެންއުޅޭގޮތް ސާފުކުރުމަށް ކެތްމަދުވެފަ އެވެ.

ރަށުކައުންސިލްގެ ފަރާތުން ރަށުގައި ތިބި ފުލުހުންނަށް އެޚަބަރު ދިނުމާއެކު ފުލުހުން އައިސް އެބޭކަލުންގެ މަސައްކަތް ފެށި އެވެ. ޑޮކްޓަރ މަސައްކަތް ކުރަމުން ދިޔައީ އަންޖާމު ހޭ އަރުވާށެވެ.

ފޮލިހުންގެ ބޭކަލުން އައިސް އެބޭކަލުންގެ މަސައްކަތް ފެށިއިރު ވެސް ޒުބޭދާ އޮތީ އޭނާ ދަންޖެހުނު ބެޑްޝީޓާއި އެކުގައެވެ.

ބެޑްޝީޓްގެ އެއްކޮޅު ޒުބޭދާގެ ކަރުގައި އައްސާފައި އޮތްއިރު އަނެއްކޮޅު އޮތީ ތަޅުންމައްޗަށް ދޫކޮށްލާފައެވެ.

ޒުބޭދާގެ މަރާއި ބެހޭގޮތުން ޕޮލިހުން އެއްކުރާން ބޭނުންވާ މަޢުލޫމާތުތައް އެއްކުރަމުން ދިޔައިރު ޕޮލިހުންގެ ބެލުމުގެ ދަށުން ޒުބޭދާގެ ހަށިގަނޑު ބަލައި ޓެސްޓްތައް ހެދުމުގެ މަސައްކަތް ޑޮކްޓަރ ކުރަމުން ދިޔައެވެ. އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ފޮޓޯތައް ވެސް ނަގަމުން ދިޔައެވެ.

ޕޮލިހުން ނަގާން ބޭނުންވި ހުރިހާ މަޢުލޫމާތެއް ނަގައި ޒުބޭދާ ވަޅުލުމުގެ ހުއްދަ ދިންއިރު ފަތިސްވުމާއި ގާތް ވެއްޖެއެވެ. ރަށުކައުންސިލާއި އަބްދުލް ހާދީ ގުޅިގެން ޒުބޭދާ ހިނެވުމުގެ މަސައްކަތް ފެށިއެވެ.

އާދުވަހަކަށް އިރުއެރުމާއެކު ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ރޭގެވަގުތެއްގައި ޒުބޭދާ ދަންޖެހިގެން މަރުވި ވާހަކަ އެވެ. އެއްބަޔަކު ބުނަމުންދަނީ އެކަން ހިނގާދިޔަގޮތް އަންޖާމަށް އެނގޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ އަންޖާމު ގޭގައި ނެތިސް އެކަން ހިނގިކަމަށް ވަންޏާއި އަބްދުލް ހާދީމެނަށް އެކަން އެނގޭނެ ކަމަށެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ހީވާ އެއްޗެއް ކިޔަނީއެވެ.

ހޭއެރުމާއެކު އަންޖާމު ފެށީ ރޯށެވެ. މަރީނާ އާއި އަބްދުލް ހާދީމެންގެ ހެޔޮނަސޭހަތާއި ވިސްނައިދެމުންދިޔަ ވިސްނައި ދިނުން ތަކުގެ ސަބަބުން އަންޖާމު ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.

ޒުބޭދާގެ މަރުގެ ޚަބަރު ލިބުމާއެކު ޒުބޭދާގެ ޢާއިލާމެންބަރުންނާއި އަންޖާމުގެ ޢާއިލާމެންބަރުން ލޯންޗެއްގައި އެރަށަށް އައިސް ފިއެވެ. އެންމެން ވެސް ތިބީ ވަރަށް ދެރަވެފައެވެ. ކަރުނައިގެ ސަބަބުން ލޯތައް ވަނީ ފެންކަޅި ވެފައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނެތި ނެގިމަޑުވެފައި ތިބި މީހުން ގިނައެވެ.

އެންމެންގެ ހިތުގައި ވެސް ވަނީ ސުވާލެވެ. ޖަވާބު ދޭނެ އެކަކު ވެސް ނެތެވެ. އެކަމާބެހެގޮތުން ވާހަކަ ދައްކާ އެސުވާލު ތަކަށް ޖަވާބު ދޭން ހުރި މީހާ ހުރީ އެސުވާލުތަކަށް ޖަވާބު ދެވޭފަދަ ހާލަތެއްގައި ނޫންކަން އެންމެން ވެސް ގަބޫލު ކުރެއެވެ.

” އޭނައަށް ކެތްނުވެގެން ގޮސް އަމިއްލައަށް މަރުވީ ދޯ؟ ” ހަމްދީ އާއި ބާގިރު ވާހަކަދައްކާން ތިބީ ހޮޓަލުގައެވެ.

” އާން. މަށަށް ވެސް ހީވަނީ ތިހެން. އެކަމު ނިސާހްގެ އެއްވެސް ޚަބަރެއް އަދިވެސް ނުވޭ. ” ހަމްދީއަށް ބަލާލަމުން ބާގިރު ވާހަކަ ދެއްކިއެވެ.

” ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން އަދި ވެސް ނިދާ ނުތެދުވަނީ ކަންނޭނގެ. މަ ވެސް މިތަނަށް އަންނަމުން ވަރަކަށް ގުޅައިފިން. މެސެޖެއް ވެސް ކޮށްފައިވާނެ. ހޭލެވުނީމަ ޚަބަރެއް ވާނެއެއްނު. ” ހޮޓާތެރެއަށް ނަޒަރު ހިންގާލަމުން ހަމްދީ ވާހަކަ ދެއްކިއެވެ. އެމީހުން ދައްކަމުންދާ ވާހަކަތައް އެހެންމީހަކަށް އަޑުއިވޭކަށް ދެމީހުންކުރެ އެކަކު ވެސް ބޭނުމެއް ނުވެއެވެ.

ޒުބޭދާ ވަޅުލުމުގެ މަސައްކަތް ނިމުނީ މެންދުރެއްކަން ހާއިރުއެވެ.

ވިސާމް އައިސް ކޮޓަރިއަށް ވަތްއިރު ނީނާ އެކަނި މާއެކަނި އެނދުގައި އޮށޯވެލައިގެން އޮތެވެ.

” ކީއްވެފަ މާފާޑަކަށް ތިއޮތީ؟ އެތަނަކަށް ނުދަންދޯ؟ ” ނީނާގެ މަގަތުން އިށީންނަމުން ވިސާމް ވާހަކަ ދެއްކިއެވެ.

” އެކަހަލަ ތަންތަނަށް ދާން އަހަރެން ވަރަށް ބިރުގަނޭ. އެހެންވެ ނުދިޔައީ. އަންޖާމުތަ ޒުބޭދާ މަރާލީ؟ ” ވިސާމަށް ބަލާން އޮވެ ނީނާ ވާހަކަ ދެއްކީ ކަންބޮޑުވުމާއި އެކުގައެވެ.

” ނޭނގެ. އެކަމު އެމީހުން އެބުނާ ގޮތުން ވިއްޔާ އެގަޑީގައި އަންޖާމު އިންނާނީ އަހަރެންނާއެކު ފިހާރައިގަ. ” މަޑުމަޑުން ވިސާމް ބުނެލިއެވެ. ޒުބޭދާގެ މަރާއި އެމަރުގެ ސަބަބުން އަންޖާމަށް ޖެހުނު ހާލުގެ ސަބަބުން ވިސާމް ހުރީ ވަރަށް ދެރަވެފައެވެ.

ޒުބޭދާގެ އާދަޔާ ހިލާފް މަރުގެ ޚަބަރު ވެގެން ދިޔައީ ގުރައިދޫގެ ރައްޔިތުންނަށް ލިބުނު ބޮޑު ހައިރާންކަމަކާއި ހިތާމަ އަކަށެވެ. ޒުބޭދާގެ ޢާއިލާ އާއި އަންޖާމުގެ ޢާއިލާގެ މެންބަރުންގެ ފަރާތުން ފެންނަމުންދިޔަ ހިތާމައިގެ އަސަރުތައް މާބޮޑެވެ.

ޒުބޭދާގެ މަރުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އިތުރަށް ފުރިހަމަކުރާންޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ޕޮލިހުންގެ ބެލުމުގެ ދަށުން އަންޖާމު މާލެ ގެންދިޔައެވެ.

ޒުބޭދާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުން ދިޔައިރު ޒުބޭދާ އާ އަންޖާމުގެ ޢާއިލާ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. ޒުބޭދާގެ ޢާއިލާގެ ބައެއް މެންބަރުން ބުނަމުންދަނީ އަންޖާމު ޒުބޭދާ މަރާލީ ކަމަށާއި ޒުބޭދާއަކީ އަމިއްލައަށް އެކަހަލަކަމެއް ކުރާ ވަރަށްވުރެ ހެޔޮވިސްނުން ލިބިފައިވާ ތަންދޮރު އޮޅުން ފިލާފައިހުރި މީހެއް ކަމަށެވެ. ޒުބޭދާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަން ކޮށްފައިވަނީ އަބްދުލް ހާދީގެ ޢާއިލާ ވެސް ބައިވެރިވެގެން ކަމަށާއި އަންޖާމުގެ ތަނަވަސްކަމުން އެޢާއިލާ ގަނެލާފައިވާ ކަމަށެވެ.

ޒުބޭދާގެ ޢާއިލާ ބައެއްމީހުން އަންޖާމާއި ބެހޭގޮތުން ދައްކަމުންދިޔަ ވާހަކަތައް އަންޖާމުގެ ޢާއިލާއިން ދޮގުކުރަމުން ދިޔައެވެ. ޒުބޭދާ އާއި އަންޖާމަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން އެދެމީހުން ބޭނުން ވެގެން ކައިވެނިކޮށްގެން އުޅޭ ދެމީހުނަށް ވާއިރު އަންޖާމު އެފަދަ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެމީހުން ސުވާލުކުރަމުން ދިޔައެވެ. އަންޖާމު ބޭނުން ނަމަ ޒުބޭދާ ވަރިކުރެވިދާނެކަމަށާއި އެހެން މީހަކާއި ކައިވެނި ކުރެވިދާނެ ކަމަށް ވެސް އެމީހުން ބުނަމުން ދިޔައެވެ.

ޒުބޭދާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރަމުން ދިޔައިރު އެކަމުގައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދުމަށްޓަކައި އަބްދުލް ހާދީގެ ދެމަފިރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.

ހިނގާދިޔަ މަރުގެ ސަބަބުން ރަށުތެރެއަށް ހިތާމަ އާއި ހިތްދަތިކަން އަދި ބިރުވެރިކަން ވެރިވި ނަމަވެސް މަޑުމަޑުން އެކަން ރަނގަޅުވަމުން އައެވެ. މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކާއިގެން އުޅެމުންދިޔައެވެ.

މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ. ދުވަހަކީ ގެސްޓުން ނާއްނަ ދުވަހަކަށްވާތީ ނީނާ އާއި ވިސާމް އުޅުނީ ޝޮޕްތެރޭގެ ބައެއް ތަންތަން ސާފު ކުރުމާއިގެން ނެވެ. ވިސާމް ކުރަމުންދާ މިފަދަ މަސައްކަތްތަކުގައި ބައިވެރިވެ ނީނާ ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ވިސާމްގެ އިތުރުން އެޢާއިލާ މެންބަރުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ނީނާ ފަދަ ހީވާގި މަސައްކަތްތެރި އަންބަކު އޭނާއަށް ލިބުނީތީ އެގޮތުގައި ކުރިޔަށްދިއުމަށް އޭނާއަށް ހިތްވަރާއި ނަސޭހަތް ދެމުންދާ މީހުން ވެސް ނުހަނު ގިނައެވެ.

ރޭގަނޑަށް ކައިގެން ވިސާމް އައިސް އޮށޯވެލީ ނިދަން ނޫން ނަމަވެސް، އޮށޯވެލިތާ މާގިނަ އިރެއް ނުވަނީސް ވިސާމަށް ނިދިއްޖެއެވެ. ނީނާ އެކަނި މާއެކަނި އުޅުނީ ބަދިގެފަރާތުގައި ބަދިގޭ މަސައްކަތުގައެވެ.

ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ބަދިގެއާއި ކާގެ ތަޅުލާފައި ނީނާ ގޮސް ނުކުތީ ބަދިގެއާ ވީ ފަރާތުން ގޯތިތެރެ އަށެވެ. އެތަނަކީ ކުކުޅު ކޮށްޓަކާއި ދޫނި ކޮށްޓެއްގެ އިތުރުން ގިނަ އަދަދަކަށް ގަސް ހައްދާފައިވާ ތަނަކަށް ވެފައި އެއްވެސް އަލިކަމެއް ހުރި ތަނަކަށް ނުވާތީ އެތަން ފެންނަނީ ވަރަށް އަނދިރިކޮށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ ނީނާ ގޮސް އެތަނަށް އެނުކުތީ ބިރު ވެސް ނުގައްނާތީ ތާއެވެ.

ބުރަމަސައްކަތުން އަދި އެހާމެ ބޮޑު ޚަރަދުކޮށްގެން އާދަންފުޅު ގެންގުޅެމުންދާ ދޫނިތައް ލާފައިވާ ކޮށްޓާއި ދިމާއަށް ނީނާ ދިޔައީ ހިނިތުންވުމާއި އެކުގައެވެ.

ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުމާއެކު ހޭލާ ތިބި ދޫނިތައް އަޑުއަޑު ލައްވަމުން ކޮޅުކޮޅަށް ދުވާން ފެށިއެވެ.

އެ ދޫނިތަކުގެ އަޑު ގަދަވެގެން ދެންތިބި ދޫނިތަކަށް ހޭލެވުމާއެކު އެދޫނިތައް ވެސް އަޑުއަޑު ލައްވަމުން ސަލާމަތަށް އެދޭ ފަދަ އަކުން ކޮށިތެރޭގައި އެނބުރޭން ފެށިއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ.

ކޮށި ހުޅުވާލުމަށްފަހު ނީނާ އެތެރެއަށް ވަނެވެ. އެއާއެކު ދޫނިތަކުގެ ހަރަކާތް އަވަސްވެ އަޑު ބާރު ވިއެވެ. ނީނާ މަސައްކަތް ކުރަމުން ދިޔައީ އެތަނުން ދޫންޏެއް ހިފަން ނަމަވެސް އެކަމުގައި އޭނާ އަކަށް ކާމިޔާބެއް ކުރި އެރުމެއް ނުލިބުނެވެ. އެކަމާއި އޭނާ ހިތްހަމަ ނުޖެހުނުވަރު މޫނުމަތިން ފާޅުވި ކުލަވަރުން އެނގުނެވެ.

މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެއުޅޭ މައިދާނަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. ރަށުތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލީގެ ސަބަބުން މަގުތައް މާދުރާއެކު ވަރަށް ރީތިކޮށް ފެންނާން އޮތެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 11 )“

Leave a Reply

Your email address will not be published.