މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [27]

ފާތިނާ މޭޒުމައްޗަށް ގުދުވެލާފައި ސިއްރެއް ބުނާހެން ރަޝީދު އާއި ދިމާލަށް ކައިރި ވިއެވެ. ފާތިނާ ގެ ލޮލުން ރުޅި އައިސްފައިވާ ވަރުން އަލިފާން ކަނި ބުރަމުން ދާކަހަލައެވެ. “އެމަންޖެ ވީ ކޮންތާކު..؟ އެމަންޖެއަށް ކަލޭ ހެދީ ކިހިނެއް..؟” ލަފްޒުތަކަށް ބާރުލާފައި ފާތިނާ އެ ބުނި އެއްޗަކުން އަހަރެންގެ މޭގަނޑު އަތަށް އައި ކަހަލައެވެ. “އަނެއްކާ ޝާޔާ..؟” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ.

ޖައުފަރުމެން ދިއުމާއިއެކު އަހަރެންނަށް އިތުރަށް އެތާނގައި ނުހުރެވިގެން ބެލްކަންޏަށް ނިކުތީމެވެ. ވައި ޖައްސާލާށެވެ. އޭރު ސިކުނޑީތެރޭގައި ހައިޖާނުތައް ގިނަވެ އަހަރެން ހާސްވާން ފަށައިފިއެވެ. ފަހަތުން ޒާނިޝް މެންވެސް އައެވެ. އަހަރެން ރެއިލިން މަތީގައި އަތް އަޅުވާލައިގެން ފުންކޮށް ނޭވާ ލަމުން ދިޔައީމެވެ. އަހަރެން ހަމަޖެހެން އިރުކޮޅެއް ނެގިއެވެ.

“ވަޓް ޑޫ ޔޫ ތިންކް އިޒް ދެޓް މީން..؟” ޒާނިޝް ބޭނުންވީ ފާތިނާގެ ވާހަކައިން އަހަރެންނަށް ދޭހަވި އެއްޗެއް ބަލާށެވެ.

“ވަޓް އެލްސް ޑަޒް ދެޓް މީން..؟” އަޔާންއަށް ހީވި ގޮތް ހާމަކުރިއެވެ. “އޭގެ މާނައަކީ، ރަޝީދު މާލެ ގޮސް މަސައްކަތް ކުރީ ޖައުފަރު މެން ގޭގައޭ.. ދެން އެ އައި ދަތުރުގަ ކުޑަ އަންހެން ކުއްޖެއް ގޮވައިގެން އައިސް ބަކުރުބެމެން އަތަށް ދިނީ.. ބުނީ އެއީ އޭނަގެ ބޮޑުބޭބެ ދަރިއެކޭ.. ދެން އޭގެފަހުން އޭނަ އެ ގެއްލުނީ.. ދެން މިހާރު މި އެނގުނީ އެގޭ މީހުން އެއުޅެނީ ރަޝީދު އެމީހުން އަތުން ގެންދިޔަ ކުއްޖާ ވީތަނެއް ހޯދަންކަން.. އެހެންވީރު ރަޝީދު ބަކުރުބެ މެންނަށް ހަވާލު ކުރި ކުއްޖާ – ޝާޔާ އަކީ ޖައުފަރުމެންގެ ކުއްޖެއް ނު؟ އޭނަ ބަކުރުބެ ކައިރީ ހެދީ ހުސް ދޮގެއްނު؟ އަހަރެންނަށް ހީވަނީ ޝާޔާއަކީ ހަމަ ޖައުފަރުމެންގެ ކުއްޖެއް ހެން.. އެހެންވެ އެކުއްޖާ އަށް ރަޝީދު ހެދި ގޮތެއް ބަލަންހެން އެއުޅެނީ” އަޔާންގެ ގަބޫލު ކުރެވުނު ގޮތް އިއްވާލިއެވެ.

ކަންތައް ވެފައި ވާނީ އެހެން ކަމަށް އަހަރެންގެ ސިކުނޑިއަށް ވިސްނޭއިރު ވެސް އަހަރެންގެ ހިތް އެކަމާ އެއްބަސް ވާކަށް ބޭނުމެއް ނޫނެވެ. ޖައުފަރަކީ ވެސް އަދި އެ ފާތިނާ އަކީ ވެސް މާ ރަނގަޅު މީހެއް ނޫނޭ އަހަރެންގެ ހިތް ބުނަނީއެވެ. “އަހަރެންނަކަށް ނޭނގެ އޭގެ މާނައެއް..” އަހަރެން މިހާއަވަހަށް ގޮތެއް ނިންމާކަށް ބޭނުމެއް ނޫނެވެ. “ޖައުފަރުމެން އެ ހޯދާ ކުއްޖާއަކީ ޝާޔާ ކަމަށް ވިޔަސް ވެސް އެކަން ޔަގީން ކޮށްދެވޭނީ ރަޝީދުއަށް.. އެކަމަކު ރަޝީދުއަކީ ކުޑަކުއްޖެއް އެމީހުންގެ މައިން ބަފައިން ކައިރިން ވަގަށް ނަގައިގެން ގޮސް އެހެން ބަޔަކަށް ވިއްކުން ފަދަ ނުބައި ކަމެއް ކޮށްފަ ހުރި މީހެއް ކަމަށް ވަންޏާ ދެންވެސް އޭނަ ތެދެއް ހަދާނެތަ.؟” އަހަރެންނަށް މިހާރު، އޭގެ ތެރެއިން ރަނގަޅީ ކާކު ކަން، އަދި ޝާޔާގެ އަސްލު ޢާއިލާ އަކީ ކޮބައިކަން އޮޅިއްޖެއެވެ. “އެކަމަކުވެސް އަހަރެންގެ ހިތް ބުނަނީ ޖައުފަރު މެންނަށް ޝާޔާ އެނގުމުގެ ކުރިން ރަޝީދުއާއި ބައްދަލު ކުރާނީއޭ..” އަހަރެންގެ ސިކުނޑީއަށް ވިސްނުނު އެންމެ މޮޅުގޮތް ކިޔައިދިނީމެވެ. “މީގެން ގޯހީ ޖައުފަރު ކަމަށް ވަންޏާ އޭނާއަށް ފުރަތަމަ ޝާޔާގެ ގޮތް އެނގޭއިރަށް މުޅި ގޭމް އޭނަގެ ކޮޅަށް އަނބުރައިލާ، ރަޝީދު މަރާވެސް ލާފާނެ.. އޭރު އެމީހުން ކަމެއް ސިއްރު ކުރިޔަސް އެނގޭނެ ގޮތެއް ނޯންނާނެ.. އެކަމަކު ރަޝީދު ކައިރިއަށް ފުރަތަމަ ގޮސްފިއްޔާ، ގޯހީ އޭނަ ކަމަށް ވިޔަސްވެސް އެއްވެސް ގެއްލުމެއް ދެވޭނެ ހާލެއްގައެއް ނޫން އޭނަ ހުރީކީ.. އެހެން ވީމަ އަހަރެންނަށް ފެންނަނީ ޕްލޭން ކުރި ގޮތަށް މާދަން ރަޝީދުއާއި ބައްދަލު ކުރަން ދާން..” އަހަރެންގެ ޚިޔާލަށް އެންމެންވެސް ތާޢީދު ކުރިއެވެ.

“އެކަމަކު އަހަރެން ބޭނުމެއް ނޫން މި އެނގުނު އެއްވެސް އެއްޗެއް ރިޔާ އަކަށް ވެސް ރަނާ އަކަށް ވެސް އެނގޭކަށް.. އަދި ޝާޔާއަކީ ކާކުގެ ދަރިއެއްކަމެއް، ޖައުފަރުމެން އެ ހޯދާ ކުއްޖަކީ ޝާޔާ ކަމެއް ޔަގީން ކުރެވޭނެ ގޮތެއް ނެތް.. އެހެންވީމަ އަހަރެން ޝާޔާއަކަށް ވެސް މިވާހަކަ އަންގާކަށް ބޭނުމެއް ނޫން..” އެގޮތަށް އެންމެން އެއްބަސްވީމެވެ. އިރުކޮޅަކުން ރިޔާ ގުޅިއެވެ. ރޭގަނޑު ކެއުމަށް އަހަރުމެން ލަސް ވެގެނެވެ.

ގަޑިން އަށްގަޑި ބައިހާ އިރެވެ. އަހަރުމެން ތިބީ އެ ފްލޯރ ގެ ޑައިނިން އޭރިޔާގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ބޮޑު މޭޒެއްދޮށުގައި ހުރިހާއެންމެން އެކީގައި ކެއުން ކުރިއަށް ދިޔައިރު އެކި ވާހަކަ ދެއްކުމުގައި އެންމެންވެސް ތިބީ ހިތްހަމަޖެހިފައި ކަން އެނގެއެވެ. އެތާނގައި ނެތީ ހަމައެކަނި އަހަރެންގެ ބައްޕައެވެ. ޝާޔާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

ކައިނިމިގެން އަހަރެންނާއި ޝާޔާ، ޒާނިޝް އާއި ރިޔާ އަދި އަޔާން އާއި ރަނާ، ހޮޓަލު ގޯތިތެރޭގައި ހަދާފައިވާ ސްޓޭޖް ދޮށަށް މިއުޒިކް ޝޯ ބަލަން ދިޔައީމެވެ. އެދިޔަ މަގުމަތީގައި މާދަމާގެ ދަތުރުގެ ވާހަކަ ދެކެވުނެވެ. ކެންބެއްރާއަށް ދާން ނައްޓާލާނީ ހެނދުނު ހަތެއް ޖަހާއިރުގައެވެ. ދަތުރަކީ ދިގު ދަތުރެއްކަމުން ސްކައިޕިޔާގެ ވޭނެއް ހަމަޖައްސަން އަހަރެން ވާނީ ބުނެފައެވެ. ދަތުރުދާ ވާހަކަ މަންމަ ކައިރީގައި އަހަރެން ވާނީ ބުނެފައެވެ. އެކަމަކު ދަނީ ކޮންތަނަކަށް ކަމެއް ނޭނގޭނެ އެވެ. އެދަތުރު އަހަރުމެން ކުރަން އުޅޭ އެއްވެސް ކަމެއް އަހަރުމެން ހަ މީހުންނަށް ނޫނީ ނޭނގޭނެއެވެ.

ޝާޔާހުރީ ރަޝީދު އާއި ބައްދަލު ކޮށްލާ ހިތުން ކެތްމަދުވެފަ އެވެ. ޝާޔާގެ އަސްލު މައިންބަފައިންނާއި ތިމާގެ މީހަކަށް ހުރި ހަމައެކަނި މީހަކީ އެއީއެވެ. މިވީހާ ތަނަށް ޝާޔާއަށް ރަޝީދު އެނގިފައިވަނީ ހަމައެކަނި އެކި މީހުން ދައްކާފައިވާ ވާހަކައިންނެވެ. ހަމަ ލޮލަށް ފެނުމުގެ ނަސީބެއް ޝާޔާއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ރަޝީދަކީ ޝާޔާ ހީކުރާ ކަހަލަ މީހަކަށް ވެދާނެ ހެއްޔެވެ؟ އެއީ އަސްލުވެސް ޝާޔާގެ ބޮޑު ބޭބެ ހެއްޔެވެ؟ ރަޝީދާއި ބައްދަލުވުމުން ލިބޭނީ ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ ނޫނީ އިތުރު މަޔޫސް ކަމެއް ހެއްޔެވެ؟

“ޝޯން.. އަހަރެން ރަޝީދުބެ އާއި ބައްދަލުކޮށްފަ ބުނާނީ ކީކޭ..؟” ޝާޔާ އާއި އަހަރެން ތިބީ ހޮޓަލުގެ ޕާރކު ތެރޭގައެވެ. އަޔާން މެން އަދި ވާނީ ޝޯބަލަން އެތަނުގައެވެ. ޝާޔާއަށް އެ ލަވަތައް އެހާ ކަމުނުދާތީ އަހަރުމެން ހިނގާލަން އައީ ޕާކަށެވެ. “ރަޝީދުބެ އަހަރެންގެ މަތިން ހަނދާން ނެތިއްޔާޔޯ..؟ އެންމެ ކުޑަމިނުން.. އަހަރެންގެ މަންމަގެ.. ނޫނީ ބައްޕަގެ ނަންވެސް އަހަރެންނަކަށް އެނގިފައެއް ނެތް..” ޝާޔާގެ އެ ނިޔަނެތި އަޑުގައި ވޭނެއް އެކުލެވިފައި ވެއެވެ. އެފަކީރަށް ޖެހިފައިވާ ނިކަމެތި ޙާލު ދެކިލާށެވެ. ވިހެއީ މަންމަ އަކާއި ބަޕައެއް މެދުވެރިކޮށް ކަން ނޫން އެއްވެސް އެއްޗެއް އޭނާގެ މައިންބަފައިންނާއި ބެހޭގޮތުން އެނގިފައެއް ނެތެވެ. އުޅެބޮޑުވީ ނިކަމެތި، މުސްކުޅި ދެމަފިރިއެއްގެ ކައިރީގައެވެ. ޒީލަގަދަ ކޮއްކޮ އެއްގެ ގޯނާތަކާއި ނިކަމެތި ބަސްތަކުގެ ތެރޭގައެވެ. ވާހަކަ ނުދެކެވޭ މަންމަން ކުއްޖެއްގެ ގޮތުގައެވެ. ތަޢުލީމުން މަޙްރޫމުވެ ހުރި ޔަތީމު، ނޯކަރު ކުއްޖެކެވެ. މީހަކަށް ދުނިޔޭގައި ޖެހޭނެ އެންމެ ނިކަމެތި ޙާލުގައި އެފަކީރު އުޅެބޮޑުވި އިރު މިހާ މާތް، އަޚްލާގު ރަނގަޅު ކުއްޖަކަށް ވީ ކަމީ އަޖައިބެއް ނޫންހެއްޔެވެ؟ ނަމަވެސް މީގެފަހުން ޝާޔާއަކީ އެކަނިވެރިއެއް ނޫނެކެވެ. “އަހަރެންނަކީ ކާކުކަން ރަޝީދުބެއަށް އަންގަން ވަކި ކިހިނެއް ހަދާނީ..؟”

“ތިކަމާ އެހާބޮޑަށް ނުވިސްނާ..” އަހަރެން ހިނިތުން ވެލާފައި ޝާޔާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި ފޮރުވައިލަމުން ބުނީމެވެ. “ޝާޔާއަށް މިހާ ހިސާބަށް އާދެވޭނެއޭ ކުރިން ހިތަށްވެސް އެރިތަ..؟ އެކަމަކު މިޔަދު މިހިސާބަށް ވެސް އާދެވުނީ އެއް ނު..؟ އެހެންވީރު ތަގުދީރުގަ ދެންވެސް ރޭވިފަ ހުރިކަމެއް ބުނާކަށް ނޭނގޭނެ.. މިހާރު މި ކުޅި މިއޮތީ އަހަރުމެންގެ އަތަކު ނޫން.. ތަގުދީރު އަހަރުމެން ގެންދަން ކަނޑައަޅާފަ އޮތް ހިސާބަކަށް އަހރުމެން ގެންދަން ދޫކޮށްލާ.. އިރާދަ ކުރެއްވިއްޔާ ގޯހެއް ނުވާނެ..” އަހަރެން ބުނި އެއްޗެއްގެ މާނަ ޝާޔާއަށް ފަހުމް ވީ ގޮތާއި އަހަރެން ކުރި ގޮތާ ތަފާތު ކަން ޝާޔާއަކަށް ނޭނގެއެވެ. އަހަރެން ޝާޔާގެ އަތަށް ބޮސްދިނީމެވެ. “ރަޝީދު ކައިރިޔަށް ގޮސް ހުއްޓުނީމަ އެނގޭނެ ދެން ކަންތައް ކުރަންވީ ގޮތް ވެސް.. އެހާ އިރަށް އެކަމާ ނުވިސްނާ..” އަހަރެން ޝާޔާގެ ސިކުނޑީއަށް ލުއި ކޮށްދެވޭތޯ ބެލީމެވެ. އަހަރެންގެ ބޮލުގައި މި ރިހޭ ރިހުން ޝާޔާގެ ބޮލުގައި ރިއްސާކަށް އަހަރެންނެއް ބޭނުމެއް ނޫނެވެ. ކުރިމަތީ އިން ޝާޔާގެ މޫނުމައްޗަށް ވައިރޯޅިއަކާއި އެކު ވެއްޓުނު އިސްތަށިކޮޅު އަހަރެން ރީތި ކޮށްލީމެވެ. ޝާޔާގެ ގައިގާ ބީހިލެވޭ ކޮންމެ ފަހަރަކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ޝާޔާއައީ ހާދަ ތަފާތު ކުއްޖެކެވެ. ޝާޔާގެ ކޮންމެ އަދާއެއްގައި ޝާހީ ގޮތެއް ވެއެވެ. އަހަރެންނަށް ޝާޔާއަށް ބަލަންހުރެ ހިނިތުންވެ ލެވުނެވެ. އެ ހިނިތުންވުން ފެނި ޝާޔާ ވިރިގެން ދިޔަކަހަލައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ރޭގައި ނިދުނުލެއް ލަސް ވުމާއިއެކު އަހަރެންނަށް ހޭލެވުނީވެސް ހީކުރި ވަރަށްވުރެ ލަހުންނެވެ. އޭރު އިޝީ ގުޅަނީއެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ.

“ގުޑް މޯރނިން.. އަދި ނުހޭލަންދޯ؟” އިޝީ އަށް މިހާރު މެންދުރަކަސް އަހަރެންނަށް އަދި ހެނދުނުވީ އެވެ. އޭރު ގަޑިން ހަގަޑި ބައި ވަނީއެވެ.

“ނޫނޭ.. މި ހޭލީ..” އަހަރެން އަވަހަށް ތެދުވެ އަޔާން އަށް ގޮވާ ފާޚާނަ އަށް ވެއްދީމެވެ. “އާނ ކީކޭ އިޝީ..”

“ޑޭވިޑް ދާނެ ޝޯން މެންނާއި އެކު ކެންބެއްރާއަށް. ޑޭވިޑް އާއި މީޓް ވާނެ ތިރިއަށް ދިޔައީމަ.. އޭނަ ގޮސް އެކޮޅުން އަހަރެންނަށް އެހީވެދޭނެ މިކަމުގަ.. އަހަރުމެންނަށް ޝޯން މާ ބޮޑަށް ހާސް ވާނެ ކަމެއް ނެތް.. ގޮސް ފާސް ދައްކާފަ ވަދޭ.. އަނެއްބައި އަހަރުމެން ފުރިހަމަ ކުރާނަން..” އިޝީ ކިޔައިދެމުން ދިޔައެވެ. “ޑޭވިޑް ދޭނެ ބަޓަން ކެމެރާއެއް.. އެ ކެމެރާ ހަރުކޮށްލައިގެން ވަންނާނީ.. އަދި މައިކް ވެސް ހަރުކޮށްދޭނެ އޭރުން ދެކެވޭ ހުރިހާ ވާހަކައަކާއި މަންޒަރެއް އަހަރުމެންނަށް ރިކޯޑް ކުރެވޭނެ.. އިންކޭސް ވީ ނީޑް އަ ޕްރޫފް އެއްވެސް ކަމަކަށް..” އިޝީދިން މަޢުލޫމާތުތައް އަހަރެން ކަނުލާ އަޑުއެހީމެވެ. އެއަށްފަހު އަޔާން ނިކުތުމުން ވަދެ ތައްޔާރުވެލައިގެން ނިކުތީމެވެ. އޭރު ރަނާއަށް ގުޅައިގެން އަންހެންކުދިންތައް ޒާނިޝް ހޭލެއްވިއެވެ. ޝާޔާއަތުގައި ފޯނެއް ނެތީމައި އަހަރެންނަށް ވަރަށް އުނދަގުލެވެ. ކުރިން ވާހަކަ ނުދެއްކުނު ނަމަވެސް މިހާރު ވާހަކަ ދެއްކެއެވެ. އެހެންކަމުން އަހަރެން ޝާޔާއަށް ފޯނެއް ހަދިޔާކުރާނަމެވެ. އޭރުން ވާހަކަދައްކާލައި އުޅެން ފަސޭހަ ވާނެތާ އެވެ.

އެންމެން އެކީގައި ލިފްޓުން ތިރިއަށް ދިޔައީ ހެނދުނުގެ ސައި ޕެކް ކޮށްގެނެވެ. ދަތުރު ދިގުވީމައާއި އެކު މެންދުރުގެ ކެއުންވެސް ނިންމާލަން ޖެހޭނީ ވޭން ތެރޭގައެވެ.

ތިރިއަށް އާދެވުމުން ޑޭވިޑް އަހަރުމެންނާއި ބައްދަލުކުރިއެވެ. ރިސެޕްޝަނުން ވޭންގެ ތަޅުދަނޑި ނަގައިގެން އަހަރެން ބޭރަށް ނިކުތީމެވެ. އަދި ޕާކިން ލޮޓުން ވޭން ނަގައިގެން ގޭޓް ކުރިމައްޗަށް ދިޔައީމެވެ. ހުރިހާ އެންމެން އެރުމާއިއެކު ވޭން ދުއްވަން ހަވާލުކުރީ ޒާނިޝް އާއިއެވެ. ވޭންގެ ޖީޕީއެސް އިން އެ ހޮސްޕިޓަލް ޓާރގެޓް ކޮށްލުމަށް ފަހު ދުއްވާލެވުނެވެ. އޭރު ގަޑިން ހަތެއްޖަހާ ބޮޑުވީއެވެ. އެއްވެސް ތަނަކަށް މަޑުނުކޮށް 8 ގަޑިއިރުން އެކޮޅަށް ދެވޭނެއެވެ. ދެކޮޅަށް ދުއްވުމުގައި ސޯޅަ ގަޑީއިރު ވާނެއެވެ. އެހެންކަމުން އެކޮޅަށް ގޮސް ނިންމާލުމަށްފަހު ވީހާވެސް އަވަހަކަށް ނައްޓާލައިގެން މިކޮޅަށް ނައިސްފިއްޔާ ނިދަންވާ އިރަކަށް ނާދެވޭނެއެވެ.

ދަތުރުމަތީގައި ލަވަ ކިޔާ މަޖާކުރަމުން އަހަރުމެން ދިޔައީމެވެ. ޑޭވިޑް އާއި ވާހަކަދައްކާ ވަރަށް ރަހުމަތްތެރި ވެއްޖެއެވެ. ޝާޔާއާއި ޑޭވިޑް ވަރަށް ވާހަކަ ދެއްކިއެވެ. އިޝާރާތުންނެވެ. އެއީ މިދަތުރަކީ ހަމައެކަނި ޝާޔާއަށްޓަކާ ދެވޭ ދަތުރަކަށް ވާތީއެވެ. އެހެން ކަމުން ޝާޔާއަކީ ކިހާ ޚާއްސަ ކުއްޖެއްކަން ޑޭވިޑް އަށްވެސް އެނގެއެވެ.

ދެތިން ތަނަކަށް ފާހާނަކޮށްލުމަށާއި ކާއެއްޗިހި ގަތުމަށް މަޑުކޮށްލުމަށްފަހު ހަވީރު ތިންގަޑި ބައިހާއިރަށް އަހަރުމެންނަށް އެ ހޮސްޕިޓަލަށް އާދެވުނެވެ. ހޮސްޕިޓަލާ ޖެހިގެން އިން ބްލޮކްގައި ވޭން ޕާރކް ކޮށްލުމަށްފަހު އަހަރެން ތައްޔާރު ކޮށްދިނީ ޑޭވިޑްއެވެ. އަހަރެންގެ ގަމީހުގެ އެއްގޮށުގައި ކެމެރާ ހަރުކުރިއެވެ. އަދި މައިކް ގަމީސްތެރެއިން އަހަރެންގެ ގައިގާ ޓޭޕްކޮޅަކުން ހަރުކުރިއެވެ. އެއަށްފަހު އިޝީއާއި ގުޅާލާ ކޮންފަރެންސް ހަދާލާ ވަޔަރލެސް ހެޑްސެޓް ކަންފަތަށް ގުޅާލީމެވެ. އަޔާން އާއި ޒާނިޝް އަހަރެންނަށް ވިޝް ކުރިއެވެ. އަދި ރިޔާއާއި ރަނާ ޝާޔާއަށް ހިތްވަރުދިނެވެ.

ހޮސްޕިޓަލާއި ދިމާލަށް އަހަރެން ޝާޔާގެ އަތުގައި ހިފާލައިގެން ދިޔައިރު ޝާޔާގެ މޫނުމަތިން ހާސްކަން ކުޑަކޮށް ފެންނަން ހުރި ނަމަވެސް ހުރީ ވަރަށް ތައްޔާރު ވެގެން ކަން އެނގެއެވެ. މިއީ ޝާޔާއަށް ކިހާ މުހިންމު ވަގުތުކޮޅެއްކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން މިކަންތައް ވީހާވެސް އަމާންކޮށް ނިންމާލެވޭތޯ އަހަރެންނަށް ދުޢާ ކޮށްލެވުނެވެ.

“ހޭ.. ބީ ޔޯރސެލްފް.. ވީހާވެސް އާދައިގެކޮށް އެކްޓް ކުރާތި.. ހިނިތުންވެލައިގެން ހުންނަންވާނީ..” އަހަރެން އެހެން ބުނެލުމާއިއެކު ޝާޔާ ޗީޒް ކިޔައިލާހެން އަންނާރު އޮށްތަކެއް ކަހަލަ ލޯބި ދަތްތައް ދައްކާލިއެވެ. ޝާޔާގެ މި ޙަރަކާތުން އަހަރެންނަށް ހެވޭގޮތްވިއެވެ. އޭރު ހޮސްޕިޓަލަށް ވަދެވެނީއެވެ. އަހަރެންގެ ގަމީހުގައި އިން ކެމެރާއިން އަހަރުމެންނަށް ފެންނަ ހުރިހާ މަންޒަރެއް ވޭންގައި ތިބީ މީހުންނަށާއި އިޝީއަށް ވެސް ފެންނަމުން ދާނެއެވެ.

ކައުންޓަރާއި ހަމައަށް ގޮސްފައި އަހަރުމެން ދެމީހުންގެ ކާޑު ނަގައި ދިއްކޮށްލީމެވެ. އެއާއިއެކު ރިސެޕްޝަނިސްޓް އެ ކާޑް ސްކޭން ކޮށްލިއެވެ. ޝާޔާމަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. އެއީ އަހަރުމެން ފަޅާއަރާފާނެތީ ބިރުންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންނަށް އިޝީގެ ޓީމަށް އިތުބާރު އެބައޮތެވެ. އެހެންކަމުން އަހަރެން ބޮޑަށް ހާސްވަނީ ރަޝީދުގެ ފަރާތުން އެނގޭނެ މަޢުލޫމާތެއް ހިތަށްއަރާފައެވެ.

ކާޑަށް އެކްސެސް ވެވުމާއިއެކު އަހަރުމެން ވަންނަން ހުއްދަ ލިބުނެވެ. އެއާއިއެކު އަހަރުމެން ކުރިއަށް ދިޔައީމެވެ.

“ކިހިނެއްދާންވީ..” އަހަރެން އެހެން ބުނި އަޑު އަހަރުމެންގެ ކޮންޓްރޯލަށް އިވޭނެއެވެ.

“ތިހުރި ސީދަލަށް ގޮސް ލިފްޓުން ތިންވަނަ ފްލޯރ އަށް ދޭ..” ވާހަކަދެއްކީ އިޝީއެވެ. ޔަގީނެވެ މިހާރު އިޝީގެ ސިސްޓަމުން މި ހޮސްޕިޓަލުގެ ތްރީޑީ މެޕެއް ހުޅުވިފައި އިންނާނެއެވެ. އަހަރެންގެ ތުންފަތާ ކުޅެލީ ހިނިތުންވުމެކެވެ.

“ޝޯން އަހަރެން ވަރަށް އެބަ ހާސްވެ.. ރަޝީދުބެއަށް އަހަރެން އެނގޭނެތަ.. އެއްވެސް އެއްޗެއް ހަނދާން ހުންނާނެތަ..؟” ލިފްޓަށް އެރުމާއިއެކު ޝާޔާގެ ކަންބޮޑުވުން ފާލުކުރިއެވެ. އަހަރެން ޝާޔާއަށް ހިތްވަރުދިނީމެވެ.

“ތިހެން ކުރިއަށް ގޮސް ތިންވަނައަށް ވާތްފަރާތުން ޖެހޭ ގޯޅިން އަނބުރާލާ..” އިޝީ ކިޔައިދެމުން ދިޔައެވެ. އޭރު އަހަރުމެން ތިބީ ތިންވަނަ ފްލޯރ ގައެވެ. ޝާޔާގެ ހިތް އަހަރެންގެ ހިތަށްވުރެ އަވަސްވަމުން ދާނެކަން ޔަގީނެވެ. “ތި މަގުގެ ކޮޅުގަ ހުންނާނެ ވިޒިޓިން ރޫމް.. އެތަނަށް އެބަ ގެންދޭ ރަޝީދު”

އަހަރުމެން ގޮސް އެ ކޮޓަރިއަށް ވަންއިރު އެޓެންޑެންޓަކު ހުއްޓެވެ. ފާސްކޮޅު ބަލާލާފައި ގޮވައިގެން ދިޔައީ ކެމެރާއިން ކުރިންދުވަހު ފެނުނު ކޮޓަރިއަށެވެ. ޝާޔާ އަހަރެންގެ އަތުގައި ހިފައި ބާރު ކޮށްލައިގެން ހުއްޓެވެ. ވަދެގެން ދިޔަ ހޯލް ތެރޭގައި ދެފަރާތުގައި ސިކުނޑި ހަމަނުޖެހޭ މީހުން ބައިތިއްބާފައި ވެއެވެ. އެމީހުން އެކި ކަންކަމުގައި، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައި އުޅޭކަހަލައެވެ.

އެކޮޓަރިއާއި ހަމައަށް ދެވުމުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލާފައި އެޓެންޑެންޓު ދިޔައެވެ. އެނތެރެއަށް ވަދެ އަހަރެން ދޮރު ލެއްޕީމެވެ. އެއަށްފަހު ޝާޔާގެ އަތުގައި ހިފައިގެން މޭޒު ކައިރިއަށް ޖެހިލީމެވެ. އޭރު މޭޒުގެ އަނެއްފަރާތުގައި އިން ރަޝީދު އިސްއުފުލާލާ އަހަރުމެންނަށް ނަޒަރުހިންގާލިއެވެ. އެއާއިއެކު ރަޝީދުގެ ދެލޯ ބޮޑުވި މަންޒަރު އަހަރެންނަށް ފެނުނެވެ. މިހާދުވަހަށް ފަހު ޖައުފަރުމެން ނޫންބަޔަކު އައުމުން ހެއްޔެވެ؟ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. މިތާނގެ އެހެން ބަލިމީހުންނަށްވުރެ އަޅާލުން ކުޑަހެން ހީވެއެވެ. އަހަރެންނަށް އަޅައިގަތީ އޭނާގެ ބޮލުގެ ދެފަރާތު ހިނދުރީގައި ހުރި ދެ ލަކުނެވެ. ބަލާބެލުމަށް ފިހިފައި ހުރި ލަކުނެވެ. ނޫނެކެވެ. އެއީ އިލެކްޓްރިކް ޝޮކް ޖައްސާފައެވެ. އޭނާ މިތާނގައި މިހާދުވަސް ވަންދެން އުޅެފައިވާނީ ހާދަ ވޭނެއްގައޭ އަހަރެންގެ ހިތަށް އެރިއެވެ.

ކަޅިޖަހައިނުލާ ރަޝީދު އަހަރުމެންނަށް ބަލަމުން ދިޔައެވެ. ނޫނެކެވެ. ބަލަމުން ދިޔައީ ޝާޔާއަށެވެ.

“ޝާއިރާ..؟” ހައިރާންވެ އަންތަރީސްވެފައި އިނދެ ރަޝީދު ޝާޔާއަށް ގޮވައިލިއެވެ. އެއާއިއެކު އަހަރުމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

“ކޮން ޝާއިރާއެއް..” އަހަރެން ކުރިއަށް ފިޔަވަޅެއް އަޅާލައި އަހައިލީމެވެ. އޭރު ރަޝީދުގެ ދެއަތް މޫނާއި ހަމައަށް ނަގައި ޝާޔާއާއި ދިމާލަށް ބަލަމުން ތެދުވިއެވެ. އޭނާގެ ލޯފުރެމުން ދިޔައީ ކަރުނައިންނެވެ. މުޅި މީހާ ގައިގާ ތުރުތުރެއް ހުއްޓެވެ.

“ޝާއިރާ..” އޭނާއަށް ބުނެވެނީ ހަމައެކަނި އެހެންނެވެ. މަޑު ގިސްލުމެއްގެ އަޑު އިވެންފެށިއެވެ. އޭނާގެ ލަގޮޑިއަށް ބާރުކޮށް އަޑު ބެދޭގޮތް ވެފައި ވެއެވެ. ކީއްވެ ބާއެވެ؟ ޝާޔާއަށް މިމަންޒަރު ބަލަން ކެތެއް ނުކުރެވުނެވެ. މަޑުމަޑުން ރަޝީދުއާއި ކައިރިވެ އަތުގައި ހިފަހައްޓައިލިއެވެ.

“ރަޝީދުބޭ.. މީ.. މީ ޝާޔާ..” ޝާޔާ އުނދަގުލުން ނަމަވެސް އަމިއްލައަށް ތަޢާރަފްވެލިއެވެ. ޝާޔާއަށްވެސް ރަޝީދުއަށް ކުރަމުން ދިޔަ އަސަރުފެނި ހުރީ ވަރަށް އަސަރުކޮށްފައެވެ.

ޝާޔާގެ އަޑު އިވުމާއިއެކު ރަޝީދު އިތުރަށް ގިސްލެވޭ ގޮތް ވިއެވެ.

“ޝާއިރާ..” ރަޝީދުގެ އަނގައިން ބޭރުވަނީ އަދިވެސް އެ ނަމެވެ. އެއީ ކޮން ޝާއިރާއެއް ހެއްޔެވެ؟

“ކޮން ޝާއިރާއެއް ރަޝީދުބޭ..” ޝާޔާ މަޑުމަޑުން އަހައިލިއެވެ. ރަޝީދު މޫނުމަތީގައި ހުރި ކަރުނަތައް ދެއަތުން ފުހެލިއެވެ.

“ޝާއިރާ އާއި އެއްވެސް ތަފާތެއް ނެތް.. އެ ސިފަ.. އެ އަޑު..” ރަޝީދު ޝާޔާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ކިޔަމުން ދިޔައެއްޗެއް އަހަރެންނަކަށް ނަގައެއް ނުގަނެވުނެވެ. އެއީ ކޮން ޝާއިރާއެއް ހެއްޔެވެ؟

“އެއީ އެކޮއެ މަންމަ..!” ރަޝީދު އެބުނި އެއްޗަކާއިއެކު އަހަރުމެންނަށް ލިބުނީ އަނެއްކައިވެސް އިތުރު ހައިރާންކަމެކެވެ. ޝާޔާގެ ލޯފުރިގެން ދިޔަ ކަރުނަތައް ކޯތާފަތް މަތީގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. ޝާޔާގެ މަންމަގެ ނަން އޭނާއަށް އެނގުނީއެވެ. ޝާޔާގެ ޙަޔާތުގައި މަންމަގެ ނަން އެއަޑު އިވުނީ އަލަށެވެ. ޝާޔާއަށް ހުރީ ވަރަށް އަސަރުކޮށްފައެވެ.

“ކޮބާ ބަކުރު.. ދުނިޔޭގަ އެބަހުރިތަ..” ރަޝީދު އެހިއެވެ. ޝާޔާ ބޯޖަހައިލިއެވެ.

“މާ ގިނައިރެއް ނުލިބޭނެ މަޢުލޫމާތު ހޯދާކަށް.. ވަގުތު ބޭކާރުކޮށްނުލާ ބޭނުން އެއްޗެއް އަވަހަށް އަހާ.. އިޝީ އެހެން ބުނި އަޑު އިވުނީ ހެޑްސެޓުންނެވެ. އަހަރެން އަވަސްވެގަތީ ސުވާލުކުރާށެވެ.

“ކޮބާ މިހާރު ޝާޔާގެ މަންމައާއި ބައްޕަ..؟”

“އެ ދެމީހުން މިދުނިޔެއަކު ނެތް..” ރަޝީދުގެ ޖަވާބުން އިތުރަށް އަހަރެން ހައިރާންވިއެވެ.

“އެހެންވީރު ޖައުފަރަކީ ޝާޔާގެ ކާކު..؟ ފާތިނާއާއި ޝާޔާއާއި އޮތީ ކޮން ގުޅުމެއް..؟” އަހަރެންގެ ސުވާލު އަޑު އިވިފައި ހައިރާންވީ ރަޝީދު އެކަންޏެއް ނޫނެވެ. ޝާޔާވެސް އަހަރެންނަށް ބަލައިލީ އެއީ ކޮންބައެއްތޯ އަހާކަހަލަ ގޮތަކަށެވެ. އެއާއިއެކު ރަޝީދުގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ.

“ރަޝީދުބޭ.. އަހަރުމެންނަކަށް މާގިނައިރަކު މިތާކު ނުވެއް ތިބެވޭނެ.. ޖައުފަރު ގެންގުޅޭ ޚާއްސަ ޑޮކްޓަރަށް އަހަރުމެން އައިކަން އެނގުމުގެ ކުރިން މިތަނުން ދާން ޖެހޭނެ.. އެހެންވީމަ ޝާޔާގެ މައިންބަފައިންނަށް ވީ ގޮތް އަވަހަށް ކިޔައިދީ، ރަޝީދުބެ މިތަނަށް ގެނެވުނު ގޮތް ކިޔައިދީ.. ދެން ނޭނގެ އަހަރުމެންނަކަށް މިތަނަށް އެހެން ފަހަރަކުން އާދެވޭނެކަމެއް..” އަހަރެން އެއްފައްޗަކަށް ސުވާލުތައް އަމުނައިލީމެވެ. ޝާޔާވެސް އިނީ އޭނާގެ މަންމަމެންނަށް ވީ ގޮތެއް އޮޅުންފިލުވާލަން ބޭނުންވެފައެވެ.

“އަޑު އަހާ..” ރަޝީދު ކިޔައިދޭން ފެށިއެވެ. “އެކޮއެ މަންމައާއި ބައްޕައަކީ މާފަންނު ޝައިންގޭ ނާޝިދު އާއި ޝާއިރާ..” ރަޝީދު އެ ޖުމްލަ އިވިފައި އަހަރެންގެ ހުރިހާ އިސް ތައްޓެއް ކޮޅަށް ޖެހުނެވެ.

“ދޮގުނަހަދާ.. އެކްސިޑެންޓަގަ މަރުވި މާލޭގެ މުއްސަނދި ވިޔަފާރިވެރިޔާ އަކީ ޝާޔާގެ ބައްޕަތަ..؟” އިޝީ އެހެން ބުނިއިރު އޭނާވެސް ހުރީ ހައިރާންވެ އަންތަރީސްވެފައި ކަން އެނގުނެވެ. ޝާޔާއަކަށް އެއީ ކޮންބައެއްކަން ނޭނގެއެވެ.

“ދެން ޖައުފަރު ކިހިނެއް..” އަހަރެންނަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެންގެ ސިކުނޑި ވަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ.

“އަހަރެން މާލެއައިސް ވަޒީފާއެއް ހޯދަން އުޅޭނިކޮށް ރައްޓެއްސެއް ހޯދަދިން ވަޒީފާއެއް އެއީ.. އެގޭގެ މަސައްކަތު މީހެއްގެ ވަޒީފާ.. އޭރު ޝާއިރާ ބަނޑުބޮޑު، ނާޝިދުގެ ބައްޕަ އޭރު ނިޔާވިތާ ދެތިން އަހަރެއް ވެއްޖެ. ފާތިނާ އަކީ ނާޝިދުގެ ދޮންމަންމަ.. އެކޮއެގެ ދޮން މާމަ..” ޝާޔާއަށް އިޝާރާތް ކުރަމުން ކިޔައިދިނެވެ. ” ނާޝިދުގެ ބައްޕަ ޝާކިރަކީ އެ ވިޔަފާރި ފަށައިގެން އެހިސާބަށް ގެންދިޔަ މީހާ.. އޭރު މާލޭގަހުރި އެންމެ މުއްސަނދި މީހުންގެ ތެރޭގަ އެއާއިލާ ހިމެނޭނެ.. ޝާކިރު މަރުވުމާއިއެކު ވިޔަފާރިތަކާއި ހުރިހާ މުދަލެއްގެ ހައްގުވެރިޔަކަށް ވީ ނާޝިދު.. ޖައުފަރަކީ ފާތިނާގެ ކުރީގެ ފިރިމީހާއަށް ލިބުނު ދަރިފުޅު، ޖައުފަރަކީވެސް ނާޝިދާއި ދާދިއެއްފަރައިގެ ކުއްޖެއް.. އެކުއެކީގަ އުޅެ ބޮޑުވި ދެމީހުން އެއީ.. އެކަމަކު ޖައުފަރާއި ނާޝިދު ހާސްބައި ތަފާތު، ނާޝިދަކީ ބޮޑެތިމީހުންނަށް އިހްތިރާމްކުރާ އުޅުންރަނގަޅު ދީލަތި ކުއްޖެއް.. ޖައުފަރަކީ އޭގެ އިދިކޮޅު.. އެކަމަކު އެޢާއިލާގެ ތެރޭގަ ޖައުފަރާއި ފާތިނާ އުޅޭއިރު ހީވަނީ އެފައިސާއަކީ އެމީހުންގެ އަމިއްލަ އެއްޗެއްހެން.. އެފައިސާތަކުން ނާޝިދުމެންނަށް ވުރެ ބޮޑަށް އެކި ކަންކަމަށް ހަރަދު ކުރަނީ އެދެމައިން..”

“ބޭބެ އެގެއަށް މަސައްކަތްކުރަން ދިޔަފަހުން ނާޝިދު އާއި ޝާއިރާ ބޭބެއާއި ދޭތެރޭ ކަންތައްކުރީ ވަރަށް ހެޔޮކޮށް ހީވަނީ ބޭބެގެ ނުއުފަންނަ ދަރިންހެން.. ބޭބެއަކީ އެގޭ ނޯކަރެއްގެ ގޮތުގައި ދުވަހަކުވެސް ނުދެކޭ.. އެކަމަކު ފާތިނާއަކީ ނިކަން ޒީލަގަދަ އަނަހެނެއް.. ވަރަށް ދަހި މީހެއް.. އެކަމަކު ނާޗިދުމެންގެ ކުރިމަތީގަ ވަރަށް ހެޔޮފުޅުވެގެން އުޅޭނެ..”

“ކޮންމެއަކަސް ކޮންމެވެސް ވަރަކަށް ބޭބެއަށް ޝައްކުވި ފާތިނާއާއި ޖައުފަރު ސިއްރު ސިއްރުން ކަމަކާ މަޝްވަރާ ކުރާކަން.. ބައެއްފަހަރު ވާހަކަ ދައްކަން ތިބޭއިރު އެތަނަށް ދެވޭ އިރަށް ހުއްޓާލާނެ.. ހީވަނީ ކަމެއް ބޭބެއަށް ނާންގަން ސިއްރުކުރާހެން..” ބޭބެއަކީ އެގޭ ނޯކަރު އެއީ ސާހިބުން އެހެންވީރު ބޭބެއަކަށް ނޯންނާނެތާ ސުވާލުކުރުމުގެ ހައްގެއް.. އެހެންވެ އަޅާނުލާ ހުރެވުނީ..”

“ޝާއިރާ ވިހަން އިންޑިޔާއަށް ދިޔަދަތުރު އަޑިއަޑިން ވަރަށް ބައިވަރުކަންތައް ތައްތަކެއް ނިންމާ ބައިވަރު ފައިސާތަކެއް ބައެއްކަށް ދީ ކަންތައް ކުރާކަން އެނގިގެން އެއްދުވަހު ބޭބެ ފާރަލީ.. އެދުވަހު ފާތިނާ ޖައުފަރާއި ވާހަކަ ދައްކަނިކޮށް އަޑު އިވުނު.. މިހެން އަބަދަކު އަހަރުމެންނަކަށް ނޫޅެވޭނެޔޭ.. މާދަމާވެސް އަހަރުމެން މިގެއިން ނެރެލާއިރަށް ޖެހޭނީ ހުސް އަތާ ނިކުމެގެންދާށޭ.. އަހަރުމެންނަށް މި މުއްސަނދިކަމުގެ އެއްވެސް ފައިދާއއެއް ކުރާނީ މި ވިޔަފާރި އަހަރުމެންގެ އެއްޗަކަށް ހެދުނިއްޔާއޭ.. އަނެއްކާ މިފަހަރު އެދިޔައީ މި ވިޔަފާރިން ބައިއަޅާނެ ބޮލެއް އިތުރު ކުރާށޭ.. އޭގެ ކުރިން އެދެމީހުންގެ ދުވަސް ދުއްވާލަން ޖެހޭނެޔޭ.. ”

“އެހިސާބަށް ފާތިނާ ބުނުމުން ޖައުފަރު ބުނި މަންމަ އެކަމާ ހާސް ނުވާށޭ.. މިފަހަރު މާލެ އަންނަ ގޮތަށް ދާންޖެހޭނީ ކައްވަޅަށޭ.. މިހާރު އޭނަ ނާޝިދާއި އޭނާގެ ޢާއިލާ މަރުވެއްޖިއްޔާ ހުރިހާ މުދަލަކާއި ވިޔަފާރިއެއް އޭނާގެ ނަންމައްޗަށް ބަދަލުކުރުމުގެ ކަންތައްތައް ލޯޔަރަކާއި ހަވާލުކޮށްފީމޭ.. ހަނީފަކީ އެކަމަށް އެންމެ ކުޅަދާނަ މީހާއޭ.. އަނެއްކާ އެ މައްސަލަ ބަލަން އިންނަ ޖަޖު ގަފޫރަށްވެސް މިހާރު ވާނީ އޭނަގެ މަސައްކަތުގެ އެޑްވާންސް ދީފައޭ.. އެކަމަކު އެމީހުންނަށް އެކަންތައް ކާމިޔާބު ވާނީ ނާޝިދުގެ ދެމަފިރިންނާއި އެކު ދަރިވެސް މަރާލެވިއްޖިއްޔާއޭ..” އެވާހަކަތައް ކިޔައިދެމުން ދިޔަ ރަޝީދުގެ ލޮލުން ކަރުނައަންނަމުން ދިޔައެވެ. އެވާހަކަ ތައް އަޑުއަހަން އިން ޝާޔާގެ ޙާލު އެއަށްވުރެ ދެރައެވެ. ޝާޔާގެ މައިންބަފައިން އެއްވެސް ކުށަކާއި ނުލާ ހަމައެކަނި އެމީހުންގެ ފައިސާގެ ދަހިވެތި ކަމުގަ މަރައިލި ވާހަކަ އަޑުއަހަން ޝާޔާއަށް ފަސޭހަ ވާނެހެއްޔެވެ؟ އެފަކީރު ހިތުގައި އަޅަމުންދާނެ ވޭން އަހަރެންނަކަށް އިޙްސާސްވެސް ކޮށެއް ނުލެވޭނެއެވެ.

“އަހަރެންނަށް އެވާހަކަތައް އަޑުއިވި ގަތްބިރުންނާއި ސިހުނު ވަރުން ފަހަތަށް ޖެހިލެވުނު ވަގުތު އެތާހުރި މާވަށިގަނޑު ވެއްޓި ތެޅުނީ.. އަހަރެން ދުއްވައިގަތްތަން އެމީހުންނަށް ފެންނާނެ.. އެދެމީހުން އަހަރެންނަށް ބަލަމުން ހެމުންދިޔަ.. އަހަރެންނަށް އަޑު އިވުނަސްވެސް އެމީހުންނަށް އެއްވެސް ފަރުވާލެއް ނެތްކަހަލަ.. އަހަރެން އެ ދިޔަގޮތަށް ގޮސް އެއްކުރެވިފަ ހުރި ލާރިން ހުންނާނެ ކޮޓަރިއެއް ކުއްޔަށް ހިފީ.. އަހަރެންނަށް ނާޝިދަށް މިޚަބަރު ދެވޭނެ އެއްވެސް ގޮތެއް ނެތް.. އަހަރެން ބެލީ ނާޝިދު މާލެ އަންނަ ދުވަހު އެޔާރޕޯރޓު ތެރެއިން ބައްދަލުކޮށް އެވާހަކަ ބުނެ އެމީހުންނަށް އިންޒާރުކުރަން..

އެކަމަކު އެމީހުންގެ ރޭވުން މާވަރުގަދަވެފަ ހުޝިޔާރު.. އަހަރެން ހޯދަން އަހަރެންގެ ފަހަތުން ބަޔަކު ފޮނުވި.. އަހަރެންނަށް އެމީހުންނަށް ނުފެނި އެޔާޕޯޓަށް ދެވުނީވެސް ވަރަށް ހާލުން.. އޭރު އެތާނގަ ފާތިނާއާއި ޖައުފަރު ތިބި ނާޝިދުމެން ލަފާތަނަށް ގޮސް.. އެމީހުން ހެވިފައި ސަލާންކޮށްފައި ފެރީއިން އެމީހުންނާއި އެކު އައި.. ބޭބެއަށް ޖެހުނީ ދެން ދާ ފެރީއަކުން ދާން މަޑުކުރަން.. މާލެއަށް ދެވުމުން ނާޝިދުގެ ދެމަފިރިންނާއި ދަރިފުޅު ވަކި ކާރެކަށް އެރުވި، އަދި ފަހަތުން އެމީހުން އެހެން ކާރަކަށް އެރުވި.. ކާރެއް ލިބުން ލަސްވިކަން އެއީ ކާކުގެ ނަސީބެއްކަމެއް ނޭނގެ.. ބޭބެ އައި ފެރީ، ލަފަން ކައިރިވިފަހުން އެމީހުންނަށް ނައްޓާލެވޭ ވަރު ވީ.. ފެރީއިން ފޭބުނުހާ އަވަހަކަށް ބޭބެ ދުވެފައި ދިޔައީ ކާރު ދާނެކަމަށް ބެލެވޭ މަގުން.. ކުއްލިއަކަށް އަޑުފައްގަނޑެއް އިވިގެން އެދިމާލަށް ދިޔައިން.. އޭރު މީހުންތައް އެއްވެގެން އުޅުނު.. އަހަރެންނަށް ދެވުނުއިރު ލޯޑަރެއްގެ ދަތްގަނޑު ދަށުވެފަ އޮތް ކާރު ވަށައިގެން މީހުން ތިބި.. އޭރު ކާރުވަށއިގެން މީހުންތިބި.. ތަންކޮޅެއް ދުރުގަ ފާތިނާމެންގެ ކާރު މަޑުކޮށްލައިގެން ކުޅިބަލަން ތިބި.. އަހަރެން ދުވެފަ އެކާރާއި ދިމާލަށް ގޮސް މީހުންތަކުގެ ތެރެއިން އެނތެރެއަށް ދެމިގަތްތަން ޖައުފަރުމެންނަށް ފެންނާނެ.. ކާރު ވަށައިގެން މީހުންތިބީ ސިފައިން އަންނަންދެން އަޅާވެސް ނުލާ.. އަހަރެން އަވަހަށް އެކާރުގެ ދޮރު އެމީހުންގެ އެހީއާއިއެކު ހުޅުވިން.. އޭރު ލޯޑަރުގެ ދަތްގަނޑު ދަށުވެ ކާރުތެރޭތިބި އެންމެންގެ ބޯ ވަނީ ޗިސްޗިސް ވެފަ..” ރަޝީދުގެ ލޯމައްޗަށް އެމަންޒަރު ސިފަވި ކަހަލައެވެ. ޝާޔާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އިހާނެތި މަރުގެ ވާހަކައިން ޝާޔާގެ ހިތްފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ޝާޔާ ތެދުވި ގޮތަށް އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އޭރު ޝާޔާއަށް ގިސްލެވެއެވެ.

-ނުނިމޭ-

1
2
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 27 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

3 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [27]“

  1. ާަ
    ޢޯން … ކޮންކަހަލަހިސާބަކުން ތިނިންމާލީ… ވަރައްރީތ މިބައި

    1

    0
  2. .އަނެއްބާ.ކޮންއިރަކު.އަވަހައް އަޕްކޮދޭ.ތި.ވަރަށް ރީތި މިވާހަކަ.

    0

    0
  3. .ކޮބާތަ އަނެއްބާ އަވަސްކޮއް އަޕް ކޮއްބަލަ.ކިޔާ.ހިތުންހުރެވެނީކީނޫ

    0

    0

Leave a Reply

Your email address will not be published.