ހިތާމަ ލޯބީގެ

އިސްކު ( 11 )

” ހަސަން. ކަލޭ ކައިރީ ވެސް އަހަރެން ވާހަކައެއް ބުނަން ބޭނުން. އެއީ މިކަމުގައި އަހަރެން ކަލޭމެން އެއްވެސް މީހެއްގެ އެހީއެއް ބޭނުން ނޫން ވާހަކަ. މިކަމުގައި އަހަރެން ކުރިޔަށް ދާނީ އަހަރެން އެކަނި. އެހީއެއް ބޭނުން ވެއްޖެނަމަ އެހީ ހޯދާނީ އަތީލް ކައިރިން. އަހަރެން މިކަން ކުރާނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ. ” އިނާ ހާމަކުރީ އޭނަ ބޭނުންވާ ގޮތެވެ.

” އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” ހަމަޖެހޭގޮތް ދައްކާލަމުން ނާއިޒް ބުންޏެވެ.

” އަހަރުމެން ކަންތައް ކުރާނީ އިނާ ބުނާގޮތަށް. ” އިނާގެ ވާހަކައާ ގުޅުވައިގެން ހަސަން ބުންޏެވެ.

ލަންމާގެ މަރުގެ ކަންތަކުގައި ނާއިޒްގެ ފަރާތުން ކޯޓަށް ދާގޮތަށް އިނާ ހަމަޖެހި އެކަމާއިގެން ކުރިޔަށް ދިއުމަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރަން ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު އިނާ އާއި އަތީލް ދިޔައީ އިނާމެން މަސައްކަތް ކުރާ އޮފީހަށެވެ. އިނާ ގެންގޮސް އޮފީހަށްލުމަށްފަހު އަތީލް ދިޔައީއެވެ.

އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ޕޮލިސްސްޓޭޝަނަށް އިނާ ދިޔައީ ރީސާމާއި ބައްދަލު ކޮށްލާށެވެ. ލަންމާގެ މަރުގެ މައްސަލާގައި، ރީސާމް ވެސް އެދުނު ފަދައިން ނާއިޒްގެ ފަރާތުން ކޯޓަށް ދަނީ އޭނާކަން ރީސާމަށް އަންގާލާ ބައެއް ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާލާށެވެ.

ޕޮލިސްސްޓޭޝަނަށް ގޮސް އިނާ އެދުނު ފަދައިން ރީސާމާއި ބައްދަލު ކުރެވޭނެގޮތް އެތަނުން ހަމަޖައްސައި ދިނެވެ.

ރީސާމާއި ބައްދަލު ކުރުމަށްޓަކައި އިނާ ގޮސް ރީސާމްގެ އޮފީހަށް ވަތްއިރު މޭޒުކައިރީގައި ރީސާމް އިނެވެ. ރީސާމަށް އިނާ ފެނުމާއިއެކު މަރުޙަބާ ކިޔަމުން އިށީނުމަށް ބުނެ ގޮނޑިއެއް ދެއްކިއެވެ.

” ރީސާމް! ކަލޭގެ ހުށަހެޅުން އަހަރެން ގަބޫލުކޮށްފިން … ތިޔަ މައްސަލާގައި ނާއިޒްގެ ފަރާތުން ކޯޓަށްދާނީ އަހަރެން. ” ރީސާމް ދެއްކި ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން އިނާ ބުންޏެވެ.

” އާން. ރަނގަޅު. ތިކަމުގައި އަހަރެން ކީއް ކޮށްދޭންވީ ؟ ” އިނާއަށް ބަލާލަމުން ރީސާމް ވާހަކަ ދެއްކިއެވެ.

” ކަލޭގެ ކައިރިން ކަމަކަށް އެދިގެން ކާކު އަންނާނީ ؟ އަހަރެން ބުނާން މިއުޅެނީ އަބީދުގެ މައްސަލާގައި ކަލޭ ކަންތައް ކުރިގޮތަށް މިފަހަރު …. ” އިނާ ބުނާން އުޅުނު ޖުމްލަ މެދުކަނޑާލީ ރީސާމް ވާހަކަ ދައްކާން ފެށުމުން ނެވެ.

” އެ ނުބައި މީހާ މަރުވީ އަމިއްލައަށް. ނަސީބެއްނު އޭނާ އަމިއްލައަށް މަރުވިކަން. އެހެންނޫނީ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އުޅޭނީ އެހާލެއްގަ. ނާއިލްއަކީ ކުޑަކުޑަކޮށް ކިޔަވައިގެން ހުރި މޮޅު ލިޔުންތެރިއެއް. ކުރިއަރަމުން އަންނަ ޒުވާން ވިޔަފާރި ވެރިއެއް. ވިސްނޭ މީހެއް. ކަލޭ ވެސް އޭނާއަށް ވިސްނައިދީ. އަހަރެންނާއި ވާދަނުކޮށް ކުށް ގަބޫލުކުރުމަށް ބުނޭ. ފަހަރެއްގައި ވެދާނެ ޤާނޫނުތައް އޭނާއަށް ނޭނގެނީ ކަމަށް ވެސް. ” ހިތްހަމަ ނުޖެހުމާއިއެކު ވާހަކަ ދައްކަމުން ދިޔަ ރީސާމް އޭނާގެ ވާހަކަތައް ނިންމާލީ އިނާއަށް ބަލާލަމުން ނެވެ. އޭނާގެ ކާމިޔާބަށް ހިނިތުން ވެލިއެވެ.

” ޤާނޫނުގެ ކަންތައް ކަލެއަށް ވުރެ ބޮޑަށް އަހަރެންނަށް އެނގޭ. ކަލޭ ވިސްނައިގެން ހުރޭ. ނާއިލްއަކީ ކުށްވެރިއެއް ނޫންކަން ސާބިތުވާފަދަ އެއްވެސް ލިޔުމެއް ކަލޭ ފޮރުވައިގެން ހުރެއްޖެނަމަ ޤާނޫނު ނަންބަރު …. ” އިނާ ވާހަކަ ދައްކާ ނުނިމެ ނީސް ރީސާމް ވާހަކަ ދައްކާން ފެށިއެވެ.

” ހުއްޓާލާ. ކަލޭ ކޮންމެހެން އަހަރެންނަށް ޤާނޫނު ކިޔާދޭނެ ކަމެއް ނެތް. ދެކަމެއް އަހަރެން ހަނދާން އެބަހުރި. އެއް ކަމަކީ ކަލޭ. އަނެއް ކަމަކީ ޤާނޫނީ ފޮތްތަކެއް އެބަހުރިކަން. އަހަރެންނަށް އެނގޭ އެވަގުތަކު ބޭނުން ކުރާނީ ކޮން އެއްޗެއްކަން. ” މަލާމާތުގެ ބެލުމަކުން އިނާއަށް ބަލާން ހުރެ ވާހަކަދައްކަމުން އެއްމިޔަކަނުން ރީސާމް ހީލިއެވެ.

” ޤާނޫނީ ކަންކަމަށް ކަލޭ ވަރަށް ޝައުޤުވެރިކަން އެބަހުރި ދޯ ؟ ކަލޭ ބޭނުން ކަމެއް ނާއިޒަށް ކުރޭ. އޭނާ އަކީ ކުށްވެރިއެއް ނޫނިއްޔާއި އޭނާ ގޮވައިގެން އަހަރެން ދާނީ ކަލޭގެ ކުރިމަތިން. ބަލާން ހުރޭ. މިއީ އަހަރެންނާއި ކަލޭގެ ކުރިމަތި ލުމެއް. ” ރީސާމްގެ ކުރިމަތީގައި ފަސް ނުޖެހޭފަދަ ވަރުގަދަ އަޒުމެއްގައި ހުރި އިނާ އޭނާގެ ނިންމުން އިއްވިއެވެ.

ރީސާމްއާ ދިމާއަށް އެހެން ބުނެފައި އިނާ ނުކުމެގެން ދިޔައީ ހިނިތުންވުމާއި އެކުގައެވެ. ރީސާމް އިނީ ހައިރާންކަމާއިއެކު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ނެވެ.

ލަންމާގެ މަރުގެ މައްސަލާގައި ނާއިޒްގެ ފަރާތުން ވަކާލާތު ކުރުމަށް ހަމަޖެހިފައިވާ އިނާ އެކަމާއިގެން ކުރިޔަށް ދިއުމަށްޓަކައި ނާއިޒްގެ ފަރާތުންނާއި އެހެނިހެން ފަރާތްތަކުން ވެސް ހޯދާންޖެހޭ މަޢުލޫމާތު ހޯދާ އެއްކުރަމުން ދިޔައެވެ. ބޭނުން ވާވަރަށް މަޢުލޫމާތު ލިބެމުންދާތީ އިނާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

އިނާ އާއި ނާއިޒް އެކިފަހަރު އެކިތަނުން ބައްދަލުވަމުން ނާއިޒްގެ ހަޔާތުގެ ވާހަކަތައް އިނާއަށް ކިޔައިދެމުން ދިޔައެވެ.

ހުކުރުދުވަހުގެ ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. އިނާ އާއި ނާއިޒް ވާހަކަދައްކަން ތިބީ ރަށުގެ އަތިރިމަތީގައި ހުރި ޖޯލިފަތިތަކުން ޖޯލިފައްޗެއްގަ އެވެ. މާދުރުނޫން ހިސާބަކުން ވަރަށް ރީތިކޮށް މޫދާއި ކަނޑު ފެންނާން އޮތްއިރު، ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ހުކުރު ދުވަހަކީ މަދަރުސާތައް ބަންދު ދުވަހަކަށް ވާތީ ވަރަށް ގިނަ ކުދިން މޫދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

” އަހަރެންނާއި ލަންމާ ބައްދަލުވީ އަހަރުމެން ދެމީހުންގެ ރަހުމަތްތެރި ފާތުންގެ ފަރާތުން. އެދުވަހަށްފަހު އަހަރެންނަށް ލަންމާ ވަރަށް ކަމުދިޔަ. އަދި އޭނާގެ ކޮންމެ ހަރަކާތަކީ އަހަރެންނަށް ވަރަށް މުހިންމު އެއްޗަކަށްވި. އޭގެފަހުން އަހަރެން މަސައްކަތް ކުރަމުންދިޔައީ ލަންމާއާ ގާތް ގުޅުމެއް އުފެއްދޭތޯ. އަހަރެންގެ ފަރާތުން ލަންމާއަށް ވެސް ކޮންމެ ވެސް މުހިންމު ކަމެއް ފެނުނީ ކަންނޭނގެ. އަހަރެން އެދެމުންދިޔަ އެދުން ލަންމާ ގަބޫލުކުރި. އަހަރެމެންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް މާގިނަ ދުވަހެއް ނުވެ އަހަރެމެން ކައިވެނި ކުރީ. އޭގެ ކުރިން އޭނާގެ ދޮންބައްޕަގެ ނުބައި ނުލަފާކަމުން ލަންމާގެ މަންމަ މަރާލި. އަދި ލަންމާ މަރާލަން ވެސް އުޅުނު. އެކަންތައްގަނޑު ފަޅާއަރާ ދޮންބައްޕަ ޖަލަށްލި. މާލޭގައި ހުރި ގެ ވިއްކާލާފައި އަހަރެމެން ހުޅުމާލެއަށް ބަދަލުވީ އެގޭގައި ދިރިއުޅުމަކީ ލަންމާއަށް ކެތްވާވަރުގެ ކަމަކަށް ނުވާތީ. އެހިތާމަތަކާއި ހިތްދަތިކަމާއި ލަންމާ ދުރަށް ގެންދަން އަހަރެން ބޭނުންވީ. ހުޅުމާލޭގައި ވެސް އަހަރެމެން އުޅުނީ ވަރަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް. ” ނާއިޒް ވާހަކަދައްކަމުން ދިޔައީ ހިތާމަ އާއި ހިތްދަތި ކަމާއި އެކުގައެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

އޮއްސުނު އިރާއިއެކު ވިދާ ގުގުރާ ބާރުވަޔާއިއެކު ވެހެން ފެށި ވާރޭ ދިހައެއް ޖަހަން ވީއިރު ވެސް ހުއްޓައި ނުލައެވެ. އިނާ އާއި އަތީލް ތިބީ އިނާމެންގޭ ފެންޑާތެރޭގައި ކޮންމެ ވެސް ވާހަކައެއް ދައްކާށެވެ. ކުޑަދޮރުތައް ލައްޕާފައި ހުރި ނަމަވެސް ދޮރުފޮތިތައް ކަހާލާފައި ހުރުމުން ވަރަށް ރީތިކޮށް ބޭރު ފެންނާން އޮތެވެ. އިނާ އިނީ މޭޒުކައިރީގައި އިށީނދެގެން ކޮންމެ ވެސް އެއްޗެއް ލިޔަން ނަމަވެސް އަތީލް ހުރީ ކުޑަދޮރުކައިރީގަ ކޮޅަށެވެ.

ސިއްސައިގެން ގޮސްފައި ކަހަލަގޮތަކަށް ވަރަށް ޝައުޤުވެރިކަމާއިއެކު އަތީލް ބޭރު ބަލާލުމުން އިނާ ވެސް އަވަސް އަވަހަށް އެދިމާއަށް ބަލާލިއެވެ. ކުރަމުން ދިޔަ ގަދަ ވިއްސާރައަށް ސަމާލުކަމެއް ނުދީ ތެމިފޯވެގެން އައި ނާއިޒް ފެނުމުން އިނާ އާއި އަތީލް ވަރަށް ހައިރާންވި އެވެ. މަޑުމަޑުން ތެދުވެގެން ދޮރާއި ދިމާއަށް އިނާއަށް ދެވުނީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ.

” ނާއިޒް! ކިހިނެތްވީ ؟ ” ދޮރު ހުޅުވާލާ ނާއިޒަށް ބަލާލަމުން އިނާ އެހިއެވެ.

އިނާ ސުވާލުކުރި ނަމަވެސް ނާއިޒް ޖަވާބެއް ނުދިނެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިނާއާ ދިމާއަށް އަންނާން ފެށިއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް އިނާ ހުއްޓައި ނާއިޒް އައިސް ހިފެހެއްޓީ އިނާގެއަތުގަ އެވެ. ސިއްސައިގެން ގޮސްފައި އިނާއަށް ބަލާލެވުނީ ނާއިޒްގެ މޫނަށެވެ. އިނާ ބަލާލިއިރު ނާއިޒް،ހުރީ އިނާގެ މޫނަށް ބަލަހައްޓައިގެން ކަމަށްވާތީ އެދެމީހުންގެ ހަތަރުކަޅި ހަމަވެ އިނާގެ ހަރަކާތްތަކަށް ހުއްޓުން އައެވެ. އިނާގެ އަތް ހިއްލާލައި އެއަތުގައި ނާއިޒް ބޮސްދިނުމާއެކު އިނާއަށް ލޯ މަރާލެވުނެވެ. މަސްތުން ފުރިފައިވާ ފަދައަކުން ލޯމަރާލައިގެން ހުރި އިނާގެ މޫނުގައި ފިރުމާލަމުން އޭނާގެ ތުންފަތުގައި ނާއިޒް ބޮސް ދިނެވެ.

ކުއްލިއަކަށް އިނާ ހަޅޭލަވައިގަތް އަޑަށް އަތީލް ދިޔައީ ސިއްސައިގެން ނެވެ. އަވަސް އަވަހަށް އަތީލް ބަލާލިއިރު އިނާ މޭޒުމަތީގައި ބޯއަޅައިގެން އޮވެފައި ތެދުވަނީ އެވެ.

” ހިހި ….. ކުޑަކޮށް ނިދުނީ. ” އަތީލަށް ބަލާލަމުން އިނާ ބުންޏެވެ.

އަތީލްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު އިނާ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ.

އެގޮތުން މިއަދު ވެސް އިނާ އާއި ނާއިޒް ތިބީ ނާއިޒްގެ ގޭގައެވެ.

” ކަލެ އާއި ލަންމާގެ މެދުގައި އެގޮތަށް ގުޅުން އޮތްކަމަށް ވަންޏާއި ކަލޭ އެކަމާމެދު ވިސްނާނެއެއްނު. ” ނާއިލަށް ބަލާލަމުން އިނާ ބުންޏެވެ.

” އަހަރެންގެ ހަޔާތަށް މިހާތަނަށް ގެނައި ހަމައެކަނި އަންހެން މީހާ އެއީ. އަހަރެން އެހެން އަންހެނަކާއި ދިމާއަށް ހަތަރުކަޅި ހަމަކޮށް ބަލާ ވެސް ނުލަން. ” ލަންމާ ދެކެ ނާއިޒް ވާ ލޯބި އިނާއަށް އަންގައިދޭން ނާއިޒް މަސައްކަތް ކުރިއެވެ.

” އެހެންވީރު ކަލޭގެ ވިސްނުން ހުރިގޮތަށްތަ ލަންމާގެ ވިސްނުން ހުރީ ؟ މިބުނީ ކަލެއެކޭ އެއްގޮތަށް އެހެން މީހަކާއި ގުޅުމެއް ނުބާއްވާތަ ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން އިނާ ސުވާލުކުރިއެވެ.

” އަހަރެންނަށް އެނގުމަކުން އެކަހަލަ ކަމެއް އޭނާ ނުކުރޭ. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނާއިޒް ބުނެލިއެވެ.

” އެ ކީއްވެ ؟ ” ކުއްލިއަކަށް ނާއިޒަށް ބަލާލަމުން އިނާ އެހިއެވެ.

” އެއީ އެކަހަލަ ކަމެއް އޭނާގެ ފަރާތުން ނުފެންނާތީ. އަދި އެކަހަލަ އަޑެއް ނީވޭތީ. ” ނާއިލް ޖަވާބު ދިނެވެ.

” އެހެންވީރު ކަލޭ އޭނާއަށް އައްޑިހަ އިންސައްތަ ވެސް އިތުބާރު ނުކުރޭ. ” ސީދާ ނާއިޒްގެ މޫނަށް ބަލާލަމުން އިނާ ބުންޏެވެ.

” އަހަރެންނަށް އިތުބާރު ނުކުރަނީ ކަލޭ. އެހެންވެ އެއްނު ތިހާ ގިނަ ސުވާލު ތިޔަ ކުރަނީ. ކަލެއަށް ހީވަނީތަ އަހަރެން ދޮގު ހަދައިގެން ވާހަކަ ދައްކަނީއޭ. ޝަކުވާ ކުރަނީއޭ. ކަލޭ ވެސް ހީކުރަނީތަ އަހަރެން އަހަރެންގެ އަންހެނުން މަރާލީ ކަމަށް. އަހަރެންނާއި ވާހަކަ ދައްކައިގެން ޙަޤީޤަތް ހޯދަން ބޭނުންވެގެންތަ ތިޔައުޅެނީ ؟ ” ހިތްހަމަ ނުޖެހުމާއިއެކު އިނާއަށް ބަލާން އިނދެ ނާއިޒް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑާއި ހަރަކާތުން ވެސް އެކަން ފާޅުވަމުން ދިޔައެވެ.

” އެހެންނެއް ނޫން. އަހަރެން ހަމަ އަހާލީ. ” ހަމަޖެހިލަމުން ބުންޏެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.

” ދެން. ނާހާ. އަހަރެންގެ ލޮލަށް ބަލާ. އޭރުން ކަލެއަށް އެނގޭނެ. ” ފަހަތުން އައިސް އިނާގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމާލަމުން ނާއިޒް ބުންޏެވެ. އެފަދަ ކަމަކާއިމެދު ނުވެސް ވިސްނާ ހުރި އިނާ ވިއްސައިގެން ކަހަލަ ގޮތަކަށް ގޮސް ނާއިޒްގެ ގައިގަ ޖެހުނެވެ.

” އަހަރެންގެ އަތަށް ތަދުވަނީ. ” އަވަސް އަވަހަށް އިނާ ބުންޏެވެ. އެއާއިއެކު އިނާގެ ގައިން ނާއިޒް ދޫކޮށްލިއެވެ.
ނުނިމޭ

2
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 11 )“

Leave a Reply

Your email address will not be published.