ހިތާމަ ލޯބީގެ

އިސްކު ( 19 )

” ބައްލަވާ އިސްގާޒީ. އަޅުގަނޑުމެން މިދައްކަމުންދާ ވާހަކަތަކުގެ ތެދުކަން މިކަމުން ވެސް ފެނިވަޑައިގަންނަވާނެ. މި ނާއިޒް އަކީ މިކަހަލަ އެތައްބައިވަރު ޖަރީމާއެއް ހިންގާފައިވާ ރަހުމުކުޑަ ނުބައި ނުލަފާ އިންސާނެއް …. އޭނައަށް ލިބިފައިވާ އިއްޒަތާއި ގަދަރާ ތަނަވަސްކަމުގެ ބޭނުންކޮށްގެން ނުހައްގުން ކަންކަން ހޯދައިގަންނަން މަސައްކަތްކުރާ މީހެއް. އޭނަ ބޭނުންވާގޮތް ނުވެއްޖެނަމަ ކޮންމެގޮތަކުން ނަމަވެސް އެކަން ކުރަން މީނަ މަސައްކަތް ކުރާނެ …. އެ ހެޔޮ ލޯބި ވިޔަސް. ފައިސާ ވިޔަސް އަދި އެހެން ކަމެއް ވިޔަސް. މިކަހަލަ ކަންތައްތައް ދިމާވާގޮތަށް ވިސްނާލުމުން ވެސް ވަރަށް ރަނގަޅަށް އެކަން އެނގޭނެ. އެހެން މީހުނަށް މިކަހަލަ ކަންތައްތައް ދިމާނުވެ މި ނާއިޒްއާ  ގުޅުން ހުރި މީސްމީހުނަށް މިކަހަލަ ކަންތައް ދިމާވުމަކީ ވެސް ސުވާލުއުފެދޭ ކަމެއް. މި ފަހަރު ހާޒިރުކުރަން އަޅުގަނޑު ބޭނުންވަނީ ސާލިނީ. ” ވާހަކަދައްކަމުން ދައްކަމުން ހަސީލް ކޮށްލި އިސާރާތާއިއެކު މީހުންތަކުގެ ތެރެއިން އަންހެން ކުއްޖަކު ކޮޅަށް ތެދުވިއެވެ.

ސާލިނީ އައިސް އޭނައަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގައި އިށީންދެ ހަމަޖެހެލީ ނާއިޒަށް ބަލާލުމެއް ވެސް ނެތިއެވެ.

ހަސީލް އައިސް ސާލިނީ ގާތަށް ހުއްޓެމުން ސުވާލުކުރަން ފެށިއެވެ.

ހަސީލްގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން ސާލިނީ ކިޔައިދޭން ފެށިއެވެ.

ކޮންމެދުވަހެއްގެ އެތައްވަގުތެއް ނާއިޒްއާ އެކު އޭނާގެ އޮފީހުގައި ހޭދަކުރަމުން ދިޔައިރު، ސާލިނީއަށް ފާހަގަކުރެވެމުން ދިޔައީ ނާއިޒްގެ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. ކަންކަމަށްދޭ ސަމާލުކަމާއި ބަހައްޓަމުންދާ ފަރުވާތެރި ކަމެވެ. ކަންކަން އަންގައިދީ ކުރިޔަށް ދިއުމަށް މަގުކޮށައިދޭ ކޮށައިދިނުމެވެ.

ސާލިނީ އާއި ނާއިޒްގެ މެދުގައިވާ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ. އޮފީސް ވަގުތުތަކުގައި ކޮފީއަށާއި ކެއުންތަކަށް އަދި ސައިގަޑިތަކަށް ނާއިލްގެ ފަރާތުން ސާލިނީއަށް ލިބެމުން ދިޔަ ދަޢުވަތުތައް އިތުރުވަމުން ދިޔައީ ސާލިނީ ބޭނުންވި ވަރަށްވުރެ ވެސް އިތުރަށެވެ. ސާލިނީ އަކީ ވެސް ލިބޭތަނުގައި ލިބިގަތުމުގެ އާދަ ހަރުލާފައިވާ ޒުވާނަކަށް ވާތީ ވަގުތުގެ ބޭނުން ހިފަމުން ދިޔައެވެ. ނާއިޒްގެ ކޮންމެ ދަޢުވަތަކަށް ސާލިނީ އިޖާބަދެމުން ދާތީ ނާއިޒް ހުންނަނީ ވަރަށްއުފާވެ ހިތްހަމަޖެހިފަ އެވެ. އެކަން ސާލިނީއަށް އެނގުނު ނަމަވެސް ނޭނގޭކަމަށް ހަދައިގެން ހުންނަނީ ދެން ވެދާނެގޮތަކަށް ވިސްނާފަ އެވެ.

ނާއިޒްގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި ދަޢުވަތުތަކުގެ ސަބަބުން ސާލިނީގެ ހިތުގައި ވެސް ނާއިޒްއާ މެދު ސަޢުޤުވެރިކަން އުފެދެމުން ދިޔައެވެ.

ރޭގަނޑު ނުވަގަޑިބައި ދިހައެއް ޖަހާކަން ހާއިރެވެ. އޭނާގެ ލޯބިވެރިޔާ އަމީލް އާއެކު ސައިކަލް ދުއްވަމުންދިޔަ ސާލިނީއަށް ނާއިޒް ފެނުނީ، ކެފޭއެއް ކައިރީ މަޑުކޮށްލައިގެން އޭނާގެ ރައްޓެއްސަކާއި ވާހަކަދައްކަން ހުއްޓައެވެ. ސާލިނީއަށް ނާއިޒް ފެނުނުއިރު ނާއިޒަށް ވެސް ސާލިނީ ފެނިއްޖެއެވެ. ސާލިނީގެ މޫޑު ބަދަލުވި ނަމަވެސް އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.

ނާއިޒާއި އޭނާގެ ރަހުމަތްތެރިޔާގެ ހަރަކާތްތަކަށް ބަލާލުމުން ހީވަނީ އެމީހުން އެތަނަށް ވަންނަން އުޅެނީ ހެންނެވެ.

އަމީލް ބޭނުންވީ ސާލިނީ ގޮވައިގެން އެތަނަށް ވަންނަން ނަމަވެސް، ސާލިނީއަކަށް އެގޮތް ކަމަކު ނުދިޔައެވެ.  އޭނަ އެދުނީ އެހެންތަނަކަށް ދާށެވެ. ވެގެން އުޅޭގޮތް ބުނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

ކަޅިޖަހާނުލާ ކަހަލަގޮތަކަށް ސާލިނީއަށް ބަލަހައްޓައިގެން ހުރި ނާއިޒަށް އެކަން ފާހަގަ ކުރެވުނެވެ. އެނގޭ ކަމަށް ނުހަދާ ހުރީއެވެ.

ލޯބީގެ އަހުދުތަކާއި ވަޢުދުތައްވަމުން އުފަލާއި ހިތްހަމަޖެހުން ހޯދަމުން ހިނިތުންވަމުން ދިޔަ ސާލިނީގެ ހަރަކާތްތަކަށް ހުއްޓުން އައިސް އަމީލްއާ ދުރަށް ޖެހެލީ ކުއްލިއަކަށެވެ. ސާލިނީގެ އެޢަމަލުގެ ސަބަބުން ލިބުނު ހައިރާންކަމާއިއެކު އަވަސް އަވަހަށް އަމީލަށް ބަލާލެވުނީ ސާލިނީ އަށެވެ.

ކެފޭއަށް ވަންނަން ހުރި ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިން ސާލިނީގެ މޫނުމަތިން ކޮންމެ ވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވަން ހުރިއިރު، ދޮރުކައިރީގައި ޒުވާންފުރައިގެ ދެފިރިހެނުން ތިއްބެވެ. އެދެމީހުންނަކީ ވެސް ސާލިނީއާ ޢާއިލީގޮތުން އެއްވެސް ގުޅުމެއް ނެތް ދެމީހުންކަން އަމީލަށް ޔަގީންވާއިރު އެމީހުން ފެނުމުން ސާލިނީއަށް އެހެން އެވީ ކީއްވެކަމާއިމެދު އަމީލްގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ.

” އޮފީހުގެ ވެރިޔާ. ” އަމީލަށް ބަލާލުމަށްފަހު މަޑުމަޑުން ސާލިނީ ބުނެލިއެވެ.

” އެހެންތަ؟ … އެދެން އެވަރުގެ ކަމެއް ނޫނެއްނު. އަޅާނުލާ. ” ސާލިނީ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އަމީލް ވާހަކަ ދެއްކިއެވެ.

ސާލިނީއަށް ބަލާލުމަށްފަހު އެތަނުގެތެރެއަށް ވަންނަން ހިނގައިގަތްއިރު، ނާއިޒްގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތްހަމަ ނުޖެހުން ސާލިނީއަށް ފާހަގަކުރެވުނެވެ. އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ޖެހިލުން ވެސް ވިއެވެ.

އަމީލްގެ ކުރިމަތީގައި ނާއިޒަކީ އޭނާގެ އޮފީހުގެ ވެރިޔާކަމަށް ބުނި ނަމަވެސް، އެދެމެދުގައި ވަނީ އެއަށްވުރެ ގާތް އަދި ޚާއްޞަ ގުޅުމެއްކަން ސާލިނީއަށް ވެސް ގަބޫލުކުރެވެ އެވެ. މިގޮތަށް ސާލިނީ ފެނުމުން ނާއިޒަށް އެހެން ވާނެކަން ވެސް ސާލިނީއަށް އެނގެއެވެ.

ކަންތައްތައް ދިމާވިގޮތުގެ ސަބަބުން އެތަނުގައި އިތުރަށް މަޑުކުރާކަށް ސާލިނީ ބޭނުމެއް ނުވިއެވެ. އަމީލަށް ޖެހުނީ ސާލިނީ ގޮވައިގެން އޭނާގެ ގެއަށް ދާށެވެ.

ސާލިނީ އޭނާގެ އާދައިގެމަތިން ހެނދުނު އޮފީހަށް ދިޔައިރު ނާއިޒް އޮފީހުގައި އިނެވެ.

ސާލިނީ އައިސް އޮފީހަށް ވަނުމާއިއެކު، ނާއިޒް އޭނާއާ ދިމާއަށް ބަލާލަމުން ގޮވާލިއެވެ. އޭނަގާތަށް އައުމަށް ވެސް އެދުނެވެ. ހިތްހަމަނުޖެހުމާއިއެކު ސާލިނީއަށް ބަލަހައްޓައިގެން އިން ނާއިޒްގެ މޫނު ފެނުމާއިއެކު ސާލިނީ ހާސްވެ ކަންބޮޑު ވިއެވެ. ކޮންމެ ވެސް ވަރަކަށް ނުތަނަވަސް ވެސް ވިއެވެ.

ސާލިނީ މަޑުމަޑުން އައިސް ނާއިޒްގެ މޭޒުކައިރިއަށް ހުއްޓުމާއިއެކު، ނާއިޒް ވާހަކަދައްކަން ފެށިއެވެ.

” ސާލިނީ! އަހަރެން ކަލެއަށްކުރި އިތުބާރާއި އުންމީދު ފެނަށް ވެއްޖެ. މިތަނުގެ ވަޒީފާއަށް ދެން ސާލިނީ ބޭނުމެއް ނޫން …. މުސާރައިގެ ކަންތައް ހަމަޖައްސާފަ އަންގާލާނަން. ދެން ދިޔަޔަސް ހެޔޮ. ” ނާއިޒް ވާހަކަދައްކާ ނިންމާލަމުން ސާލިނީއަށް ބަލާލި ނަމަވެސް ސާލިނީ އަކަށް އެކަމެއް ނޭނގެއެވެ. ސާލިނީ ހުރި އިސްޖަހާލައިގެން ނެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ލިބުނު ވަޒީފާ ގެއްލުމުން ސާލިނީ ވަރަށް ދެރަވިއެވެ. އެހެނަސް ހިތްވަރު އެލުވާނުލާ އަވަސް އަވަހަށް އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

ވަޒީފާ ގެއްލުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމާއިއެކު، ނާއިޒްގެ ފަރާތުން އޭނައަށް ލިބެމުންދިޔަ އެހީތަކާއި ދަޢުވަތުތައް ގެއްލުމުން ސާލިނީ މާބޮޑަށް ދެރަވި އެވެ. ހިހޫތަނުން ކާލައިގެން މަސައްކަތް ކުރަމުންދިޔަ ސާލިނީއަށް އެފިރިޞަތުގެއްލުމުން އަމީލް ދެކެ ވެސް ކޮންމެ ވެސް ވަރަކަށް ރުޅި އާދެވުނެވެ.

ސާލިނީ ވަޒީފާއިން ވަކިކުރިތާ މަހެއްހާ ދުވަސްފަހުން މުސާރައިގެ ކަންތައް ހަމަޖެހުނު ނަމަވެސް، އެދުވަހުގެ ފަހުން ސާލިނީ އަކަށް ނާއިޒެއް ނުފެނެއެވެ. އޭނާގެ ޚަބަރެއް ވެސް ނުވެއެވެ.

ހަސީލްގެ ސުވާލުތަކަށް ޖަވާބުދިނުމުގެގޮތުން ސާލިނީ ކިޔައިދިނެވެ.

” ބައްލަވާ އިސްގާޒީ! …. މިއީ އެނާއިޒްގެ ފެންވަރު. އޭނާގެ ވަޒީފާގަހުރި އަންހެންކުއްޖަކު އޭނާގެ ލޯބިވެރިޔާއާއެކު ފެނުނީތީ ވެސް ވަޒީފާއިން ވަކިކުރީ …. ސާލިނީއަށް މީނަ ހިތްކީމަ ސާލިނީ އަތުއަޅުވާލަން ބޭނުންވީ. މީނައަށް ހީވާ ކަހަލަ ވަޒީފާއަށް އަންނަ އަންހެންކުދިންނަކީ ވެސް އޭނާގެ ލޯބިވެރިންނޭ. އެކަން ކާމިޔާބު ނުވީމަ ވަޒީފާއިން ވަކިކޮށްލީ … މިފަދަ މީހަކު އިއްޒަތާއި ގަދަރާ ތަނަވަސްކަމަށްޓަކައި އަންހެނުން މަރާނުލާ ހުންނާނެތަ؟ ނުހުންނާނެކަން އަހަރެންނަށް ޔަގީން. އެހެންވެ އަހަރުމެން މިބުނަނީ ލަންމާ މަރާލީ މިނާއިޒްއޭ. ” ހަސީލް ވާހަކަދެއްކުން ނިންމާލަމުން ނާއިޒަށް ބަލާލި އެވެ.

ސާލިނީގެ ފަރާތުން ހޯދަން ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި އިނާ އައިސް ސާލިނީ ކައިރި ހުއްޓުނު އިރު ވެސް އިނާގެ ކިބައިން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރުތަކެވެ. އޭނަ އެއްވެސް ވަރަކަށް ހާސްނުވާކަމާއި ކަންބޮޑު ވެސް ނުވާކަމުގެ އަލާމަތް ތަކެވެ.

” ސާލިނީ! ނާއިޒްގެ ވަޒީފާއިން ވަކިވިފަހުން ދުވަހަކު ވެސް ނާއިޒްއާ  ބައްދަލުވިތަ؟ ” ސާލިނީއަށް ބަލާލަމުން އިނާ އަހާލިއެވެ.

” އާން. ” މަޑުމަޑުން ސާލިނީ ބުނެލިއެވެ.

” އެކިހިނެތް؟ ކޮންތާކުން؟ ” އަވަސް އަވަހަށް އިނާ ސުވާލުކުރި އެވެ.

” ލަންމާގެ މަރުގެ ހާދިސާ ހިނގާދިޔަތާ މަހެއްހާ ދުވަސްފަހުން ނާއިޒް ފޯނުކޮށްފައި ބުނެގެން ނާއިޒްގެ އޮފީހަށް އަހަރެން ދިޔައިން. ” އިނާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ސާލިނީ ބުންޏެވެ.

” ސާލިނީގާތު ނާއިޒް ބުނީ ކީކޭ ؟ ” ނާއިޒަށް ބަލާލަމުން އިނާ އެހިއެވެ.

” ނާއިޒް ދެއްކީ ލަންމާގެ މަރުގެ ސަބަބުން އޭނާއަށް ލިބިފައިވާ ހިތާމައާ ހިތްދަތިކަމުގެ ވާހަކަ. އެކަމުގެ ސަބަބުން އޭނާއަށް ކުރިމަތިވެފައިވާ އެކަނިވެރިކަމާއި ނިކަމެތިކަމުގެ ވާހަކަ. އޭރު އޭނަ އިނީ ވަރަށް ދެރަވެފަ. ” އިނާގެ ސުވާލަށް ޖަވާބު ދިންއިރު ސާލިނީ ހުރީ ވަރަށް ދެރަވެފަ އެވެ.

” ލޯބީގެ އެއްވެސް ވާހަކައެއް ނާއިޒް ދެއްކިތަ؟ ” ސީދާ ސާލިނީގެ މޫނަށް ބަލާލަމުން އިނާ ސުވާލުކުރިއެވެ.

” ނޫން. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ. ” އަވަސް އަވަހަށް ސާލިނީ ބުނެލިއެވެ.

” ނާއިޒް ދެކެ ސާލިނީ އެއްވެސް ވަރަކަށް ލޯބިވޭތަ؟ ” އިނާ ސުވާލުކުރީ ކޯޓްތެރެއަށް ނަޒަރު ހިންގާލަމުން ނެވެ.

” ނޫން. އަހަރެން ދުވަހަކު ވެސް ނާއިޒްއާ މެދު އެގޮތަކަށް ނުދެކެން. ” ހަމަޖެހިލަމުން އިނާ ޖަވާބުދިނެވެ.

” އެހެންދޯ ؟ ” ހަސީލަށް ބަލާލަމުން އިނާ ހިނިތުންވެލި އެވެ.

” އެހެންވީރު 9 ޖެނުއަރީގައި ކަލެއަށް ދިމާވި ހާދިސާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ދެވިދާނެތަ؟ ” އިސްގާޒީއަށް ބަލާލުމަށްފަހު މަޑުމަޑުން ސާލިނީއާ ގާތަށް ޖެހިލަމުން އިނާ އެދުނެވެ.

” އެރޭ ދަންވަރު އަހަރެން ނިދާފައި އޮއްވާ ކުއްލިއަކަށް އިވުނު އަޑަކުން ލޯ ހުޅުވާލެވުނު. ގަތްބިރާއިއެކު އަވަސް އަވަހަށް ހަޅޭލަވައި ގަންނަން އުޅެނިކޮށް ކޮންމެ ވެސް މީހަކު އަހަރެންގެ އަނގަމަތީ އަތް އެޅި. އޭރު އަހަރެން އޮތީ ބިރުން ހަލާކުވާވަރު ވެފައި. އަހަރެންނަށް ފެނުނު ކޮންމެ ވެސް މީހަކު އަހަރެންނާއި ދިމާއަށް ގުދުވެ އޮއްވާ. އޭނަ ހުރީ ކަޅުކުލައިގެ އެއްޗެއްލައި ކަޅުކުލައިގެ އެއްޗަކުން މޫނު ނިވާކޮށްގެން. އޭނާގެ ކަނާއަތުގައި ވަޅިއެއް ވެސް އޮތް. އޭރު .. ” ސާލިނީ ވާހަކަ ދައްކާ ނުނިމެނީސް ދައުލަތުގެ ވަކީލް ހަސީލް ތެދުވެ ވާހަކަދައްކަން ފެށުމުން ސާލިނީ ވާހަކަ ދެއްކުން ހުއްޓާލިއެވެ.

” ހަސީލް! ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިއްތަވާ. ” ހަރުކަށިކަމާއިއެކު އިސްގާޒީ އެންގިއެވެ.

” ސާލިނީ! ކަލޭ ހަނދާން ހުންނާނެއެއްނު އެވަޅި ފެނުނުއިރު އޮތްގޮތް. ” އިނާ ބުނެލިއެވެ.

” އާން. އެއީ ބޮޑުވަޅިއެއް. ހިމަ ދިގު ވަޅިއެއް. ” ސާލިނީ ދައްކަމުންދިޔަ ވާހަކަތައް ނޫސްވެރިންތައް ނޯޓް ކުރަމުން ދިޔައެވެ.

” ދެން ވީ ކިހިނެތް؟ ” އިނާ އަހާލި އެވެ.

” ދެން ވީ ގޮތަކީ …. އޭނަ ހުރީ ވާއަތުން އަހަރެންގެ އަނގަމަތީގައި އަތް އަޅައިގެން. ކަނާއަތުން ވަޅި ހިފަހައްޓައިގެން. ވަޅި ހުރީ އަހަރެންގެ ކަރުގަ ޖައްސާފަ …. ވަޅިއަށް ބާރުކޮށްލުމުން އަހަރެންގެ ކަރުން ލޭ އައި. ވީ ތަދާއި އިތުރުވި ބިރުގެ ސަބަބުން އަހަރެންނަށް ހަޅޭލަވައި ގަނެވުނު. ” ހިތާމައާ ހިތްދަތިކަމާއިއެކު މަޑުމަޑުން ސާލިނީ ކިޔައިދެމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

” ދެން. ” އިނާ ބުނެލި އެވެ.

” ދެން ވީ ގޮތަކީ …. މަޑުމަޑުން އެވަޅި ތިރިއަށް ގެންދަން ފެށީ. އެދިޔަގޮތަށް ގެން ގޮސް ވަޅި ޖެއްސީ އަހަރެންގެ ހިތާ ދިމާގައި ….. އޭގެފަހުން އަހަރެންގެ ދެއަތާއި ދެފައި ބަނދެލި ….. އެކަމަކު ….. ކީއްވެގެން ކަމެއް ނޭނގެ. އޭނަ އަހަރެންނާމެދު ހަމްދަރުދީވި. އަހަރެންނަށް އެއްވެސް ކަމެއް ނުކޮށް އޭނަ ދިޔައީ. ” ސާލިނީ ކިޔައިދެމުން ދިޔައީ ރޮމުން ރޮމުންނެވެ. އެވާހަކަތަކުގެ މުހިންމުކަމުން ކޯޓްތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ.

” އެހެންތަ؟ …. ސާލިނީ! ލަންމާގެ މަރާއި ބެހޭގޮތުން އާންމުވެފައިވާ ލިޔުންތައް ސާލިނީ ވެސް ކީމެއްނު؟ ” އިނާ އެހިއެވެ. އަދި ޝައުޤުވެރިކަމާއިއެކު ކޯޓްތެރެއަށް ނަޒަރު ހިންގާލިއެވެ.

” އާން. ” މަޑުމަޑުން ސާލިނީ ބުނެލިއެވެ.

” ކަލެއަށް ވިސްނޭގޮތުގައި ކަލެ އާއި ލަންމާއަށް ހަމަލާ ދިނީ އެއްގޮތަކަށްތަ؟ ” އިނާ ސުވާލުކުރި އެވެ.
ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 19 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 19 )“

Leave a Reply

Your email address will not be published.