މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [13]

އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ.

“ގެޓް ވެލް ސޫން. ” އަހަރެންގެ ދެމިޔަކަނި ކަންފަތް ކައިރިޔަށް ދެމިގަތީ ބޭ އިޚްތިޔާރުގައެވެ. އަހަރެންނަށް ހުރެވުނީ ހިތުގެ އަޑިން ހިނިތުންވެލެވިފައެވެ.

ޝާޔާގެ އަނގަ ހުޅުވިގެން ދިޔައީ ހައިރާންވި ވަރުންނެވެ. އެހާރީތި، އެހާ ބޮޑު، ރަތް ފިނިފެންމާ ބޮނޑިއެއް ޝާޔާ މީގެކުރިން ހަމަލޮލަށް ދެކެފައި ނުވާކަހަލައެވެ. ޝާޔާގެ ކޯތާފަތް މަތި ޖަންބުވެގެންދިޔައީ ހައްވާދައްތަ ހުއްޓައި އަހަރެން ގެނައި ހަދިޔާ ފެނިފައެވެ. ޝާޔާ ދެލޯ އެއްފަހަރާ މަރާލީ “ތެންކްޔޫ” އޭ ބުނާކަހަލަ ގޮތަކަށެވެ. އޭރު ޝާޔާގެ ހުދުހުދު އަންނާރު އޮށްތަކެއްފަދަ މުތީތައް ފެންނަން ހުއްޓެވެ. އެނދުގެ އަނެއްފަރާތުގައި އަހަރުމެން ދެމީހުންގެ ޙަރަކާތްތަކަށް ކަޅިޖަހާނުލާ ބަލަން އިން ހައްވާދައްތަވެސް އިނީ ހެވި ދިލިފައެވެ. ހައްވާ ދައްތަ ބަލަން އިންގޮތުން އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ.

އަހަރެން މަޑުމަޑުން ހައްވާ ދައްތަކައިރިޔަށް ޖެހިލާ އެކަނި ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ ބުނީމެވެ. އެއާއިއެކު ހައްވާދައްތަ އަހަރެންނާއިއެކު އޮބްޒަވޭޝާން ރޫމުން ބޭރަށް ނިކުތެވެ. އަހަރުމެން ދިޔަތަން ބަލަން ޝާޔާއިނީ ވާނުވާ ނޭނގިފައެވެ. ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން އަހަރެންނަށް ކުޑަކޮށް ހިނިވެސްއާދެވުނެވެ.އަހަރެންނާއި ހައްވާދައްތަ މަޑުކޮށްލީ ހެލްތްސެންޓަރ ގެ ގޯތިތެރޭގައި ހައްދާފައިވާ ރީތި ބަގީޗާތެރޭގައި ހުރި ބެންޗެއްގައެވެ. އެބަގީޗާތެރޭގައި ހަރުކޮށްފައިވާ ކުލަ ކުލައިގެ ބޮކިތަކުން އެ ފެހިކަން ގަދަ ބަގީޗާއަށާއި ފޮޅިފައިވާ އެކިކުލަކުލައިގެ މަތަރެސް މަލާއި ސަންފްލާވަރ ތަކަށް އިތުރު ދިރުމެއް ގެނުވާފައިވެއެވެ. އެމަންޒަރު ހިތްދަމައިގަންނަހާ ފުރިހަމައެވެ.

އަހަރެން ހައްވާދައްތަ ކައިރީގައި ދައްކަން އުޅޭ ވާހަކަތަކުގެ ސަބަބުން ހިތް ބުރަ ނުކުރުމަށް އެދުނީމެވެ. އެއަށްފަހު އަހަރެންނަށް ފެނުނު ހުރިހާ މަންޒަރެއް ކިޔައިދިނީމެވެ. އަދި ޝާޔާ ގެނބުމުގައި ޝައިހާގެ ހިއްސާ ރަނގަޅަށް ކިޔައިދިނީމެވެ. އަދި އެކަހަލަ ކަމެއް ޖެހިލުމެއް ނެތި ޝައިހާ ކޮށްލާ، ކަމަކަށް ނުވާކަހަލަ ކަންކަމާ އެހާ ރުޅިގަދަވާ އިރު އެއީ ނަފްސާނީކަމަކަށް ވެދާނެ ވާހަކަ އަހަރެން ހައްވާދައްތަ ކައިރީގައި ބުނީމެވެ. ނަމަވެސް ޙައްވާދައްތަގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ނުވަތަ ހާސްކަމެއްވެސް ވެހެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އިނީ އިސްޖެހިފައެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ހައްވާދައްތަ ވާހަކަދައްކަން ފެށިއެވެ.

“މަރިޔަން ކުޑަކުޑައިރުވެސް ވަރަށް ރުޅި ގަދަވާނެ. ވަރަށްއަވަހަށް ކަންކަމާ ރުޅިއައިސް ގޭތެރޭ އެއްޗިހި ހަލާކުކޮށް އުޅޭނެ. އާމިނަތުއަށް ވެސް ވަރަށް އެއްޗިހިކިޔާ ވަރަށް އަނިޔާ ކުރާނެ އޭރުވެސް. މަރިޔަންގެ ހުންނަ އާދަޔާޚިލާފު މިކަންކަމާހެދި ދައްތަމެން މަރިޔަން ޑޮކްޓަރަށް ދައްކަންވެސް ބޭނުންވި. ނަމަވެސް އޭރު ދައްތަމެންގެ ދަތިޙާލަތު ހުރިގޮތުން ރަށުން ފުރައިގެން މާލެ ގޮސް ޑޮކްޓަރަކަށް ދެއްކޭނެ ހާ ތަނަވަސްކަމެއް ނެތް. ރަށު ސިއްޙީމަރުކަޒަށް ދެއްކީމަ ބުނީ އެމަންޖެ ހިތްހަމަ ނުޖެހޭ ކަހަލަ ކަންތައްތައް ނުކުރާށޭ. ރުޅިއަންނަ އެއްވެސް ކަމެއް ގޭތެރެއިން ވިޔަ ނުދޭށޭ. ބުނާކަމެއް ކޮށްދެވޭތޯ ބަލާށޭ. އެހެންވެ އޭރުއްސުރެ މަރިޔަން ބަލާބޮޑުކުރީ އެއްވެސް ކަމެއް އުނިވިޔަނުދީ. ބުނި ކޮންމެ އެއްޗެއް ހޯދައިދީގެން ބުނި ގޮތަކަށް ކަންތައް ކޮށްދީގެން. އެހެންވެ މަރިޔަންގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އަންނަމުން ދިޔައީ. ދެން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވެން ފެށީމަ ދައްތަމެންވެސް މާލެ ދިޔައިން. އަދި ޑޮކްޓަރަށް ވެސް ދެއްކިން. ނަފްސާނީ ޑޮކްޓަރަކަށް. އެކޮއެ ތިބުނިހެން މަރިޔަންގެ ހުންނަނީ ނަފްސާނީ ކަމެކޭ ޑޮކްޓަރު ބުނީ. އެމީހުން ބުނިގޮތުގަ އަހަރުމެންނަށް ޖެހޭނީ މަރިޔަން އެހެން މީހުންނާއި ވަކިން އެކަހެރިކޮށް ގެންގުޅެން ބޭސް ކޮށް ނިމެންދެން. ދައްތަމެންވެސް ބޭނުންވި މަރިޔަން ރަނގަޅުވާން. އެކަމަކު ދެން ކުރިމަތިވީ އެއަށްވުރެ އުނދަގޫ ކަމެއް. ފަރުވާކުރަން ބޭނުންވާ ބޭސް ރާއްޖެއަކުންނެއް ނުލިބޭ. ދައްތަމެންނަށް ޖެހުނީ ބޭރުން އެބޭސް ގެންނަން. ގެންނަން ބެލިއިރު އާސަންދައަކުންނެއް އެބޭހެއް ނުލިބޭ. އެބޭހަކީ ނުލާހިކު އަގުބޮޑު ބޭހެއް. ދައްތަމެންގެ މާލީ ޙާލަތު ހުރިގޮތަކުން ދައްތަމެންނަކަށް ނެތް މަރިޔަންނަކަށް ފަރުވާ ކުރެވޭކަށް.” އެހިސާބަށް ދިޔައިރު ހައްވާދައްތަގެ އަޑުގައި ތުރުތުރެއް އެކުލެވެސް ފަށައިފިއެވެ. ކޮށްފައިވާ އަސަރު އަހަރެންނަށް އިޙްސާސް ކުރެވުނެވެ. “އެހެންވެ މަރިޔަން ކުރިންވެސް ގެންގުޅުނުހެން މިގެންގުޅެނީ މަރިޔަން ބުނިއެއްޗެއް ސަލާން ޖަހައިގެންވެސް ހޯދައިދީގެން. ދެން އާމިނަތުގެ ނުކުޅެދުންތެރިކަމާހެދި އަބަދުވެސް މަރިޔަން އާމިނަތުއަށް ވަރަށް އިހާނެތިކޮށް ކަންތައްކުރާނެ. އެކަމާހެދި އަހަރުމަން މަދަރުސާ ނިމޭއިރަށް ކޯސް ކިޔަވަން ވެސް މަރިޔަން އެހެން ރަށަކަށް ބަދަލުކުރީ. އާމިނަތުއާއި ދޭތެރޭ މަރިޔަން ކަންތައް ކުރާގޮތުން.” ހައްވާ ދައްތަގެ ވާހަކަތައް ނިމުނުއިރު ހައްވާ ދައްތައަށް ހުރީ ވަރަށް އަސަރު ކޮށްފައެވެ. އަހަރެންނަށް ޝައިހާގެ ބަލިޙާލަތާ މެދު ޙަމްދަރުދީ ވެވުނެވެ. އަދި ބަކުރުބެ މެންނަކީ އަހަރެން ހީކުރިހާ ގޯސްބައެއް ނޫންކަން އަހަރެންނަށް އެނގުނެވެ. އެހެން ކަމުން ޝާޔާ ޝައިހާދެކެ އެހާ ލޯބިވާތީއާއި އެއްކޮށް އަހަރެން ޝައިހާއަށް ވެސް އެހީވާން ނިންމީމެވެ.

“ހައްވާ ދައްތާ. އެހެންވީރު ޝައިހާގެ ފަރުވާ ލަސްކުރުމުގެ ބޭނުމެއްނެތެއްނު. ” އަހަރެން ހައްވާ ދައްތަގެ އަތުގައި ހިފާލާ ހިތްވަރުދިނީމެވެ. ހައްވާ ދައްތަ އަހަރެންނަށް ބަލައިލީ ބުނިއެއްޗެއްގެ މާނަ ނޭނގިގެންނެވެ. “ޝައިހާގެ ފަރުވާ ލަސްވެފަ އޮތީ ފައިސާގެ ދަތިކަމުން ކަމަށް ވަންޏާ. އިރާދަކުރެއްވިއްޔާ ތިކަންތައް އަހަރެން ހަމަޖައްސާލަދޭނަން.” އަހަރެން ހައްވާދައްތައަށް ޔަގީންކަން ދިނީމެވެ. ހައްވާދައްތަ ހުރީ ވަރަށް އުފާވެފައެވެ. ހައްވާދައްތަމެން ޝައިހާ ދެކެ ވަރަށް ލޯބިވެއެވެ. އެއީ އެދެމަފިރިންގެ ކައިވެންޏަށް ވިއްސަކަށް އަހަރުވީފަހުން ހައްވާދައްތަގެ އުމުރުން ސާޅިސް އަހަރުގައި ލިބުނު އެދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާއެވެ. ހައްވާދައްތަގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. އަހަރެން ޝާޔާއާއި އަހަރެންގެ ގުޅުމުގެ ވާހަކަވެސް ހައްވާދައްތަ ކައިރީގައި ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަކަށް ނުކެރުނެވެ. ކިތަންމެ ފަހަރަކު އަނގަހުޅުވާލައިފައިވެސް ލައްޕާލެވެނީ ނުކެރިގެންނެވެ.

“ހައްވާދައްތަ ދެން ދާންވީނު ގެއަށް ނިދާލަން. ” އަހަރެންނަށް ހައްވާދައްތަ ކައިރީ އެހެން ބުނުމަށް އަހަރެންގެ ގައިގާހުރި ހުރިހާ ހިއްވަރެއް ނެރެން ޖެހުނެވެ. “އަހަރެން މަޑުކޮށްލަފާނަން ޝާޔާކައިރީ މިރޭ. ” އޭރު އަހަރުމެން ތިބީ އޮބްޒަރވޭޝަން ރޫމްގައެވެ. ޝާޔާ ހުރީ އަހަރެން އެހެން ބުނުމުން ލަދުން ހަލާކުވެފައެވެ. އިސްޖަހާލައިގެން ހުރެފައި މަޑުމަޑުން އިސް އުފުލާލާ ހައްވާ ދައްތައަށް ބަލައިލިއެވެ.

“އެންމެ ރަނގަޅު. އާމިނަތުއަށް ރަނގަޅަށް ބަލާތި. ” ހައްވާ ދައްތަ އަހަރެންގެ ކޮނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. “ދައްތަ އަންނާނަން ފަތިސް ކޮށްލައިގެން. ” އެހެން ބުނެފައި ޝާޔާއަށް ބަލާލާފައި މަޑުމަޑުން ނިކުތެވެ. ޝާޔާހުރީ ހައްވާދައްތަ ކަންތައް ކުރިގޮތުން ހައިރާންވެފައެވެ. އަދި ލަދުވެސް ގަނެފައެވެ. އަހަރެން ހައްވާދައްތަ ކައިރީ ނުބުނި ކަމުގައިވިޔަސް އަހަރެން ޝާޔާއާއި ދޭތެރޭ ބަހަށްޓާ ޚާއްސަކަން ހައްވާދައްތައަށް ނޭނގިއެއް ނުހުންނާނެއެވެ. އަހަރެން ބަހައްޓާފައި ދާނީވެސް ކޮންމެވެސް ވަރަކަށް އިތުބާރުވެސް ކުރާތީއެއް ނޫންހެއްޔެވެ. އެހެންކަމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ.

އެރޭ ހަތަރުދަމު އަހަރެން ހޭދަކޮށްލީ ޝާޔާއާއި އެކީގައެވެ. އެކިވާހަކަ ދެއްކުމުގައެވެ. ލޯބީގެ އެކި ހަދިޔާ ބަދަލު ކުރުމުގައެވެ. ޝާޔާގެ އިޝާރާތްތައް އަހަރެންނަށް ދެނެގަންނަން މިހާރު މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ޝާޔާގެ ހިތުގައިވާ އެއްޗެއް ދެނެގަނެވެއެވެ. ފަތިސްވާން ކައިރިވެފައި ވަނިކޮށް ޝާޔާއަށް ނިދިއްޖެއެވެ. އާދުވަހަކަށް އިރުއަރައިގެން އައިއިރުވެސް އަހަރެންނަށް އިނދެވުނީ ފޫހިކަމެއްނެތި ޝާޔާގެ މައުސޫމު މޫނަށް ބަލާށެވެ. ފޫހިކަމެއްނެތި މުޅިއުމުރަށްވެސް ބަލަން އިނދެވިދާނެއެވެ. އެއްފަރާތުގައިހުރި ކުޑަދޮރުން އިރުގެ ރަންދޯދިތައް މޫނަށް އެޅެންފެށުމުން ޝާޔާއަށް އުނދަގޫވިހެން ހީވިއެވެ. އެއާއިއެކު އަހަރެންގެ އަތުން ޝާޔާގެ މޫނަށް ހިޔާކޮށްދިނީމެވެ. ޝާޔާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ލޯހުޅުވާލިއެވެ. އަހަރެން ޝާޔާއަށް ބަލަން އިންތަން ފެނުމާއިއެކު ޝާޔާގެ ދެއަތުން އެލޯބި މޫނު ފޮރުވައިލީ އަހަރެންގެ އެއްވެސް ހުރަހެއްނެތް ތޫނު ނަޒަރުން ސަލާމަތް ވާން ކަހަލައެވެ. ޝާޔާގެ އެ ހަރަކާތުން އަހަރެންގެ ހިތުގައި ފޮނި ރާގެއް ކުޅެލިއެވެ.

“ވަރަށް ލަސްވެއްޖެދޯ. ” އަހަރެންނާއި ޝާޔާއަށް ސިހިފައި ބަލާލެވުނުއިރު ހައްވާދައްތަ ވަދެގެން އަންނަނީއެވެ. އޭރު އަޔާން އާއި ޒާނިޝްވެސް ފަހަތުން އާދެއެވެ. އެދެމީހުންނާއި އެއްކޮށް އައި ރިޔާއާއި ރަނާ ފެނިފައި އަހަރެންނަށް ހިނިއާދެވުނެވެ.

“މަޑި ދާތާކަށް ކަށިވެސް ދާނެތާ ދޯ. ” އަހަރެން ހިނިގަނޑަކާއެކު ދިމާކޮށްލީމެވެ. ޖަވާބުގައި އެންމެންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ.

“ހާއި. މިހާރު ކިހިނެއް. ؟” ރިޔާ ކައިރިވެލާފައި ޝާޔާގެ އަތުގައި ހިފާލަމުން އަހާލިއެވެ. ޝާޔާގެ ބޮލުގެ އިޝާރާތުން ރަނގަޅު ކަމަށް ބުންޏެވެ.

“ރޭގަ ވަރަށް ދަންވިފަހުން ނިދުނީ. އެހެންވެ ފަތިހަކު ނުވެސް ހޭލެވުނު. “ހައްވާ ދައްތަ ސައިބޯން ގެނެއި އެއްޗެހި ސައިޑް ކަބަޑް މަތީގައި ބަހައްޓަމުން ބުނެލިއެވެ. އެއާއިއެކު އަހަރެންގެ ހިތުގައިވެސް ސުވާލުތަކެއް އުފެދިއްޖެއެވެ. އަހަރެންނަށް ސުވާލު ނުކުރެވިގެން އުޅެނިކޮށް ހައްވާދައްތަ އަނެއްކައިވެސް ކިޔާދިނެވެ.

“ރޭގަ މަރިޔަން ރުޅިގަދަވެގެން ހިފަހައްޓާނުލެވިގެން. މަށާ ބަކުރާ ދެމީހުން ތެޅިތެޅި ވަރުބަލި ވެއްޖެ. ނަސީބެއް ރޭގަ މިމަންޖެ ގޭގަ ނެތްކަން.” ހައްވާދައްތަ އެހެން ބުނުމުން އަހަރެންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އަހަރެންނަށް އެހާވަރަށް ޝައިހާ ޗާޖުވެސް ކޮށްލެވުނެވެ. އެހެން ވާނެއޭ ކުރިންވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

އަށެއް ޖަހާލާކަންހާއިރު ޑޮކްޓަރު ދުރުވިއެވެ. އަދި ނެގުނު އީސީޖީ ރިޕޯޓާއި އެހެން ޓެސްޓު ތަކުގެ ނަތީޖާ ބެލުމަށްފަހު ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނެތްކަމަށް ބުންޏެވެ. ސީޕީއާރު ދިނުމުގެ ސަބަބުން މޭގެ މަސްތަކަށް ކުޑަކޮށް ގެއްލުން ލިބިފައި ހުއްޓަސް އެކަން ދުވަސްކޮޅެއްގެ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށް ބުންޏެވެ. ހަފްތާއެއްގެ ބެޑްރެސްޓް ކުރުމަށް ބުނެފައި ބޭސް ލިޔެދެއްވިއެވެ. އެއަށް ފަހު ގެއަށް ފޮނުވައިލެވުނެވެ.

ގެއަށް ދެވުމާއިއެކު އަހަރެން ބެލީ ކޮފީއެއް ބޯލެވޭތޯއެވެ. ތާޒާކޮފީއަކުން ކަރުތެންމާލާ ހެނދުނުގެ ނާސްތާ ކޮށްލުމަށްފަހު ފްރެޝްވެލައިގެން އަހަރެން އޮށޯތީ ކުޑަކޮށް ނިދާލާށެވެ. ދުވާލު ނިދުމަކީ ގޭގެ ޤަވާއިދާ ޚިލާފުކަމަކަށް ވިޔަސް ކަންތައް ދިމާވިގޮތުން އަހަރެންނަށް ޚާއްސަ ހުއްދައެއް ލިބުނީއެވެ. މެންދުރުފަހުން ބޯޓް ކައިރިޔަށް ދާންވާއިރަށް ހޭލެވޭނެހެން އެލާމް ކޮށްލުމަށްފަހު އެނދުގައި ޖައްސާލީމެވެ. ނިދޭކަށް މާ ގިނައިރެއް ނުނެގިއެވެ.

އަހަރެންނަށް ނިދުނީ ކިހާއިރެއް ވަންދެންކަމެއް ގޭނގެއެވެ. ހޭލެވުމުން ވެސް ކަންނެތް ވެފައި ލޯނުހުޅުވަން އޮތީއެވެ. އެލާމް ނުވާތީއެވެ. އޭރު މަޑުމަޑު މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ. އަރާމު މިއުޒިކެކެވެ. އެކަހަލަ ހިމޭން މިއުޒިކެއް އަޑުއިވެނިކޮށް ނުނިދޭނީ ކާކަށް ހެއްޔެވެ. އަނެއްކައިވެސް ނިދިއައިސް އަހަރެންގެ ލޯމައްޗަށް ބަރުކޮށްލައިފިއެވެ. ނިދެމުން ދަނިކޮށް އަހަރެންގެ ހިތަށް އެރިއެވެ. ނިދަން އޮށޯތީ ލަވައެއް މިއުޒިކެއް ޖަހައިގެނެއް ނޫނެވެ. އެހެންވީރު މިވާނީ އަޔާންމެންގެ ކަމަކަށެވެ. އެހެންވީރު ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އެހެން ހިތަށް އެރުމާއިއެކު އަހަރެން ފުންމައިގެން ތެދުވެއްޖައީމެވެ. ދެލޯ ހުޅުވާލިއިރު މުޅިކޮޓަރި އޮތީ އަނދިރިވެފައެވެ. އަނެއްކާ އަހަރެންނަށް ނިދުނީ ކިހާއިރެއް ވަންދެންބާއެވެ؟ ކަންފަތަށް އުނދަގުލެއް ވާތީ ބަލައިލިއިރު ކަންފަތަށް ހުރީ ހެޑްސެޓް ޖަހާފައެވެ. އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ވަގުތުން ހެޑްސެޓް ނަގައި އުފުރާލީމެވެ. އަހަރެންގެ ފޯނެއްވެސް ނެތެވެ. މިއުޒިކް ޖަހާފައި އޮތީ އަޔާންގެ ފޯނުންނެވެ. ސިޓިންރޫމް ތެރެއިން ބައެއްގެ ހުނުމުގެ އަޑާއި ވާހަކަދައްކާ އަޑު އިވިއިވި ހުއްޓެވެ. އަނދިރިކަމުގެ ތެރެއަން އަހަރެން ގޮސް ލައިޓް ޖައްސާލީމެވެ. އެއާއިއެކު ކޮޓަރިތެރެ އަލިވެއްޖެއެވެ. ފާހަގަ ކުރެވޭކަހަލަ ކަމެއް ކޮޓާރިތެރެއަކު ނެތެވެ. ނަމަވެސް ސިޓިންރޫމްތެރެ ކުއްލިޔަކަށް އަޑުމަޑު ވެއްޖެއެވެ. އަތުގައި އޮތް ގަޑި ބަލައިލީމެވެ. އެއާއިއެކު ދެލޯ ބޮޑުވެއްޖެއެވެ. ގަޑިން އަށެއް ޖަހައިފިއެވެ. ކިހާދެރަހެއްޔެވެ. އަހަރެންނަށް މެންދުރު ކެއުމާއި ރޭގަނޑުގެ ކެއުންވެސް މިސްވީއެވެ. އެހެން ހިތަށް އެރުމާއިއެކު ބަނޑު ރޫރޫ އަޅައިލިއެވެ. އެފަކީރު ހުހަށް އޮންނަތާ ބާރަ ގަޑިއިރު ވީއެވެ. ކޮންކަހަލަ އިހާނެތި ބައެއްހެއްޔެވެ. އަހަރެންނަށް ކާންވެސް ނުގޮވައެވެ. އަހަރެން ވަރަށް ހިތަހަމަ ނުޖެހުނެވެ. އަވަސް އަވަހަށް ޓީޝާޓެއް ބޮލަށް މަހައިލައިގެން ސިޓިންރޫމަށް ނިކުންނަން ދޮރު ހުޅުވައިލީމެވެ.

“ސަޕްރައިޒް…………!!! އީއީއީއީއީއީއީއީ…….!! ކާކު….” ސިޓިންރޫމް ތެރެއިން ހަޅޭއްލަވައި ގަނެއްޖެއެވެ. ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަހަރެންގެ މަންމަ އާއި، އަޔާންގެ މަންމަ އާލިއާ ދައްތަ، އަދި އަހަރެންގެ ކަޒިން އިޝީ ވެސް ސިޓިންރޫމްތެރެއަށް އެއްވެފައިވާ މީހުންގެ ތެރޭގައި ތިއްބެވެ. އަހަރެންނަށް ވީއުފަލުން އަނގަ ހުޅުވައިލެވުނެވެ. އެހާދުވަސް ކޮށްފައި އިޝީ ފެނުމުން އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އިޝީ އާއި ދިމާލަށް ދުއްވައި ގަނެވުނެވެ.

“އާ…………ތް…. މަށާ ކައިރި ނުވާތި…. ތީކާކު……؟” އިޝީ ހަޅޭލަވައިގަނެފައި ސިޓިންރޫމްތެރޭގައި އަހަރެންގެ އަތުނުޖެހި ދުވަން ފަށައިފިއެވެ. ހީވަނީ ބިރެއްފެނިގެން އުޅޭހެނެވެ. އޭރު އެއްބަޔަކު ބިނދި ބިނދިފައި ހެނީއެވެ. އެއީ އަޔާން އާއި ޒާނިޝް، އަދި ރިޔާ އާއި ރަނާއެވެ. ވަގުތުން އަހަރެންނަށް އެވީ ގޮތް އެނގިއްޖެއެވެ. އަހަރެންގެ މޫނުގައި ކޮންމެވެސް އެއްޗެއް ކުރަހައިފިއެވެ. މޫނުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ބަލައިލިއިރު ކަޅު ކުލައެވެ. އަވަހަށް ކޮޓަރި ތެރެއަށް ދެމިގަނެ އަލަމާރި ލޯގަނޑުން ބަލައިލީމެވެ. އެއަށްވުރެއަވަހަށް ލޯގަނޑު ކުރިމަތިން ދުރަށް ދެވުނީ ފެނުނު ބިރުވެރިއެއްޗަކުންނެވެ. އެއީ އަހަރެންގެ ސޫރަކަން އެނގުމުން އަނެއްކާވެސް ބަލައިލީމެވެ. ކަމަކުދާކަށް ނެތެވެ. ހަމަރީތި ސްކެލްޓަން އަކަށް އަހަރެން ހަދާލާފައިވާއިރު މީހަކު ބިރުން ފިތްކަނޑައިގެން ދާހާވެއެވެ. ވަގުތުން އެއީ ޒާނިޝްގެ ކަމެއްކަން އެނގިއްޖެއެވެ. އެހާ ރީތިކޮށް އެއްޗިހި ކުރެހޭނީ ޒާނިޝް އަށެވެ. އަހަރެން ފާހާނައަށް ވަދެ މޫނުގައި ޝަވަރ ކްރީމް ލައިގެން ރަނގަޅަށް ދޮވެލީމެވެ. އެއަށްފަހު ސިޓިންގ ރޫމްއަށް ނިކުތްއިރު ހުރީ ރުޅިގަދަވެފައެވެ. މަންމަ އަހަރެން ފެނުމާއިއެކު ހީނލީ އަހަރެންނާއި ދޭތެރޭ ސިމްޕަތީވެފައި ހުރެއެވެ. އިޝީ ދުވެފައި އައިސް ހަގް ކޮށްލިއެވެ.

“ޝޯން. އިޓްސް ޔޫ. ޔޫ ލުކްޑް ކްރީޕީ. އޯހް… އައި މިސްޑް ޔޫ.” އިޝީ ފެނުމާއިއެކު އަހަރެންގެ ރުޅިގަނޑު އަރައިގެން ދިޔަ ތަނެއްވެސް ނޭނގުނެވެ. އެއަށްވުރެ މާ އުފާވިއެވެ. އިޝީއަކީ އަހަރެންގެ ބެސްޓް ކަޒިންއެވެ. އިޝީ ސިންގަޕޯރ ގައި ކިޔަވަން ހުރެފައި އައިކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.

“މޮމް ކޮންއިރަކު ދުރުވީ. އަޅުގަނޑަކަށް ހޭވެސް ނުލެވުނު މޮމް ބުނިގަޑިއަށް ދާކަށް. ދިސް އިޒް އޯލް ދެއަރ ފޯލްޓް.” އަހަރެން ހެވިފައި ތިބި ޒާނިޝްމެން ގުރޫޕް ގަނޑު ދައްކާލީމެވެ.

“މަންމަ ރޭގަ ގުޅާފަ އައިޝާ ދައްތަ ކއިރީ ބުނިން އަންނަވާހަކަ. ދަރިފުޅު ކައިރީ ނުބުނެ ސަޕްރައިޒް އެއް ދޭން އުޅުނީ. ކިހިނެއް އެނގޭނީ ދަރިފުޅަށް މިހާ ވަރުގަދަ ސަޕްރައިޒް އެއް ލިބޭނެކަމެއް.” މަންމަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ބިލީވް މީ މޮމް. ދޭ އަރ އެކްސްޕާރޓްސް.” އަހަރެން ހުރީ ސަޕްރައިޒްއެއް ދޭން މަންމަ އެހެން ބުނީތީވެސް ޖެހިލުން ވެފައެވެ. އެމީހުން ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެއެވެ. އަހަރެންނަށް ކޮށްލިވަރު ކުޑަހެއްޔެވެ؟

“އެކަމަކު ދަރިފުޅުމެންވެސް ނުވާނެއެއްނު އެހާވަރު ހަދާލާކަށް.؟” އާލިޔާދައްތަ އަޔާން އަށް ޝަކުވާ ކޮށްލިއެވެ.

“އެހެހެހެ. ޑޯންޓް ވޮރީ މޮމް. ހީ ޑިޒާވްސް އިޓް. އަޅުގަނޑުމެންނަށް ވެސް ލަނޑެއް ދީފައޭ ޝޯން އެހެރީ އެއްދުވަހަކު.” އަޔާން ފާހަގަކޮށްލީ އަޔާންމެން ކުރެހި ދުވަހެވެ. އެއީވެސް ރިޔާ މެންގެ ކަމެކެވެ. ވަރުގަދަ ދެ ކުދިންނެވެ.

“އަމް ސްޓަރވިންގް. ނެތްތަ ކާއެއްޗެއް. ” އަހަރެން ބޮޑާހާކާލީމެވެ. މަންމަ ހުރުމުން އަހަރެންނަށް އުޅެވޭނީ ކުޑަކުއްޖެއް ހެނެވެ.

“ދަރިފުޅު ހޭލަންދެން ނުކައި އެންމެންވެސް މިތިބީ.” މަންމަ އައިޝާދައްތައާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ.

“އަވަހަށް އާދޭ ދެން ކާން އުޅެން.” އައިޝާދައްތަގެ ފަހަތުން އެންމެން ކާގެއަށް ދާން ފެށުމުން އަހަރެންވެސް އިޝީގެ ކޮނޑަށް އަތްވައްޓާލައިގެން ކާގެއަށް ދިޔައީމެވެ.

“މަންމަ ކީއްވެތޯ ތިހާ ކުއްލި ގޮތަކަށް ތި ދުރުވީ. ބުނުއްވީމެއްނުންތޯ ބައްޕަ ދުރުވީމައޭ އަންނާނީ. ދެން ކޮބާތޯ ދޮންބެ. ” އަހަރެން މަންމައާއި ފައްޗަކަށް ސުވާލުތައް އަމުނާލީމެވެ. އޭރު އެންމެން ކާން ފަށަނީއެވެ. އަހަރެންވެސް ތަށި ފުރާ ވެޖިޓަބަލް ރައިސް އަޅައިގެން އިނީމެވެ.

“ބައްޕަ އުޅުނީ އަންނަން. އެކަމަކު އެއަށްވުރެ ރަނގަޅު އޮފަރ އެއް އައީ.” މަންމަ ބުނެލީ އެހާ ވަރަށެވެ. އެއާއިއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ބައްޕައަށް އާއިލާ ކައިރިއަށް ރާއްޖެ އައުމަށްވުރެ މުހިންމުކޮށް ލިބުނީ ކޮން އޮފަރ އެއްތޯ ބަލަން ބޭނުންވެފައި ތިބެކަހަލައެވެ.

“ޕާލް ކޮމްފެނީ އާއި އެންމެފަހުން ޕާޓްނާޝިޕް ހެދި ޖްވެލް އިންޓަރނޭޝަނަލް ގުޅިގެން އޮސްޓްރޭލިޔާގައި އަލަށް ހުޅުވި ފައިވް ސްޓަރ ލަގްޒަރީ ހޮޓެލް ‘ސްކައިޕިއާ’ ހުޅުވުން އަންނަ ހަފްތާ ތެރޭ އޮތީމަ އެބައޮތް އާއިލާ ތިމާގެ ހުރިހާ އެންމެންނަށް އެކޮޅަށް ހަފްތާއަކަށް ގޮސްލަން ފުރުޞަތު ދީފަ. އެހެންވެ ބައްޕަ ބޭނުންވަނީ މަންމަ ދަރިފުޅާ، އައިޝާދައްތަގެ ފެމެލީއާއި، ދަރިފުޅާއެއްކޮށް މިކޮޅަށް އައިސް ތިބި ދެކުދިންނާ ފެމެލީ ގޮވައިގެން އޮސްޓްރޭލިޔާ އަށް ވީކަކަށް ޖައްސާލަން…” ހުރިހާ އެންމެންގެ މޫނަށް ބަލަމުން މަންމަ ދިން އުފާވެރި ޚަބަރާއެކު އެންމެންގެ އަނގަ ހުޅުވިގެން ދިޔައީ އެބުނި އެއްޗެއް ޤަބޫލު ނުކުރެވިގެނެވެ.

“ސީރިއަސްލީ… ޔޫ އަރ ޖަސްޓް ކިޑިން ރައިޓް؟… އަޅުގަނޑުމެންގެ ކޮމްޕެނީގެ ހޮޓެލްއެއް އޮސްޓަރޭލިޔާގަ؟؟” އަހަރެންނަށް އަހައިލެވުނީ ޤަބޫލު ނުކުރެވިގެނެވެ . މަންމަ އަނެއްކާވެސް ބޯޖަހާލީ އެއީ ތެދެކޭ ބުނާކަހަލަ ގޮތަކަށެވެ.

“އެހެންވީމައޭ ބައްޕަ މިހާރުވެސް އެ ހުންނަވަނީ ދަރިފުޅު ފެމެލީ ބިޒްނަސް ތެރެއަށް ވަންނަން ބޭނުންވެފަ. މިހުރިހާ ކާމިޔާބީއަކީ ދޮންބެއާއި ބައްޕަގެ ބުރަމަސައްކަތް. މިހާރުވީގޮތުން އެބަޖެހޭ އޮސްޓްރޭލިޔާ ކޮޅުގަވެސް އެކަކު ހުންނަން. ބައްޕައަކީ އަބަދު ޓްރެވަލް ކުރަން ޖެހޭ މީހެއް. ދަރިފުޅުވެސް ޑިގްރީ ނިންމައިގެން މިހާރު ތިއައީ. ދެން އެކޮޅު ވޯރކް ކުރަމުން މާސްޓަރސް ވެސް ހެދިދާނެއެއްނު.” މަންމަ ވެސް އެބުނީ ތެދު ވާހަކައެކެވެ. އަނެއްކޮޅުން އޮސްޓްރޭލިޔާގައި ވެއްޖިއްޔާ އަހަރެން މިހާރުވެސް ރެޑީއެވެ.

“އޯކޭ މޮމް. ޑޭޑް ކައިރީ ނަންގަނެލަދީ އަޅުގަނޑު އެކޮޅަށް ބަދަލުވާން ޚިޔާލުކުރާ ވާހަކަ. ގާއިސް. ދިސް އިޒް ގޮނަ ބީ ވަން ހެލް އޮފް އަ ޓްރިޕް.” އަހަރެން އަޔާން އާއި ޒާނިޝް އާއި އަތްޖަހާލަމުން ބުނެލީމެވެ. އެމީހުންވެސް ތިބީ ވަރަށް ދާހިތުންނެވެ.

“އައިޝާ. މިހާދުވަސްކޮށްފަ އަހަރެންނަށް އަލަށް މިއާދެވުނީވެސް އައިޝާ ކައިރިއަށް. އައިޝާވެސް ވާނެ ފެމެލީ ގޮވައިގެން މިފަހަރު އަހަރުމެންނާ އެއްކޮށް ޗުއްޓީހަދާލަން ދާން. މިކުދިންވެސް ކިހާ ދާހިތުން ތިބޭނީ. އިނގޭ މުޙައްމަދު، މިފަހަރު ވާނެ ގޮސްލަން.” މަންމަ ކައިރީގައި އިން ރަނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ޝާއިޤާ. އަހަރުމެންނަކީ ރާއްޖެއިން ބޭރަށް ތަންތަނަށް އެހެން ގޮސްއުޅޭ ބައެއް ނޫން. އަހަރުމެންނަކަށް ނޭނގޭނެ އެތަންތަނަށް ގޮސް އުޅޭކަށް.” މުޙައްމަދުބެގެ ވާހަކަ އެހިސާބަށް ދިޔަތަނާ ވާހަކަ މެދުކަނޑާލީ ރަނާއެވެ.

“ނޫން ބައްޕާ. އަޅުގަނޑު ވަރަށް ދާހިތުން މިހުރީ. ޕްލީޒް ބައްޕާ. މިކަހަލަ ފުރުޞަތެއް ނުލިބޭނެ އަބަދަކު އޮސްޓްރޭލިއާ ބަލާލަން ދާކަށް.” ރަނާގެ ވާހަކައާއި ރިޔާވެސް އެއްބަސް ވިއެވެ.

“ތެދެއް މުޙައްމަދު. އެކުދިންނަށްވެސް މިކަހަލަ ފުރުޞަތެއް އަބަދަކު ނުލިބޭނެ. މިފަހަރު އެކުދިން ގޮވައިގެން ތި ދެމަފިރިންވެސް ދާން އަޅުގަނޑަށް ފެންނަނީ.” މަންމަވެސް ހުރީ އައިޝާ ދައްތަމެން ގެންދަން ބޭނުންވެފައެވެ. އެއާއިއެކު މުޙައްމަދުބެ ބޮޑު ނޭވައެއް ދޫކޮށްލިއެވެ.

“އެންމެ ރަނގަޅު. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ.” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ.

-ނުނިމޭ-

1
1
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [13]“

  1. ވަރަށް ހަޑި މާ އިނގިރޭސި ވެގެން ދެން. ޕިސް ޕިސް. އެއްގޮތަކަށް ވެސް ވާހަކަ ލިޔަން އެނގޭ މީހެއް ނޫން ތީކީ.

    1

    1
    1. ޖަބުލާންގެ ކޮމެންޓް ވެސް ބަލައި ގަނެފިން. ވާނެ ގޮތަކީ އެއްވެސް ވާހަކައެއް ހުރިހާ އެންމެންނަށް ކަމަކު ނުދާނެ. ޖަބްލާންގެ ޓޭސްޓްގެ ވާހަކައަކަށް ނުވާތީ ކަމަށް ބޮޑަށް ލަފާކުރެވެނީ ތިހާ ހަޑިވީ. ކޮންމެވެސް ބަޔަކަށް މި ވާހަކަވެސް ރީތިވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ.

      2

      0

Leave a Reply

Your email address will not be published.