ހިތާމަ ލޯބީގެ

އިސްކު ( 15 )

” ތިއީ ދޮގެއް … ގުޅުމެއް ނުކަނޑާ. ފޯނުން ވާހަކަދައްކަން. ތަންތަނަށް ގޮސް ބައްދަލުކުރަން. ” އިނާގެ ވާހަކަތައް އެއީ ޙަޤީޤަތް ނޫންކަން ހާމަ ކޮށްދިނުމުގެގޮތުން މާޒިނާ ވާހަކަ ދެއްކިއެވެ.

” ކަލޭ ހަނދާން އެބަހުރިތަ އެންމެފަހުން ކަލެއާއި އޭނަ ބައްދަލުކުރީ ކޮންއިރަކު ކޮންތާކުންކަން؟ ” އަނެއްކާ ވެސް އިނާ ސުވާލުކުރިއެވެ.

” އަހަރެން ބުނެފީމެއްނު ތާރީހުތައް އަހަރެން ހަނދާނެއް ނެތޭ. ” ހިތްހަމަ ނުޖެހުމާއިއެކު މާޒިނާ ޖަވާބު ދިނެވެ.

” ކަލެއަށް ނާއިޒް ވަރަށް ކަމުދޭތަ؟ ” މާޒިނާއާ ދުރަށް ހިނގައިގަންނަމުން އޭނާއަށް ބަލާލުމަށްފަހު އިނާ އަހާލިއެވެ.

” މާނައަކީ ކޮބާ؟ ” ނުތަނަވަސްކަމާއިއެކު މާޒިނާއަށް އަހާލެވުނެވެ.

” އަހަރެން މިބުނީ ނާއިޒްގެ ރީތިކަމާއި އޭނާގެ އިއްޒަތާއި ގަދަރަށް ކަލޭ ވަރަށް ގަޔާވޭ ނޫންހޭ. ” މާޒިނާއާ ދިމާއަށް އަންނަމުން އިނާ ވާހަކަދެއްކި އެވެ.

” އެކަހަލަ އެއްވެސް ކަމެއް ނެތް. ” މާޒިނާ ޖަވާބު ދިނީ ހިތްހަމަ ނުޖެހުމާއި އެކުގައެވެ.

” އެކަން އެބަ އޮތް. ލަންމާ ކަލެއާ ގުޅުން ކަނޑާލީ ވެސް އެކަން އެނގިގެން. ކަލޭ މަސައްކަތް ކުރަމުން ދިޔައީ ނާއިޒްއާ  ގުޅެންކަން ލަންމާއަށް އެނގެއެއްނު. ” މިފަހަރު އިނާ ވާހަކަ ދެއްކީ ކުރިޔަށްވުރެ ބާރަށެވެ. އޭނާއަށް ކަމެއް ޔަގީންވެގެން ވާހަކަދައްކާ ކަހަލަ ގޮތަކަށެވެ.

” އިސްގާޒީ! ބައްލަވާ. ކަމާއި ނުބޭހެ ވާހަކަތައް ދައްކާކަށް ނުޖެހެއެއް ނޫންތޯ؟ ” އިނާ ކުރަމުންދިޔަ ސުވާލުތަކުގެ ސަބަބުން މަޑުން ނީންދެވިގެން އަވަސް އަވަހަށް ކޮޅަށް ތެދުވަމުން ހަސީލް ބުންޏެވެ.

” އަހަރެން އެކަން ސާބިތުކޮށްދޭނަން. ” އިސްގާޒީއަށް ބަލާލަމުން އިނާ ބުންޏެވެ.

” ޤަވާއިދާ ހިލާފްނުވޭ. ” ހަސީލަށް ބަލާލަމުން ނަސޭހަތުގެ ރާގަކަށް އިސްގާޒީ ބުންޏެވެ.

” ޝުކުރިއްޔާ! ” ހަސީލަށް ބަލާލުމަށްފަހު އިސްގާޒީއަށް ބަލާލަމުން އިނާ ޝުކުރުއަދާކުރި އެވެ.

މާޒިނާއާ އިނާގެ މެދުގައި ކުރެވުނު ހޫނު ބަހުސަށްފަހު، އިނާ ގޮސް އޭނާގެ މޭޒުކައިރިއަށް ހުއްޓި ކަރުދާސްގަނޑެއް ނެގިއެވެ. އަދި އެއަށް ބަލާލަމުން ހިނިތުންވެލި އެވެ.

” މާޒިނާ! މިދިޔަ ޑިސެމްބަރުމަހުގެ ބާވީހުގައި ނާއިޒްގެ އޮފީހަށް ފޯނުކޮށް ނާއިޒާއި ވާހަކަދައްކާން ކަލޭ އެތައް ފަހަރަކު މަސައްކަތެއް ނުކުރަންތަ؟ ކުރީމެއްނު؟ ” މޭޒުމަތިން ނެގި ކަރުދާސްގަނޑުގައިވާ ލިޔުމަށް ބަލަންހުރެ އިނާ ސުވާލު ކުރިއެވެ.

” އަހަރެން ހަނދާނެއް ނުވޭ. ” ފަރުވާކުޑަ ގޮތަކަށް މާޒިނާ ބުނެލިއެވެ.

” އަހަރެންނަށް އެނގޭ. އަހަރެން އަތުގައި މިއޮތީ ސައްހަ މަޢުލޫމާތު. އެދުވަހުގެ ނުވަގަޑި ފަނަރަ. ދިހަގަޑި ފަންސަވީސް. ދިހަގަޑި ސާޅިސް ތިނެއް. އެގާރަގަޑި ހަތަރެއް …. ” އިނާ ކިޔާދެމުން ދިޔަ ގަޑިތައް ނޫސްވެރިން ނޯޓްކުރަމުން ދިޔައެވެ.

” އަހަރެން ބުނެފީމެއްނު އަހަރެން ހަނދާނެއް ނެތޭ. ” ރުޅިވެރިކަމާއިއެކު ބާރުއަޑުން މާޒިނާ ބުންޏެވެ.

” އެމަހުގައި އެކަނި ވެސް ކޮންމެ ދުވަހަކު ހަތަރު ފަސް ފަހަރު ކަލޭ އޭނާއަށް ފޯނުކުރޭ. ” އިނާ ވާހަކަދައްކަމުން ދިޔައީ އޭނާގެ އަތުގައިވާ ކަރުދާހަށް ބަލަމުން ނެވެ.

” އެއްތިރީސް ނޮވެމްބަރުގައި ނާއިޒަށް ލޯބީގެ ސިޓީއެއް ފޮނުވުނުކަން ކަލޭ ހަނދާން އެބަހުރިތަ؟ ” މާޒިނާއަށް ހިނިތުން ވެލަމުން އިނާ އަހާލިއެވެ.

” ތިޔައީ ދޮގެއް. ” ރުޅިއައިސްގެން ހަޅޭލަވައިގަންނަ ފަދައަކުން މާޒިނާ ބުންޏެވެ.

އިނާ ގޮސް އޭނާގެ މޭޒުމަތިން އިތުރު ކަރުދާސްގަނޑެއް ހިފައިގެން އައިސް މާޒިނާ ކައިރިއަށް ހުއްޓި އޭނާއަށް އެކަރުދާސްގަނޑު ދައްކާލަމުން ވާހަކަ ދައްކާން ފެށިއެވެ.

” މިއީ ކަލޭގެ އަތުލިޔުމެއް ނޫންތަ؟ ” އިނާ އަހާލިއެވެ.

” އާން. ” މަޑުމަޑުން މާޒިނާ ބުނެލިއެވެ.

” މިސިޓީ ނާއިޒަށް ފޮނުވީ ކަލޭތަ ؟ ” އަނެއްކާ ވެސް އިނާ އަހާލިއެވެ.

” އާން. ” ނުތަނަވަސްކަމާއިއެކު ވަށައިގެން ހޯދާލަމުން މާޒިނާ ބުންޏެވެ.

” ކިޔާލަބަލަ. ” މާޒިނާގެ އަތަށް އެސިޓީ ދެމުން އިނާ ބުންޏެވެ.

” ނާއިޒް! …. ކަލެއަށް އެނގޭނެ އަހަރެން ލަންމާއާ ގުޅުން ބޭއްވީ ކަލޭގެ ބޭނުމުގައި ކަން. އޭނާގެ ވާހަކަތަކަށް އަހަރެން ކެއްކޮށްގެން ހުރީ. ދެން އަހަރެން ކަލޭގެ ގެއަށް ގޮސް އައިސް ވާން ފެށީ. އަހަރެން ތިގެއަށް ދިއުމުން އަހަރެންނާއި ސަމާސާކޮށް މަޖާ ކުރަނީ ކީއްވެގެންކަން ބުނެދީފާނަންތަ؟ ކުރިޔަށް އޮތް ތަނުގައި އަހަރެން ބޭނުންވަނީ ކަލެއާއެކުގައި އުޅެން. ލަންމާއަކަށް އެއްކަމެއް ވެސް ނޭނގެ. އޭނަ …. ” މާޒިނާ ކިޔަމުންދިޔަ ސިޓީ އިނާ ދަމައިގަތެވެ.

” އޭނާ އެސިޓީ ނުލިޔާ ވާހަކަ ވެސް މިތަނުގައި ސާބިތުކޮށްދޭން އެމަސައްކަތް ކުރަނީ. އިސްގާޒީ! ސާފު ވެއްޖެތަ؟ ކޮންމެރީތި އަންހެންކުއްޖަކު ވެސް އެކުއްޖެއްގެ ލޯބި ނުލިބެއްޖެނަމަ އެކަމުގެ ބަދަލުހިފަން މަސައްކަތް ކުރާނެ. ނާއިޒް ނުދޭ މާޒިނާގެ ގެއަކަށް. ނާއިޒް މިސިޓީ ދިނީވެސް ލަންމާގެ އަތަށް. އެހިސާބުން ފެށިގެން ލަންމާ، މާޒިނާއާ ގުޅުންކަނޑާލީ. މިއީ ދޮގެއްތަ؟ ” އިސްގާޒީއަށާއި ކޯޓްތެރެއަށް ނަޒަރު ހިންގާލުމަށްފަހު މާޒިނާއަށް ބަލާލަމުން އިނާ އަހާލިއެވެ.

” އަހަރެންނަށް ކިހިނެތް އެނގެނީ. ކަލޭ ކީއްވެ ލަންމާއާ ތިސުވާލު ނުކުރީ؟ ” މާޒިނާ ރުޅިއައިސްގެން ހަޅޭލަވައިގަތެވެ.

އިނާ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އައިސް ނާއިލް ކައިރީ އިށީންއިރު ނާއިޒް އިނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

ލަންމާގެ މަރުގެ މައްސަލަ މިއަދަށް ކަނޑައެޅިފައިވާ ހިސާބަށް ދިއުމުން ނިންމާލިއެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ނާއިޒްގެ ކާރުގައި އިނާ އާއި ނާއިޒް އިނާމެންގެއަށް އައިއިރު އެހެން ކާރެއް އިނާމެން ގެކައިރީ އޮތުމުން ނާއިޒް ވަރަށް ހައިރާންވެ ސުވާލު އުފެދުނެވެ.

” ކާކުގެ ކާރެއް؟ ” ހައިރާންކަމާއިއެކު އިނާއަށް ބަލާލަމުން ނާއިޒް އަހާލިއެވެ.

” އެއީ އަތީލްގެ ކާރު. ” ކާރަށް ބަލާލަމުން އިނާ ޖަވާބު ދިނެވެ.

” މިގަޑީގަ؟ ” ހައިރާންކަމާއިއެކު ނާއިޒް އަހާލިއެވެ.

” އެވާނީ ކޮންމެ ވެސް މުހިންމު ކަމަކު އައީ ކަމަށް. ” ހަމަޖެހިލަމުން އިނާ ބުންޏެވެ.

” އެހެންތަ؟ …. ދެން ދަނީ އިނގޭ. ” ނާއިޒް ވާހަކަ ދެއްކިއިރު އޭނާގެ މޫޑު ބަދަލުވެފައިވާކަން އިނާއަށް އެނގުނެވެ.

” ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” ކާރުން ފައިބަން ތައްޔާރުވެލަމުން އިނާ ބުންޏެވެ. އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލި އެވެ.

އިނާ ކާރުން ފައިބައިގެން ގެއަށް ވަންނަން ހިނގައިގަތުމުން ނާއިޒް ވެސް ގެއަށް ދިއުމަށްޓަކައި ކާރު ދުއްވާލިއެވެ.

ގޭތެރެއަށް ވަދެގެން ދިޔަގޮތަށް އިނާ ދިޔައީ އޭނާގެ އޮފީސް ބަޔަށެވެ. އޭރު އެތަނުގަ އަތީލް ހުއްޓެވެ.

އިނާ އާއި އަތީލް އެކަކު އަނެކަކަށް ގޮވާލަމުން ހާލު އޮޅުން ފިލުވާލިއެވެ.

އިނާ އައިސް އޭނާގެ މޭޒުކައިރީ އިށީނުމުން އަތީލް އޭނާގެ އަތުގައި އޮތް ފޮޓޯގަނޑެއް މޭޒުމަތީގަ ބޭއްވިއެވެ.

” މިއީ ޖަމްހަރު. ނާއިލް ކައިރީ މަސައްކަތް ކުރި މީހެއް. ” އިނާއަށް ބަލާލަމުން އެއީ ކާކުކަން އަތީލް ބުނެދިނެވެ.

ވަރަށް ސަޢުޤުވެރިކަމާއިއެކު އެފޮޓޯގަނޑަށް ބަލާލުމަށްފަހު އަތީލްގެ އަތަށް އިނާ ފޮޓޯގަނޑު ދިނެވެ.

ފޮޓޯގަނޑު ހިފައިގެން ހިނގައިގަންނަމުން އަތީލް ވާހަކަދައްކަން ފެށިއެވެ.

” ވަރަށް ފަހުން އިނިސްޕެކްޓަރ ރީސާމް އޭނާއާ ބައްދަލުކުރި. ” ވާހަކަ ދައްކަމުން ދައްކަމުން އަތީލް ބުނެލިއެވެ.

” އެ ކީއްކުރަން؟ ” އަވަސް އަވަހަށް އިނާ އަހާލިއެވެ.

” އޭގެފަހުން އެތަނުގެ ވަޒީފާއަށް ޖަމްހަރު ނުދޭ. ” އިތުރަށް އަތީލް ބުންޏެވެ.

” އެކީއްވެ؟ ” އިނާގެ އަޑާއި ހަރަކާތުން ފާޅުވެގެން ދިޔައީ ހައިރާންކަމެވެ.

” އެދެމީހުން ގުޅިގެން ކޮންމެ ވެސް ރޭވުމެއް ރާވަނީހެން ހީވަނީ. ” އަތީލް ހާމަކުރީ އޭނައަށް ހީވާ ގޮތެވެ.

” އެދެމީހުނަށް ކޮންކަމެއް ކުރެވޭނީ؟ ” އަނެއްކާ އިނާ ކުރީ ސުވާލެކެވެ.

” އަހަރެންނަކަށް ނޭނގެ. ” ދެއަތަކަށް ބޯ ހަލުވާލަމުން އަތީލް ޖަވާބު ދިނެވެ.

” ވަޅިއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބުނުތަ؟ ” ގޮނޑީގައި ހަމަޖެހިލަމުން އިނާ އެހިއެވެ.

” އެތަނުގެ ކޮންމެ މުއައްޒަފެއްގެ ގެއަށް އަހަރެން ގޮސް އެހިން އެކަބަޑުގައި ވަޅިއެއް ބޭއްވިންތޯ. ކޮންމެ މީހަކު ވެސް ބުނީ އެމީހެއްގެ ކަބަޑުގައި ވަޅިއެއް ނޯއްނާނެކަމަށާއި އެހެން ކަބަޑެއްގައި ވެސް ވަޅިއެއް ނުބާއްވާކަމަށް. އެމީހުންގެ ވާހަކަތަކުން ވެސް އެނގޭ ވަޅި އޮތީ ނާއިޒްގެ ކަބަޑުގައިކަން. އަދި އެމީހުނާއި އެވަޅިއާ އެއްވެސް ގުޅުމެއް ނެތްކަން. ޕޮލިހުންގެ ރިޕޯރޓްތައް ދޮގު ކުރެވޭކަށް ނެތް. ވަޅި ފެނުނީ ނާއިޒްގެ ކަބަޑުން. ” އޮފީސްތެރޭގައި ހިނގާލަ ހިނގާލަ ހުރި އަތީލް ވާހަކަ ދައްކަމުން ދިޔައެވެ.

” ކުރިން އުޅުނު މުއައްޒަފުން ގާތު ވެސް އެހިންތަ؟ ” އިނާގެ ސުވާލުތަކަށް ނިމުމެއް ނާދެއެވެ.

” ކީއްކުރަން؟ ” ހައިރާންކަމާއިއެކު އަތީލް އަހާލިއެވެ.

” އެހާދިސާ ހިނގި ފަހުން ވަޒީފާއިން ވަކިވި މީހުން ވެސް ތިބެދާނެ. އެފަދަ މީހަކު ވަޒީފާއިން ވަކިވެގެން ދަމުން އެކަބަޑުތެރޭ ބާއްވާފައި ދިޔަ އެއްޗަކަށް ވެސް ވެދާނެއެއްނު. އެކަހަލަ މީހަކު ހުރިތޯ ބަލާލަބަލަ ” ކުޑަކޮށް ވިސްނާލުމަށްފަހު އިނާ ވާހަކަ ދެއްކިއެވެ.

” އިނާ އަދިވެސް ބޭނުން ވަނީ އަހަރެން އެތަނަށް ފޮނުވަންތަ؟ އަހަރެން އެތަނަށް ގޮސް އެތަނުގެ ރަޖިސްޓްރީ ވެސް ބަލަންވީތަ؟ އަދި ރަޖިސްޓްރީ ހިފައިގެން ފަހަރަކު ގެއަކަށް ގޮސް އަހަންވީތަ އެތަނުގައި ވަޅިއެއް ބޭއްވިންތޯ. ” އަތީލްގެ ފަރާތުން ފެނިގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

” ނާއިޒަކީ ކުށްވެރިއެއް ނޫން. ” ޔަގީންކަމާއިއެކު އިނާ ބުނެލިއެވެ.

” އޯކޭ. ” ހިތްހަމަނުޖެހުމާއިއެކު އެހެން ބުނެފައި އަތީލް ނުކުމެގެން ދިޔަގޮތަށް ދިޔައީ އެވެ.

އަތީލް އެގޮތަށް ރުޅިއައިސްގެން ނުކުމެގެން ދިއުމުން އިނާ ވަރަށް ދެރަވިއެވެ. އެކަމާމެދު ވިސްނާން އެތައްއިރަކު އިނެވެ. މިކަމުގައި އަތީލްގެ އެހީއަކީ އިނާއަށް ލިބޭ އެންމެބޮޑު ހިތްވަރާއި ކުރިއެރުމެވެ.

އޮފީހުން ނުކުންނަން އުޅެފައި ކޮންމެ ވެސް އެއްޗެއް ވިސްނުމުން ކަހަލަ ގޮތަކަށް އަވަސް އަވަހަށް ނާއިޒަށް ގުޅާލި އެވެ.

” ނާއިޒް! މައްސަލައާ ބެހޭގޮތުން ވަރަށް މުހިންމު ވާހަކައެއް ދައްކަން މިގުޅާލީ. ” ނާއިޒް ފޯނަށް ޖަވާބު ދިނުމުން އިނާ ވާހަކަ ދެއްކިއެވެ.

” އާން. ކުރިޔަށް ގެންދޭ. ” ނާއިޒް ފުރުސަތު ދިނެވެ.

” ނޭނގެ …. ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެ. ދެން …. ” ހާސްކަމާއިއެކު އިނާއަށް ބުނެވުނީ އެހިސާބަށެވެ.

” ހަނދާން ވާނެ. ” ނާއިޒް ބުނެލިއެވެ.

” ހަނދާންވީމަ ގުޅާނަން. މިހާރު ގެއަށް ދެވިއްޖެތަ؟ ” އިނާ އަހާލި އެވެ.

” އަދި ނުދެވޭ. އެކަމު ވަރަށް ކައިރީ މިއުޅެނީ. ” ނާއިޒް ޖަވާބު ދިނެވެ.

” އެހެންތަ؟ ދެން ބާއްވަނީ. ” އެހެން ބުނުމާއިއެކު އިނާ ފޯނު ކަނޑާލި އެވެ.

ފޯނު ބޭއްވުމަށްފަހު އޮފީހުން ނުކުންނާން އިނާ ހިނގައިގަތް ވަގުތު ފޯނު ރިންގްވާން ފެށިއެވެ.

އިނާ ގޮސް ފޯނުނަގައި ޖަވާބު ދިނުމާއިއެކު އެކޮޅުން ވާހަކަދައްކަން ފެށީ ނާއިލެވެ.

” ދާން ބޭނުންވި ނަމަވެސް އަހަރެން ކޮންތާކަށް ދާނީ؟ ހައިރާންވާންވީ ކަލެއެއް ނޫން. އަހަރެން. ކަލޭ ތިހާ ތެދުވެރިކަމާއިއެކު އަހަރެންނަށް ކަންތައް ކޮށްދެމުންދާގޮތުން އަހަރެންނަށް ވަރަށް އަސަރުކޮށްފި. ފުރަތަމަ ފަހަރަށް އަހަރެންނަށް އިހުސާސް ވެއްޖެ އަހަރެންނަކީ ކުށްވެރިއެއް ނޫންކަން. ހިތް އެދެނީ ތިޔަ އޯގާތެރިކަމަށް. ތިޔަ އަސަރުގަދަ ލޮލުގެތެރެއަށް ގެއްލިދާން … އަހަރެން ކިހިނެތް ދުރައް ދާނި. އަހަރެން އަބަދު ވެސް މިހުންނަނީ އިނާ ގާތުގަ. މިހާރު ބޭނުން ވިޔަސް ބީހިލެވޭހާ ގާތުގަ. ޙަޤީޤަތުގައި ވެސް ތިހެން ފޯނުއަތްގަނޑު ހިފައިގެން ގޮނޑީގައި މާޔޫސްވެފައި އިނދެ އަހަރެންނަށް އިންތިޒާރުކުރާހެން ހީވަނީ. އަހަރެންގެ ހިތް އެދެނީ އަބަދު ވެސް އިނާ ގާތުގައި ހުންނަން. ” އަސަރާއިއެކު ނާއިޒް ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު އިނާގެ ލޮލުން ފޭދިގެން ދިޔައީ  އުފަލުން ނުވަތަ ހިތާމައިން ފޭދުނު ކަރުނަކަމެއް ނޭނގުނެވެެ.                       ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 15 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.