ހިތާމަ ލޯބީގެ

އިސްކު ( 8 )

ލަންމާމެން ދިރިއުޅެމުންދާ ބަޔަށް ޕޮލިހުންގެ ބޭކަލުން ދިޔައީ ލަންމާއާ އެކުގައެވެ. އެމީހުންނާއި އެކުގައި ނާއިޒާއި ފާތުން ވެސް އެބަޔަށް ދިޔައެވެ.

ލަންމާގެ ހުއްދައާއެކު އެގޭގެ ހުރިހާތަނެއް ބަލައި ފާސްކުރަމުންދިޔަ ޕޮލިހުންނަށް ނުވަދެވުނު ހަމައެކަނި ކޮޓަރިއަކަށްވީ މާއިޒު ދިރިއުޅެމުންދާ ކޮޓަރިއެވެ. އެތައް ފަހަރަކު ގޮވައި އިންޒާރު ދިނުމުން ވެސް މާއިޒު އެކޮޓަރިއެއް ނުހުޅުވިއެވެ.

ކޮންމެ ގޮތަކުން ނަމަވެސް ލަންމާ ބޭނުންވަނީ މާއިޒުގެ ކިބައިން ސަލާމަތް ވާށެވެ. ލަންމާގެ ހުއްދައާއެކު ކޮޓަރީގެތަޅު ހަލާކު ކޮށްލައިގެން ޕޮލިހުންގެ ބޭކަލުން ކޮޓަރިއަށް ވަތްއިރު މާއިޒު މަސައްކަތް ކުރަމުން ދިޔައީ ބެލްކަންޏަށް ނުކުމެ ޖެހިގެންހުރި ބަޔަށް ދެވޭތޯ އެވެ.

ޕޮލިހުންގެ ބޭކަލުން މާއިޒު ގޮވައިގެން ޕޮލިސްސްޓޭޝަނަށް ދިޔައެވެ. އަދި ލަންމާގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުގެ އެހީގައި މާއިޒާއި ސުވާލު ކުރަމުން ދިޔައެވެ. ޕޮލިހުންގެ ބޭކަލުން ކުރަމުންދިޔަ ސުވާލުތަކަށް ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމާއިއެކު ބާރު އަޑުން ޖަވާބު ދެމުންދިޔަ މާއިޒަށް އޭނާގެ ގޮތުގައި ހިފަހައްޓައިލެވުނީ އިރުކޮޅެއް ވަންދެނެވެ. ޕޮލިހުންގެ ސުވާލުތަކަށް ޖަވާބެއް ނުދެވި ހުއްޓުން އަރައި އަނގަ ބެދޭގޮތް ވެސް ވެއްޖެއެވެ.

ކުރި އެރޭނެ އެއްވެސް ގޮތެއް ނުފެނި ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުން މާއިޒު އޭނާގެ ކުށަށް އެއްބަސްވެ އެކަންތައް ވީގޮތް ކިޔައިދޭން ފެށިއެވެ.

މާއިޒު އައިސް ނަޖީބާގާތަށް ހުއްޓުނުއިރު އޭނާގެ އަތުގައި ވަޅިއަކާއި ލިޔުމެއް އޮތެވެ.

ނަޖީބާއަށް ހޭލެވުނީ މޫނުގައި ކޮންމެވެސް އެއްޗެއް ކޭތޭ ކަހަލަ އިހުސާސެއް ވެގެންނެވެ. އަވަސް އަވަހަށް ލޯހުޅުވާލަމުން ކުރިމައްޗަށް ބަލާލި ވަގުތު ފެނުނު މަންޒަރާއިއެކު ބިރުން ސިއްސައިގެން ދިޔައެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދި ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއިއެކު، އަނގަ މަޑުކުރަން އިންޒާރުދެމުން މާއިޒު ދައްކާލީ ވަޅިއެވެ.

” މާގިނަ ވާހަކަ ނުދައްކާ މިލިޔުމުގައި ސޮއިކުރޭ … އެހެން ނޫނީ މިވަޅީގެ ތޫނުކަން ދައްކާލާނަން. ” މާއިޒު އޭނާގެ އަތުގައި އޮތް ވަޅި ނަޖީބާގެ ކަރާއި ކައިރިކޮށްލަމުން އަމުރުވެރި ރާގަކަށް ބުންޏެވެ. މާއިޒުގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން ނަޖީބާގެ ބިރުގަތުމާއި ހާސްކަން އިތުރުވެގެން ދިޔައެވެ.

ކުރަމުންދާ ވިއްސާރައަށް ކުޑަނަމަވެސް މަޑުޖެހުމެއްނެތި، ފާއިތުވަމުންދިޔަ ވަގުތުތަކާއިއެކު ދައުރުވަމުން ދިޔައެވެ.

އެގެއާއި އެގޯއްޗާއި ފިހާރަޔާއި ކާރުގެ ރަޖިސްޓަރީ މާއިޒުގެ މައްޗަށް ބަދަލުކުރަން ނަޖީބާ ބޭނުންވާކަމަށް ލިޔެފައިވާ އެލިޔުން ނަޖީބާ ކިޔާލިއެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ. ބިރުދައްކާ އިންޒާރު ދެމުންދިޔަ ނަމަވެސް ތިޔަ ލިޔުމުގައި ސޮއި ނުކުރާނެ ކަމަށް ނަޖީބާ ބުންޏެވެ. އަދި ވަރަށް ވިސްނައި ސަމާލުވެގެން އޮތުމަށްފަހު، ކުއްލިއަކަށް މާއިޒުގެ އަތްދަށުން ސަލާމަތްވެގެން ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ. އެހެނަސް ހާސްވެ ކަންބޮޑުވެފައި ހުރިވަރުން ނަޖީބާއަށް ނުކުމެވުނީ މަގަށް ހުރި ބެލްކަންޏަށެވެ. ބިރުން ސިހިސިހި ނަޖީބާ ހުރިއިރު މާއިޒުގެ ފަރާތުން ފެންނަމުން ދަނީ ހިތްހަމަޖެހުމުގެ އަސަރު ތަކެވެ.

ނުހަނު ހަލުވިކަމާއިއެކު މާއިޒު އެދިޔަގޮތަށް ގޮސް ނަޖީބާގެ ކަރުގައި ހިފިއެވެ. އޭނާގެ އަތުގައިއޮތް ލިޔުން ދައްކާލަމުން އޭގައި ސޮއިކުރަން ބުންޏެވެ. އެފަދަ ގޮތަކަށް ކަންތައް ކުރުމަށް ނަޖީބާ އެދިއްޖެނަމަ ލަންމާ ފަސްނުޖެހި އެކަން ކުރާނެކަން މާއިޒަށް އެނގޭ ފަދައިން ނަޖީބާއަށް ވެސް އެނގެއެވެ. އެހެނަސް އެތަކެއްޗަކީ ލަންމާގެ ބައްޕަ އޭނައަށް ދީފައިވާ ތަކެއްޗަށް ވާތީއާ އެތަކެތިން މިހާރު ވެސް ބޭނުން ކުރަމުންދަނީ އެ ތިންމީހުން ކަމަށްވާތީ ލަންމާއާ މެދު އަދި އެމުދަލުގެ މިލްކުވެރިކަމާއި މެދު ނަޖީބާ އެއްގޮތަކަށް ވެސް ކަންބޮޑެއް ނުވެއެވެ. ނަޖީބާ ބޭނުންވަނީ މިހާރެކޭ އެއްގޮތަށް އެތަކެއްޗަކީ ލަންމާގެ ތަކެތީގެ ގޮތުގައި ހުރުމެވެ.

މާއިޒުގެ ވިސްނުމާއިމެދު ސުވާލު އުފެދި ކަންބޮޑުވެފައި ހުރި ނަޖީބާ، ތަކުރާރުކޮށް ބުނަމުން ދިޔައީ އެލިޔުމުގެ ސޮއި ނުކުރާނެ ކަމަށެވެ. ނަޖީބާގެ ވާހަކަތަކާއި ޢަމަލުތައް ހުރިގޮތުން މާއިޒުގެ ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން އިތުރުވަމުން ގޮސް ކޮންޓްރޯލުން ނައްޓައިގެން ދިޔައެވެ.

އެފަދަކަމެއް ކޮށްފާނެކަމަށް ނަޖީބާ އެއްވެސް ވަރަކަށް ނުވިސްނާ ހުއްޓައި މާއިޒު އޭނަގެ ކަރުގައި ހިފާ ފުރަގަހަށް ކޮށްޕާލުމުން ވެއްޓެން ދިޔައިރު ސަލާމަތްވުމަށް މަސައްކަތް ކުރަން ނަޖީބާއަކަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ. ޖައްވުގެތެރެއަށް ފެތުރިގެންދިޔަ ވޭނީ ރުއިމާއި ހަޅޭކުގެ އަޑާއިއެކު ނަޖީބާ ގޮސް ޖެހުނީ ދުވާރު މައްޗަށެވެ.

މާއިޒު އަވަސް އަވަހަށް ކޮޓަރިއަށްވަދެ ލިޔުމުގައި ސޮއިކޮށް އެލިޔުން ރައްކާކުރިއެވެ. އަދި ނަޖީބާއަށް އެއްވެސް ސަމާލުކަމެއް ނުދީ އެނދުގައި އޮށޯވެ ހަމަޖެހެލިއެވެ.

ނަޖީބާގެ މަރަށް ހަފްތާއެއްހާ ދުވަސްވީ ފަހުން އޭނާގެ ގާތިލް ހޯދައި ގަނެވިއްޖެ އެވެ. ދެތިން ދުވަހަށް ދެމިގެންދިޔަ ތަޙުޤީޤު ތަކަށްފަހު މާއިޒުގެ މައްޗަށް ހުކުމް އިއްވީ އުމުރަށް ޖަލަށް ލުމަށެވެ. ލިބެމުން ދިޔަ މިންވަރަށް ޝުކުރުނުކޮށް މުދާތައް އަމިއްލަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދިއުމުގެ ނަތީޖާ މާއިޒަށް ފެނުނީ ހީވެސް ނުކުރާފަދަ ހިތި ގޮތަކަށެވެ.

ލަންމާގެ މަރާއި ބެހޭގޮތުން ނާއިޒް ދައްކަމުން ދިޔަ ވާހަކަތައް ޕޮލިހުންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަދިވެސް އޭނާއާ ބައްދަލުކުރުމަށް ޕޮލިހުން ނިންމިއެވެ. އަދި ހެނދުނު ހެނދުނާއި ގޮސް ނާއިޒާއި ބައްދަލު ކުރިއެވެ.

ޕޮލިހުން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ނާއިޒް ވާހަކަ ދައްކަމުން ދިޔައެވެ.

” އަހަރެން އަހަރެންގެ އަންހެނުން ދެކެ ނުލާހިކު ލޯބިވޭ. އަހަރެން އޭނާއާ ކައިވެނިކުރީ އިންނާނެ މީހަކު ނުވެގެނެއްނޫން. އަހަރެންނަށް އޭނާއަށް ވުރެ މުހިންމު މީހެއް ނެތީމަ. އަހަރެމެން ދިރިއުޅެމުން ދިޔައީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކު. ދުވަހަކު ވެސް އަހަރެމެން ދެމީހުން ދޭތެރޭ މައްސަލައެއް ނުޖެހޭ. އަހަރެން ކީއްކުރާން އޭނާއަށް އެހެން ހަދާންވީ. ތިޔަ ބޭކަލުން އެއްފަހަރު އެހިޔަސް ސަތޭކަ ފަހަރު އެހިޔަސް އަހަރެން ބުނާން އޮތީ ލަންމާގެ މަރާއި ބެހޭ އެއްވެސް މަޢުލޫމާތެއް އަހަރެންނަކަށް ނޭނގެއޭ. އަހަރެންނަށް އެކަން އެނގުނީ ތިޔަބޭކަލުންގެ ފަރާތުންނޭ. ” މަޑުމައިތިރިކަމާއިއެކު ނާއިޒް ވާހަކަ ދެއްކިއެވެ.

” ތިޔަ ބުނީ ތެދެއް ނޫން. ކަލޭމެން ދެމީހުން އަބަދު ވެސް މައްސަލަ ޖެހޭކަން މިސަރަހައްދުގައި އުޅޭ މީހުންގެ ފަރާތުން އަހަރެމެންނަށް އިނގޭ. ” ނާއިޒް ވާހަކަދައްކާ ނިމުމުން އިނިސްޕެކްޓަރ ޖިނާނު ވާހަކަ ދެއްކިއެވެ.

” ކީއް މިވަނީ ؟ އެއްވެސް ހެއްކެއް ނެތި ކޮން އުނދަގުލެއް ތި ކުރަނީ ؟ ” ނުރުހުމާއިއެކު ނާއިޒްގެ ޤާނޫނީ ވަކީލް ސާހިލް ސުވާލުކުރި އެވެ.

” ރުޅި އަޔަސް ހިނި އަޔަސް އަހަރެމެން ކުރަމުންދާ މަސައްކަތާއި ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލު ކުރާނަން. އަހަރެމެންނަށް އެނގޭ ނާއިޒާއި ލަންމާގެ މެދުގައި މައްސަލައެއް އުޅޭކަން. މިއީ ދޮގެއްތަ ؟ ” ނާއިޒަށް ބަލަންހުރެ ޖިނާނު އަނެއްކާ ވެސް ސުވާލު ކުރިއެވެ.

” އޭނަ ދައްކާ ވާހަކަތައް އަޑުނާހާ އޭނާ ކުރާ ސުވާލުތަކަށް ޖަވާބު ނުދީ އަހަރެން ނުހުންނަން. އެކަމު … ވެދާނެ އަހަރުމެން ދެމަފިރިންގެ މެދުގައި ޒުވާބެއް ހިނގި އަޑު އެމީހުނަށް އިވުނީ ކަމަށް. ކޮންމެ ދެމަފިރިއެއްގެ މެދުގައި ވެސް އެކަހަލަ ކުދިކުދި މައްސަލަތައް ހުންނާނެ. ” ދުނިޔެމަތީގެ އާދައަށް އިޝާރާތްކޮށް ނާއިޒް ވާހަކަ ދެއްކިއެވެ.

” ކަލޭމެން ދެމީހުންގެ ޓީވީ ޕްރޮގްރާމެއް އަހަރުމެން ބެލިން. އެހެން އުޅުނު އިރު ކަލެއަކަށް ހިޔެއް ނުވޭތަ ކަލެއަށް ވުރެ ކަލޭގެ އަންހެނުން އުޅެނީ އުފަލުގައި ކަމެއް. ” މާޒީގެ ތެރެއިން ކަމެއް ހަނދާންކުރާ ފަދައަކުން ރީސާމް ވާހަކަ ދެއްކިއެވެ.

ލަންމާގެ މަރާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ޕޮލިހުން ހޯދަމުންދިޔަ މީހުންގެ ތެރޭގައި ނާއިޒްގެ އޮފީހުގައި މަސައްކަތް ކުރަމުންދާ އަދުހަމް ވެސް ހިމެނެއެވެ. އަދުހަމް އަކީ ނާއިޒްގެ އޮންލައިން ނޫހުގައި ވެސް މަސައްކަތް ކުރަމުންދާ މީހެކެވެ. ޕޮލިހުން އެދުނުފަދައިން އަދުހަމް ޕޮލިސްސްޓޭޝަނަށް އައުމުން އޭނާއާ ބައްދަލު ކުރީ ރީސާމާއި ޖިނާނު އެވެ.

” އަދުހަމް! ކަލެއަކީ ނާއިލްއާއެކު އޭނާގެ ވައިލެޓް އޮންލައިން ނެރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ މީހެއްނުދޯ ؟ “އަދުހަމަށް ބަލާލަމުން ޖިނާނު ސުވާލު ކުރިއެވެ.

” އާން. އަހަރެން މަސައްކަތް ކުރަނީ އެތަނުގައި. ” އަދުހަމް ޖަވާބު ދިނެވެ.

އެ ކީއްވެ ؟ ” ރީސާމް އަހާލިއެވެ.

” އެތަނުގައި އަހަރެން މަސައްކަތް ކުރާތީ އަހަރެންނަށް މުސާރަ ދޭ. އެތަނުގައި ހިނގާ ހުރިހާކަމެއް ވެސް އަހަރެންނަށް އިނގޭ. ދިމާވާ މައްސަލަތަކާއި މީސްމީހުން ބޭރަށް ގޮސް އައިސްވުން ވެސް އިނގޭ. އެކަމު ދެން ބޭރުގެ ކަންތައްތައް ދޫކޮށްލާ. އެތެރޭގެ ހުރިހާކަމެއް ވެސް އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ. ނާއިޒަކީ އަހަރުމެންގެ ބޮސް. އޭނާ ….. ” އަދުހަމް ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލީ ރީސާމް އެވެ.

” ހުއްޓާލާ. އެތަނުގެ ހުރިހާބަޔެއްގެ ތަޅުދަނޑި އޮންނަނީ ކަލޭގެ އަތުގައެއްނު. އެވާހަކަ ދައްކަބަލަ. ” އަދުހަމްގެ ވާހަކަތައް މެދުކަނޑާލަމުން ރީސާމް ވާހަކަ ދެއްކިއެވެ.

” ނޫން. ތަޅުދަނޑިފަތި އޮންނަނީ ބޮސްގެ އަތުގަ. އަހަރެން އަތަށް ތަޅުދަނޑި ލިބެނީ ޑިސެމްބަރ އެއްތިރީސްގައި އެކަނި. އެ ވެސް އެތަނުގެ ތަރުތީބު ބަދަލުކޮށްލާ އިތުރަށް ސާފުކޮށްލުމަށްޓަކާ. ” ޙަޤީޤަތް ހާމަކުރަމުން އަދުހަމް ވާހަކަ ދެއްކިއެވެ.

” މިދިޔަ ޑިސެމްބަރު މަހު އެއްތިރީހުގައި އޮފީސްތެރެ ސާފުކުރަމުން ދަނިކޮށް 502 ނަންބަރު ކަބަޑުން ކަލެއަށް ތަފާތު އެއްޗެއް ނުފެނޭތަ ؟ ” ވަރަށް ޝައުޤުވެރިކަމާއިއެކު އަދުހަމަށް ބަލާލަމުން ރީސާމް ސުވާލު ކުރިއެވެ.

” އެއީ ބޮސްގެ ކަބަޑު. އެކަބަޑު ހުޅުވާލިތަނުން އަހަރެންނަށް ފެނުނީ ވިދާ އެއްޗެއް. ރަނގަޅަށް ބަލާލިއިރު އެއީ ވަޅިއެއް. ވަރަށް ތޫނުކޮށްފައިވާ އެވަޅީގައި ހަތްވަރަކަށް އިންޗި ހުންނާނެ. ކީސްތިލަ އެއްހެން އެވަޅީގެ އެއްފަރާތުގައި ތުނޑުތަކެއް ވެސް ހުރި. ” އަތުން ހަރަކާތްތަކެއް ދައްކަމުން އަދުހަމް ކިޔައިދިނެވެ.

އަދުހަމްގެ ފަރާތުން ޕޮލިހުން ހޯދާން ބޭނުންވި މަޢުލޫމާތުތައް ހޯދުމަށްފަހު އަދުހަމް ފޮނުވާލިއެވެ.

ލަންމާގެ މަރުގެ މައްސަލަ ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދާން ފެށިއެވެ.

ދައުލަތުގެ ފަރާތުން ދައުވާ ކުރަމުންދާ މީހުންގެ ތެރޭގައި ނާއިޒް ހިމެނޭތީ އާއި އެކަމުގައި އޭނާ ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ޕޮލިހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެވުނެވެ.

ޕޮލިހުން ކުރަމުންދިޔަ ސުވާލުތަކަށް ނާއިޒް ޖަވާބު ދެމުން ދިޔައިރު ދެ ފަރާތުން ވެސް ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ.

” އަހަރެން ބުނެފީމެއްނު ފައިލްތައް ބަލަހައްޓަނީ އޭނާއޭ. އަހަރެން ކުރާ ކަމަކީ ކަންތައްތައް ހޯދުން. ” ޖިނާނަށް ބަލާލަމުން ނާއިޒް ޖަވާބު ދިނެވެ.

” ނާއިޒް! ” ނާއިޒާއި ދިމާއަށް އަންނަމުން ރީސާމް ގޮވާލިއެވެ.

” ކަލޭ ކޮންއިރަކު ސިކާރަ ކުރާން ފެށީ. ” ރީސާމް އައިސް ނާއިޒް ކައިރިއަށް ހުއްޓެމުން އަހާލިއެވެ.

” ކީކޭ ؟ ” ހައިރާންކަމާއިއެކު ނާއިޒް އަހާލިއެވެ.

” އެއްވެސް އިރެއްގައި އެކަހަލަ ކަމެއް ކުރިންތަ ؟ ” ނާއިޒްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަނެއްކާ ވެސް ރީސާމް އަހާލިއެވެ.

” ނުކުރަން. ” އަވަސް އަވަހަށް ނާއިޒް ބުނެލިއެވެ.

” އެކަން ކުރާ ކަހަލަ ވަޅިއެއް ގަތިންތަ ؟ ” ރީސާމް އޭނާގެ ސުވާލުތައް އިތުރު ކުރަމުން ދިޔައެވެ.

” ނުގަންނަން. ” ރީސާމަށް ބަލާލަމުން ނާއިޒް ޖަވާބު ދިނެވެ.

” ކަލޭގެ ނުވަތަ ކަލޭގެ ރައްޓެއްސެއްގެ ވަޅިއެއް އޮފީސް ކަބަޑުގަ ބޭއްވިންތަ ؟ މީގެ ޖަވާބު ދީބަލަ. ” މިފަހަރު ރީސާމް ސުވާލު ކުރިއިރު އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ.

” އަހަރެން ބުނެފީމެއްނު ނޯއްނާނެޔޭ. ” ހަޅޭލަވައިގަންނަ ފަދައަކުން ނާއިޒް ބުންޏެވެ.

” ހަޅޭ ނުލަވާ …. ” ރީސާމްގެ އަޑު ވެސް ބާރުވެގެން ދިޔައެވެ.

ނުނިމޭ

1
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.