ހިތާމަ ލޯބީގެ

އިސްކު ( 21 )

ކޮންމެ ވެސް ވަރަކަށް ހާސްވެ ނުތަނަވަސްވެފައި ހުރެގެން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ނެގުމަށްފަހު ބެޑްޝީޓް އެކަބަޑަށް ލިޔެވެ. އަދި ޓައިޕްރޭޓަރ މޭޒުމަތީބަހައްޓައި އެތަނުން ކަރުދާސްގަނޑެއް ލައްވައި ޓައިޕްރޭޓަރ ޓެސްޓްކޮށްލި އެވެ. އަވަސް އަވަހަށް އަކުރުތައް ޓައިޕްކުރަމުން ދިޔަ އިނާއަށް ސީނު ފެނުމާއިއެކު ބިރުން ތުރުތުރުލައިގެން ދިޔައެވެ. މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އިތުރުވެގެން ދިޔައިރު ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ.

އިނާއަށް ރޮވެން ފެށިއިރު ރީސާމް ދެއްކިވާހަކަތައް އިވިއިވި ހުރިހެން ވެސް ހީވަމުން ދިޔައެވެ. އިނާގާތު ރީސާމް ބުނި ފަދައިން ކާކުކަން ނޭނގޭހެން އިނާއަށް ސިޓީ ފޮނުވަމުން ދިޔައީ ނާއިޒްކަން އިނާއަށް ޔަގީންވިއެވެ. އިނާއަށް ލިބެމުންދިޔަ ސިޓީ ތަކެކޭ އެއްފަދައިން މި ޓައިޕްރޭޓަރުން ޓައިޕްކުރި އެއްވެސް ސީނެއްގެ ފަހަތުބައެއް ނެތެވެ. ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ނިންމައި އިނާ ބަލާލީ ނާއިޒްގެ ޚަބަރެއް ވޭތޯއެވެ.

ނާއިޒް ފާޚާނާއިން ނުކުންނަން އުޅޭކަމުގެ އިޝާރާތެއް ފެންނަން ނެތުމުން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ހިފައިގެން ދުވެފައި ބޭރަށް ނުކުތެވެ. ޓެކްސީއަކަށް އަރައި ޓައިޕްރޭޓަރ ބައިންދަމުން އޭގެމަތީ ދޯޕައްޓާގެ އެއްކޮޅު އަޅާލިއެވެ. ހާސްވެ ނުތަނަވަސް ވެފައިހުރި އިނާ އަވަސް ހަރަކާތްތަކަކާއިއެކު ޓެކްސީގެ ދޮރުލައްޕަން އުޅެނިކޮށް ނާއިޒް އައިސް ދޮރުފަތުގައި ހިފަހައްޓާލި އެވެ. އޭރު ވެސް އިނާ އިނީ ވަރަށް ހާސްވެ ނުތަނަވަސް ވެފައެވެ.

” ކިހިނެތްވީ؟ ……… ހާދަ ހާސްވެފައި އިން ހެން ހީވެޔޭ. ކޮންތާކަށް ތިޔަދަނީ؟ ” އިނާއަށް ބަލާލަމުން ނާއިޒް ވާހަކަ ދެއްކިއެވެ.

” އަހަރެން ހަނދާން ނެތުނީ … ވަރަށް މުހިންމު ބައްދަލުވުމެއް އެބައޮތް. ” މޫނުމައްޗަށް ހަމަޖެހުން ވެރިކުރެވޭތޯ މަސައްކަތް ކުރަމުން އިނާ ވާހަކަދެއްކި އެވެ.

” އޭރުން އަހަރެމެންގެ މެންދުރުގެ ކެއުމަށް ކިހިނެތް ވާނީ؟ ” ނާއިޒް އަހާލި އެވެ.

” މަޢާފްކުރޭ ނާއިޒް! އަހަރެން ފަހުން ގުޅާނަން. ” އިނާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

އިނާގެ އިޝާރާތާއިއެކު ޑުރައިވަރު ޓެކްސީ ދުއްވާލި އެވެ. ޓެކްސީ ގޮސް ލޯކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ނާއިޒް ހުރިއިރު، ޙަޤީޤަތް ފަޅާއެރުމުގެ ކުރިން ނާއިޒްގެ އަތްދަށުން ސަލާމަތް ވެވުނީތީ އިނާ އިނީ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.

ޓައިޕްރޭޓަރ ގެންގޮސް އެނދުމަތީ ބޭންދުމަށްފަހު އިނާ އަވަސް އަވަހަށް ގޮސް ފާޚާނާބަޔަށްވަދެ ފެންވަރާލީ ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވާލައި ސިކުނޑިއަށް ހަމައަކަށް އަޅުވާލުމަށް ޓަކައެވެ.

ފެންވަރާ ތާޒާވެލައިގެން ނުކުތް ނަމަވެސް އިނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މާޔޫސްކަމާއި ނުތަނަވަސްކަމަށް، ހާސްކަމާއި ކަންބޮޑުވުމަށް ލުޔެއް ނުލިބުނެވެ. ވަގުތުތައް ފާއިތުވަމުން ދިޔައިރު ދެން ހަދާނެގޮތެއް ވެސް މުޅިއަކުން ނުނިންމުނެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ފެންޑާ ގޮނޑިސެޓްގައި އޮށޯވެލައިގެން އޮތް އިނާ ތެދުވީ ފޯނު ރިންގްވާން ފެށުމުންނެވެ.  ތެދުވެގެން ގޮސް ފޯނު ނަގަމުން ހެލޯ ގޮވާލުމާއިއެކު އެކޮޅުން ވާހަކަދައްކަން ފެށީ ނާއިލެވެ.

” އިނާ! ….. އަދިވެސް ބައްދަލުވުން ނުނިމޭތަ؟ ” އަވަސް އަވަހަށް ނާއިޒް އަހާލިއެވެ.

” އާން. ” މަޑުމަޑުން އިނާ ބުނެލި އެވެ.

” އިނާ! ކަލޭގެ އިހުސާސްތައް ކިޔައިދީބަލަ …. ކަލޭ ދިޔަތާ އަދި މާގިނައިރެއް ނުވޭ. އެކަމަކު އަހަރެންނަށް ހީވަނީ ކަލެއާ ވަކިން އަހަރެން އުޅޭތާ މަހެއްހާ ދުވަސް ވެއްޖެހެން. އަހަރެން އިނާ ދެކެ ހާދަ ލޯތްބެއްވެޔޭ ….. ހާދަ ހަނދާނެއް ވެޔޭ. ” ޢިޝްޤީ މަސްތީ ރާގެއްގައި ނާއިޒް ވާހަކަ ދައްކަމުން ދިޔައެވެ.

” މިގަޑީ ވަރަށް ބިޒީ … އަހަރެން ފަހުން ގުޅާނަން. ” ހާސްކަމާއި ނުތަނަވަސްކަން ސިއްރުކުރަން މަސައްކަތް ކުރަމުން އިނާ ބުންޏެވެ. އިނާ ބޭނުންވަނީ އަވަހަށް ފޯނު ބާއްވާށެވެ.

” އަހަރެން ދާނަން އަށެއް ޖަހާއިރު އިނާ ބަލާ. ރޭގަނޑުގެ ކެއުމަށް ތައްޔާރުވެގެން ހުރޭ. ” ނާއިޒް ދަޢުވަތު ދިނެވެ.

” މިރެއަކު ނޫން … އެހެން ރެއަކުން ދާނީ. ” އެހެން ބުނުމަށްފަހު އިނާ ފޯނުކަނޑާލީ ނާއިޒަށް އިތުރު ފުރުސަތެއް ނުދިނުމަށް ޓަކައެވެ.

އެހާ އަވަހަށް އިނާ ފޯނު ބޭއްވުމުގެ ސަބަބުން ނާއިޒް ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދޭގޮތް ވިއެވެ.

އިނާގެ އެޢަމަލުތަކުގެ ސަބަބުން ހައިރާންވެ ސުވާލު އުފެދުނު ނާއިޒަށް ކޮންމެ ވެސް އެއްޗެއް ވިސްނުނީ ކަންނޭނގެ އެވެ.

މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ވަރަށް ޝައުޤުވެރިކަމާއިއެކު މުޅިކޮޓަރިތެރެ ބަލަން ފެށިއެވެ. ކަބަޑުގެ ބޭރަށް ފެންނަންއިން ބެޑްޝީޓްގެކަން ފެނުމާއިއެކު ނާއިޒްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް މާޔޫސްވާގޮތް ވިއެވެ.

ނާއިޒް އަވަސް އަވަހަށް ގޮސް ކަބަޑު ހުޅުވާލަމުން ބެޑްޝީޓް ނެގިއިރު ޓައިޕްރޭޓަރ ނެތުމުން ހައިރާންވި އެވެ.

ކުއްލިއަކަށް އިނާއަށް މިއައި ބަދަލުގެ އަސްލަކީ އޭނައަށް ޓައިޕްރޭޓަރ ލިބުމާއި އޭގެ އަސްލު އެނގުންކަން ނާއިޒަށް ވިސްނުނެވެ. ނާއިޒްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ.

ޕޮލިސްޝްޓޭޝަނަށް ގުޅައިގެން ރީސާމާއި ބައްދަލު ނުވުމުންނާއި ރީސާމްގެ މޯބައިލްފޯނު ނިވާލާފައި އޮތުމުން އިނާ މަސައްކަތް ކުރަމުން ދިޔައީ ދިރާގަށް ގުޅައިގެން ރީސާމްގެ ގޭގެ ނަންބަރު ހޯދާށެވެ.

ދިރާގުން ލިބުނު ނަންބަރަށް އިނާ ގުޅަމުންދާތާ މާގިނައިރެއް ނުވަނީސް އިނިސްޕެކްޓަރ ރީސާމް ފޯނު ނަގައި ސަލާން ގޮވާލިއެވެ.

” އިނިސްޕެކްޓަރ ރީސާމް! ކަލޭ ދެއްކި ހުރިހާ ވާހަކައެއް ވެސް ރަނގަޅު. އަހަރެންނަށް ކާމިޔާބު ލިބުނަސް ކާމިޔާބެއް ނެތް …. ނާއިޒް ދަސްކުރުމުގައި އަހަރެންނަށް ހަނދާން ނެތުނީ. ކުށްވެރިއަކު ސަލާމަތްކޮށްގެން އަހަރެންނަށް ވަރަށްބޮޑު ކުށެއް ކުރެވިއްޖެ. އޭނާގެ ހިލާފު ހެކިތައް އަހަރެންނަށް ލިބިއްޖެ ….. އެޓައިޕްރޭޓަރ އަކުން އަހަރެންނަށް ސިޓީތައް ފޮނުވި ޓައިޕްރޭޓަރ އަހަރެންނަށް ލިބިއްޖެ. މިހާރު އަހަރެން މިއުޅެނީ އެހިފައިގެން ކަލޭ ކައިރިއަށް ދާން. ” ހާސްކަމާއިއެކު އަވަސް އަވަހަށް އިނާ ވާހަކަދެއްކި އެވެ.

” އަހަރެން މިދަނީ ސްޓޭޝަނަށް. އެ ހިފައިގެން ކަލޭ އާދޭ އެތަނަށް. ” އެހެން ބުނުމަށްފަހު ރީސާމް ފޯނު ބޭއްވިއެވެ.

އިނިސްޕެކްޓަރ ރީސާމާއި ވާހަކަދައްކާލުމަށްފަހު އިނާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނީ ޓައިޕްރޭޓަރ ހިފައިގެން ޕޮލިސް ސްޓޭޝަނަށް ދިއުމަށެވެ.

ކޮޓަރިއަށް ވަންނަމުން އިނާ ބަލާލީ އެނދާއި ދިމާއަށެވެ. އެނދުމަތީގައި ބަހައްޓާފައި އޭނާ ބޭރަށް ނުކުތް ޓައިޕްރޭޓަރ އެތަނުގައި ނެތުމުން އިނާއަށް ލިބިގެން ދިޔައީ ވަރަށްބޮޑު ހައިރާން ކަމެކެވެ. ސުވާލު އުފެދި ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އަވަސް އަވަހަށް ކޮޓަރިތެރެ ހޯދާން ފެށުނެވެ.

ދިހަވަރަކަށް މިނިޓް މަސައްކަތްކޮށް ވެސް ޓައިޕްރޭޓަރ ނުފެނުމުން އިނާ ވަރަށް ހާސްވިއެވެ. މާޔޫސް ވެސް ވިއެވެ.

އިނާއަށް ނޭނގި ކޮންމެ ވެސް ގޮތަކުން ކޮންމެ ވެސް މީހަކު ގެއަށް ވަދެއްޖެކަން ޔަގީންވެ އިނާ މަޑުމަޑުން ގޭތެރޭގެ ތަންތަން ހޯދަން ފެށިއެވެ. ހާސްވެފައި ހުރިވަރުން ހޮޅިބުރި ދިއްލަން ހަނދާން ނެތުނީތީވެ ގޭތެރޭގައި ރަސްކަން ކުރަމުންދަނީ އޭނަ އެންމެ ގަޔާވާ ބޮކިތަކުގެ ފަނޑުއަލިކަމެވެ. ފަހަރަކު ތަނެއް ބަލަމުން ހޯދަމުން ދިޔަ އިނާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވަމުން ދިޔައީ އެކަމުގައި ކާމިޔާބެއް ކުރިއެރުމެއް ނުލިބި ލަސްވަމުން ދާތީ އެވެ.

ކުއްލިއަކަށް އިނާގެ ފަހަތުން އައި މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުން އިނާ ދިޔައީ ސިއްސައިގެން ނެވެ. އެމީހާގެ އަތްދަށުން ސަލާމަތްވާން އިނާ މަސައްކަތްކުރި ނަމަވެސް އެމީހަކު ހުރީ އެވަރު ވިސްނައި އެއަށްވުރެ ހުސިޔާރުވެގެން ނެވެ. ސަލާމަތްވުމަށް މަސައްކަތް ކުރަމުން އެހީއަކަށް އެދި ހަޅޭލަވައި ގަނެވޭތޯ އިނާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެމީހާގެ ޢަމަލުތައް ހުރި ގޮތުން އެކަން ނުވާނެކަން އިނާއަށް ޔަގީންވި އެވެ. ޔަގީންކަން ނެތް ނަމަވެސް އުންމީދު ނަގާނުލައި އިނާ މަސައްކަތް ކުރަމުން ދިޔައެވެ.

އެމީހާގެ އަތްދަށުން އިނާ ސަލާމަތްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދިޔަ މީހާގެ މޫނަށް އަލިއެޅި އިނާއަށް އެމީހާގެ މޫނު ފެނުމާއިއެކު އެއީ ނާއިޒްކަން އެނގުނެވެ. އިނާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ ލަންމާ އެކޭ އެއްފަދައިން އޭނާގެ ފަހު ދުވަސް ޖެހުނީކަމުގައި ވިސްނިގެން ނެވެ.

ފަހަރަކަށްވުރެ ފަހަރެއް އިނާގެ ހަރަކާތްތައް މަޑުވަމުން މަޑުވަމުން އައިސް ޚަބަރު ހުސްވެގެން ނާއިޒްގެ އަތްމައްޗަށް ދެމުމާއިއެކު ނާއިޒް ވެސް އިނާގެގައިން އަތް ދޫކޮށްލި އެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އިނާ ވެއްޓި ޖެހުނީ ތަޅުންމައްޗަށެވެ.

ނާއިޒް ޖީބަށްއަތްލުމަށްފަހު މޯބައިލް ނަގަމުން އިނާމެން ގެއަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގުވެލުމާއިއެކު އެކޮޅުން އިނާގެ އަޑުއިވުނެވެ.

” އައްސަލާމް އަލައިކުމް ….. މިއީ އިނާ. ބޭނުން ވާހަކައެއް ބުނެފައި ބާއްވާ. އަހަރެން ފަހުން ގުޅާނަން. ޝުކުރިއްޔާ. ” އިނާގޭގެ ފޯނުހުރީ ވޮއިސްމެއިލަށް ސެޓްކޮށްފައި ކަމަށްވާތީ ޖަވާބު އައެވެ.

” އޭތް. އިނާ! މިހާރު ނުވައެއް ޖަހަނީ. ކަލޭ އަދި ވެސް އަހަރެންނަށް ނުގުޅަމެއްނު. ކަލޭ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީ …. ކަލޭ އަހަރެންނާއިއެކު ރޭގަނޑުގެ ކެއުމަށް އައިސް ޝުކުރުއަދާކުރަން ފުރުސަތެއް ދިން ނަމައެއްނު. އަހަރެންނަކަށް ހިޔެއްނުވޭ ކަލޭ އަހަރެންގެ މިމެސެޖް ވެސް އަޑުއަހާނެ ހެނެއް. އެ ޖިމާމް އަދިވެސް ސަލާމަތުން އެބަހުރި. އޭނާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ. ސަމާލުވެގެން …. ” ނާއިޒް ވާހަކަދައްކަމުން ދައްކަމުން ގޮސް އިނާމެންގޭގެ ފޯނުގެ ނަރު ދަމާގަނެގެން އުފުރާލި އެވެ. އެއާއެކު ފޯނުނިވާލަމުން ޖީބަށް ލީ އިރު ނާއިޒް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފަ އެވެ.

ނާއިޒް އެފަދައިން ކަންތައް ކުރީ އޭނާއާ މެދު ސައްކެއް ވެސް ކުރަން އެހެން މީހަކަށް ފުރުސަތެއް ނުދިނުމަށްޓަކައި ކަން ޔަގީނެވެ.

ނާއިޒް އައިސް އިނާ ނަގައި އަތްދަނޑިމައްޗަށް ލައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” އަހަރެން ލަންމާއަށް އަނިޔާވެރިވީ ވަރަށް ކުޑަކޮށް. މަރާލީ ވަރަށް ފަސޭހަކޮށް. އެ ނުވިސްނޭ މޮޔަ އަންހެންކުއްޖާ އުޅުނީ އަހަރެންގެ އަތުން ހުރިހާ މުދަލެއް އަތުލަން ….. އަހަރެން ކީއްކުރާނީ؟ …. ތަނަވަސްކަމާއި ލަންމާއާ ދެކަމުންކުރެ އަހަރެންނަށް މުހިންމުވީ ފައިސާ. ކަލޭ ނިކަން ބުނެބަލަ. މިކަމުގައި އަހަރެންނަށް ކުރިމަގެއް އެބައޮތްތަ؟ ….. ކަލޭ ވެސް އަހަރެންނަށް ރަނގަޅު މަގެއް ނުދެއްކި. އަހަރެންގެ ގޭ އަހަރެންގެ ކަބަޑުން ކަލޭގެ މަރު ކަލޭ ހޯދީ އަމިއްލައަށް. ” އިނާ ނަގައި އަތްދަނޑިމައްޗަށް ލައިގެން ހިނގައިގަންނަމުން ނާއިޒް ވާހަކަދެއްކި އެވެ.

އިނާ ގޮވައިގެން ނާއިޒް ގޮސް އިނާގެ ކޮޓަރީ އެނދުމަތީގައި ބޭއްވިއެވެ. އަދި ވަރަށް އޯގާތެރިކަމާއި ލޯތްބާއެކު އިނާގެ ބޮލުގައި ފިރުމާލަމުން ވާހަކަދައްކަން ފެށިއެވެ.

” ވިސްނީ އެކީގައި ދިރިއުޅުން ބިނާކުރަން. އެކަމަކު ކަލޭ ބޭނުންވީ އަހަރުމެން ދެމީހުންކުރެ އެކަކު ދުނިޔޭގައި ހުންނަން. އޭރުން އަހަރެން ދޯ ހުންނަން ޖެހޭނީ …. ވަރަށް ވިސްނައިފިން. ދެން ކިހިނެތް ވާނީ؟ ” ނާއިޒް ވާހަކަދެއްކީ އިނާގެ މޫނަށް ބަލަން އިނދެއެވެ.

އިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ނާއިޒް ކޮޅަށް ތެދުވެ ވަރަށް ޝައުޤުވެރިކަމާއިއެކު ވަށައިގެން ހޯދާލި އެވެ. ޖީބުން ވާކޮޅެއް ނެގިއިރު ނާއިޒްގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އެވާކޮޅުގެ އެހީގައި އެނދާއެކު އިނާގެ ދެއަތް ބަނދެލުމަށްފަހު ނާއިޒް މަސައްކަތްކުރީ އެހެން ވާކޮޅަކުން އިނާގެ ދެފައި ބަންނާށެވެ.

އިނާ ހޭއަރައި ލޯހުޅުވާލުމާއިއެކު ފެނުނީ އޭނާގެ ދެފައި ބަނުމަށް މަސައްކަތް ކުރަމުންދިޔަ ނާއިޒް އެވެ. އިނާ ކުއްލިއަކަށް ދެފައި ދަމައިގަންނަމުން ފައިކުރުކޮށްފައި ނާއިޒްގެ މޭމަތީގައި ފައިން ޖެހިއެވެ. އެފަދަކަމަކަށް އެއްވެސް ވަރަކަށް ނުވިސްނާ ހުރި ނާއިޒް ވިއްސައިގެން ގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުޑަދޮރުން ބޭރަށް ވެއްޓިއްޖެ އެވެ.

ވެއްޓި ޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑު ތަޅައިގެން ގޮސް ވެފައިވާ ޒަހަމުގެ ސަބަބުން ނާއިޒްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.                                ނުނިމޭ

0
2
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 21 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”އިސްކު ( 21 )“

Leave a Reply

Your email address will not be published.