ހިތާމަ ލޯބީގެ

އިސްކު ( 18 )

އިނާގެ އެވާހަކަތަކުގެ ސަބަބުން ރުޅިއައިސް ރަތްވި ޖިމާމް ފުންމައިގެން ތެދުވެ ހަޅޭލަވާން ފެށުމުން ކޯޓްތެރެ ހަލަބޮލިވެގެން ދިޔައެވެ. އިނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައިރު ހަސީލްމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

ޖިމާމަށް ފަހު ދެން ހާޒިރު ކުރެވުނީ ނާއިޒްގެ އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އަދުހަމްއެވެ. އަދުހަމް އައިސް އޭނައަށް ޚާއްޞަކުރެވިފައިވާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމުން ހަސީލް ތެދުވެގެން ގޮސް އޭނަ ކައިރިއަށް ހުއްޓި ސުވާލު ކުރަން ފެށިއެވެ.

” އަދުހަމް! ކަލެއަށް ފެނުނު ވަޅިއާ ބެހޭގޮތުން މަޢުލޫމާތެއް ދެވިދާނެތަ؟ ” އަދުހަމަށް ބަލާލަމުން ހަސީލް ސުވާލުކުރި އެވެ.

” އެއީ ގާތްގަނޑަކަށް ހަ އިންޗި ދިގުވަޅިއެއް. ކީހެއް ގޮތެއް އެއްފަރާތުގައި ދަތްތަކެއް ވެސް ހުންނާނެ. ” އަދުހަމް ކިޔައިދިނީ އަތުގެ އިސާރާތުން އޭގެ ސިފަ ދެއްކޭތޯ މަސައްކަތް ކުރަމުން ނެވެ.

” ކޮންތާކުން ވަޅި ފެނުނީ؟ ” އަނެއްކާ ވެސް ހަސީލް އަހާލި އެވެ.

” އެއްފަހަރު ބުންޏަސް ކަލޭމެންނަކަށް ނޭނގޭދޯ؟ ހާސް ފަހަރު އެހިޔަސް އަހަރެން ބުނާނީ ހަމަމިހެން. ވަޅިފެނުނީ 502 ނަންބަރު ކަބަޑުން. ފަހެއް ސުމެއް ދޭއް ނަންބަރު ކަބަޑުން. ކިތަންމެ ވަރަކަށް ސުވާލުކުރި ޔަސް އެއީ ހަމަ ނާއިޒްގެ ކަބަޑު. އެއީ ވަރަށް ތޫނު ވަރަށް އާ ވަޅިއެއް …. މިހިސާބުން ނިމުނީ. ” ނިމުނުކަން އަތުގެ އިސާރާތުން ދައްކާލަމުން އަދްހަމް ބުންޏެވެ.

އަދްހަމްގެ ފަރާތުން އޭނަ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު އޭނައަށް ޝުކުރު އަދާކޮށްފައި ހަސީލް ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

އިނާއަށް ބަލާލަމުން އިސްގާޒީ އޭނައަށް ފިރިޞަތުދިނެވެ.

” އިސްގާޒީ! ޝުކުރިއްޔާ. ހުށަހެޅިފައިވާ މައްސަލާގައި ނާއިޒްގެ އޮފީސް ކަބަޑުން ފެނުނު ވަޅިއާ ބެހޭގޮތުން މަޢުލޫމާތު ހޯދަން އަޅުގަނޑު ގެންނާން ބޭނުންވަނީ ރާއިދު. ” އިސްގާޒީއަށް ބަލާލަމުން އިނާ ވާހަކަ ދެއްކިއެވެ.

އިސްގާޒީގެ ހުއްދައާއެކު ރާއިދު އައިސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެ ހަމަޖެހެލި އެވެ. އުމުރުން މިހާރު ސާޅީހަކަށް އަހަރުވެފައިވާ ރާއިދުއަކީ ނާއިޒްގެ އޮފީހުގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

އިނާ އައިސް ރާއިދު ގާތަށް ހުއްޓެމުން ސުވާލުކުރަން ފެށިއެވެ.

” ރާއިދު! މިދިޔަ ޑިސެމްބަރުމަހު އެއްތިރީހުގައި ކަލޭގެ ކަބަޑުގައި ވަޅިއެއް ބޭއްވިންތަ؟ ” އިނާ އަހާލި އެވެ.

” ނޫން … އަހަރެން އެވަޅި ބޭއްވީ އޭގެ ހަފްތާއެއްހާ ދުވަސްކުރިން. އެދުވަހުން ފެށިގެން އެވަޅި އޮންނާނީ އެތަނުގައި. ” ރާއިދު ޖަވާބު ދިނެވެ.

” އަތީލް. ” އަތީލާއި ދިމާއަށް ދަމުން އިނާ ގޮވާލިއެވެ.

އިނާގެ އަތްދަބަހުން އަތީލް ނަގާދިން ކޮތަޅުގައި އޮތް ވަޅި އެތަނުގައި ތިބި އެންމެނަށް އިނާ ދައްކާލި އެވެ.

” ރަނގަޅަށް ބަލާފައި ބުނެބަލަ. މިއީ ކަލޭގެ ވަޅިތަ؟ ” ވަޅި ގެނެސް ރާއިދަށް ދައްކާލަމުން އިނާ ވާހަކަދެއްކި އެވެ.

” ނޫން. އެކަމަކު … މިއީ ހަމަ އެކަހަލަ ވަޅިއެއް. ” ވަރަށް ރަނގަޅަށް ވަޅިއަށް ބެލުމަށްފަހު ރާއިދު ބުންޏެވެ.

” ކަލޭގެ ޑަބަޑު ނަންބަރު ކިހާވަރެއް؟ ” އިނާ އެހިއެވެ.

” ހަތަރު ސަތޭކަ ދޭއް. ” ރާއިދު ބުނެލި އެވެ.

” ނާއިޒްގެ ކަބަޑުގެ ތިރިއަށް އިންނަނީ އެކަބަޑުތަ؟ ” އިތުރަށް އިނާ އަހާލިއެވެ.

ރާއިދުގެ ފަރާތުން އިނާ ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށް ނިމުމުން ރާއިދު ތެދުވެގެން ގޮސް ކުރިން ވެސް އޭނަ އިން ގޮނޑީގައި އިށީނެވެ.

އިސްގާޒީގެ ހުއްދައާއެކު އިނާ ދެން ހާޒިރުކުރީ ދައުލަތުގެ ފަރާތުން އެންމެފަހުން ހުށަހެޅި ހެކިވެރިޔާ އަދްހަމް އެވެ. އަދްހަމް އައިސް ގޮނޑީގައި އިށީންދެ ހަމަޖެހިލުމުން އިނާ ގޮސް ސުވާލުކުރަން ފެށިއެވެ.

” އަދްހަމް! ކަލެއަށް ޔަގީންތަ ވަޅިފެނުނީ 502 ނަންބަރު ކަބަޑުންކަން؟ އެހެންނޫނީ 402 ނަންބަރު ކަބަޑުންތަ؟ ” އިނާ ސުވާލު ކުރިއެވެ.

” އަހަރެންގާތު އެއްފަހަރު އެހިޔަސް ލައްކަފަހަރު އެހިޔަސް އެވަޅި ފެނުނީ 502 ނަންބަރު ކަބަޑުން. މިއީ އެންމެފަހުގެ ނިންމުން. ” ބާރުއަޑަކުން އަދްހަމް ބުންޏެވެ.

އިނާ ގެންގުޅުނު ވަޅި އަދްހަމްގެ އަތަށް ދިނެވެ.

” ކަލޭ ރަނގަޅަށް ހަނދާން ކޮށްފައި ބުނެބަލަ. އެއްތިރީސް ޑިސެމްބަރުގައި ކަލެއަށް ފެނުނީ މި ވަޅިތަ؟ ” އަދްހަމް ވަޅީގައި ހިފެހެއްޓުމުން އިނާ ވާހަކަދެއްކި އެވެ.

” މިއީ އެވަޅިއެއް ނޫން. ” އަދްހަމް ޖަވާބު ދިނެވެ.

” ކޮން ކަހަލަ ތަފާތެއް ހުރީ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ.

” ތިއީ ދުވަސްވެ ކުލަބަދަލުވެފައިވާ ވަޅިއެއް. އެއީ މުޅިން އާ ވަޅިއެއް. ” އަދްހަމް ބުނެދިނެވެ.

” އޭރު އެވާނީ އާވަޅިއަކަށް. އެކަމު މިހާ ދުވަސްވާއިރު ބާވެ ހަޑިވާނެ އެއްނު. ރަނގަޅަށް ބަލާފައި ޖަވާބު ދީބަލަ …. މިއީ މީހެއްގެ މަރާއި ދިރިހުރުމާއި ގުޅިފައިވާ ވަޅިއެއް. ” އިނާގެ ވާހަކަތައް އަޑުއިވުމުން އަދްހަމް ހާސްވެ ކަންބޮޑުވިއެވެ. ނުތަނަވަސްކަމާއިއެކު ވަށައިގެން ހޯދާލެވުނީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ.

” މިއީ އެ ވަޅިއަށް ވެދާނެތަ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ.

” ތިވެދާނެ އެވަޅިއަށް ވެސް. ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރެން ދޫކޮށްލާ. އަހަރެން ހާސްވަން ފަށައިފި. ” ރޮއިގަންނަ ފަދައަކުން އަދްހަމް ވާހަކަ ދެއްކިއެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑު ބާރުވެގެން ދިޔައެވެ.

“ޝުކުރިއްޔާ! ” އަދްހަމަށް ޝުކުރު އަދާކުރުމަށްފަހު ގޮނޑިއާ ދިމާއަށް އިނާ ހިނގައިގަތެވެ.

އަދްހަމްގެ ފަރާތުން އިނާ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އިށީނެވެ. އިނާ ނިންމާލުމުން ހަސީލް ތެދުވެގެން އައިސް އަދްހަމާއި ސުވާލުކުރަން ފެށިއެވެ.

” ކޮންއެއްޗެއް އަހާކަށް. އަހަރެން މިބުނީނު ކޮންމެކަމެއް ވެސް ވެދާނެޔޭ. އަހަރެންގެ ވިސްނުން އެވަގުތު ނެތީ. އަހަރެންގެ ސިކުނޑީގައި އެއްވެސް އެއްޗެއް ނެތް. އަހަރެން ހާސްވެއްޖެ … ކަލެއަށް ކަލޭގެ ވަޅި ވެސް … ކަބަޑު ވެސް. ” ދެއަތުން ވަރަށް ބާރަށް ބޮލުގައި ހިފަހައްޓަމުން ހަޅޭލަވައިގަންނަ ފަދައަކުން އަދްހަމް ވާހަކަދެއްކި އެވެ.

އަދްހަމްގެ ހަރަކާތްތަކާއި ޢަމަލުތަކުގެ ސަބަބުން ކޯޓުގައިތިބި މީހުންގާތަށް ހިނިއައިސް ބައެއްމީހުނަށް ހީ ގަނެވުނެވެ. އޭނަ ހީވީ މޮޔަވި ހެންނެވެ.

” އިތުރު އެއްވެސް ސުވާލެއް ނެތް. ” އިސްގާޒީއަށް ބަލާލަމުން ހަސީލް ބުންޏެވެ. އަދި މަޑުމަޑުން ގޮސް އޭނާގެ ގޮނޑީގަ އިށީނެވެ.

” ދެން ޝަރީޢަތް އޮންނާނީ މާދަމާ ހެނދުނު ދިހައެއް ޖަހާއިރު. ” ކޯޓްތެރެއަށް ނަޒަރުހިންގާލަމުން އިސްގާޒީ ބުންޏެވެ.

ޝަރީޢަތް މެދުކަނޑާލުމުން މީހުންތައް ކޯޓުން ނުކުންނަން ފެށިއެވެ. އިނާ ވެސް އޭނާގެ އަތްދަބަހަށް ލިޔުންތައް ލައިގެން ދަބަސް ކޮނޑުގައި އަޅުވާލައިގެން ކޯޓުން ނުކުންނާން ހިނގައިގަތެވެ.

ކޯޓުން ނުކުންނާން އިނާ ހިނގައިގަތުމާއިއެކު ނާއިޒް އައިސް އިނާގެ އަތުގައި ހިފަހައްޓައި ވާހަކަދައްކަން ފެށިއެވެ.

” އިނާ! އަހަރެން ބޭނުން ކަލެއާ ވާހަކައެއް ދައްކަން. ” އާދޭސްކުރާ ފަދައަކުން ނާއިޒް ބުންޏެވެ.

” އަހަރެން ބޭނުމެއް ނޫން. ” ނާއިޒްގެއަތް ފޮޅުވާލަމުން ހިތްހަމަ ނުޖެހުމާއިއެކު އިނާ ބުންޏެވެ. އަދި އަވަސް އަވަހަށް ގޮސް ކޯޓުން ނުކުތެވެ.

އިނާ ގޮސް ކޯޓުން ނުކުންނަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ނާއިޒް ވެސް ގޮސް ކޯޓުން ނުކުތެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ގެއަށް ބޭނުންވާ ބައެއްތަކެތި ގަނެގެން އައިސް ޓެކްސީއަށް އަރާ ދޮރުލައްޕަން އުޅެނިކޮށް ކޮންމެ ވެސް މީހަކު އައިސް ދޮރުފަތުގައި ހިފެހެއްޓުމުން އިނާ ދިޔައީ ސިއްސައިގެން ނެވެ. އިނާ އަވަސް އަވަހަށް ބޭރު ބަލާލިއިރު ދޮރުފަތުގައި ހިފަހައްޓައިގެން ހުރީ ޖިމާމް އެވެ. ނުރުހުމާއިއެކު އިނާއަށް ބަލަހައްޓައިގެންހުރި ޖިމާމް ފެނުމުން އިނާ ކޮންމެ ވެސް ވަރަކަށް ކަންބޮޑުވެ ހާސްވާގޮތް ވިއެވެ.

ދޮރުފަތުގައި ހިފަހައްޓައިގެން ހުރި ޖިމާމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިނާ ކޮށްލި އިޝާރާތާއިއެކު ޑުރައިވަރު ކާރު ދުއްވާލުމުން ޖިމާމަށް މަޖުބޫރުވީ ދޮރުފަތުން އަތް ދޫކޮށްލާ ށެވެ.

ކޮންމެ ވެސް ވަރަކަށް ކަންބޮޑުވެ ނުތަނަވަސް ވެފައިހުރި އިނާ ގޮސް ގޯތިތެރެއަށް ވަތްއިރު އަތީލް އެގެއިން ނުކުންނަނީ އެވެ. ކުއްލި އަކަށް އަތީލް ފެނުމުން ލިބުނު ސިހުމުގައި އިނާއަށް ހަޅޭލަވައި ވެސް ގަނެވުނެވެ.

” މަޢާފްކުރޭ އިނާ. ” އިނާއަށް ބަލާލަމުން އަތީލް ބުންޏެވެ.

” އޯކޭ. އެއީ އެވަރުގެ ކަމެއް ނޫން. އަހަރެން ސިއްސައިގެން ދިޔަ ވަރުން ހަޅޭލަވައި ގަނެވުނީ. ” އިނާ ހާމަކުރީ ޙަޤީޤަތެވެ.

” ކަންތައްތައް ރަނގަޅުތަ؟ ” އަތުގައި އޮތް ސިޓީއެއް އިނާއަށް ދައްކާލަމުން އަތީލް އެހިއެވެ.

” އާން. ހުރިހާކަމެއް ވެސް ރަނގަޅު. ކިހިނެތްވީ؟ ” އަތީލްގެ ސުވާލަށް ޖަވާބުދެމުން އިނާ ސުވާލުކުރި އެވެ. އަދި މާނޭވާއެއްލަމުން މީހާ ހަމައަކަށް އެޅުނުކަން އަންގާލިއެވެ.

” އިނާ! އަހަރެން މިހުރީ ކަލޭގެ އިންތިޒާރުގައި. އަނެއްކާ ވެސް ސިޓީއެއް ލިބިއްޖެ. އަހަރެންނަށް ހީވާގޮތުން މިއީ ވެސް އެއްކަލަ ޓައިޕްރޭޓަރއިން ޓައިޕްކޮށްފައިވާ ސިޓީއެއް … މީގައި ވެސް ވަނީ މިމަސައްކަތަށް އެހީވާނެ މީހެއްގެ މަޢުލޫމާތު. ” އަތީލް ވާހަކަ ދައްކަމުން ދައްކަމުން އިނާގެ އަތަށް ސިޓީ ދިނެވެ.

އިނާގެ އަތަށް އަތީލް ސިޓީ ދިނުމުން އިނާ ސިޓީއުރަ ކަނޑާލިއެވެ. އަދި ދެމީހުން ވެގެން ސިޓީ ކިޔުމަށްފަހު އޭގައިވާ ފަދައިން ކަންތައް ކުރުމަށް ނިންމިއެވެ.

ސިޓީގައިވާ ފަދައިން ހުޅުމާލޭގެ އަނެއް އަވަށަށް އިނާ އާއި އަތީލް ގޮސް ދޫހިމެރިމާގޭ ސާލިނީއާ ބައްދަލުކުރި އެވެ. ސާލިނީއަކީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފުކުރާނަމަ ތަޢުރީފުކޮށް ހުސްނުވާހާ ވެސް ފުރިހަމަ ރީތި ޒުވާނެކެވެ. ފެންނަ ކޮންމެ ފިރިހެނެއްގެ ހިތަށް އަސަރުކުރާ ފަދަ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑެއް އޭނައަށް ލިބިފައިވާކަމީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެވެ. އަންހެންކުދިންގެ ރީތިކަމަށް އިތުރު ފުރިހަމަކަން ލިބޭ ދޮން ކަމަކީ ވެސް އޭނައަށް ލިބިފައިވާ ސިފައެކެވެ. ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި ގެންގުޅޭ ޒަމާނީ އުސޫލުތަކުގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާކަން ޔަގީނެވެ.

ސާލިނީއާ ބައްދަލުކޮށް އަތީލާއި އިނާ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގައި ބައިގަޑިއެއްހާއިރު އެގޭގައި މަޑުކުރިއެވެ.

ސިކުންތުކަށީގެ ފަހަތުން ދައުރުވަމުންދިޔަ މިނިޓްކައްޓާއި ގަޑިކަށީގެ ދައުރުވުމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް އައުދުވަހަކަށް އިރުއަރައިފިއެވެ. އިރުއެރުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ވެސް ފެށިއެވެ.

ހެނދުނު ދިހައެއް ޖަހާންވީރު ކޯޓްތެރެވަނީ މީހުން ފުރި ބާރުވެފައި ކަހަލަ ގޮތަކަށެވެ. ކޮންމެހެން އަންނަންޖެހޭ މީހުންގެ އިތުރުން ނޫސްވެރިންނާއި ކެމެރާމަނުންނާއި ޝަރީޢަތް ކުރިޔަށްދާ ގޮތް ބަލާލުމަށް އައިސް ތިބި މީހުން ނުހަނު ގިނައެވެ.

ޝަރީޢަތް ފެށުމަށް ހަމަޖެހިފައިވާ ވަގުތުކަމުގައިވާ ދިހައެއް ޖެހުމާއިއެކު ޝަރީޢަތް ފެށިއްޖެ އެވެ. ލަންމާގެ މަރުގެ މައްސަލާގައި ދެފަރާތުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދަމުން، ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރަމުން ހެކިތައް ދައްކަމުން ދިޔައެވެ.

ދަޢުލަތުގެ ފަރާތުން ވަކާލާތުކުރަމުންދާ ވަކީލް ހަސީލަށް، އިސްގާޒީ ފިރިޞަތުދިނުމާއިއެކު އޭނަ ތެދުވެ ވާހަކަދައްކަން ފެށިއެވެ.

” ބައްލަވާ އިސްގާޒީ. އަޅުގަނޑުމެން މިދައްކަމުންދާ ވާހަކަތަކުގެ ތެދުކަން މިކަމުން ވެސް ފެނިވަޑައިގަންނަވާނެ. މި ނާއިޒް އަކީ މިކަހަލަ އެތައްބައިވަރު ޖަރީމާއެއް ހިންގާފައިވާ ރަހުމުކުޑަ ނުބައި ނުލަފާ އިންސާނެއް …. އޭނައަށް ލިބިފައިވާ އިއްޒަތާއި ގަދަރާ ތަނަވަސްކަމުގެ ބޭނުންކޮށްގެން ނުހައްގުން ކަންކަން ހޯދައިގަންނަން މަސައްކަތްކުރާ މީހެއް. އޭނަ ބޭނުންވާގޮތް ނުވެއްޖެނަމަ ކޮންމެގޮތަކުން ނަމަވެސް އެކަން ކުރަން މީނަ މަސައްކަތް ކުރާނެ …. އެ ހެޔޮ ލޯބި ވިޔަސް. ފައިސާ ވިޔަސް އަދި އެހެން ކަމެއް ވިޔަސް. މިކަހަލަ ކަންތައްތައް ދިމާވާގޮތަށް ވިސްނާލުމުން ވެސް ވަރަށް ރަނގަޅަށް އެކަން އެނގޭނެ. އެހެން މީހުނަށް މިކަހަލަ ކަންތައްތައް ދިމާނުވެ މި ނާއިޒްއާ  ގުޅުން ހުރި މީސްމީހުނަށް މިކަހަލަ ކަންތައް ދިމާވުމަކީ ވެސް ސުވާލުއުފެދޭ ކަމެއް. މި ފަހަރު ހާޒިރުކުރަން އަޅުގަނޑު ބޭނުންވަނީ ސާލިނީ. ” ވާހަކަދައްކަމުން ދައްކަމުން ހަސީލް ކޮށްލި އިސާރާތާއިއެކު މީހުންތަކުގެ ތެރެއިން އަންހެން ކުއްޖަކު ކޮޅަށް ތެދުވިއެެެެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 18 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”އިސްކު ( 18 )“

Leave a Reply

Your email address will not be published.