ބިރުވެރި ލޯބީގެ

ނިދިތެރޭން

ިދެވަނަބައި

އޮއްސުނު އިރާއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއެކު ހަމަހިމޭންކަން ވެސް ވެރިވިއެވެ. އަތިރިތަކުންނާއި ކުޅިވަރުގެ މައިދާންފަދަ އާންމުން އެއްވާ ތަންތަނުން މީހުން މަދުވެގެން ދިޔައެވެ. އެއާއެކު މަގުތަކުން ވެސް މީހުން ފެނުން މަދުވަމުން ދިޔައެވެ.

ފާތުން އޭނާގެ އާދައިގެމަތިން މިރޭވެސް އަށެއްޖަހަންވީރު ފިހާރަ ހުޅުވައިފިއެވެ.

ޑުރާމާ ބެލުމާއިގެން މަޝްޢޫލްވެއިން ފާތުން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު ފިހާރައަށް ވަންނަމުން ކަރުކެހެލި އަޑަށެވެ. ފާތުން އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު ފިހާރަތެރޭގައި ހުރީ ވިސާމް އެކަންޏެވެ.

” ހިންދީޑުރާމާއަށް ތިހާވަރު ހުންނަންޏާއި ޓީވީތެރެއަށް ވަންނަންވީނު. ތިހާވަރު ވަންޏާއި މިތަނުން އެއްޗެށް މީހަކު އައިސް ގެންދިޔަޔަސް ފާތުންނަކަށް ނޭނގޭނެ. ” ފާތުންނާއި ދިމާއަށް ހިނިތުންވެލަމުން ވިސާމް ވާހަކަދެއްކިއެވެ.

” އޫން. ނީނާގެ ބިޓުދޯ ؟ ކަލޭ މިތަނުން ކޮންމެއެއްޗެއް ގެންދިޔަޔަސް އަހަރެންނަށް ހެޔޮ. އަހަރެން ބުނާނީ ނީނާ ކައިރީގަ. އޭރުން ފައިސާގެ ކަންތައް އޭނާ ހަމަޖައްސާނެ. ” އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް ނުހަނު ބޭނުންވެފައިވާ ފާތުން ވިސާމަށް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ. އެއީ ރޭވުމުގެ ފެށުން ކަމުގައި ފާތުން ދެކެއެވެ.

” އެތަނުގަ އެހެން ބުނީ އަހަރެން ލަދު ގަންނާނެކަމަށްތަ ؟ އަހަރެން އެއްވެސް ލަދެއް ނުގަނޭ. ” ހަމަޖެހޭގޮތް ދައްކާ ލަމުން ވިސާމް ބުންޏެވެ.

” ތިކަން އެނގިއްޖެއްނު. އަންހެންކުއްޖަކު އިސްވެ ލޯބިވާ ވާހަކަ ބުނީމަ ވެސް ޖަވާބެއް ދޭކަށް ނުކެރުނު ވިއްޔަ ” މަލާމާތުގެ ރާގަކަށް ފާތުން ބުންޏެވެ. ފާތުން ބޭނުންވަނީ ކޮންމެގޮތަކުން ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބު ކުރާށެވެ.

” ތިއެއް އެނގޭނީ ނީނާ އެކަނި އައިސް އަހަރެން ކައިރީ ބުނިނަމައެއްނު. ” ދެރަ ނުވާންވެގެން ކަހަލަގޮތަކަށް ވިސާމް އެހެން ބުނީ ހިނިތުންވުމާއި އެކުގައެވެ.

” ނީނާ އެކަނި ހުރެވެސް ބުނެދާނެ. އެކަމު ކަލެއަކަށް ނުކެރޭނެ. ތިއީ ބޮޑު ފިނޑިއެއް. ” މަލާމާތްކޮށް ރުޅިއަރުވައިގެން ނަމަވެސް ފާތުން ބޭނުންވަނީ ވިސާމް ލައްވައި އެކަން ކުރުވާށެވެ. އެއީ އޭނާގެ މޮޅުކަމާއި ކުޅަދާނަކަން ދެއްކުމަށްޓަކައެވެ.

” ތިއެއް ދައްކާލާނަމޭ. ތިހެން އުޅެންޏާއި އަހަރެން ކައިވެނި ކުރާނީ ވެސް ނީނާއާ. އެކަމު އެދުވަހަކުން ފާތުން ޖެހޭނެ އަހަރެން ބުނާކަމެއް ކޮށްދޭން. ” ކުޑައިރުކޮޅަކު ވިސްނާން ކަހަލަ ގޮތަކަށް ހުރުމަށްފަހު ވިސާމް ބުންޏެވެ.

ވިސާމްގެ އެވާހަކަތަކުގެ ސަބަބުން އޭނާގެ މަސައްކަތް ކާމިޔާބުވެދާނެކަމުގެ އުންމީދު ފާތުންނަށް ލިބިގެން ދިޔައެވެ.

އެހެންކަމުން ލިބުނު ހިތްހަމަ ޖެހުމުގައި ހިނިތުން ވެލެވުނެވެ. އެހެނަސް އެކަމެއް ވިސާމަކަށް ފާހަގައެއް ނުކުރެވުނެވެ.

” ކައިވެނި ކޮށްގެން ނީނާ ގޮވައިގެން އާދޭ. ” އޭނާގެ މަސައްކަތް ކާމިޔާބު ވާގޮތް ވުމުން ނުހަނު ހިތްހަމަޖެހިފައިހުރި ފާތުން ހީގަންނަމުން ކަހަލަގޮތަކަށް އަވަސް އަވަހަށް ބުނެލިއެވެ.

” ނީނާގާތު ބުނޭ އަހަރެން ބުންޏޭ މާދަމާރޭ އަށެއްޖަހާއިރަށް ދިގުމަގުކޮޅަށް އަންނާށޭ. އޭރުން އެނގޭނެ ކާކަށްކަން ނުކެރިގެން އުޅެނީ. ” ފާތުން ވެސް ބޭނުންވި ފަދައިން ފާތުން މެދުވެރިކޮށް ޕްރޮގްރާމް ހަމަޖެއްސުމަށްފަހު ވިސާމް ދިޔައީއެވެ.

ރޭވުމާއި އެއްގޮތަށް ކަންތައް ދިއުމުން ފާތުން ހުރީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ.

ޝޮޕްގައި ކުރާން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ވިސާމް ގެއަށް އައިއިރު އެގާރަ ވެސް ޖަހައިފިއެވެ.

ނިދާން އޮތްއިރު ވެސް ވިސާމަށް ވިސްނެމުން ދިޔައީ ނީނާއާ މެދުގައެވެ. ނީނާގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ނީނާ ފަދަ ކުއްޖަކު އަމިއްލައަށް އިސްނަގައިގެން އޭނާގެ ހަޔާތަށް އައުމަށް މަސައްކަތް ކުރުމަކީ ވިސާމަށް ލިބިފައިވާ އެންމެބޮޑު ހައިރާންކަމެވެ. ހިތްހަމަޖެހުމެވެ.

އާންމުކޮށް ފެންނަމުންދާ މީހަކަށްވުރެ ވަގުތީގޮތުން ފެނިލާ މީހަކަށް ޝައުޤުވެރިވުމަކީ އާންމުކޮށް ވަމުންދާ ކަމެއްކަން ޔަގީނެވެ. އާންމުކޮށް ފެންނަމުންދާ މީހުންނަކީ އެބައިމީހުންގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭ މީހުންނަށް ވީ ފަދައިން އަލަށް ފެންނަ މީހުންނަކީ އެބައިމީހުންގެ ޙަޤީޤަތް އެންމެ ރަނގަޅަށް ނޭނގޭ ބައެއްކަން ވެސް ޔަގީނެވެ. އެހެންކަމުން މިހާރު ވެސް ވެގެން އެއުޅެނީ އެފަދަކަމެއް ކަމުގައި ވިސާމަށް ގަބޫލުކުރެވުނެވެ.

އެހުރިހާކަމެއް އެހެން އޮތް ނަމަވެސް ނީނާގެ ނަޒަރު އޭނާއަށް އަމާޒުވީތީ ވިސާމް ހުރީ ނުހަނު އުފާވެ ހިތްހަމަ ޖެހިފަ އެވެ. އޭނާގެ ހިތަށް ވެސް ނާރާ ފަދަގޮތަކަށް ނީނާ އަމިއްލައަށް އައިސް އޭނާގެ އަތުގައި ހިފުމުން އެއަތުން ދެން ދުވަހަކު ވެސް ދޫނުކުރާފަދަ ގޮތަކަށް ވެސް މެއެވެ.

ފާތުން ދެއްކި ވާހަކަތަކަށް ނީނާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފާތުން ދެއްކި ވާހަކަތައް އެއްބަސްވެ އާންއެކޭ ބުނީ ވެސް ރައިނާ އާއި ރާބިޔާ އުޅުނުގޮތުން އޭނާގެ ކެރޭކަން ދައްކާލުމަށްޓަކައެވެ. އޭނާގެ ހިތުގައި ވިސާމަށް އެއްވެސް ވަރެއްގެ ޝައުޤުވެރިކަމެއް ނެތެވެ. ރަށުން ބޭރު މީހަކާއި ކައިވެނިކުރުމަކީ ނީނާގެ ޚިޔާލަށް ވެސް އައިސްފައިވާ ކަމެއް ނޫނެވެ. ވީއިރު އޭނާ ވިސާމަށް ފުރުސަތު ދޭނީ ކިހިނެކުން ހެއްޔެވެ.

ނީނާއާ ގުޅުވައިގެން ޚިޔާލީފޮލާ ކެއްކުމާއިގެން މަޝްޣޫލްވެ އޮތް ވިސާމަށް ނިދުނުއިރެއް އޭނާއަށް ވެސް ނޭނގެއެވެ.

ވަގުތަކީ މެންދަމުގެ ވަގުތުކަމަށްވާތީ މަގެއްމަތިން އެއްވެސް މީހަކު ނުފެނެއެވެ. ގެއެއްގެތެރެއިން ގަދައައްޔެއް ނުފެންނަ ތާންގައި ބާރު އަޑެއް ވެސް ނީވެއެވެ. ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭން ކަމާއި ފަޅުކަމެވެ. ރެއަކީ ވައިރޯޅި ވެސް މަޑު ރެއަކަށް ވާތީ ގަހެއްގެ ފަތެއް ނުވަތަ ރުކެއްގެ ފަނެއް ހެލިލާ އަޑުވެސް ނީވެއެވެ.

ރަށުތެރެއަށް ފެތުރިފައިވާ ހަމަހިމޭންކަމަށް ނިމުންއައީ މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެއަޑާއި އެކުއެވެ. ފަތިސްނަމާދު ވަގުތުޖެހުމާއެކު މަގުތަކުން މީހުން ފެންނާން ފެށިއެވެ. އެންމެންގެ ވެސް މިސްރާބަކަށް ވެފައިވަނީ މިސްކިތްކަމަށްވުމީ އުފާކުރާންޖެހޭ ކަމެއްކަން ޔަގީނެވެ.

މަސްވެރިންތައް މަހަށް ދިއުމާއިގެން އުޅެމުންދިޔައިރު އާދައިގެވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހީވާގި އަންހެންވެރިން އަތްމަތި އަވަސްކޮށްލާފައި ގޯތިތެރެއާއި މަގުތައް ކުނިކަހާ ސާފުކުރުމާއިގެން އުޅެމުންދިޔައިރު ޒުވާން ފުރައިގެ އަންހެން ކުދިންތައް ބަދިގޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ހާލާއި ކޮވެލީގެ އަޑުން ރަށުތެރޭގެ ހަމަހިމޭންކަން ނަގާލާފައިވާ ކަހަލައެވެ.

މަދަރުސާއަށް ދާ ކުދިންތައް މަދަރުސާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. ވަޅުތަކުގައި ތެޅެމުންދާ ދާނިތަކުން އިވެމުންދާ ތަފާތު އަޑުތަކުން ހީވަނީ އަމިއްލަރާގެއް އުފައްދާން އުޅޭހެންނެވެ. އެއަޑުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެއަޑުތަކާއެކު އިވެމުންދާ ތުއްތުކުދިންގެ ރުއިމުގެ އަޑުތަކެވެ.

ހަގަޑި ސާޅީސް ވުމާއެކު މަގުތަކުގައި ރަސްކަން ކުރާންފެށީ ހުދުޔުނީފޯމްތަކުގައި ތިބި މަދަރުސާ ކުދިންތަކެވެ.

ބައިގަނޑު ބައިގަނޑަށާއި ވަކިވަކީން މަދަރުސާއާދިމާއަށް މިސްރާބު ޖަހާފައިވާއިރު އެކުދިންގެ ބެލެނިވެރިން ވެސް އެކުދިންނާއި ބައިވެރި ވަމުން ދިޔައެވެ. މަގުތަކުގައި ހަރަކާތްތެރިވަމުންދާ މަދަރުސާގެ ކުދިންގެ ގިނަކަމުން ހީވަނީ ކިރުދޫނި ބައިގަނޑުތަކެއް ހެންނެވެ. ދަރިންނަށްޓަކައި މައިންބަފައިން ވަމުންދާ ޤުރުބާނީ މިތަނުން ވެސް ފެންނަމުން ދިޔައެވެ. ބޮޑެތި ބަރު ދަބަސްތަކާއި ފޮތްބޮނޑިތައް ހިފައިގެން ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު އެތިބެނީ އެބައިމީހުންގެ ދަރިންގެ ކުރިމަގަށްޓަކައި ނޫން އެހެން ދެން ކޮންކަމެއްގައި ހެއްޔެވެ. ކިތަންމެ އަވަސް އަވަހަށް މަދަރުސާ ކައިރިއަށް ގޮސް އައިސްވާން ޖެހުނު ނަމަވެސް އެބައިމީހުންގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތި އެކަން ކުރަމުންދާކަމީ އެބައިމީހުން ވަމުންދާ ބޮޑު ޤުރުބާނީއެއްނޫން ދެން ކޮންކަމެއް ހެއްޔެވެ.

މިފަދައިން ކަންތައްތައް ހުރި ނަމަވެސް މިކަން ދަންނަ ކުދިން މަދުވަމުންދާކަމީ ހިތާމައާއެކު ފާހަގަކުރާންޖެހޭ ކަމެކެވެ.

ހެނދުނު ހުނދުނާ ނީނާމެން ގެއަށް ފާތުން ދިޔައީ އޭނާގެ ކުޅަދާނަކަމާއި މޮޅުކަން ދައްކާލާށެވެ. އޭނާ ބުނި ބަހުގެ އިތުބާރު ހުރިވަރު އަންގާލާން ވެސް މެއެވެ.

ވިސާމާއި ފާތުން ދެއްކި ވާހަކަތައް ނީނާއަށް ކިޔައިދީ ނީނާއާ ބައްދަލުކުރުމަށް ވިސާމް ދަޢުވަތު ދިން ވާހަކަ ބުނުމުން ނީނާއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއާއެކު އެވާހަކަ ތަކަކީ އޭނާ މަޖައްލަށް ދެއްކި ވާހަކަތަކެއް ކަމަށާއި އޭނާ ވިސާމާއި ބައްދަލުކުރާން ބޭނުން ނޫންކަމަށް ނީނާ ބުންޏެވެ.

ނީނާގެ ވާހަކަތައް އަޑުއިވުމުން ފާތުން ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެނަސް އެކަމެއް ނީނާއަކަށް ނުދައްކައެވެ.

ނީނާ އާއި ވާހަކަދައްކާލަން އިރުކޮޅަކު މަޑުކުރުމަށްފަހު ފާތުން އަނެއްކާ ވެސް އޭނާގެ ގެއަށް ދިޔައީއެވެ. ނީނާގެ އެޢަމަލުގެ ސަބަބުން އޭނާއަށް ލިބޭނެ މަލާމާތާއި ވިސާމް ހިތްހަމަ ނުޖެހޭނެވަރު ފާތުންނަށް ވިސްނެމުން ދިޔައެވެ.

ވިސާމާއި ބައްދަލުކުރާން ނީނާ ބޭނުންނުވާކަމަށް ބުނި ވާހަކައާއި އޭނާ އޭރު އެހެންބުނީ މަޖަލަކަށް ކަމަށް ނީނާ ބުނި ވާހަކަ، ވިސާމްގާތު ފާތުން ބުނީ އެދުވަހު މެންދުރުފަހު ފިހާރައިން ދިމާވުމުންނެވެ. އެވާހަކައިގެ ސަބަބުން ވިސާމަށް ލިބުނު މާޔުސްކަން ފާތުންނަކަށް ސިއްރެއްނުވިއެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ލިބުނު އުންމީދުގައި ކުލަޖެއްސުމަށް ފެށި މަސައްކަތް ކާމިޔާބު ނުވުމުން ލިބުނު މާޔުސްކަމާއެކު ހިތްހަމަ ނުޖެހުން ވެސް ކުރިމަތިވިއެވެ.

” ވިސާމް! އަހަރެން ދެކެ ރުޅި ނާދޭ. އަހަރެން އެކަމާ ކީއްކުރާނީ. ” ހިތާމައާއެކު ވިސާމަށް ބަލާލަމުން ފާތުން އެހެން ބުނިއިރު އޭނާ ދެރަވެފައިވާކަން އަޑާއި ހަރަކާތުން ވެސް އެނގުނެވެ.

” އަހަރެން ފާތުން ދެކެ އެއްވެސް ރުޅިއެއް ނާދޭ. އެކަމު މިއީކީ މީހުން މަޖަލަށް ކުރާކަހަލަ ކަންތަކެއްނޫން. ” ފާތުންނާއި ދިމާއަށް އެހެން ބުނުމަށްފަހު ވިސާމް ފިހާރައިން ނުކުމެގެން ދިޔައިރު އޭނާއަށް އައިސްފައިވާ ބަދަލު ފާތުންނަށް އެނގެއެވެ.

ވިސާމް އެރަށުގައި ކުރާންއައި މަސައްކަތްތައް ކުރުމާއިގެން އަވަދިނެތި ކަހަލަގޮތަކަށް އުޅެމުންދިޔައިރު އިރުހަނދުގެ ދައުރުވުމާއެކު ދުވަސްތަކާއި ރޭތައް ވެސް މާޒީއާ އެކުވަމުން ދިޔައެވެ.

ފަންޑިތަ އާއި ސިހުރު ހާހޫރަ އަދި އިސްތިރިވަރިތޮޅި ހެދުމުގައި ދެވަނައެއް ނެތް އަލީ އަހްމަދު ގުރައިދޫއަށް އައި އޭނާގެ ރައްޓެއްސަކު ދިން ދަޢުވަތަކަށެވެ. އޭނާގެ ރައްޓެހިންނާއި ދެކެފަރިތަ މީހުން ބުނާގޮތުންނަމަ އެނާއަކީ އެދާއިރާއިން މިހާރު ރާއްޖޭގެ އެއްވަނައެވެ. އޭނާ ކުރާ އެފަދަ އެއްވެސްކަމެއް ކާމިޔާބު ނުވެއެއް ނުދާނެއެވެ. އަދި މިހާތަނަށް ގޮސްފައެއް ވެސް ނުވެއެވެ.

އަލީ އަހްމަދު ގުރައިދޫގަ މަޑުކުރުމަށް ހަމަޖެހިފައިވަނީ ވިސާމް ވެސް ދިރިއުޅެމުންދާ ކޮޓަރީގައެވެ. އެހެންކަމުން އެ ދެމީހުންގެ މެދުގައި ވަރަށް އަވަހަށް ރަހުމަތްތެރިކަން އުފެދިގެން ދިޔައެވެ. އަދި އަލީ އަހްމަދުގެ ވާހަކަތަކަކީ ވިސާމް ވެސް ވަރަށް ގަޔާވާ ވާހަކަތަކަކަށް ވިއެވެ.

ހަވީރު ހަތަރެއް ޖަހާކަން ހާއިރެވެ. އަލީ އަހްމަދާއި ވިސާމް ތިބީ ހޮޓަލުގައި ހަވީރުސައި ބޯށެވެ. އޭރު އެތަނުގައި މީހުން މަދުކަމުން ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ސައިބޯން ތިބެގެން ދެމީހުން ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.

” ވިސާމް! މިރަށުގައި ތިހާ ދުވަސް ވީ އިރުވެސް އަންހެންކުއްޖަކު އަތުއަޅުވާލެވޭގޮތެއް ނުވޭދޯ ؟ ” ވިސާމާއި ދިމާއަށް ބަލާލަމުން މަޢުލޫބަދަލުކޮށް އަލީ އަހްމަދު އަހާލިއެވެ.

” ނޫން. އެއްފަހަރު ތިކަހަލަ ކަމެއްގެ ހިލަމެއްވި. އެކަމު އެކަން ވާގޮތެއް ނުވި. ” މާޔޫސްކަމާއެކު އަލީ އަހްމަދަށް ބަލާލަމުން އޭނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވިސާމް ވާހަކަދެއްކިއެވެ.

” މާޔޫސްވެ ކަރު އެލިފައި ތިހުންނަނީ އެހެންވެދޯ ؟ ތިއީ އެއްވެސް ކަމެއްނޫނޭ. އަހަރެން ބުނާގޮތަށް ކަންތައްކުރާން ކެރޭނެތަ ؟ ” ވަރަށްބޮޑު ޔަގީންކަމެއް އެކުލެވިފައިވާފަދަ ގޮތަކަށް އަލީ އަހްމަދު ވާހަކަދެއްކިއެވެ.

ވިސާމްގެ އެވާހަކަތަކާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކީ ކުރިޔަށްވުރެ މަޑުންނެވެ. އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކަށް އެވާހަކަތައް އަޑުއިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެވާހަކަތަކާއި ގުޅުވައިގެން ވިސާމް ވާހަކަދެއްކިއިރު އަމަލާއި ބަސްމަގު އަދި އަޑު ބެހެއްޓިގޮތުން އެވާހަތައް އެހެންމީހަކަށް އިވެން ވިސާމް ވެސް ބޭނުންނުވާކަން އެނގެއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން“

Leave a Reply

Your email address will not be published.