ހިތާމަ ލޯބީގެ

އިސްކު ( 14 )

” އޭނާގެ ސަބަބުން އަހަރެންނަށް ކަމެއް ވެއްޖެތަ؟ އެ ގާތިލްގެ ސަބަބުން އަހަރެންނަށް ގޮތެއް ވެއްޖެތަ؟ ” އަތީލްގެ ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.

” ކަލޭ ތިހެން ގޮސް އެނދުމަތި ކުރަން ޖެހޭވަރު ނުވާތި. ކަލޭގެ ލޮލާއި މޫނު އަދި މުޅިހަށިގަނޑަށް ނަޒަރު ހިންގާލުމުން ކިތަންމެ ރަނގަޅަކަށް ވެސް އެނގޭ އޭނާގެ ސަބަބުން ކަލޭގެ އެތެރެހަށި އަނދަމުން ދާކަން. އެކަމުގެ ސަބަބުން ކަލޭ ބޭނުން ވަނީ ކުށެއް ނުކުރާ މީހެއް ކުށްވެރިއަކަށް ހަދަން. ކަލޭގެ އަމިއްލަ އިހުސާސްތައް މިކަމާއި އެއްކުރަނީ. ” އިނާ ވާހަކަ ދެއްކީ ނުރުހުމާއި އެކުގައެވެ. އަތީލްގެ އެވާހަކަތަކުގެ ސަބަބުން އިނާ ހިތްހަމަ ނުޖެހުނެވެ.

” މަށެއް ނޫން މިދެކަންތައް އެއްކުރަނީ. ކަލޭ އަމިއްލައަށް ބަލާބަލަ ކަލެއަށް. ކަލޭ ތިޔަ ހުންނަނީ މިމައްސަލަ ލިބުމުން މޮޔަ ވެފައި. ކަލެއަށް ނޭނގޭ ވާނުވާ ވެސް. ” ރުޅިއައިސްފައި ހުރި އަތީލް އޭނާގެ ގޮތުގައި ކުރިޔަށް ދިޔައެވެ. އޭނާ މަސައްކަތް ކުރަމުން އެދަނީ އިނާއަށް އެއްޗެއް ވިސްނައިދޭންހެން ވެސް ބައެއް ފަހަރު ހީވެއެވެ.

” މާނައަކީ ކޮބާ؟ ” ހިތްހަމަ ނުޖެހިފައިވާ އިނާ އަހާލިއެވެ.

” އޭނާ މަސައްކަތް ކުރަމުންދަނީ ކަލޭ މިކަމުގެ ތެރޭގައި ތާށިކޮށްފައި ވެސް އޭނާ ސަލާމަތް ވާން. ކަލެއަކަށް ތަނެއް ދޮރެއް ނޭނގޭ. ” އަތީލްގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވެއެވެ.

” އަހަރެންނަކީ ވަކީލެއް. ކުށެއް ނެތް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޤުރުބާން ވާކަށް އަހަރެން ޖެހިލުމެއް ނުވޭ. އެކަމަކު ….. މިދާއިރާއިން ކަލޭ ދަސްކުރި އެއްޗެތި ކޮބާ؟ ސަރީއަތް ފެށުމުގެ ކުރިން ކަލޭ ތިޔަ މައްސަލަ ނިންމާލީ. ” ހަމަޖެހޭގޮތް ދައްކަމުން، އިނާ ވާހަކަ ދެއްކީ އަތީލް ހަމައަކަށް އަޅުވަން މަސައްކަތް ވެސް ކުރަމުން ނެވެ.

” ތިގޮތަށް ކަލޭ ހަޅޭލަވައިގެން އަހަރެން ލައްވާ އެއްޗެތި ކިޔުވާކަށްނު ތިޔަ އުޅެނީ. ކަލެއަށް ވަމުންދާގޮތް ކަލޭ ދެކިބަލަ. ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެ؟ ކަލޭ އޭނަ ދެކެ ލޯބިވާތީއެއްނު ތިޔަވަރުން ތިޔައުޅެނީ؟ އެކަމުގެ ސަބަބުންނެއްނު ތިހާވަރު ވެފައި ތިޔަހުރީ؟ ” އައިސްފައިވާ ރުޅީގައި އަތީލް ވާހަކަ ދެއްކިއެވެ.

” ނިމުނީތަ؟ ދެން މަގޭ ވާހަކަ އަޑުއަހާ. ކަލޭ އަހަންނާއި އެކުގައި މިސަރީއަތާއިގެން ކުރިޔަށް ދަންޏާއި އަހަރެންގެ ވާހަކަ އަޑުއަހަން ޖެހޭނެއެއްނު. ކަލޭ ވެސް ހަނދާން ކުރަން ޖެހޭނެ އަހަރެމެން މިކަން މިކުރަނީ އޭނާގެ ޙައްޤުގައިކަން. ކަލޭ މިގޮތަށް ނުދެކެންޏާއި އަހަރެން އެކަނި ނަމަވެސް އޭނާއަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނަން. ” އިނާ އޭނާގެ އެންމެފަހުގެ ނިންމުން އިއްވިއެވެ.

ހިތްހަމަ ނުޖެހުމާއިއެކު އިނާއާ ދިމާއަށް އެތައް އެއްޗެއް ކިޔުމަށްފަހު ރުޅިވެރިކަމާއިއެކު އިނާއަށް ބަލާލަމުން އަތީލް ގޮސް އެގެއިން ނުކުމެއްޖެ އެވެ. ހައިރާންކަމާއިއެކު އަތީލަށް ބަލަހައްޓައިގެން ހުރިއިރު އިނާގެ ފަރާތުން ފެންނަމުންދަނީ ހާސްކަމުގެ އަސަރު ތަކެވެ. ކަންބޮޑުވުމުގެ ކުލަވަރެވެ.

ލަންމާގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޤާނޫނީވަކީލު ހަސީލް އެވެ. ޒުވާން ވިޔަފާރިވެރިޔާ އަދި ވައިލެޓްއޮންލައިންގެ އެޑިޓަރ މުޙައްމަދު ނާއިޒްގެ ފަރާތުން ޖަވާބުދާރީ ވުމަށް ހަމަޖެހިފައިވަނީ އޭނާގެ ޤާނޫނީ ވަކީލް އިނާނަތު ސަހީރު ( އިނާ ) އެވެ.

ހުށަހެޅިފައިވާ މައްސަލައިގެ ބޮޑުކަމުން ހުރިހާ މީޑިއާއެއްގެ ނަޒަރު އަމާޒު ވެފައިވަނީ ކޯޓަށެވެ. ސަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ ނުވައެއް ޖަހާއިރު ނަމަވެސް ނުވައެއް ޖެހުމުގެ ކުރިން މީޑިޔާތަކުން އައިސް އެހިސާބު ކަވަރު ކުރަން ފެށިއެވެ.

ނޫސްވެރިން ފާރަލަމުން ދިޔައީ ނާއިޒާއި އޭނާގެ ޤާނޫނީ ވަކީލް އިނާއަށް ނަމަވެސް އެމީހުންގެ ފަރާތުން މީޑިޔާގެ ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ. މީޑިޔާއިން ކުރަމުންދިޔަ ސުވާލުތަކަށް ސަމާލުކަމެއް ނުދީ ނާއިޒާއި އިނާ ކާރުން ފައިބާގެން ދިޔަގޮތަށް ގޮސް އޭނާ ވަނީ ކޯޓަށެވެ. ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބު ނުލިބުނު ނަމަވެސް ކެމެރާމަނުންނާއި ވީޑިއޯ ކުރާ ފަރާތްތަކުން އެފަރާތަކުން ބޭނުންވާ ވަރަށް ފޮޓޯ ނަގާ ވީޑިއޯ ކުރިއެވެ.

މީހުންތައް ދުރަށްޖައްސަމުން ޖާގަހޯދަމުން ޕޮލިހުންގެ އެހީތެރިކަމާއިއެކު ކޯޓަށް ވަދެގެން ދިޔަ ނާއިޒާއި އިނާ ސިއްސައިގެން ދިޔައީ އެތަނުން އަތީލް ފެނުމުން ނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި އިނާއަށް ހިނިތުން ވެލެވުނެވެ. އަތީލް ވެސް ހިނިތުންވެލިއެވެ.

ނާއިޒް ގޮސް ކޯޓަށް ވަނުމުން އިނާ ދިޔައީ އަތީލްއާ ދިމާއަށެވެ.

” ތިޔަހުރީ ދެރަވެފައިތަ؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.

” އާން. ” އަތީލްގެ ސުވާލަށް ޖަވާބު ދެމުން އިނާ ބަލާލީ އަތީލްގެ މޫނަށެވެ.

” އަހަރެން ކަލޭ އެކަނި ދޫކޮށެއް ނުލާނަން. މިއީ އަހަރެންނަށް ވެސް މަޖުބޫރުކަމެއް ކަމުގައި ބަލާ. އަހަރެންނަށް މަޢާފުކުރޭ. ” ސަލާންކުރަން އަތް ދިއްކޮށްލަމުން އަތީލް ވާހަކަ ދެއްކިއެވެ.

” މަޢާފު ކޮށްފިން. ހިނގާ ދާން. ” އަތީލްއާ ސަލާން ކޮށްލަމުން އިނާ ވާހަކަ ދެއްކިއެވެ.

އިނާ އާއި އަތީލް ދިޔަގޮތަށް ގޮސް ވަނީ ކޯޓުގެ ސަރީއަތްކުރާ ބަޔަށެވެ.

ލަންމާގެ މަރުގެ ސަރީއަތް ހިނގަމުންދާގޮތް ލޮލުން ދެކި އަތުން ހިފުމަށް ވަރަށްގިނަ ބަޔަކު ކޯޓަށް ޖަމާވެފައި ވެއެވެ.

ސަރީއަތުގެ މަޖުލިސް ފެށުމާއިއެކު ކޯޓްތެރޭގެ ހަމަހިމޭންކަން އިތުރުވެގެން ދިޔައެވެ. ކޮންމެ މީހަކު ވެސް ބޭނުންވީ ދެކެވެމުންދާ ވާހަކަތައް އެންމެ ރަނގަޅަކަށް އަޑުއަހަން ކަންނޭނގެ އެވެ.

އިސްގާޒީގެ އެދިލެއްވުމާއިއެކު ލަންމާގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ބަޔާން ސަރުކާރުގެ ވަކީލް ހަސީލް އިއްވާން ފެށިއެވެ.

” މިމައްސަލާގައި ދައުލަތުގެ ފަރާތުން ހޯދި ހޯދުންތަކާއި މިހާތަނަށް ކުރެވުނު މަސައްކަތުން ތައްޔާރުކޮށްފައިވާ ބަޔާން މިއިއްވަނީ. ޑިސެމްބަރ ހަތްވަނަ ދުވަހުގެރޭ ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ މަރިޔަމް ލަންމާގެ މަރުގެ ގާތިލަކީ ނާއިޒް. އޭނާ އެކަން ކުރުމަށްފަހު އަމިއްލައަށް އަނިޔާއެއް ލިބިގެން ހޮސްޕިޓަލަށް ދިޔައީ. އޭނާ އެބުނާ އޭނާއަށް އަނިޔާކޮށް ފޭރުނު މީހުން މިހާތަނަށް ފެނިފައެއް ނުވޭ. ސައްކުކުރެވޭ ބަޔަކު ވެސް ނޫޅޭ. ނާއިޒް ހަދަނީ މުޅިން ދޮގު. ލަންމާ މަރާލީ ނާއިޒް. އޭނާއަށް ލިބިފައިވާ ތަނަވަސްކަމާއި އިއްޒަތާ ޤަދަރު ހޯދައިގެން އެއުޅެނީ ލަންމާގެ މައިންބަފައިންގެ ތަނަވަސްކަމުންނާއި ފައިސާއިން. އެހުރިހާ އެއްޗެއް އަމިއްލަކުރަން އޭނާ އެކަންކުރީ. އެތަކެތީގެ ޙަޤީޤީ ހައްގުވެރިއަކީ ލަންމާ. ފައިސާއަށް ދެވި ހިފުމަކީ މަސްތުވާ ތަކެއްޗަށް ދެވިހިފުން ކަހަލަ ކަމެއް. އެންމެ ފަހަރަކު ވެސް އެކަމަށް ދެވި ހިފައިފިނަމަ އެކަމާއި ދުރަކަށް ނުދެވޭނެ. އެމީހާ އަމިއްލައަށް ހަލާކުވެ ދާނީ. އަހަރެމެން ކުރިމަސައްކަތުން އެތައްކަމެއް އެނގުނު. ލަންމާގެ މަރުގެ މައްސަލައިގެ ކުރިން ލަންމާ އާއި ނާއިޒްގެ މެދުގައި ވަނީ އެތައް މައްސަލައެއް އުފެދިފަ ވަރިފަށަށް އަރާފަ. އެހެނަސް ލަންމާ ވަރިކޮށްފިނަމަ ނާއިޒް އެހުރި ގޮތަށް އޭނާ އަކަށް ނުހުރެވޭނެ. އެހެންވެ އޭނާގެ ކަރުގައި އެޅެންއޮތް މަޅިން އަބަދުގެ އަބަދަށް ސަލާމަތްވީ. އަހަރެން ސަރުކާރުގެ ވަކީލެއްގެ ހައިސިއްޔަތުން އޭނާ އަކީ ކުށްވެރިއެއްކަން ސާބިތު ކޮށްދޭނަން. އެންމެ ކުޑަމިނުން އޭނާއަށް މަރުގެ ހުކުމް އިއްވަން އަހަރެން އެދެން. ” ސަރުކާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ބަޔާން އިއްވައި ނިންމާލުމަށްފަހު ހަސީލް ގޮސް އޭނާއަށް ހާއްސަކޮށްފައިވާ ގޮނޑީގަ އިށީނެވެ.

ދައުލަތުގެ ފަރާތުން އިއްވި ބަޔާނަށް ނާއިޒްގެ ފަރާތުން ޖަވާބުދާރީ ވުމަށް އިނާ ކޮޅަށް ތެދުވިއެވެ.

” އިސްގާޒީ. ނާއިޒްއަކީ ކުއްވެރިއެއް ނޫން. އަހަރެން މިއީ ނާއިޒްގެ ޤާނޫނީވަކީލް އިނާ. އަހަރެން އެކަން ސާބިތުކޮށްދޭނަން. ޝުކުރިއްޔާ. ” އިސްގާޒީއަށް ބަލާލަމުން އެހެން ބުނުމަށްފަހު އިނާ ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

އިނާގެ މިޢަމަލުގެ ޙަޤީޤަތް ނޭނގޭ މީހުންތައް ހައިރާންކަމާއިއެކު އަވަސް އަވަހަށް ވާހަކަދައްކާން ފެށިއެވެ. އެންމެން އެއްފަހަރާ ވާހަކަދައްކާން ފެށުމުން ކިޔާނުކިޔާ އެއްޗެށް ސާފުވާވަރެއް ނުވެއެވެ. ނުތަނަވަސްކަމާއިއެކު އިނާއަށް ބަލަހައްޓައިގެން ނާއިޒް އިންއިރު އިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ކޯޓަށް ހާޒިރުވި އިރެކޭ އެއްފަދައިން މިހާރު ވެސް އިނާގެ ފަރާތުން ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރު ތަކެވެ.

އިނާގެ އެޢަމަލުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު ހަސީލާއި ރީސާމް އަދި ޖިނާނު ވެސް ތިބީ ނުހަނު ހިތްހަމަ ޖެހިފައެވެ.

ކާމިޔާބު ލިބުނީކަމުގެ ފުރިހަމަ އުންމީދުގައި ހަސީލްމެން އުފާކުރަމުން ދިޔައިރު ކޮންމެ ވެސް ނޯޓެއް ތައްޔާރު ކުރުމާއިގެން މަޝްޣޫލްވެ އިނާ އިނެވެ.

ނާއިޒަކީ ކުށްވެރިއެއްކަމުގައި ބުނެ ހަސީލް ދައްކަމުންދިޔަ ވާހަކަތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، އިސްގާޒީގެ ހުއްދައާއެކު ހަސީލް ގޮވާލީ މާޒިނާ އަށެވެ.

އާންމުންގެ ތެރޭގައި އިށީނދެލައިގެން އިން، ނުހަނު ރީތި އެހާމެ ފުރިހަމަ މާޒިނާ ތެދުވެގެން އޭނާއަށް ހާއްސަ ކުރެވިފައިވާ ދިމާއަށް ދިޔައެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވަނީ މާޒިނާ އަށެވެ. މިހާރުގެ ޒުވާނުން ބޭނުންކުރާ ކަހަލަ ގަޔަށްބާރު ޓީސާޓަކާއި ޖިންސެއްލައިގެން ހުރި މާޒިނާގެ ކޮނޑުގައި އަތްދަބަހެއް އަޅުވާލާފައި އޮތެވެ.

ވަރަށްފަރި އެހާމެތުއި ހިނގުމެއްގައި މާޒިނާ އައިސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެލި އެވެ. އިނާ ވެސް މާޒިނާއަށް ބަލާލިއެވެ.

” މާޒިނާ! ދާދިފަހުން މަރުވި ލަންމާއާ ކަލެއާ އޮތީ ކޮންގުޅުމެއް؟ ” މާޒިނާގެ ކުރިމައްޗަށް ހުއްޓެމުން ހަސީލް ސުވާލު ކުރިއެވެ.

” އެއީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް. އޭނަ އަހަރެންނާމެދު ދެކެނީ ކޮއްކޮއެއް ފަދައިން. ” މާޒިނާ ޖަވާބު ދިނެވެ.

” ކަލެއާ މެދު ކޮއްކޮއެއް ފަދައިން ދެކެމުން އައި ލަންމާ އޭނާގެ ފިރިމީހާ ނާއިޒްއާ  ބެހޭގޮތުން ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއްކަން ބުނެދީފާނަންތަ؟ ” ކޯޓްތެރެއަށް ނަޒަރު ހިންގާލަމުން ހަސީލް އަހާލިއެވެ.

” އޭނާގެ ފިރިމީހާއާމެދު އޭނާ އުފަލެއްނުވޭ. އޭނާގެ ފިރިމީހާ އޭނާދެކެ ލޯބި ނުވާކަން އޭނާއަށް އެނގޭ. އޭނާ ބުނި ނާއިޒް މިހާރު އުޅެނީ އެހެން އަންހެންކުއްޖަކާއި އަޅައިގަނެގެންނޭ. ” ލަންމާގެ ފަރާތުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އެހީގައި މާޒިނާ ވާހަކަ ދެއްކިއެވެ.

” ދެން އެހެން ވާހަކައެއް ނުދައްކާތަ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ހަސީލް އެހިއެވެ.

” އުނހު. އެއްދުވަހަކު ބުނި ވަރަށް އަވަހަށް ނާއިޒް ގާތުން ވަރިވާނަމޭ. ” ކޯޓުތެރެއަށް ބަލާލަމުން މާޒިނާ ބުންޏެވެ.

” ވަރަށްބޮޑަށް ޝުކުރިއްޔާ! މާޒިނާ. ” ހަސީލް ބުނެލިއެވެ.

މާޒިނާއާ ދެތިން ސުވާލެއް ކޮށްލުމަށްފަހު މާޒިނާގެ ފަރާތުން ޖަވާބު ލިބުމުން އޭނާއަށް ޝުކުރު އަދާކުރުމަށްފަހު ހަސީލް ގޮސް އިށީނެވެ.

ހަސީލް ގޮސް އިށީނުމުން އިނާ ތެދުވެގެން ގޮސް މާޒިނާގާތަށް މަޑުކުރިއެވެ. އަދި ވަރަށް ޝައުޤުވެރިކަމާއިއެކު މާޒިނާއަށް ބަލާލަމުން ވާހަކަދައްކާން ފެށިއެވެ.

” ނާއިޒް ކައިރިން ލަންމާ ވަރިވާ ވާހަކަ ދެއްކީ ކޮންއިރަކު؟ ” އިނާ ސުވާލުކުރީ ސީދާ މާޒިނާއަށް ބަލާން ހުރެއެވެ.

” ތާރީހެއް ހަނދާނެއްނެތް. އެކަމަކު އެއީ އޭނާ މަރުވުމުގެ މަހެއްހާ ދުވަސް ކުރިން. ” ކުޑަކޮށް ވިސްނާލުމަށްފަހު މާޒިނާ ޖަވާބު ދިނެވެ.

” ކަލެއަށް ޔަގީންތަ؟ ” ޔަގީންކޮށްލުމުގެ ގޮތުން އިނާ އަހާލިއެވެ.

” އާން. ” މަޑުމަޑުން މާޒިނާ ބުނެލިއެވެ.

” އަހަރެންނަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވުމުގެ ދެމަހެއްހާ ދުވަސް ކުރިން ކަލެއާ ގުޅުން ކަނޑާލި. މިއީ ދޮގެއްތަ؟ ” އިނާ ވާހަކަ ދައްކަމުން ދައްކަމުން ހަސީލާއި ރީސާމަށް ބަލާލިއެވެ.

” ތިއީ ދޮގެއް … ގުޅުމެއް ނުކަނޑާ. ފޯނުން ވާހަކަދައްކަން. ތަންތަނަށް ގޮސް ބައްދަލުކުރަން. ” އިނާގެ ވާހަކަތައް އެއީ ޙަޤީޤަތް ނޫންކަން ހާމަ ކޮށްދިނުމުގެގޮތުން މާޒިނާ ވާހަކަ ދެއްކިއެވެ.
ނުނިމޭ

1
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 14 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.