މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ . . [22]

“އެނގޭތަ.. ނާރސް ބުނީ ޑޮކްޓަރު ދުރުވާނެޔޯ މެންދުރެއްހާއިރު.. އެހާއިރަށް ލޭގެ ޓެސްޓުތަކެއް ހަދާލަން މިގަޑީގައި ލޭނަގަން ޖެހޭނެޔޯ.. ޑޮކްޓަރު އައިސް ނަތީޖާއަށް ބެލުމަށްފަހު ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވޭނެޔޯ.. ވައްދާތާ ދެގަޑިއެއްހާއިރު ތެރޭގަ ޝާޔާގެ އޮޕަރޭޝަން ނިމޭނެޔޯ.. އޯޓީއިން ރޫމަށް ބަދަލުކުރާ ފަހުން ހޭވެސް ލެވޭނީ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ނާރސް ކިޔައިދިން ވާހަކަތައް ކިޔައިދެނމުން ދިޔައީމެވެ. “ހީވާނީ ހަމަ ނިދާލާފަ ހޭލާހެން.. ޝާޔާހޭލާއިރު ޝޯން ހުންނާނަން ޝާޔާ ކައިރީގަ.. ވެއިޓިން ޓު ހިޔަރ ޔޯ ބިއުޓިފުލް ވޮއިސް..” ޝާޔާގެ ކޮލުގައި ހިފާލަމުން ބުނެލީމެވެ. އެވަގުތު ޝާޔާގެ ލޮލުގައި ކަރުނައިގެ މުތީތައް ނީރާލިއެވެ. ޝާޔާ އަތުގެ އިޝާރާތުން އަހަރެންނާއި މުޚާތަބު ކުރަންފެށިއެވެ. އެބުނިއެއްޗެއް ދެނެގަންނަން އަހަރެންގެ ސަމާލުކަން ހުޓާލީމެވެ.

“ޝޯން.. ކީއްވެ އަހަރެންދެކެ.. ތިހާ ލޯބި ވަނީ..؟ އަހަރެން ކަހަލަ މީހެއްދެކެ.. މީހެއް ތިހާބޮޑަށް ލޯބިވާނެތަ..؟” ޝާޔާ ހުރީ ފެންކަޅިވެފައެވެ. ޝާޔާއަށް ހުރީ ވަރަށް އަސަރުކޮށްފައެވެ. އަހަރެންނަށް އެކުރި ސުވާލުން އުނދަގޫވިއެވެ. ހިތަށް އަސަރުވެސް ކުރިއެވެ. ޝާޔާއަށް މީގެކުރިން ލޯތްބަކީ ކޯއްޗެއްކަމެއް އެނގިފައި ނުވާކަހަލައެވެ. ލޯތްބަކީ އޭނާއަށް ޙައްޤު އެއްޗެއް ނޫނެކޭ ހީވެފައި ވާކަހަލަ އެވެ. އަހަރެންގެ ލޮލުތެރެއަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ޝާޔާގެ އަތް އަހަރެންގެ އަތާލާ ބޮނޑިކޮށްލުމަށްފަހު ގެނެސް އެ ލޯބި އަތްތިލައަށް ބޮސްދިނީމެވެ. އޭރު އަހަރެންގެ ލޯދޫކޮށްފައި ކަރުނަތައް ކޯތާފަތް މައްޗަށް ދެމިގެންފިއެވެ.

“ޑޯންޓް ޔޫ އެވަރ ސޭ ދެޓް އެގެއިން..! ދެން އެހެން ނުބުނާތި..” ޝާޔާގެ ކަންފަތު ކުޑަފޫޅުގައި ހިފައިލަމުން އަހަރެން ލޯއަޅައިލީމެވެ. “ޝާޔާއަކީ އެހެން މީހެކޭ އެއްގޮތަށް ހަމަ އިންސާނެއް.. ޝާޔާ ބޭނުންވެގެނެއް ނޫންދޯ ޝާޔާ އަށް ވާހަކަ ނުދެއްކެނީކީ..؟ އަނެއްކާ ޝާޔާތީ އެހެން ހުރިހާ އެންމެންނަށްވުރެ މާ ލޯބި ކުއްޖެއް..” ޝާޔާގެ ނޭފަތުގައި ހިފާލަމުން ދިމާކޮށްލީމެވެ. “ތިހާ ލޯބި ކުދިންދެކެ އެންމެންވެސް ލޯބިވާނެ..” ޝާޔާ އަހަރެންގެ އަތް ގެނެސް އަތުގައި ބޯއަޅައިލިއެވެ. އެއަތުގެ ތެރޭގައި އަބަދަށްވެސް އޮވެލަން ބޭނުންވެފައި ވާކަހަލައެވެ.

އެއީ އަހަރެންގެވެސް އެދުމެވެ. އުންމީދެވެ. އަހަރެންގެ އަތުގެ ތެރޭގައި އަބަދުވެސް މިހާލޯބިން ޝާޔާ ގެންގުޅެން ބޭނުމެވެ. އިރާދަކުރެއްވީތީ އެދުވަސް ދެން މާދުރެއްނޫނެކެވެ. ނަޝީއާއި އަހަރެން ކައިވެނި ކުރަން ބޭނުން ނުވާކަން ބައްޕަކައިރީގައި ބުނާނެ ގޮތެއް ވިސްނަންވީއެވެ. ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔައިދެވުނުހާ އަވަހަކަށް ޝާޔާއާއި އަހަރެން ކައިވެނި ކުރަން ބޭނުންވެއެވެ.

މާގިނައިރުތަކެއްނުވެ ޝާޔާއަށް ނިދޭގޮތްވިއެވެ. އަހަރެންނަށް ހުރެވުނީ އެލޯބިވެތި މޫނަށް ބަލަހައްޓައިގެން ހައިރާންވެފައެވެ. އެމޫނުގައި ބޮސްދޭން ކިތަންމެ ހިތްއެދުނަސް ޝާޔާއަށް އުނދަގޫވާކަށް މިގަޑީގައި އަހަރެން ބޭނުމެއްނޫނެވެ. އެހެންކަމުން މަޑުމަޑުން ގޮނޑިން ތެދުވެގެން އަހަރެން ގޮސް މަޑު ސޯފާގެ ތެރެއަށް ވެއްޓިގަންނަމުން ފޯނުނެގީމެވެ. ސޯފާގައި އޮންނައިރު ޝާޔާ މިކޮޅަށް އެނބުރިގެން ނިދިފައި އޮތް މަންޒަރު ފެންނަނީ ވަރަށްވެސް ރީތިކޮށެވެ. އަހަރެން އެމަންޒަރު ފޯނުގައި ރައްކާކޮށްލީމެވެ. އެއަށްފަހު މަންމައަށް ޑައިލް ކޮށްލީމެވެ.

“ދަރިފުޅާ ސިއާން.. ކޮބާ ކޮންއިރަކު އޮޕަރޭޝަންގެ ކަންތައް ކުރިއަށްދަނީ..؟ މަންމަމެންވެސް ތިކޮޅަށް ދާން މި ތައްޔާރުވަނީ..” ފޯނު ނެގުމާއިއެކީ މަންމަ ފަތިވަރެއް އަމުނާލިއެވެ. މަންމަ ހުރީ އަހަރެންގެ ހަބަރެއްނުވެގެން ލަސްވެފައި ކަހަލައެވެ. އަހަރެން އަދި މަންމަ ގާތުގައި ވެސް ރޭގައި ވީގޮތެއް ކިޔައެއް ނުދެމެވެ. އެކަމަކު އެވާހަކަތައް ދެއްކޭނީ މަންމައާއި އެކަނި ބައްދަލުކޮށްލާފައެވެ.

“8ވަނަ ފަންގިފިލާގަ މިތިބީ ރޫމް 844 ގަ.. މެންދުރެއްހާއިރު ޑޮކްޓަރު ބަލާފަ އޮޕަރޭޝަނަށް ވައްދާވާހަކަ ބުނީ.. ކޮބާ ޒާނިޝްމެން..” އަހަރެންނަށް އެމީހުންގެ ޚަބަރެއްނުވާތީ އަހައިލީމެވެ.

“އެންމެންވެސް މިތިބީ ސައި ބޮއިލައިގެން އައިސް ސިޓިންރޫމްގަ.. ދަރިފުޅުގެ ކޯލެއްގެ އިންތިޒާރުގަ.. ދެންމާގިނައިރެއްނުވެ މިދަނީ ތިކޮޅަށް..” ޝައިހާއަށް ވީގޮތެއް އަހާލަން ހަނދާންވީ ފޯނު ބޭއްވިފަހުންނެވެ. އަނެއްކާ ރޭގައި ޑޮކްޓަރަށް ދައްކަން ގޮސްފައި ޝައިހާ ގެނައިބާއެވެ. ނޫނީ އެތަނުގައި ބެހެއްޓީބާއެވެ. އެކިޚިޔާލުގައި ޝާޔާއަށް ނަޒަރު ހުއްޓާލައިގެން އޮއްވައި މަޑުމަޑުން އަހަރެންގެ ލޮލަށް ނިދީގެ އަސަރު ވެރިވެގެންފިއެވެ.

އަހަރެންނަށް ހޭލެވުނީ ބައެއްގެ ހުނުމުގެ އަޑު އިވިގެންނެވެ. މޫނުގެ އެތަންމިތަން ހިރުވާތާ އިރުކޮޅެއް ވެއްޖެއެވެ. މަޑުމަޑުން ލޯހުޅުވާލައި ބަލައިލިއިރު ކަމަކުދާކަށްނެތެވެ. އަހަރެން އޮތް ސޯފާކައިރީގައި އަޔާން އިށީނދެލައިގެން ސެލްފީއެއްނަގަމުން އެދިޔައީ އަންހެން ކުއްޖަކާއިއެއްކޮށެވެ. އެކަމަކު އެސޯފާގައި އެހެން މީހަކު ނެތެވެ. އަހަރެންނަށް ބަލައިލެވުނީ ކޮޓަރީތެރޭގައި އެއްވެފައި ތިބި މީހުންނަށެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެންނަށެވެ. ރަނާ އާއި ރިޔާ ޝާޔާކައިރީ އެނދުގެ އެފަރާތުގައި ތިބެ އަނގަމަތީ އަތް އަޅައިގެން ހެމުން ދިޔައިރު މަންމަގެ ބެލުމުގައި ވަނީ ހަމްދަރުދީ އެވެ. އަހަރެންނަށް ވިސްނާލެވުނީ ދެންތާއެވެ. އެ ފޯނުގެ ފްރަންޓް ކެމެރާއިން އެފެންނަ އަންހެން ކުއްޖަކީ އަހަރެންނެވެ. އަހަރެންގެ މޫނުމައްޗަށް ވެރިވި ކުލަވަރު އެނގޭނީ ބަލަންތިބި ބަޔަކަށެވެ. ފުއްމައިގެން އަހަރެން ތެދުވެ ވޮޝްރޫމާއި ދިމާލަށް ދުއްވައިގަތްއިރު އަޔާން އާއި ޒާނިޝް އަތް ޖަހާލާފައި ރަނާ އާއި ރިޔާ ކައިރިއަށް ގޮސް ހީނހީފައި އުޅެއެވެ. ލޯގަނޑުން ބަލައިލިއިރު ރަނގަޅަށް ރަތް ލިޕްސްޓިކް ޖައްސާލާފައި އައިލައިނަރ އަޅުވާލާފައި މޫނުގައި ފައުންޑޭޝަން އުނގުޅާލާފައި އައިޝެޑޯވެސް ވަނީ އަޅުވާލާފައެވެ. އަހަރެންގެ ދިގު އިސްތަށިގަނޑާއި އެކު ފިރިހެނެކޭ ބުނާނެ މީހަކު ނުހުންނާނެއެވެ. އެއީ ކިހާއިރެއް ވަންދެން އެމީހުން ކުރި މަސައްކަތެއް ބާއޭ ހިތަށް އެރިއެވެ. އަހަރެންބެލީ އަވަސް އަވަހަށް މޫނު ދޮވެލައިގެން ނިކުންނާށެވެ.

“މަންމަވެސް އެމީހުންނާ ބައިވެގެން ދޯ ތިހުރީ އަހަރެންނަށް އެހާވަރު ހަދާލި އިރުވެސް..” ވޮޝްރޫމުން ނިކުމެ އަހަރެން ބޮޑާހާކާލީމެވެ.

“އެކުދިން ދަރިފުޅު ރީތިކޮށްލަ ދިނީއެއްނު.. ޔޫ ލުކް ރިއަލް ކިއުޓް ބޭބީ..” މަންމަ އައިސް އަހަރެންގެ އިސްތަށިކޮޅާއި ކުޅެލާފައި އަހަރެންނަށް ހަގްއެއް ދިނެވެ.

“އޯހް.. ކިއުޓީ..” އަޔާން އަންހެންވެލާފައި ދިމާކޮށްލުމުން އެންމެން އެއް އަޑަކުން ހޭންފެށިއެވެ.

“މޯ..މް…” އަހަރެން ކުޑަ ބޭބީ އެއްހެން މަންމަ ކައިރީގައި ބޮޑާ ހާކާލީމެވެ.

“ސާބަހޭ ދެން އެވަރަށް ދިމާކުރާކަށް ވެސް ނުވާނެއެއްނު..” އެވަގުތު ދޮރުން ވަދެގެން އައި ގުރޫޕުގަނޑުގެ ތެރެއިން ހައްވާދައްތަ ބުނެލިއެވެ. އައިޝާދައްތައާއި މުޙައްމަދުބެވެސް ބަކުރުބެމެންނާއި އެއްކޮށް ވަދެގެން އައެވެ. މިއެންމެންނަށް އަހަރެން މޭކަޕް ކުރިތަން ފެނުނުބާއޭ ހިތަށް އަރާފައި އަޔާންމެންނަށް ލޯ އަޅައިލީމެވެ.

އެކިމަޖާ އަނގަތެޅުމުގައި އެންމެން އުޅުނުއިރު މާޙައުލުގައި ވަނީ އުފާވެރިކަމާއި ޖޯޝާއި ފޯރި ހިއްޕާލާފައެވެ. އެއް އާއިލާއެއް ކަހަލައެވެ. ޝާޔާހުރީ ފެންނަމުންދާ އެކުވެރިކަމާއި ލޯބިފެނި އުފަލުން ފޮޅިފައި ކަހަލައެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން ޗާލު މަލެއްފަދައިން ފޮޅިފައި އިންޝާޔާ ކައިރިއަށް މަޑުމަޑުން އަހަރެން ޖެހިލީމެވެ.

“އިރާދަކުރެއްވިއްޔާ.. މާގިނައިރުތަކެއް ނުވެ ޝާޔާއަށްވެސް އެމީހުންނެކޭ އެއްގޮތަށް ވާހަކަ ދައްކާ ހީނ ސަމާސާކޮށް ސަކަރާތްޖަހާ އުޅެވޭނެ..” އަހަރެންގެ ޖުމްލައާއިއެކު ޝާޔާ އުފާވެރިކަމުގެ ނޭވާއެއް ބޭރުކޮށްލަމުން އަހަރެންގެ އަތުގައި ހިފައިލިއެވެ.

އެއެންމެންގެ ތެރޭގައި ގޮނޑިއެއްގައި ޚިޔާލަކަށް ގެއްލިފައި އިން ބަކުރުބެ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މޫނުމަތިންވެސް ބަކުރުބެ ވިސްނަމުންދިޔައީ ބޮޑުކަމަކާއިހެން ހީވިއެވެ. އަނެއްކާ ޝައިހާއަށް ކަމެއްވީހެއްޔެވެ؟ އަހަރެންގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. ޝާޔާއަށްވެސް އަހަރެން ބަލަންފެށުމުން ބަކުރުބެއަށް ބަލާލުމަށްފަހު ވީ އެކަހަލަ ގޮތެކެވެ. ޝާޔާވެސް އަހަރެންނަށް ބަލައިލީ ވީގޮތެއް އޮޅުންފިލުވާލަން ބޭނުންވެފައި އިނދެއެވެ.

“ބަކުރުބޭ..” އަހަރެންގެ އަޑަށް އެންމެންނަށް ވާހަކަ ހުއްޓާލާފައި ބަލައިލެވުނެވެ. “ކޮންފިކުރެއްގަ.. އަނެއްކާ ޝައިހާއަށް ކަމެއްވީތަ..” އަހަރެން މަޑުމަޑުން ތެދުވެގެން ބަކުރުބެކައިރިޔަށް ދަމުން ވާހަކަ ދެއްކީމެވެ.

“ނޫނޭ.. ޝައިހާ އަށް ކަމެއްވީކީ ނޫން.. އެމަންޖެ އެތަނުގަ ބަހައްޓަން ޖެހުނީ.. ތިންމަސް ދުވަސްތެރޭގަ އެއްކޮށް ރަނގަޅުވާނެ ކަމަށް ބުނީ..” އެހެން ބަކުރުބެ ބުނެފައި އަނެއްކާވެސް އެޚިޔާލެއްގެ ތެރެއަށް ގެއްލުނެވެ. އެތާނގައި އެހެން މީހުން އުޅޭކަމެއްވެސް ނޭނގޭ ކަހަލަ އެވެ. ކޮންމެވެސް ބޮޑުކަމެއް ބަކުރުބެއަށް އުނދަގޫ ކުރަމުން ދާކަން އެނގުނެވެ.

“ދެން ކޮން ޚިޔާލެއްގަ.. ތިހާބޮޑަށް ވިސްނަންޖެހޭ ކަމެއް އޮތިއްޔާ އަހަރުމެން ކައިރީވެސް ބުނެލަބަލަ.. އޭރަކުންނެއްނު އެހީއެއްވެސް ވެދެވޭނީ..” އަހަރެން އެހެން ބުނުމާއިއެކު ބަކުރުބެ މަޑުމަޑުން އިސް އުފުލާ ބަލައިލީ ޝާޔާއަށެވެ. އެބެލުމުގައި ފޮރުވިފައިވާ މާނައެއް ވާކަހަލައެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލެވުނީ ޝާޔާއާއި ދިމާލަށެވެ. ޝާޔާ އަށް ބަކުރުބެގެ އެބަލައިލުމުން ހިތަށް އަރާފައިބަމުންދާ އެއްޗިހި ގިނަވެގެން އުނދަގޫ ވެފައިވާކަހަލަ އެވެ.

“ރޭ އެ ހޮސްޕިޓަލަށް ދިޔައިރު ފެނުނު މަންޒަރަކުން.. އަދިވެސް ގަބޫލުކުރަން ދަތިވެފަ މިހުންނަނީ..” ޝާޔާއަށް ނަޒަރު ހުއްޓާލައިގެން އިނދެ ބަކުރުބެ އެހެން ބުނިއިރު ސިކުނޑީގެ ތެރޭގައި ހުސްކަމެއް ވާކަހަލައެވެ.

“ކޮންމަންޒަރެއް.. ކިހިނެއްވީ..” އަހަރެން އަދިވެސް އިތުރަށް އޮޅުންފިލުވާލަން ބޭނުންވެގެން އަހާލީމެވެ. “ކުޑަކަމަކާ ގައިމު ބަކުރުބެ ތިހާ ފިކުރުބޮޑެއް ނުވާނެ އެއްނު..”

“ތެދެއް.. ރޭގަ އެތަނަށް ދިޔަފަހުން ބަކުރަށް ބަދަލުތަކެއް އައިކަން ފާހަކުރެވުނު އަހަރެންނަށްވެސް” ހައްވާދައްތަ ވާހަކަ ދެއްކިއެވެ. “އަހަރެން އެހީމައިވެސް އަނގައަކުން ނުބުނި..”

“ރޭ އެ ހޮސްޕިޓަލަށް ވަދެގެން މައްޗަށް އަރައިގެން މަރިޔަން ދައްކަން ދާންޖެހުނު ބަޔަށް ވަދެގެން ދިޔައިރު ދުވަސްވީ މީހުންތަކެއް ބަހައްޓާފައި ހުރި ތަނެއް ކުރިމަތިން ހުރަސްކޮށްފަ ދާން ޖެހުނީ.” ބަކުރުބެ ވާހަކަ ދައްކަމުން ދިޔައިރު މީހާ އިނީ ގަބު ވެފައެވެ. “އެތަނުން ބަކުރުބެއަށް ވަށަފަރު ރަޝީދު ފެނުނު..” ބަކުރުބެ އެހެންބުނީ ޝާޔާއާއި ދިމާލަށް ބަލަން ހުރެއެވެ. ވަށަފަރު ރަޝީދަކީ ޝާޔާގެ ނިޔާވެފައިވާ މައިންބަފައިންގެ ޚަބަރުކިޔާދެވޭނެ މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާއެވެ.

ޝާޔާއަށް މިޚަބަރުވީ ވަރަށް އަސަރުކުރި ޚަބަރަކަށެވެ. ޝާޔާގެ ހުއްޓިފައިވާ މޫނުނާއި ފެންކަޅިވެފައި ވާ ލޮލުން އެހިތުގައި އުތުރިއަރަމުންދާނެ ހައިޖާނު ވަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ. އެއީ ޝާޔާ ކުޑަކުޑަ އިރު ބަޔަކަށް ދީފައި ދިޔަގޮތަށް އަދި އަދަށްދާންދެންވެސް ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަންވެސް އަންގާނުލާ އުޅޭ އޭނާގެ ބޮޑުބެއެވެ. ޝާޔާގެ އަސްލު މަންމައާއި ބައްޕަގެ ވާހާކަ އަހާލަން ފަހެ ޝާޔާއެއް ނޭދޭނެހެއްޔެވެ؟ އެމީހުން ހުންނަ ގޮތާއި އެމީހުންމިޒާޖު ޝާޔާ އެނގެން ބޭނުން ނުވާނެހެއްޔެވެ؟ ޝާޔާއަށް އުޅެންޖެހުނު ހިތްދަތި ދިރިއުޅުމުގައި ކިތައްރޭ އެޚިޔާލުގައި ކަރުނައަޅާ ހާލު ނިދިފައިވާނެހެއްޔެވެ؟

“އެކަމަކު އޭނައަކަށް އަހަރެން ފެނުނީމައިވެސް ކާކު ކަމެއް ނޭނގުނު.. ހީވަނީ އޭނައަށް އޭނައަކީ ކާކުކަން ވެސް ނޭނގޭހެން..” ފެނުނު މަންޒަރު ބަކުރުބެގެ ލޯކުރިމަތީގައި މިހާރުވެސް ސިފަވަމުން ދާކަހަލައެވެ. އެމަންޒަރުތަކުން ބަކުރުބެ އަށް ވަރަށް ފުންއަސަރުތަކެއް ވަނީ ކޮށްފައެވެ. “އޭނާއަކީ ނިކަން ހިތްހެޔޮ މީހެއް.. ވަރަށް ސަކަމިޒާޖެއްޖެ މީހެއް.. އެކަމަކު ނެގިމަޑުވެފައި އޭނަހުރިއިރު އެކަހަލަ އެއްވެސް ކަމެއް އޭނަގެއެއް ނެތް.. ކޮންމެވެސް ކަންތައްގަނޑެއް އެބަ އުޅޭ..” ބަކުރުބެ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

“އެ ފެނުނު މުސްކުޅިން ބަހައްޓާ ތަނަކީ ހަނދާންނެތޭ ބަލީގެ ބަލިމީހުން ބަހައްޓާ ތަނެއް..” މަންމަ ވާހަކަދެއްކިއެވެ. މަންމައަށް އެތަން ވަރަށް އެނގޭނެއެވެ. “އެބަލީގެ މީހުންނަކަށް އާއިލާ ތިމާގެ މީހުން ފެނުނަކަސްވެސް ނޭނގޭނެ.. ގިނަފަހަރު ނިމިގެން ދަންދެންވެސް އެތާނގަ ބަހައޓާފައި ހުންނާނީ.. އެތަނުން އެމީހުންބެލެހެއްޓުމުގެ ކަންތައް ކޮށްދޭނެ.. އެކަމަކު އެއީ ކޮންމެ ކޮންމެ މީހަކަށް ޚިދުމަތް ހޯދޭވަރަށްވުރެ އަގުބޮޑު ކަމެއް..” މަންމަ އެހެންބުނި އިރު މަންމަވެސް އެކަންތައް ސީރިއަސް ކޮށް ނަގާފައިވާކަން އެނގެއެވެ.

ކުއްލިއަކަށް ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއަޑަށް އެންމެންނަށް ވެސް ބަލައިލެވުނީ އެދިމާލަށެވެ. ހިނިތުންވުމަކާއި އެކު ޝާޔާގެ ޑޮކްޓަރާއި ނަރުހެއް ވަދެގެން އައެވެ. އެންމެންވެސް ޑޮކްޓަރަށް ތަންދައްކަމުން އެއްފަރާތަކަށް ޖެހިލިއެވެ. ޑޮކްޓަރު އަތުގައި ހުރީ ޝާޔާގެ ޓެސްޓްތަކުގެ ނަތީޖާއެވެ. އެއަށްބަލާފައި އޮޕަރޭޝަން ފަސްކުރަންޖެހޭވަރުގެ ކަމެއް ނެތުމުން އޮޕަރޭޝަންކުރުމަށް އޯ.ޓީ އަށް ގެންދިއުމުގެ ކަންތައް ކުރިޔަށް ގެންދާނެ ވާހަކަ ބުނުމަށްފަހު އޮޕަރޭޝަންކުރުމުގެ ކުރިން ސޮއި ކުރަން ޖެހޭ ކޮންސެންޓް ފޯރމް ދިއްކޮށްލިއެވެ. އަހަރެން އެފޯމްގައި ހުރި އެއްޗެއް ދިވެހިން ކިޔައިދިނުމަށް ފަހު ބަކުރުބެ ސޮއި ކުރިއެވެ.

އަހަރެން ޝާޔާ ކައިރިއަށް ޖެހިލީމެވެ. ޝާޔާ ހުރީ ކުޑަކޮށް ހާސްވެފައެވެ. ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ. ނަރުސް ކުއްޖާ ކައިރިވެލާފައި ކިޑްނީ ޓްރޭ ތެރޭގައި ހުރި ދެ ސިރިންޖެއްގެ ބޭހެއް އައިވީ ތެރެއަށް ދުއްވާލިއެވެ. އެއާއި އެކު މަޑުމަޑުން ޝާޔާއަށް ނިދޭގޮތް ވަމުން ދިޔައެވެ.

“ޝާޔާ.. ނިދާލާފަ ހޭލަންވާއިރަށް އަހަރެން ހުންނާނަން ޝާޔާ ކައިރީގަ.. އެވްރިތިންގް ވިލްބީ އޯކޭ.. އައި ޕްރޮމިސް..” އަހަރެން ޝާޔާއާއި ވާހަކަ ދައްކަމުން ދިޔައިރު މަޑުމަޑުން ގޮސް ޝާޔާއަށް ނިދިއްޖެއެވެ. އެނދުކައިރީގައި ހުރި ބަޓަން އަށް ފިތާލުމާއިއެކު އެޓެންޑެންޓުން ވަދެގެން އައެވެ. ޝާޔާއާއި އެކު އޯޓީ އާއި ހަމައަށް އަހަރެން ބަކުރުބެޔާއި ހައްވާ ދައްތަ އާއި އެއްކޮށް ދިޔައީމެވެ. ދެގަޑިއިރުފަހުން ޝާޔާ ގެ އޮޕަރޭޝަން ނިމިގެން ކޮޓަރިއަށް ބަދަލުކުރެވޭނެ ވާހަކަ ބުނުމަށްފަހު ތިއޭޓަރގެ ދޮރު ލެއްޕިއެވެ. އެއާއިއެކު އަހަރެމެން އެނބުރި ކޮޓަރިއަށްދާން ދިޔައީމެވެ.

“ބަކުރުބެ ތިބުނާ ވަށަފަރު ރަޝީދަކީ ވަރަށް ފޯރާ މީހެއްތަ؟ އެޢާއިލާ މީހުންނަކީ ފޯރާ ބައެއްތަ؟” އަހަރެން ކޮޓަރިއަށްދިޔަ މަގުމަތީގައި އަހައިލީމެވެ. “ނޫން.. އެއީ ފޯރާ ބައެއް ނޫން.. އެކަމަކު އޭނަ އާމިނަތު ގެނައި ދަތުރު ނޫން ކުރީ ދަތުރު ބުނި ވަޒީފާއެއް ލިބިގެންނޯ މިދަނީ މާލޭ ވަރަށް ފޯރާ ބައެއް ކައިރިން.. ދެން އައީ އޭގެ ދިހަވަރަކަށް އަހަރުފަހުން.. އެދަތުރު އައީ އައިމިނަތު ގޮވައިގެން.. ވެދާނެ އެޢާއިލާގެ ތެރޭގައި ކަންތައްތައް ދިމާވި ގޮތުން އޭނާއަށް ދިމާވި ގޮތަކަށްވެސް..” ބަކުރުބެގެ ވާހަކާގައި ހުރެ ކޮޓަރިއާއި ހަމައަށް އާދެވިއްޖެއެވެ.

“ހޭ ލެޓްސް ގޯ ފޮރ އަ ރައިޑް.. ދެގަޑިއިރުވަންދެން މިތާނގަތަ ތިބޭނީތަ..؟” އަޔާން ފޫހިވެގެން ބުނެލިއެވެ.

“ހީޒް ރައިޓް.. އަދި ލަންޗްވެސް ކޮށްނުލައެއްނު މިއުޅެވެނީ..” ޒާނިޝްއަށް ކަންބޮޑުވީ ނުކެވިގެންނެވެ. އެންމެން އެކަމާއި ދިމާކުރިއެވެ. އެންމެފަހުން އެއީ ރިޔާ ހެނދުނު ރަނގަޅަށް ސައި ނުބޮއި ހުރެގެން ކަމަށް ބުންޏެވެ. އެވަގުތު މުހައްމަދުބެ ވެސް ޒާނިޝްއަށް ހީނލިއެވެ.

“ތެދެއް ދަރިފުޅާ.. މަންމަމެން މަޑުކޮށްލާނަން.. ދަރިފުޅުމެން ގޮސްލިޔަސް ރަނގަޅުވާނެ..” ހައްވާ ދައްތަ ދަރިފުޅާ އޭ ބުނުމުން އަހަރެން ކުޑަކޮށް ލަދުގަތެވެ. އަހަރެންނަށް ބަލައިލެވުނީ މަންމައަށެވެ. މަންމަ ހެވިފައި ހުރި ގޮތުން އަދި މާ ކަޑަވިއެވެ.

“ހުމްމްމް.. އަހަރެންވެސް ބޭނުން ޝާޔާއަށް ސަޕްރައިޒް އެއް ދޭން..” އެހެންވީމަ ހިނގާ ދަމާ ދޯ..؟” އަހަރެން އަޔާން މެންނާއި ދިމާލަށް ދޯ ދިނުމުން ރަނާ އާއި ރިޔާ އާއި ވެސް އަހަރުމެންނާއި އެއްކޮށް އަންނަން ބޭނުންވިއެވެ. މުޙައްމަދުބެގެ އިޒްނަޔާއި އެއްކޮށް އަހަރެމެން ނިކުތީމެވެ.

“ޝާޔާ ރޫމަށް ބަދަލުކުރަންވާއިރަށް އަންނާނަން..” ނިކުމެ ކޮޓަރީ ދޮރު ލައްޕަމުން އަހަރެން ބުނެލީމެވެ.

ހޮސްޕިޓަލަށް އައީ ސްކައިޕިޔާގެ ވޭން ގައި ކަމަށްވުމުން ރަނާ އާއި ރިޔާ ފޫހިވެފައި ތިއްބަސް މިހާރު އެދެކުދިންގެ ހާލު ފެންނަ ކޮންމެ މީހަކު ހިނިއަންނާނެއެވެ. ބީއެމް ޑަބްލިއު ކޮންވަރޓިބަލްގައި ގަޑިއަކު 110 މޭލު ބާރުމިނުގައި ދުއްވަމުން އަހަރެން ދިޔައިރު ފަހަތު ސީޓުގައި ކޮޅަށް ތެދުވެ ހަޅޭ ލަވަމުން އިސްތަށިގަނޑު ވަޔަށް ދޫކޮށްލައިގެން މަޖާވެފައި ރަނާއާއި ރިޔާ ތިބި އިރު އެކުދިންގެ އަނގައިގާ ނުފެންނަ އެންމެ ދަތެއް ނެތެވެ. އަޔާން އާއި ޒާނިޝް އެދެކުދިން ގާގައި ހިފަހައްޓާލައިގެން ތިބިއިރު އެދެ ޖޯޑަށް ވަނީ ލޯބީގެ ބަހާރު މޫސުން އައިސްފައި ކަހަލައެވެ. އަހަރެން ޖަހަމުން އައި ހިޕް ހޮޕް ލަވަ ބަދަލުކޮށްލައި ލޯބީގެ ލަވައަކުން އެހިނދުކޮޅުގެ އުފާވެރިކަން އިތުރުކޮށްލީމެވެ. ވަން ޑައިރެކްޝަން ގެ 18 މިލަވަ އަޑުއިވެން ފެށުމާއިއެކު އަޔާން އާއި ޒާނިޝް ތެއދުވެ ރިޔާ އާއި ރަނާ ގާތްކޮށްލައިފިއެވެ. މިއުޒިކާއި އެއްވަރަށް އެ ލޯބިވެރިންގެ ހަރަކާތްތައް ހަމަވަމުން ދިޔައެވެ.

އަ ގޮޓަ ހާޓް،

އެން އަ ގޮޓަ ސޯލް

ބްލީވްމީ އައި، ވިލް ޔޫސް ދެމް ބޯތް،

ވީ މޭޑް އަ ސްޓާރޓް،

ބީ އިޓަ ފޯލްސްވަން އައިނޯ،

ބެބި އައި ޑޯންޓް ވޯންޓު ފީލް އަލޯން..

އެލޯބިވެރިންގެ ހަރަކާތްތައް މަޑުވަމުން ދިޔައެވެ. އެކަކު އަނެކަކުގެ ނަޒަރު ގުޅިފައި ވީއިރު ލޯބީގައި ފިދާވެދާން ބޭނުންވެފައިވާ ކަހަލައެވެ.

ސޮ ކިސްމީ ވޭރއައި ލެއިޑައުން މަ

ހޭންޑްސް ޕްރެސްޓު ޔޮރ ޗީކްސް

ލޯންގްވޭ ފްރޮމްދަ ޕްލޭ ގްރައުންޑް

އެކަކު އަނެކަކުގެ ތުންފަތުގައި ބޮސްދެވެން ފެށުމާއިއެކު އެފިރިހެންވަންތަ އަތްތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

އައި ހެވް ލަވްޑް ޔޫ ސިންސް ވީ ވަރ 18،

ފަޒާގައި ވަނީ މަސްތީކަމެކެވެ. އަހަރެން ކާރުގެ ސްޕީޑް އެއަށްވުރެވެސް ބާރުކޮށްލީމެވެ. ޖެހެމުންދިޔަ ވަޔާއިއެކު އެދެކުދިންގެ އިސްތަށިގަނޑު ވިހުރެމުންދިޔައީ މިނިވަން ކަމާއިއެކުގައެވެ. ކާރުގެ ފަހަތުން ދެމީހުންހެން ފެންނަމުންދިޔަ ހަތަރު މީހުންނާއި އެކު ދުއްވާފައި ގޮސް ކާރު ލޮލުކޮޅުން ގެއްލެން ދިޔައީމެވެ.

ލޯންގް ބިފޯ ވީބޯތް ތޯޓްދަ ސޭމް ތިން،

ޓުބީ ލަވްޑް އެން ޓު ބީއިން ލަވް…

މީހުން އުޅޭ ހިސާބަށް އާދެވުމާއިއެކު ކާރުގެ ސްޕީޑް ދަށްކޮށްލީމެވެ. އަހަރެންގެ މިސްރާބުހުރީ ސެލޫންއަކާއި ދިމާލަށެވެ. ދެކޮޅަށް ދުއްވަމުން ދިޔަ ހައިވޭއިން ގޮސް ސިޓީގެ ތެރެއަށް ވަދެގެން ދުއްވާލީމެވެ. ފަހަތުސީޓުގައި ދައްތައާއި ކޮއްކޮ އާއިއެކު އަޔާން އާއި ޒާނިޝް ކުރިޔަށްގެންދިޔަ ލޯބީގެ ސިލްސިލާ ނިމުމަކަށްވަނީ އައިސްފައެވެ. ހީނސަމާސާ ކުރަމުން ދިޔައިރު މިދަތުރު އެދެ ކުދިންގެ ހިތުގެފުންމިނުގައި ބިންވަޅުނެގިފައި ވާކަހަލައެވެ. ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނޭ ލޯބީގެ ފުންހަނދާންތަކެއް މާޒީއަށް ދޫކޮށްލާފައިވާ ކަހަލައެވެ. ލޯބީގައި ވަޢުދުތަކާއި އަހުދުތައް ވަނީ އާކޮށް، ވަކިވެގެން ނުދިއުމަށް ޢަޒުމް ކަނޑައަޅާފައި ކަހަލައެވެ.

“ސެލޫނަކަށް ނުގޮސް އަހަރުމެން ކައިރީގައި ބުނެލި ނަމަވެސް މޭކްއޯވަރ އެއް ޖައްސާލަ ދިނީމުހޭ ދޯ..؟” އަޔާން ރަނާއަށް ދޯއެއް ދިނުމުން އެންމެން އެއްކޮށް ހުނުމުގައި ބައިވެރި ވިއެވެ.

“ސިއާންބެގެ މޭކަޕް ފެނިފަ އަނެއްކާ ކުރާހިތްވީތަ..؟” ރިޔާ ދިމާކޮށްލާފައި ޒާނިޝް ގައިގާ ހިފަހައްޓާލަމުން އެންމެން އެކީ ހީނގަތެވެ.

“ކޮންމެހެން ދިމާކުރާނެކަމެއް ނެތް.. މޭކަޕެއް ކުރާކަށް ނޫން މިއައީކީ.. މިއުޅެނީ ޝާޔާއަށް ސަޕްރައިޒެއްދޭން..”

“އަނެއްކާ ބޯ ބާލާފަ ރީނދޫލާންތަ..؟” ޒާނިޝްވެސް ހިނިގަނޑަކާއިއެކު ދިމާކޮށްލިއެވެ.

“އައްދެ އަހަރެން ކަހަލަ ރީތި، ދޮން މީހަކު ބޯބާލައިފިއްޔާ އަންހެންކުދިން ފަހަތުން ނުފިލާނެއެއްނު..” ޓީޝާޓުގެ ގިރުވާނުގައި ހިފާލަމުން ބުނެލީމެވެ. އަހަރެންވެސް ވަކި ދެރަވާނެހެއްޔެވެ؟ “މިއުޅެނީ ބޯ ތަންކޮޅެއް ދިގުވީމައި ކޮށާލާ ތުނިކޮށްލަން.. ސަޅިގޮތަކަށް ހަދާލައިގެން ދިޔައީމަ ޝާޔާއަށް ފެނުނީމަ އަހާލާނެ “ތީ ކާކު؟” ހަހަހަ..” ޝާޔާއަށް ވާނެ ގޮތް ހިތަށް އަރާފައި އަމިއްލައަށް މަޖާވެފައި އަހަރެން ހީނގަތުމުން ދިމާކުރަމުން އަހަރެންގެ ފަހަތުން އައިސް ދެ ކަޕްލް ޝެފަރޑް ސްޓައިލްސްއަށް ވަނެވެ.

-ނުނިމޭ-

0
1
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 22 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

1 ކޮމެންޓް: ލިޔުން ”ދީވާނާ ލޯބިން ވެއްޖޭ . . [22]“

Leave a Reply

Your email address will not be published.