ބިރުވެރި ލޯބީގެ

ނިދީީތެރޭން ( 14 )

         ތިންކުދިން ގޮސް ގެއަށް ވަތްވަގުތު އިވިގެންދިޔަ ދިޔާނާގެ ރުއިމުގެ އަޑުގެ ސަބަބުން ތިންކުދިންނަށް ވެސް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއްވެސް އިހްތިޔާރަކާއި ނުލައި އެދިމާއަށް ދުއްވައިގަނެވުނީ ތިންކުދިންނަށް އެކުގައެވެ.

މުދިންބެގެ ގައިމަތީގަ ބޯއަޅައިގެން ރޯންއޮތް ދިޔާނާ ފެނުމާއެކު ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެކަން އެކުދިންނަށް ޔަގީންވިއެވެ. އަވަސް އަވަހަށް މުދިންބެއާ ކައިރިއަށް ޖެހެލި ވަގުތު މުދިންބެ އޮތްގޮތް ފެނި މުދިންބެ އެއޮތީ މަރުވެފައިކަން އެކުދިންނަށް އެނގުނެވެ. އިނާ އާއި ޒޭބީ ރޯން ފެށި ނަމަވެސް އަހްމަދު ކެތްތެރިވިއެވެ. މިހާރު އޭނާގެ މަޝްޣޫލިއްޔަތު އަދާކުރުމަށް އަވަސްވެ ގަތެވެ. ދެކޮއްކޮ އާއި މަންމައަށް ހިތްވަރާއި ނަސޭހަތްދީ އެމީހުން ހަމައަކަށްއަޅުވަން މަސައްކަތް ކުރަމުން ދެފަރާތުގެ ޢާއިލާ މީހުންނަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.               

ޢާއިލާގެ މީހުންނަށް އަހްމަދު ފޯނުކޮށް މުދިންބެ މަރުވި ވާހަކަ ބުނުމާއިއެކު ދެފަރާތު ޢާއިލާގެ އިސްމީހުން ގެއަށް ޖަމާވާން ފެށިއެވެ.

މަރުވެފައިވާ މުދިންބެގެ ހަށިގަނޑު ފެނުނު އެންމެން ވެސް ބުނަމުންދަނީ މުދިންބެގެ މަރަކީ ގުދުރަތީ މަރެއްކަމަށް ގަބޫލު ކުރަން އުނދަގޫ ކަމަށެވެ. އެންމެން ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު މުދިންބެ ހިނަވާ ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ފެށިއެވެ. އަންހެން ވެރިންނާއި ޒުވާން އަންހެން ކުދިންތައް މަސައްކަތް ކުރަމުން ދިޔައީ އިނާ އާއި ޒޭބީ އަދި ދިޔާނާ ހަމައަކަށް އަޅުވާށެވެ.                                                           

މުދިންބެގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރުމާއެކު މީހުންތައް އެގެކައިރިއަށް ޖަމާވާން ފެށިއެވެ. މުދިންބެ އޮތްގޮތް ދެކިލުމަށް ބައެއް މީހުން ޖަމާވަމުންދިޔަ ނަމަވެސް އެތަނަށް އައި ގިނަ މީހުންނަކީ ރާއްޖެތޭރެގައި އޮންނަ ރިވެތި އާދައިގެމަތިން އެމީހެއްގެ ފެންވަރުން އެކަމުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުންދިނުމަށް އައި މީހުންނެވެ. ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން މުދިންބެގެ ޢާއިލާއަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.                          

މުދިންބެގެ މަރުގެ ސަބަބުން އެޢާއިލާގެ މެންބަރުންނާއި ރަށުތެރެއަށް ވެރިވެގެންދިޔަ ހިތާމަ އާއި ހިތްދަތިކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ވަނީއެވެ. އަދިވެސް ދިޔާނާ އާއި ޒޭބީ އަދި އިނާ ރޮމުންދާތީ އެމީހުން ހަމައަކަށް އެޅުވޭތޯ ދެޢާއިލާގެ މެންބަރުންނާއި އަހްމަދު މަސައްކަތް ކުރަމުން ދިޔައެވެ. މިވަގުތު އަހްމަދުގެ ހައިސިއްޔަތަކީ ކޮބައިކަން ހަނދާންކޮށް އޭނާ ހުރީ ހިތްވަރާއި ސާބިތުކަމާއެކު މަންމަ އާއި ދެކޮއްކޮއަށް ނަމޫނާ ދައްކާށެވެ.                  

މުދިންބެގެ މަރުގެ ސަބަބުން އެޢާއިލާއަށް ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ބައިވެރިވެ މިއަދަކު ކުޅިވަރުގެ އެއްވެސް ކަމެއް ނެތެވެ. ރަށުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.                  

އިރުއޮއްސުމާއިއެކު ޒުވާންފުރައިގެ ގިނަ އަންހެންކުދިންތައް އަވަސްވެގަތީ ޓީވީ ބަލާށެވެ. ބޭރުގެ ޗެނަލްތަކުން ދައްކާ ޑްރާމާ ސީރީޒްތައް ބެލުމަކީ ޒުވާންފުރައިގެ ވަރަށްގިނަ އަންހެން ކުދިންގެ އާދައަކަށް ވާތީ ބައެއް ގޭގެއިން އެފަދަ ގުރޫޕްތައް ވެސް ފެނެއެވެ. ބައެއް ބެލެނިވެރިން އެބައިމީހުންގެ ދަރިންނަށް ފިލާވަޅުތައް ދަސްކޮށް ދިނުމާއި ފިލާވަޅުތައް ހެދުމުގައި އެހީތެރިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.                                                 

ރަށުތެރެއަށް ވެރިވެފައިވާ ހިތާމައިގެ އަސަރުތައް އިރާކޮޅު ވެސް އޮތީ އެގޮތަށެވެ.                      

އެގާރަ ޖެހުމުން ފިހާރަ ބަންދުކޮށްފައި ނީނާއާ ވިސާމް ދިޔައީ ކެފޭއަށެވެ. ރަށުތެރެއަށް ވެރިވެފައިވާ ހިތާމައިގެ އަސަރު އެތަނުން ވެސް ފެންނަމުން ދިޔައެވެ. އެތަނުގައި މީހުން މަދުވުމުން ނީނާ ވަރަށް ހިތްހަމަ ޖެހުނެވެ.               

ކޮފީބޮއިގެން ގެއާ ދިމާއަށް ހިނގަމުން ދިޔައިރު ނީނާ އާއި ވިސާމް ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.  

ނީނާ އާއި ވިސާމް ނިދާން އޮށޯތީ އެކުގައި ނަމަވެސް ވިސާމަށް ނިދުނު އިރު ނީނާ އަކަށް ނުނިދެއެވެ. ފަންގިފިލާގައި ހަރުކޮށްފައިވާ ފަންކާއަށް ބަލަހައްޓައިގެން ނީނާ އޮތީ ކީއްވެގެންކަމެއް ނޭނގެއެވެ.                                                

ޚިޔާލެއްގެ ތެރެއަށް ގެއްލިފައިއޮތް ނީނާ ސިއްސައިގެން ގޮސްފައި ކަހަލަގޮތަކަށް ކޮޅަށް ތެދުވިއެވެ. އަވަސް އަވަހަށް ވިސާމަށް ބަލާލަމުން އޭނާ އޮތީ ނިދާފައިކަން ޔަގީން ކޮށްލިއެވެ.                                           

މަޑުމައިތިރި ހިނގުމެއްގައި ނީނާ ގޮސް ކޮޓަރިން ނުކުމެ ދޮރުލައްޕާލަމުން ބަދިގެފަރާތަށް ހިނގައިގަތެވެ.         

ގޯތިތެރޭން ނުކުމެވުމާއިއެކު ނީނާ މިސްރާބު ޖެހީ ގަބުރުސްތާނާއި ދިމާއަށެވެ. ވަގުތަކީ މެންދަމުގެ ވަގުތު ކަމަށްވާތީ މަގެއްމަތިން އެއްވެސް މީހަކު ނުފެނެއެވެ. ރަށުތެރެއަށް ފެތުރުފައިވަނީ ފަނޑުހަނދުވަރެއްގެ އަލިކަމެވެ.                                                

އާދައިގެ ހިނގުމެއްގައި ހިނގަމުންދިޔަ ނީނާ ދިޔަގޮތަށް ގޮސް ހުއްޓުނީ ގަބުރުސްތާނުގެ ދޮރޯށި ކައިރި އަށެވެ. މުދިންބެގެ މަހާނަ ކައިރީގައި ހޮޅިބުރި ދިއްލައިގެން ޤުރުއާން ކިޔަވާންތިބި މީހުން އެމީހުންގެ މަޝްޣޫލިއްޔަތާއިގެން ކުރިޔަށް ދިޔައެވެ. މަންޒަރު ފެނުމާއެކު ނީނާގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.                                   

އެމީހުންގެ ޢަމަލުތަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނީނާ ހިނގައިގަތްއިރު އޭނާގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ގޯތިތެރެއަށް ވަދެގެން ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުނުއިރު ވެސް އޭނާގެ ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ.                      

ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުމުން، ހޭލާ ތިބި ދޫނިތައް އަވަސް ހަރަކާތްތަކަކާއިއެކު އުދުހެމުން އަޑުއަޑު ލައްވަން ފެށިއިރު ހީވީ ބޮޑު ބިރެއް ފެނިގެން އުޅެގަތް ހެންނެވެ. ދޫނި ކޮށީތެރެއަށް ނީނާ ދެމިގަތީ ނުހަނު ފަރިތަކަމާއިއެކު ގައެވެ. ދޫންޏެއް ހިފޭތޯ މަސައްކަތްކުރަމުންދިޔަ ނީނާއަށް ކާމިޔާބެއް ނުލިބި ގިނައިރު ވާވަރަކަށް ރުޅިގަދަވަމުންދިޔަ އެވެ.  

ވިއްސަކަށް މިނިޓް ކުރިމަސައްކަތުން އެއްވެސް ކާމިޔާބެއް ނުލިބުމުން ރުޅިއައިސް ރަތްވެފައިހުރި ނީނާ ގޮސް ކޮށިން ނުކުމެއްޖެ އެވެ. ބާރުބާރަށް ދޮރު ލެއްޕުމަށްފަހު ގެއާދިމާއަށް ހިނގައިގަތެވެ.                                

ކޮޓަރިއަށް ވަދެވުމާއެކު ދޮރުލައްޕާ ތަޅުލާފައި ނީނާ ގޮސް ވަނީ ފާޚާނާ އަށެވެ. ފެންވަރާ ތާޒާވެލައިގެން ނީނާ އައިސް އެނދަށް އަރާ އޮށޯތްއިރު ވެސް ވިސާމް އޮތީ ނިދާފައެވެ.                                                               

ވިސާމަށް ހޭލެވުނީ ކަރަށް ތަދުވެގެންނެވެ. އަވަސް އަވަހަށް ތެޅިގަންނަމުން ވިސާމް ބަލާލިއިރު ނީނާ އޮތީ ވިސާމްގެ ކަރުގައި އަނގަ ޖަހައިގެންނެވެ. ތަދުވާތަނުގައި އަތް ޖައްސާލިއިރު އެތަނުން ލޭ އައިސްފައި ހުއްޓެވެ. ނީނާގެ އަނގަ ކައިރިން ވެސް ލޭގެ އަސަރު ފެންނާން ހުއްޓެވެ. ވީ ހައިރާނާއިއެކު އެއްފަހަރާ އެތައް ސުވާލެއް އުފެދި އެއްވެސް އިޚުތިޔާރަކާއި ނުލައި ދުރަށް ވެސް ޖެހިލެވުނެވެ.                                                 

” ތިހެދީ ކިހިނެތް؟ ” ކަންބޮޑުވުމާއެކު އަވަސް އަވަހަށް ވިސާމަށް އަހާލެވުނެވެ.                       

” އަހަރެންނަށް ވެސް ނޭނގި އެހެން އެވީ. އެދެން އެވަރުގެ ކަމެއް ނޫނެއްނު. ” އަނގަމަތި ސާފުކޮށްލަމުން ނީނާ ވާހަކަދެއްކި އެވެ. ވިސާމާއި ގާތަށް ޖެހެލިއެވެ.                                            

” އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން. ސޮރީ އިނގޭ. ” ވިސާމްގެ ކަރުގައި ފިރުމާލަމުން ނީނާ ވާހަކަ ދެއްކިއިރު އެއީ މާބޮޑުކަމެއް ކަމުގައި އޭނާ ނުދެކެއެވެ.                                              

ނީނާ އާއި ވިސާމް އަނެއްކާ ވެސް އޮށޯތެވެ. ނީނާގެ ލޯބިވެތި އޯގާތެރި ފިރުމުންތަކުގެ ސަބަބުން އޮށޯވެ މާގިނައިރެއް ނުވަނީސް ވިސާމަށް ނިދުނު ނަމަވެސް ނީނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އިރުއިރު ކޮޅުން ވިސާމްގެ ކަރަށް ބަލާލަމުން ފެން ފޮދަކަށް ބޭނުންވެފައިވާ މީހަކު ފެންފޮދަކަށް އެދޭފަދައަކުން ހިންދިރުވާލައެވެ. މަޑުމަޑުން ވިސާމާއި ގާތަށް ޖެހެލެވުނު ނަމަވެސް ދެންމެ ކަންތައް ވީ ގޮތުން ފަސްޖެހެވެނީ އެވެ.                            

ސިއްސައިގެން ގޮސް ވިސާމަށް ހޭލެވުނީ އެނދަށްއެރި ބާރު ލޮޅުމުގެ ސަބަބުންނެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު ނީނާ ގޮސް ކޮޓަރިން ނުކުންނަނީ އެވެ. އެކަމުގެ ސަބަބުން ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް ވިސާމް އޮތީ ނިދާކަމު ހަދައިގެންނެވެ. ނީނާ ކޮޓަރިން ނުކުންނަމުން ވިސާމް ނިދާފައި އޮތްކަން ޔަގީންކޮށްލާން ބަލާލިއެވެ.       

ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ނީނާ ހިނގައިގަތީ ބަދިގެއާ ވީ ފަރާތަށެވެ. އެދިޔަގޮތަށް ގޮސް ގެއިން ނުކުމެ އަނެއްކާ ވެސް ދޫނި ކޮށްޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.                                                      

ނީނާ ގޮސް ދޫނިކޮށި ކައިރިއަށް ހުއްޓުނުއިރު އޭނާ ހުރީ ކެތްތެރިކަން ކޮޅުންލާފައިވާ ފަދައަކުންނެވެ.                                        

މިހާ ދަންގަޑިއެއްގައި ނީނާ ބޭރަށް ނުކުތުމުން ވިސާމްގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ނީނާއާމެދު ކޮންމެވެސް ވަރަކަށް ސައްކު ވިއެވެ. ނީނާއާ މެދު އުފެދުނު ސައްކުތައް ޔަގީންކުރަން ވެސް ވިސާމް ބޭނުންވިއެވެ.                                                       

ވިސާމް ގޮސް ކޮޓަރިން ނުކުތްއިރު ގޭގެ ބަދިގެއާ ވީ ފަރާތު ދޮރުހުޅުވާފައި ހުރުމުން ވިސާމްގެ ސައްކު އިތުރުވިއެވެ.

ވަރަށް މަޑުމަޑުން ވިސާމް ގޮސް ބޭރަށް ބޯދިއްކޮށްލަމުން ބަދިގެއާ ވީ ފަރާތަށް ނަޒަރު ހިންގާލިއެވެ. ފެނުނު މަންޒަރާއިއެކު ވިސާމްގެ ހިއްސުތަކަށް ހުއްޓުން އައި ކަހަލައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނުހެން ވެސް ހީވި އެވެ. އުފެދުނު ސުވާލުތައް ގިނަވެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ.                                 

ގަބޫލުކުރާން ދަތިވި ނަމަވެސް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރާން ވިސާމަށް މަޖުބޫރު ވިއެވެ. ދޫންޏެއްގެ ކަރުގައި އަނގަ ޖަހައިގެން ހުރި ނީނާގެ ދެލޯ ގަދަރަތް ކުލައިން ދިލިފައިވާއިރު އޭނާގެ ފައި ބިމަކު ނުޖެހެއެވެ. އެހެން ދޫނިތައް ނީނާގެ ކިބައިން ސަލާމަތްވުމަށް ކޮށިތެރޭގައި އުދެހެމުން ބާރު ބާރަށް އަޑު ލައްވަމުން ދިޔައެވެ.

އަނގަ ޖަހައިގެން ހުރި ދޫނި އެއްލާލަމުން ރުޅިވެރިކަމާއެކު ނީނާ ވަށައިގެން ހޯދާލިއެވެ.                    

” އޭނަ އެހުރީ ފަންޑިތަ ހަދައިގެން އަހަރެންނާއި ކައިވެނިކޮށްގެން. ޒުބޭދާ އާއި މުދިންބެ އުޅުނީ އަހަރެން ދިރިއުޅުނާއި ނުދޭން. ނިސާހް މަސައްކަތްކުރީ ޒުބޭދާ ކަމަށް ހީކޮށް ބާރުގެ ބޭނުން ކޮށްގެން އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަންނާން. އަހަރެންނާއި ދިމާކުރާ އެއްވެސް މީހަކަށް އެހެންގޮތެއް ނޯއްނާނެ. އަހަރެން މިރަށަކުން ނުދާނަން. ” ކޮށީގެ ދާގަނޑު ތެރޭން ފުރޭނިގެން ބޭރަށް ނުކުންނަމުން ނީނާ ވާހަކަ ދެއްކިއެވެ. ނީނާ ވާހަކަދެއްކި ނަމަވެސް ވާހަކަދެއްކީ ކާކާއިކަމެއް ނޭނގެއެވެ. އޭނަ ފިޔަވާ އެހެން އެއްވެސް މީހަކު އެހިސާބުން ފެންނާކަށް ނެތެވެ.

ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކުގެ ސަބަބުން ވިސާމް ބިރުން ތުރުތުރުއަޅައިގެން ދިޔައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނުހެން ހީވިއިރު، އަމިއްލަ ހާލާއިގެން ކޮޅަށް ހުންނަން އުނދަގޫވިއެވެ. އޭނާގެ މަރު އައިސް ޖެހުނީބާއޭ ވެސް ހީވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ސަލާމަތްވާން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ.

ވަރަށް ވިސްނުމަށްފަހު، ނީނާއަށް ސައްކެއް ވެސް ނުވާނެހެން މަޑުމަޑުން ވިސާމް ގޮސް ކޮޓަރިއަށް ވަނެވެ. މިވަގުތައް އެންމެ ރަނގަޅުވާނީ އެއިން އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން ހަމަޖެހޭގޮތް ދައްކައިގެން އުޅުންކަމުގައި އޭނާއަށް ވިސްނުނެވެ.

ވިސާމް މަސައްކަތްކުރީ ނީނާ ވަންނައިރު ނިދާފައި އޮތްކަން ދައްކަން ނަމަވެސް، ގަތްފައިވާ ބިރެއްގެ ސަބަބުން އޭނާއަކަށް ނުނިދުނެވެ. ކޮޓަރިން ނުކުމެގެންދާކަށް ވެސް ނުކެރުނެވެ. ވިސާމަށް ނީނާގެ ޙަޤީޤަތް އެނގި ނީނާއާ ދެކޮޅަށް މަސައްކަތްކުރާކަން އެނގިއްޖެނަމަ މައްސަލަ އިތުރަށް ގޯސްވާނެކަން އޭނާއަށް އެނގެއެވެ. ކެތްތެރިކަމާއި ވިސްނުން އިސްކުރީ މައްސަލައިގެ ހައްލު ހޯދަން އެންމެ ފަސޭހަވާނީ ވަގުތު ލިބިގެން ކަމަށްވާތީ އެވެ.

ކަންތައް ހިނގައިދިޔަ ގޮތް އެނގުމުން އަލީ އަހްމަދު ދެކެ ވިސާމް ވަރަށް ރުޅިއައެވެ. އޭނާ އެވަނީ ވިސާމަށް ވަރަށްބޮޑަށް އޮޅުވާލާ މަކަރު ހަދާފައެވެ.

ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ފޯނު ނަގަމުން ދެނަންބަރަކަށް ވިސާމް ގުޅާލިއެވެ. ދެނަންބަރުންކުރެ އެއްވެސް ނަންބަރަކުން ފޯނެއް ނުނަގައެވެ. މެސެޖެއް ފޮނުވާލުމަށްފަހު ވިސާމް އޮށޯވެލީ ނީނާ ކަންތައްކުރާގޮތް ބަލަން އިރުއަރަންދެން ހޭލާ ހުރުމަށް ނިންމައިގެންނެވެ.

            ފަތިސްނަމާދުން ފައިބައިގެން ގެއާއި ދިމާއަށް ހިނގަމުން އައި އަލީ އަހްމަދުގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ކާރެއް މަޑުކުރުމުންނެވެ. ކާރުން ފޭބި ދެމީހުން އަލީ އަހްމަދާއި ދިމާއަށް ވަޅި ދިއްކޮށްލަމުން ބުނީ ކާރަށް އެރުމަށެވެ. ކާރުގައި އިތުރު ދެމީހުން ތިއްބެވެ.

             ކުއްލިއަކަށް މި ދިމާވި ހާދިސާގެ ސަބަބުން އަލީ އަހްމަދު އިނީ ހާސްވެ ކަންބޮޑުވެފައެވެ. އެއްވެސް ވާހަކައެއް ނުދައްކާ ބުނާގޮތް ހެދުމަށް އެމީހުން އިންޒާރު ދީފައިވާތީ ކެތްތެރި ވިއެވެ. އެމީހުނާއި ދެކޮޅަށް އެއްޗެއް ބުނެފިނަމަ މައްސަލަ ގޯސްވާނެކަން އޭނާއަށް ޔަގީން ވެއެވެ.

             އަލީ އަހްމަދު ގޮވައިގެން ދިޔަ މީހުން ދިޔަގޮތަށް ގޮސް އެރީ ފުރަން ތައްޔާރުކޮށްފައިވާ ލާންޗަކަށެވެ. އަލީ އަހްމަދާއި އެކު ކާރުން އައި ތިންމީހަކު ލާންޗަށް އެރިއިރު ލާންޗްގައި ދެމީހުން ތިއްބެވެ. މީހުން ތިބި ގޮތުންނާއި އެމީހުންގެ އަމަލުތައް ހުރިގޮތުން އެތަނުގައި ތިބީ މުޅިން ވެސް ޕާރޓޭންކަން ޔަގީނެވެ.

ބުނާގޮތް ހަދައިގެން ހުރެއްޖެނަމަ އެއްވެސް ގެއްލުމެއް އެއްވެސް ދެރައެއް ނުދޭނެކަމަށް އެމީހުން ބުނަމުންދިޔަ ބުނުން އެއީ ގަބޫލުކުރަން ދަތި ބުނުމެއް ނަމަވެސް، އަލީ އަހްމަދު އެއްޗެކޭ ނުބުނެ ހުރީ އެހެންގޮތެއް ނެތީމައެވެ.

އަރައިގެން އައި އިރާއިއެކު ލާންޗު އައިސް ރާއްޖެތެރޭ ރަށެއްގެ ފަޅަށް ވަތްއިރު ވިސާމް ހުރީ ބަނދަރުމަތީގަ އެވެ. މިއީ ވިސާމްމެންގެ ރަށްކަމާއި މިކަމަކީ ވިސާމްގެ ކަމެއްކަމަށް އަލީ އަހްމަދު ނިންމީ ވިސާމް ފެނުމުންނެވެ.

ވިސާމް ހުރީ އަލީ އަހްމަދު ދެކެ ރުޅިއައިސް ރަތްވެފައި ނަމަވެސް، ވަގުތާއި ހާލަތަށް ވިސްނައި ކެތްތެރިވެ ހަމަޖެހުނެވެ. އަލީ އަހްމަދު ގޮވައިގެން މާލެއިން އައި ތިންމީހުން އޭނާ ގޮވައިގެން ފޭބުމާއިއެކު ވިސާމް ހިނގައިގަތެވެ. ވިސާމާއި ވާހަކަދައްކަން އަލީ އަހްމަދު މަސައްކަތްކުރި ނަމަވެސް އޭނާއާ ވާހަކަދައްކާކަށް ވިސާމް ނޫޅެއެވެ. ކަމެއް ގޯސްވެއްޖެކަން އަލީ އަހްމަދަށް ޔަގީންވީ އެހިސާބުންނެވެ.

ވިސާމް ދިޔަގޮތަށް ގޮސް ވަނީ ބޮޑުގެއެއްގެ ގޯތިތެރެއަށެވެ. ވިސާމްގެ ފަހަތުން އަލީ އަހްމަދު ގޮވައިގެން އައި މީހުން ވެސް އެގޯތިތެރެއަށް ވަނެވެ. ގެ އާއި ގޯތިތެރެއަށް ނަޒަރު ހިންގާލުމުން އެތަނަކީ މީހުން ދިރިނޫޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެއްކަން އެނގެއެވެ. ފެންނަމުންދިޔަ މަންޒަރުތަކާއި ވިސާމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަލީ އަހްމަދުގެ ކަންބޮޑުވުމާއި ހާސްވުން އިތުރުވެގެންދިޔަ އެވެ.       
ނުނިމޭ
ކުރިޔަށް އޮތީ މިވާހަކައިގެ ފަހުބައި
ޝުކުރިއްޔާ

1
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 14 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ނިދީީތެރޭން ( 14 )“

  1. އެކަހަލަ މަކަރުވެރިންނާއި ވާހަކަ ދައްކާނެކަމެއް ނެތް …… ފަހު ތަޅާލުން …. ވަރަށް ރީތި …. މިތިބީ އިންތިޒާރުގައި

    0

    0

Leave a Reply

Your email address will not be published.