ހިތާމަ ލޯބީގެ

އިސްކު ( 16 )

” ދާން ބޭނުންވި ނަމަވެސް އަހަރެން ކޮންތާކަށް ދާނީ؟ ހައިރާންވާންވީ ކަލެއެއް ނޫން. އަހަރެން. ކަލޭ ތިހާ ތެދުވެރިކަމާއިއެކު އަހަރެންނަށް ކަންތައް ކޮށްދެމުންދާގޮތުން އަހަރެންނަށް ވަރަށް އަސަރުކޮށްފި. ފުރަތަމަ ފަހަރަށް އަހަރެންނަށް އިހުސާސް ވެއްޖެ އަހަރެންނަކީ ކުށްވެރިއެއް ނޫންކަން. ހިތް އެދެނީ ތިޔަ އޯގާތެރިކަމަށް. ތިޔަ އަސަރުގަދަ ލޮލުގެތެރެއަށް ގެއްލިދާން … އަހަރެން ކިހިނެތް ދުރައް ދާނި. އަހަރެން އަބަދު ވެސް މިހުންނަނީ އިނާ ގާތުގަ. މިހާރު ބޭނުން ވިޔަސް ބީހިލެވޭހާ ގާތުގަ. ޙަޤީޤަތުގައި ވެސް ތިހެން ފޯނުއަތްގަނޑު ހިފައިގެން ގޮނޑީގައި މާޔޫސްވެފައި އިނދެ އަހަރެންނަށް އިންތިޒާރުކުރާހެން ހީވަނީ. އަހަރެންގެ ހިތް އެދެނީ އަބަދު ވެސް އިނާ ގާތުގައި ހުންނަން. ” އަސަރާއިއެކު ނާއިޒް ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު އިނާގެ ލޮލުން ފޭދިގެން ދިޔައީ  އުފަލުން ނުވަތަ ހިތާމައިން ފޭދުނު ކަރުނަކަމެއް ނޭނގުނެވެ.

ފޯނުއަތްގަނޑު ބޭއްވުމަށްފަހު އިނާ ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލާލިއިރު ނާއިޒް ހުރީ އެގޭ ދޮރޯށި ކައިރީ ގައެވެ.

ނާއިޒް ފެނުމާއިއެކު އިނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައިރު ނާއިޒް ވެސް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

ދުވެފައި ކަހަލަގޮތަކަށް އިނާ ގޮސް ނާއިޒްއާ ބައްދަލުކުރި އެވެ. ދެމީހުން ވާހަކަ ދައްކަމުން ދައްކަމުން އެދިމާ އަތިރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

އިނާ ކޯޓަށް އައިއިރު އަތީލް އެތަނުގައި ހުއްޓެވެ.

އަތީލް އޭނާގެ އާދައިގެމަތިން މިއަދު ވެސް އިނާ އަތަށް ދިނީ ލިޔުންތަކެކެވެ. ބޮޑަށް ގަބޫލު ކުރެވެނީ އެއީ ލަންމާގެ މަރާއި ގުޅުންހުރި ލިޔުންތަކެއް ކަމުގައެވެ.

ނާއިޒްގެ ކިބައިން ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގައި ހިނިތުންވެފައިހުރި އިނާ އެލިޔުންތައް ހިފައިގެން ކޯޓަށް ވަދެގެން ދިޔައިރު އަތީލްއަށް ޝުކުރު އަދާކޮށްލަން ވެސް ހަނދާންނެތް ކަހަލަ އެވެ.

އިނާ ގޮސް ޝަރީޢަތް ކުރާ ބަޔަށް ވަތްއިރު ކޯޓްތެރޭގައި މީހުން ވަރަށް ގިނައެވެ. ކެމެރާމަނުންނާއި ނޫސްވެރިންގެ އިތުރުން ޝަރީޢަތް ބަލާލުމަށް އައިސް ތިބި މީހުންނެވެ. ތަނުގެ އަމާން އޮމާންކަން ބެލެހެއްޓުމަށް އައިސް ތިބި ޕޮލިހުން ވެސް މަދެއް ނޫނެވެ. ވަކީލުންނާއި ނާއިޒް ވެސް އެތަނުގައި އިނެވެ.

” އިސްގާޒީ! މިފަހަރު އަހަރެން މިގެންނަނީ ސުޖީތާ. ” އިސްގާޒީގެ ހުއްދައާއެކު ކޮޅަށް ތެދުވެ އިސްގާޒީއަށް ބަލާލުމަށްފަހު، އޭނާގެ އަތުގައިވާ ލިޔުންތަކަށް ބަލާލަމުން ސަރުކާރުގެ ވަކީލް ހަސީލް ވާހަކަ ދެއްކިއެވެ.

އެންމެން އެކުގައި ފަހަތަށް ބަލާލިއިރު ޒުވާންފުރައިގެ އަންހެން ކުއްޖަކު ފަހަތުން ތެދުވެގެން އަންނަނީ އެވެ. ކޮނޑުގަ ކުޑަދަބަހެއް އަޅުވާލައިގެން ހުރި ސުޖީތާއަކީ ބަލާލަން ރީތި ޒުވާނެކެވެ.

މަޑުމައިތިރި ހިނގުމެއްގައި ހިނގަމުން އައި ސުޖީތާ އައިސް ނާއިޒްމެނާއި ހަމަވުމާއިއެކު ނާއިޒަށް ބަލާލަމުން އެއީ ކާކުތޯ އިނާ ސުވާލުކުރި އެވެ. އަވަސް އަވަހަށް އޭނާގެ އަތުގައިވާ ލިޔުންތަކަށް ނަޒަރުހިންގާލިއެވެ.

ލިޔުންތައް ބަލާއި ނިމުމާއިއެކު ފުންމައިގެން ކަހަލަގޮތަކަށް އިނާ ކޮޅަށް ތެދުވެ ފުރުސަތަކަށް އެދުނެވެ.

” އިސްގާޒީ! އޭނާގެ ނަން މިއަދަށް ހުށަހަޅާފައެއް ނެތެއްނޫންތޯ؟ ” އަވަސް އަވަހަށް އިނާ ސުވާލުކުރި އެވެ.

” އޭނާގެނަން ކުރިން ހުށަހަޅާފައި ނެތީ އޭރުގައި އޭނާ އަންނަން އެއްބަސް ނުވާތީ. އެކަމަކު އޭނާއަކީ މިޝަރީޢަތަށް ވަރަށް މުހިންމު މީހަކަށް ވާތީ ޚާއްޞަ ކަންތައްތަކަކާއިއެކު އޭނަ ގެނެސްފައި އެހުރީ. ” އިނާގެ ސުވާލު ނިމުމާއިއެކު ހަސީލް ވާހަކަ ދެއްކި އެވެ. އޭނާގެ އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ އޭނައަށް ސުޖީތާ މުހިންމުވާ ވަރެވެ.

” މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ. ” ހަސީލަށް ބަލާލަމުން އިސްގާޒީ ބުންޏެވެ.

” އިނާ ބޭނުންވާ މަޢުލޫމާތު ހޯދަން ވަގުތު ދޭނަން. ” އިނާއަށް ބަލާލަމުން އިސްގާޒީ ބުނެލިއެވެ.

” ޝުކުރިއްޔާ! ” އިސްގާޒީއަށް ޝުކުރު އަދާކުރުމަށްފަހު އިނާ އިށީނެވެ.

” ކޮން އަންހެން ކުއްޖެއްތަ އެއީ؟ ” ނާއިޒަށް ބަލާލަމުން ނުތަނަވަސްކަމާއިއެކު އިނާ އެހިއެވެ.

” ރައްޓެއްސެއް. ” ސުޖީތާއަށް ބަލާލުމަށްފަހު އިނާއަށް ބަލާލަމުން ނާއިޒް ޖަވާބު ދިނެވެ.

” ކޮންކަހަލަ ރައްޓެއްސެއް؟ ” އަނެއްކާ ވެސް އިނާ ސުވާލުކުރި އެވެ.

” އެއީ …. އެއީ ހަމަ …. ރައްޓެއްސެއް. ” ނާއިޒް ޖަވާބު ދިނީ ނުތަނަވަސްކަމާއި އެކުގައެވެ.

އިސްގާޒީގެ ހުއްދައާއެކު ސުޖީތާ ގޮސް އޭނައަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގަ އިށީންދެ ހަމަޖެހެލި އެވެ.

ލަންމާގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރަމުންދާ ހަސީލް ތެދުވެގެން ގޮސް ސުޖީތާ ކައިރިއަށް ހުއްޓެމުން ސުވާލުކުރަން ފެށިއެވެ.

” މިއީ އެހާ މުހިންމު ސުވާލެއް ނޫން. އެކަމަކު ވެސް އުމުރު ބުނެލަދީބަލަ. ” ނާއިޒަށް ބަލާލުމަށްފަހު ސުޖީތާއަށް ބަލާލަމުން ހަސީލް ވާހަކަ ދެއްކިއެވެ.

” ސައުވީސް އަހަރު. ” ސުޖީތާ ބުނެލިއެވެ.

” ސުޖީތާއާ ނާއިޒްގެ މެދުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއް؟ ” ހަސީލް ސުވާލުކުރި އެވެ.

” ރަހުމަތްތެރިކަން. ” ސުޖީތާ ޖަވާބު ދިނެވެ.

” އަހަރެންނަށް ވެސް އެނގޭ ކަލޭމެން ދެމީހުންނަކީ ދެރައްޓެހިންކަން. އެކަމަކު އަހަރެން މިއަހަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރީގެ ވާހަކަ. ” ހަސީލް ސުވާލު ނިންމާލަމުން ނާއިޒަށް ބަލާލިއެވެ.

” އަހަރެމެން ދެމީހުން ….. އެކަކު އަނެކަކު ދެކެ ލޯބިވޭ. ” ލަސްލަހުން ސުޖީތާ ބުނެލި އެވެ.

” ދެމީހުން ވެސް ލޯބިވޭތަ؟ ” ސުޖީތާއާ ސުވާލު ކުރި ނަމަވެސް ނާއިޒަށް ބަލާލަމުން ހަސީލް އެއް ލޯ މަރާލިއެވެ. ހީވީ އޭނާއަށް އޭނާގެ މަޤްސަދު ހާސިލުވަނީ ހެންނެވެ.

” އާން. ” އިސްޖަހާލަމުން ސުޖީތާ ބުންޏެވެ.

” ކަލެއަށް ޔަގީންކަމާއިއެކު ބުނެވިދާނެތަ ދެމީހުން ލޯބިވާ ކަމަށް. މިހެން މިބުނީ ސުޖީތާ ލޯބި ވިޔަސް ފަހަރެއްގައި ނާއިޒް ދެކިދާނެ އެއްނު ރައްޓެއްސެއްގެ ގޮތުގަ. ” ހަސީލް ބަލާލީ ސުޖީތާގެ މޫނަށެވެ.

” އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ ….. ނާއިޒްގެ ފަރާތުން. އޭނަ އަހަރެން ކައިރީ އާދޭސް …. ކޮށްގެން އަހަރެން އޭނައާ ގުޅުނީ. ” ސުޖީތާއަށް ޖުމްލަ ފުރިހަމަ ކުރެވުނީ ރޮމުން ރޮމުން ނެވެ.

” އޭނަ ކަލޭގެ މަސްތުގައި ޖެހުމަށްފަހު، އެންމެ ފަހަރަކު ވެސް ބުނިތަ އޭނާގެ އަންހެނުން ވަރިކުރާ ވާހަކަ. އަހަރެންނަށް އިނގޭ މިވާހަކަތައް ދައްކަން ކަލެއަށް އުނދަގޫވާނެކަން …. އެކަމަކު މި ސަރީއަތަށްޓަކައި މިވާހަކަތައް ވަރަށް ވެސް މުހިންމު. ” ހަސީލް ބޭނުންވަނީ މިކަމުގައި ކުރިޔަށް ދިއުމަށްޓަކައި ހޯދަންޖެހޭ ކޮންމެ މަޢުލޫމާތެއް ހޯދާށެވެ.

” އޭނަ … އަހަރެންގާތު ބުނި. ލަންމާ ވަރިކޮށްފަ …. އަބަދުގެ އަބަދަށް އަހަރެން ކައިރިއަށް އަންނާނަމޭ. އެކަމަކު އޭނައަކަށް …. އެކަމެއް ނުވި. ލަންމާއާ ވަކިވެގެން އޭނައަށް …. އެ …. ތަނަވަސްކަމުގައި ނޫޅެވޭނެކަން އޭނާއަށް ވެސް އެނގޭ. ” ނާއިޒަށް ބަލާލުމަށްފަހު ކޯޓްތެރެއަށް ނަޒަރު ހިންގާލަމުން މަޑުމަޑުން ސުޖީތާ ވާހަކަ ދެއްކިއެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

ސުޖީތާގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

ސުޖީތާގެ ފަރާތުން އެއްވެސް ކަމެއް އޮޅުން ފިލުވާން ބޭނުންނަމަ އެކަމާއިގެން ކުރިޔަށް ދިއުމަށް އިނާއަށް ފުރުސަތު ދިނުމުން އިނާ ބުނީ ސުޖީތާގެ ފަރާތުން އެއްވެސް ކަމެއް އޮޅުންފިލުވާން ބޭނުންނުވާ ކަމަށެވެ. އެއާއެކު އެންމެންގެ ލޯތައް އޭނާއަށް އަމާޒުވެގެން ދިޔަ ނަމަވެސް އެކަމަކަށް އިނާ އަޅައެއް ނުލައެވެ.

ސުޖީތާއަށް ފަހު ހަސީލް ދެން ހާޒިރުކުރީ ޖިމާމް އެވެ. އުމުރުން ސައުވީހަކަށް އަހަރުގެ ޖިމާމްއަކީ މިހާރުގެ އަންހެންކުދިން އެންމެ ގަޔާވާފަދަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެދިހުރި ހަށިގަނޑެއްގެ ވެރިއެކެވެ. މިހާރުގެ ގޮތަށް ގަޔަށްބާރު ޓީސާޓެއްލައި ކަރުގައި ފަށެއް އަޅާފައި ހުރިއިރު ޒަމާނީ އެތައްކަމެއް އޭނާގެ ފަރާތުން ފާހަގަވަމުން ދިޔައެވެ.

ޖިމާމް ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ތަނުގައި ހަމަޖެހިލުމުން ހަސީލް ތެދުވެގެން އޭނާއާ ދިމާއަށް ދަމުން ވާހަކަދައްކާން ފެށިއެވެ.

” ޖިމާމް! ލަންމާ ދަންނަންތަ؟ ” ޖިމާމްއާ ދިމާއަށް އަންނަމުން ހަސީލް އަހާލިއެވެ.

” އާން. ” ޖިމާމް ބުނެލިއެވެ.

” އެއީ ކިހިނެތް؟ ” އަނެއްކާ ވެސް ހަސީލް އެހިއެވެ.

” ކުޅިވަރު އެކުވެންޏަށް ގޮސް އުޅުނު އުޅުމުގަ … އެހެން ނޫނަސް އެއީ އަހަރެންގެ އަމިއްލަކަމެއްނު. ” ޖިމާމް ޖަވާބު ދިނީ ހިތްހަމަ ނުޖެހުމާއި އެކުގައެވެ.

” ތިބުނާ ދިމާވުން ފަހުން ރަހުމަތްތެރިކަމަށް ބަދަލުވިއެއްނު؟ ” ހަސީލްގެ ސުވާލުތައް ކުރިޔަށް ދިޔައެވެ.

” އާން. އޭނައަށް އަހަރެން ރަނގަޅުވީ. ދެން އަހަރެންނަށް ވެސް އޭނަ ރަނގަޅުވީ. އެހެންވީމަ ދެންވާނީ ރައްޓެހިންނަށްކަން ކަލެއަށް ވެސް އެނގެއެއްނު. ” ހިނިތުންވެލަމުން ޖިމާމް ވާހަކަ ދެއްކިއެވެ.

” ތިބުނާ ރައްޓެހިކަމުގައި ކަލޭގެ އެނދާއި ހަމައަށް ވެސް ލަންމާ ގެންދިޔައީމެއްނު؟ ” ކުރިޔަށްވުރެ ޖިމާމާއި ގާތަށް ޖެހިލަމުން ހިނިތުންވުމާއިއެކު ހަސީލް އެހިއެވެ.

” ތިއީ އަހަރުމެން ދެމީހުންގެ އަމިއްލަކަމެއް. ” އެސުވާލަށް ޖަވާބުދޭން ޖިމާމް ބޭނުން ނުވީ ކަހަލަ އެވެ.

” ކަލޭ މިތަނުގައި އެއްވެސް ކަމެއް ސިއްރުކޮށްފިނަމަ ފަހުން ގެއްލުން ވެދާނެ. ” ހަސީލް މަސައްކަތްކުރީ ޖިމާމަށް އެއްޗެއް ވިސްނައިދޭން ކަންނޭނގެ އެވެ.

” އަހަރެން އަމިއްލައަށް އޭނައަކާ ގުޅުމެއް ނުބާއްވަން ….. އޭނާ ވެސް ބޭނުންވީ. ” ޖިމާމް ޖަވާބު ދެމުން ނާއިޒަށް ބަލާލި ނަމަވެސް ނާއިޒް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

” އޭނަ. ބޭނުންވަރަކަށް އޭނަ ބޭނުންކަމެއް ކޮށްދެންތަ؟ ކިހާ ދުވަހަކު އެހެން އުޅުނިންތަ؟ ” ހަސީލް އިތުރަށް އަހާލި އެވެ. ޖިމާމްއެކޭ އެއްފަދައިން ހަސީލްގެ ލޯ ވެސް މިފަހަރު އަމާޒުވީ ނާއިޒަށެވެ.

” އޭނަ ދިރިހުރިހާ ދުވަހަކު. ” ހަމަޖެހިލަމުން ޖިމާމް ބުނެލި އެވެ.

” ކަލެއަށް ވެސް އެނގެއެއްނު އެއީ މީހެއްގެ އަންބެއްކަން. ” ހަސީލް ބުނެލިއެވެ.

” އާން ….. އެކަމަކު ލަންމާ ބުނި އޭނަގެ ފިރިމީހަ އެހެން މީހެއްގެ ފަރާތުން އުފާ ހޯދަމުން އެމީހުނަށް ލޯބި ދެމުންދާއިރު އޭނައަށް ލޯބި ނުދެވެންވީ ކީއްވެހޭ. ” ޖިމާމް ވާހަކަ ދެއްކީ ލަންމާގެ ދިފާއުގަ އެވެ.

” ތިކަންތައް ތިޔަށްވުރެ ސާފުކޮށް ބުނެދީފާނަންތަ؟ ” ހަސީލް ބޭނުންވީ އެކަންތައް ތަފްސީލުކޮށް އޮޅުން ފިލުވާށެވެ.

” ލަންމާ އަހަރެންގާތު ބުނި ނާއިޒް ވަރަށް ގިނަ ރޭރޭ އަންހެންކުދިން ކައިރިއަށް ދެޔޭ. ފުރަތަމަ ވެސް އޭނަގެ ވާހަކަތަކުން އެކުއްޖާގެ ހިތް ލަންބާލައޭ. އަދި ގެއާއި ފިހާރަތައް ދައްކާ އޭނަގެ ތަނަވަސްކަމުގެ ވާހަކަދައްކައޭ. މާދަނޑަށް ގެންގޮސް ލޯބީގެ ޅެންތަކާއި ލަވަތައް ކިޔައިދީ އޭނާގެ ލޯބީގެ ދަލުގައި ޖައްސައޭ. އަދި އަވަސް އަވަހަށް ކޮންމެ ވެސް ކުލީކޮޓަރިއަކަށް ގެންދެއޭ. ” ލަންމާ ކިޔާދީފައިވާ ވާހަކަތައް ހަނދާން ކުރަމުން ޖިމާމް ކިޔައިދެމުން ދިޔައެވެ.

” ހަމަ ސީދާ ކޮޓަރިއަށް؟ ” ހައިރާންކަން އެކުލެވިފައިވާ ފަދައަކުން ހަސީލް އަހާލިއެވެ.

” އާން. ” ހިނިތުންވުމާއިއެކު ޖިމާމް ބުނެލިއެވެ.

” ލަންމާއަށް ތިޔަ ހުރިހާކަމެއް އެނގޭއިރު ވެސް ވަރިވާ ވާހަކައެއް ނުދައްކާތަ؟ ތިއީ އަޖައިބެއްނު؟ ” ހަސީލް ސުވާލު ކުރަމުން ނާއިޒަށް ބަލާލީ އޭނާގެ ކާމިޔާބަށް ހިނިތުންވަމުން ނެވެ.

” އޭނަ އެއްފަހަރަކު ބުނި ވަރިވާން ބޭނުމޭ …. އެކަމު އެހުރިހާ މަސައްކަތަކީ ވެސް އޭނާގެ ފައިސާއިން ފަށާފައިވާ މަސައްކަތްތަކެކޭ ވެސް ބުނި. އޭނަ ވަރިވެއްޖެނަމަ ނާއިޒްގެ ފަރާތުން އޭނައަށް އެކައްޗެއް ވެސް ނުލިބޭނެކަން އޭނައަށް ވެސް އިނގޭ. ” މާޒީއަށް އިޝާރަތްކޮށް ޖިމާމް ވާހަކަ ދެއްކިއެވެ.

ޖިމާމްގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދާ ނިމުނުއިރު، ޝަރީޢަތް ކުރިޔަށް ގެންދިއުމަށް މިއަދަށް ހަމަޖައްސާފައިވާ ވަގުތު ހަމަވުމުން ޝަރީޢަތް މެދުކަނޑާލި އެވެ. އަދި ދެން ޝަރިޢަތް  އޮންނާނެ ތާރީހާއި ގަޑި އިޢުލާނު ކުރިއެވެ.

ކޯޓުން ނުކުމެގެން އަތިރިމައްޗާއި ދިމާއަށް އިނާ ހިނގައިގަތްއިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދަނީ މާޔޫސްކަމާއި ހިތާމައިގެ ކުލަވަރެވެ. އޭނައަށް ގޮވަމުން އޭނާގެ ފަހަތުން ނާއިޒް އައި ނަމަވެސް އެކަމަކަށް އިނާ ސަމާލުކަމެއް ނުދެއެވެ. އޭނާ ހިނގަމުން ދިޔަގޮތަށް ދިޔައެވެ.                                            ނުނިމޭ

0
1
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 16 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 16 )“

Leave a Reply

Your email address will not be published.