މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [11]

“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. ” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ އެތި!”ޝާޔާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަމުން ޝައިހާ ބޭރުކުރަމުން ދިޔަ ވިހަގަދަ ޖުމްލަތައް އަހަރެންގެ ހިތަށް ލޭޒަޚަމް ދެމުން ދިޔައެވެ. އޭރު ޝާޔާގެ ލޮލުން ލޭކަރުނަ އަންނަމުން ދިޔައިރު ޝައިހާގެ ވިހަ ޖުމްލަތަކުން އެހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ.

“ޝައިހާ!. ” އަހަރެންނަށް އައިސް ޝައިހާގެ އަތުގައި ހިފާ އަހަރެންނާއި ދިމާލަށް އަނބުރާލެވުނީ އަމިއްލަނަފްސު ކޮންޓްރޯލް ނުކުރެވިގެންނެވެ.

“ޝައިހާގެ އޮންނަނީ ކޮންކަހަލަ ރަހުމް ކުޑަ ހިތެއްތަ؟. ހިތަށް އައިހާ އެއްޗެއް ގޮވާލާ އިރު އެއީ ޝާއިހާގެ ދައްތަކަންވެސް ނޭނގެނީތަ. ؟ ޝާޔާގެވެސް އޮންނަނީ ހިތޭކޭ. ” އަހަރެންގެ ހިތަށް ކެތްނުކުރެވުނީއެވެ. އޭރު ޝާޔާ ނޫނެކޭ ބުނާހެން ބޯ ދެފަރާތަށް ހޫރާލިއެވެ.

“އެއީ މަގޭ ކޮންމެ މީހަކަސް، މަ އޭނަޔަށް ކޮންމެ ގޮތެއް ހެދިޔަސް، ތި އީ ކާކުތަ މަށަށް ނަސޭހަތް ދޭން.އޭނ. ” ޝައިހާ ރުޅިއައިސް ރަތްވެފައިވާ މޫނު ކުނިކޮށްފައި އަހަރެންގެ ގައިގާ އިނގިލިޖައްސާލަމުން ބުނެލިއެވެ. “ތީ އޭނަގޭ ކާކު އެނ މަށާ ބެހެން. ؟” ޝައިހާގެ ކޮންމެ ބަހެއް ދިޔައީ އަހަރެންގެ ލޭ ހޫނުކުރަމުންނެވެ.

“އެއީ މަގޭ ލޯބިވެރިޔާ. އެއީ ކަލޭ ކުޅެން ބަހައްޓާފަ ހުރި ބުދެއް ނޫން. !!” އަހަރެން ޝައިހާގެ ގައިގާ ޖެހޭ ހިސާބަށް ކައިރިވެ އޭނާގެ ލޮލަށް ބަލަހަށްޓައިގެން ހިތުގައި ހުރި ހުރިހާ ޖަޒްބާތެއް ބޭރު ކުރަމުން ދިޔައީމެވެ. “ކަލޭމެން އޭނަޔަށް ހެދިހާގޮތެއް ހަދަން އޭނަ ހުންނަތާ ކިތަންމެ ދުވަހެއް. އެކަމަކު މިހާރު އެދުވަސް ހިނގައްޖެ. މިހާރު ޝާޔާ އަކީ އެކަނިވެރިއެއް ނޫން. !! ދެންމީގެފަހުން ކަލޭމެން މީހެއް އޭނަ ގައިގަ އިނގިލިކުރި ޖައްސާލިޔަސް މަގޭ ހުރި ނުބައިކަން އަންގާލާނަން. !!” އަހަރެން ދަތްކުނޑި ކިވާލާފައި ބުނި ގޮތުން ޝައިހާގެ ފައިކޮޅު ތުރުތުރު ލަމުން ދިޔައެވެ. އަހަރެން ރުޅިއައިސްފައި ހުރިވަރުން ކޮންޓްރޯލް ވަނީ ހަމަކިރިޔާއެވެ. އިތުރަށް ޝައިހާގެ އަނގައިން ބަހެއް ބޭރު ނުކުރިކަން އެއީ ކާކުގެ ނަސީބެއް ކަން ނޭނގެއެވެ. ޝައިހާގެ ގައިގާ ތުރުތުރެއް ލަމުން ދިޔައެވެ. އައިސްފައިވާ ރުޅިއާއި ގަނެފައިވާ ބިރުން ދެންމެ ދެންމެ ރޯން ފަށާފާނެ ކަހަލައެވެ. އޭރު ޝާޔާގެ ތުން ބިނދިއްޖެއެވެ. އެއީ ޝާޔާގެ ދިފާޢުގައި ފުރަތަމަ ފަހަރަށް މީހަކު ކޮޅައްތެދުވި ފަހަރު ކަހަލައެވެ.

“ހުނހް. ބަލާނަން ކަލެއަށް ކިހާ ދުވަހަކު އުޅެވޭތޯ ތިހެން. ” ޝައިހާ އެނބުރި ދަމުން ރަތްވެ ފެންކަޅިވެފައިވާ ލޯ ޝާޔާއަށް އަޅާލަމުން ދަތްކުނޑި ވިކާލާފައި އެހެން ބުނެފައި ދާންފަށައިފިއެވެ. އެއާއިއެކު ޝާޔާ ދުވެފައި އައިސް އަހަރެންގެ މޭތެރޭގައި ބޮނޑިވެލިއެވެ. އަހަރެންނަށް ޝާޔާގެ ގައިގާ ހިފަހައްޓާލާ އަހަރެންގެ އަތުގެ ޙިމާޔަތް ދިނީމެވެ. ޝާޔާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އަހަރެންގެ ހުދުކުލައިގެ ޓީޝާޓް ތެމެމުން ދިޔައެވެ. އަހަރެން ޝާޔާ ގަޔާ ކުޑަކޮށް ދުރުކޮށްލާ ޝާޔާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަހަރެންގެ ބޮޑުވާ އިނގިލިން ފުހެލަދިނީމެވެ.

“ޔޫ ޑޯންޓް ހެވް ޓު ކްރައި އެނީ މޯރ. އައި ވިލް އޯލްވޭސް ބީ ދެއަރ ފޯރ ޔޫ. އައި . ލަވް . ޔޫ” އެތިން ލަފްޒު ދުރުދުރުގައި އަތުރާލަމުން ޝާޔާގެނެސް އަހަރެންގެ މޭގައި ބޮނޑިކޮށްލީމެވެ. ދެހިތުން ވަޢުދުތަކާއި އަހުދުތައް ވަމުންނެވެ. ދުވަހަކުވެސް ދޫކޮށްނުލުމަށެވެ. މުޅިއުމުރަށްވެސް ދެގޮތެއް ނުވެ އެލޯބި ދިނުމަށެވެ. ޝާޔާގެ ނިޔަނެތި ތުންފަތަށް ވެރިވެފައިވާ ފަނޑު ހިނިތުންވުން އާޝޯހު ކޮށްލާހާ ޗާލެވެ. އަހަރެންގެ މޫނު ޝާޔާގެ މޫނާއި ކައިރިކޮށްލެވުނީ ހިތުގައި ދަޢުރުކޮށްލި ލޯބީގެ ފުން އިޙްސާސަކުންނެވެ. ޝާޔާ އިސްއުފުލައިލީ އެފަދަ ބީހިލުމަކަށް އެދޭ ޙާލުގައެވެ. އަހަރެންގެ ތުންފަތް ޝާޔާގެ ތުންފަތާއި ކައިރިވަމުން ދިޔައެވެ. ކުރުވަމުންދިޔަ ފޮނިއިޙްސާސްތަކުގެ މަސްތީކަމުގައި ޝާޔާގެ ލޯމަރައިލީ ދަޢުވަތެއްފަދައިންނެވެ. ދެތުންފަތް ބީހިލިވަގުތު ކަރަންޓުގެ ބިޔަރާޅުތައް އެ މަސްތީ އޮއިވަރުގައި އަހަރެން ގަންބާލައިފިއެވެ.

ފަހަތުން ބައެއްގެ އަޑު އިވޭހެން ހީވެގެން ތެޅިގަނެފައި ދެމީހުންނަށް ދުރުވެވުނެވެ. އޭރު އަނެއްކޮޅުން ހީނ ސަމާސާކުރަމުން ގުރޫޕެއް އާދެއެވެ. ނަސީބަކުން އެމީހުންނަކަށް އަހަރުމެންނެއް ނުފެންނާނެއެވެ. އޭގެތެރެއިން މެދަށް ހުރީ ޒާނިޝް އެވެ. އަހަރުމެންނާއި އަރާ ހަމަވުމުން ދިމާކުރަން ފަށައިފިއެވެ.

“އައްދޭ. ! މީ ދޯ ސިއާންބެ މިކުރާކަމަކީ ބަކުރުބެ މެންގެޔަށް ސައިބޯން ގޮސް. ހަހަހަ. އަދި ކިރިޔާ ނު މި އެނގުނީ. ” ރިޔާ ދިމާކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ. ޒާނިޝް ވެސް ހުނުމުގައި ބައިވެރި ވެފައި އަހަރުމެންނާއި ކައިރިވެލިއެވެ.

“ޝޯންގެ ޕްރިންސެސް. ޔޫ ލުކް އެޑޯރަބަލް. ” ޒާނިޝް ޝާޔާގެ އަތްތިލަ އުފުލާލާ ދޮނެއްދެމުން ބުނެލިއެވެ. ޝާޔާގެ ދޮން މޫނު މަތީގައި ޖަންބުކުލައެއް ފެވިގެން ދިޔައެވެ. އަހަރެންގެ ރަހުމަތްތެރިންގެ ފަރާތުން ލިބެމުންދިޔަ ގާތްކަމާއި ޚާއްސަކަމުން ޝާޔާހުރީ އިންތިހާއަށް އުފާވެފައިކަން އަހަރެން ޝާޔާގެ މޫނަށް ބަލައިލުމުން ފާހަގަ ކުރެވުނެވެ.

“ހޭ ތިޔެއް ނޫނޭ. ހިނގާ ކާން ދަމާ. ވަރަށް ބަނޑުހައި. ” ޝިޔާމް ބަނޑުގައި އަތް އުނގުޅާލަމުން ބުނެލިގޮތުން އަސަރުވެސް ކުރިއެވެ. ހިނިގަނޑެއް ޖަހާލަމުން އަހަރުމެން ބަނޑަހަ ޖަހާފައިވާ ތަނާ ދިމާލަށް ދާން ހިނގައިގަތީމެވެ. ޝާޔާގެ އަތުގައި ހިފައިގެން އެހާ މިނިވަންކޮށް ހިނގާލަން ލިބުމުން އަހަރެންގެ ހިތް މޭގެތެރޭގައި ނަށާލަ ނަށާލާ އޮތެވެ.

އަހަރުމެންނަށް ދެވުނުއިރު ކެއުންފެށިގެން ކުރިއަށް ދަނީއެވެ. ދޯނިން އައިއިރު ބޭނުނު ލައްޓިތަކުގައި މަސްބަތް ވެސް ކައްކާފައި ހުއްޓެވެ. މުޙައްމަދުބެ މެން ބާނައިގެން އައި ބޮޑު ދެ ފަނިހަނދި ފިހެލާފައި އޮތެވެ. ކައްކާލައިފައި ހުރި ކުކުޅުތައް ފެނިފައި އަހަރެންގެ ބަނޑު ކުކުރާލައިފިއެވެ. ކުޅުދިޔާވެއްޖެއެވެ. ޕާސްތާވެސް ތައްޔާރުކޮށްލާފައިވަނީ ވަރަށް ފުރިހަމައަށެވެ. އަހަރެން އަވަހަށް ތައްޓެއް ހިފައިގެން ލެފި ވައްތަރަކުން އުނދުޅިއެއް އަޅާލައިފީމެވެ. އޭރު ތަށި ފުރިގެން ބަންޑުން ނުވަނީ ކިރިޔާއެވެ. އޭރު އަހަރެންގެ ތަށި ފެނިފައި ޝާޔާ ލޯބޮޑުކޮށްލާފައި ބަލައިލީ ހިނިއައިސްފައެވެ. އަހަރެންނަށް ބަލާލެވުނީ އަޔާން އާއި ޒާނިޝް އަށެވެ. އެދެމީހުންގެ ހާލު އަދި ބޮޑެވެ. އެއްތަށި ފުރާ އަޅައިގެން އަނެއް ތައްޓަށް ވަކިން ކުކުޅާއި ފިހުނު މަހާ އަޅާފައިވާ އިރު އެހާ އެއއްޗިހި އަޅާނީ ކޮންތާކަށް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރު ރަނާ އާއި ރިޔާވެސް ހީނ ހީނފައި އެދެމީހުންގެ ފަހަތުން އާދެއެވެ.

“ދައްތާ. އަހަރެންނަށް ޕާސްތާ ކޮޅެއް އަޅައިދީބަލަ. އަދި ކުކުޅު ކޮޅެއްވެސް އަޅައިދެއްޗޭ. ” މީހަކު މާލޯބިން ޝާޔާއަށް އެހެން ބުނިއަޑު އިވިގެން އަހަރެން އެނބުރި ބަލައިލިއިރު ޝައިހާ ހިނިތުންވެފައި ހުރިގޮތަކުން އަހަރެންގެ ހެޔަށް ގޮތްވީބާއޭ ހިތަށް އެރިއެވެ. މީގެ ދިހަ މިނެޓެއްހާއިރު ކުރިން މަރުވާތޯ ދުޢާކުރި ޝައިހާ މިހާރުއެހެރީ ދައްތަވެފައި ކިހިނެއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާގެ ލޮލުން ކަރުނައިގެ މުތީތަށް ނީރާލިއެވެ. މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. އެއީ ޙަޔާތުގައިވެސް ޝައިހާ ޝާޔާއަށް ދައްތާއޭ ކިޔާ ގޮވާލާ، އެހާ ހިތްހެޔޮކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރުކަން ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުން އަހަރެންނަށް ނަގައިގަނެވުނެވެ. ޝާޔާ ވަގުތުން ކަރުނަ ފުހެލަމުން ހިނިތުންވެލާފައި ގޮސް ތައްޓެއް ނަގައިގެން ޝައިހާ ބުނިހެން ކަންތައް ކޮށްދިނުމަށް އަވަސްވެގަތެވެ. އަހަރެންވެސް ޝާޔާއެހާ އުފާވެފައި ހުއްޓާ ފެނުމުން އުފާވިއެވެ. ޝައިހާ އާއި ދިމާލަށް ބަލާލަމުން އަހަރެން ހިނިތުން ވެލީމެވެ. ޝައިހާ ކަންތައް ކުރި ގޮތުން އުފާވެފައި ހުރެއެވެ. ޝައިހާވެސް ހިނިތުންވެލާފައި ޝާޔާ ގެނައި ތަށި ހިފައިގެން ދިޔައިރު އެއްވެސް ކަމެއް މީގެކުރިން ވެފައި ނުވާ ކަހަލައެވެ. ޝައިހާ ބަދަލުވެފައި ވާވަރު ފެނިފައި ޝާޔާ އުފަލުން އަހަރެންނަށް ބަލައިލީ އެކަން ފާހަގަ ކޮށްފައެވެ. އަހަރެންވެސް ޝައިހާ އަށް އައި ބަދަލުން އުފާވިއެވެ. ޝައިހާ އަށް ވިސްނުނީތީ އުފާކުރީމެވެ.

ޝާޔާއާއި އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީ ތަންކޮޅެއް ހަމަޖެހިލައިގެން ކާން އިށީންނާށެވެ. އަހަރެން ޝަޔާއާއި އަހަރެންގެ ކާތަށީގައި ހިފައިގެން ހުރިއިރު ޝާޔާ ހުރީ ދެއަތުން ދެ ކޯކުތަށި ހިފައިގެންނެވެ. ޝާޔާއާއި އެކުގައި އެހާ އެއްކޮށް ވަގުތު ހޭދަކުރަން ލިބުމުން އަހަރެންނަށް ބަޔާން ކުރަންވެސް ދަތި އުފާވެރި އިޙްސާސް ތަކެއް ކުރުވަމުން ދިޔައެވެ. ޝާޔާއާއި އެކުގައި އެހާ އުފާވެރިކޮށް މުޅި އުމުރު ހޭދަކޮށްލަން ލިބޭތޯ ހިތާހިތާ ދުޢާ ކޮށްލެވުނެވެ. ވަކިހިސާބަކަށް ދެވުނުއިރު އަޔާން މެން ފެނިއްޖެއެވެ. އެހެންކަމުން އަހަރުމެންވެސް ބޭނުންވީ އެމީހުންނާ ޖޮއިން ކޮށްލާށެވެ. އަޔާން އާއި ޒަނިޝް، އަދި ރަނާ އާއި ރިޔާ އިށީނދެގެން ތިބި ހިޔާގަނޑުގައި ޖައްސާލީމެވެ. އެހިސާބުން އިރުގެ އަލިން ވިދަވިދާ އޮތް މޫދު ފެންނަނީ ޖާދުވީ ގޮތަކަށެވެ. މަޑުރާގަކަށް ދޮންދޫނިތަށް އުދުހެމުން އެކި ކަވަކިޔަމުން ދިޔައިރު ކިތަންމެހާވެސް ހިތްގައިމެވެ. އެ ގުދުރަތީ ހިތްގައިމު މަންޒަރަށް ހިތަދޫކޮށްލައިގެން ތިބެ ކަމުން ދިޔައިރު އަހަރެންނަށް ޝާޔާއަށް އިރު އިރުކޮޅާ ބަލައިލެވެއެވެ. ޝާޔާ ހުރީ އަހަރެން ބަލާ ވަރުން ލަދުގަނެފައި ކަން އެނގުނެވެ. ރަނާ އަޔާން ގާގައި ކޮށްޓާލާފައި އަހަރެން ޝާޔާއަށް ބަލަން އިން މަންޒަރު ދައްކާލާފައި ދެމީހުންވެސް ހިނިގަނޑެއް ޖަހާލައިފިއެވެ. އަޔާން އަނގަފުރާ ކާއެއްޗިހި އަޅައިގެން ހިނިއައިސްފައި ހުރިތަން ފެނިފައި އަހަރެންނާއި ޝާޔާއަށް ވެސް ހެވުނެވެ.

“ދައްތާ. އަހަރެންނަށް ގެނެސްދީބަލަ ކޯކް ތައްޓެއް. ” ޝައިހާ އައިސް އަޔާން އިނުމުން މޫނު އަނބުރާލާފައި ދަމުން ބުނެލިއެވެ. ޝާޔާވެސް އަވަހަށް ބެލީ ޝައިހާގެ ފަހަތުން ގޮސް ޝައިހާ ބުނިގޮތަކަށް ކަންތައް ކޮށްދެވޭތޯއެވެ. ޝާޔާ ގޮސް ކޯކު ތައްޓެއް އަޅައިގެން ޝައިހާގެ ފަހަތުން ދިޔައެވެ. ޝައިހާ ހިނގަމުން ދިޔައީ މީހުން ތިބި ފަޅި ނޫން އަނެއް ފަރާތަށެވެ. ޝައިހާ މަޑުކޮށްލާނެ އިރެއްގެ އިންތިޒާރުގައި ޝާޔާ ކޯކުތަށީހިފައިގެން ދިޔައިރު ޝާޔާހުރީ އެހާ ދުރަށް ޝައިހާ އަނގައިން ނުބުނެ ދާތީ ކުޑަކޮށް ޖެހިލުންވެސް ވެފައެވެ. މީހެއްގެ ހިލަމެއްވެސް އެތަނަކު ނުވެއެވެ. ޝައިހާ އެހާދުރަށް ޝާޔާ ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޝާޔާގެ ހިތަށް އެކިއެކި ވަސްވާސްތަށް ވަންނަމުން ދިޔައެވެ. ނަމަވެސް ޝާޔާބެލީ ހަމަޖެހިލެވޭތޯ ބަލާށެވެ. ޝާޔާއަށް ޝާޔާގެ ކޮއްކޮ އެހާ ލޯބިން ކަމެއް ކޮއްދޭން އެދުނީމައި ޝާޔާގެ ހިތް އެކޮށްކޮއަށް ނުބައި ކުރަންވީ ކީއްވެގެންހެއްޔެވެ؟ ޝައިހާ މިހާރު ވަނީ ބަދަލުވެފައެވެ. ކޮއްކޮ މިހާރު ޝާޔާއަކަށް އަޑެއް ނުލައެވެ. އެއްޗިއްސެއް ކުކިޔައެވެ. ކަމަކު އެދެނީވެސް ހިނިތުންވެލާފައެވެ. އެކޮއްކޮއަށް ވިސްނުނީތީ ޝާޔާ ހިތާއި ހިތުން މާތްﷲ އަށް ޝުކުރު ދެންނެވިއެވެ. ޝާޔާ މިއޮށްހާ ދުވަހު ކުރަމުން އައި ދިގު އިންތިޒާރު އެންމެފަހުން ނިމުމަކަށް އައީއެވެ. ޝައިހާ ވަކިހިސާބަކަށް ދިއުމަށްފަހު މަޑުކޮށްލިއެވެ. ގޮނޑުދޮށުގައި އިށީނދެލިއެވެ. ޝާޔާ ޝައިހާ ކައިރީގައި ކޯކުތަށި ބަހައްޓާފައި ދާން އެނބުރުމާއިއެކު ޝާޔާގެ އަތުގައި ޝައިހާ ހިފަހައްޓާލިއެވެ.

“ދައްތަ އަހަރެން މިތާ އެކަނި ބަހައްޓާފަ ދާންތަ ތިއުޅެނީ. އަހަރެންނާ އެއްކޮށް ދާން މަޑުކޮށްލަންވީނު. ” ޝައިހާ ހިނިތުންވެލަމުން ޝާޔާކައިރީ އެދުނެވެ. ޝާޔާހެ ހިތްފުރިގެން ދިޔައީ ޝައިހާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ. ޝައިހާގެ އެދުމަށް މަޑުކޮށްލުމަކީ ޝާޔާއަށް ލިބޭނެ އުފަލެކެވެ. އެކޮއްކޮއަށް ކޮންމެފަދަ ކަމެއް ކޮށްދޭންވެސް ޝާޔާ މިހާރަކު ދެކޮޅެއް ނަހަދާނެއެވެ. ޝާޔާ އެކޮއްކޮ ދެކެ ނުލާހިކު ލޯބިވެއެވެ. މިއޮތްހާދުވަހު ކޮއްކޮގެ ފަރާތުން ޝާޔާއަށް ލިބެމުންދިޔަ ނުރުހުމާއި، މަލާމާތާއި، ހިތްދަތިކަން ޝާޔާގެ ހިތުން ފިލައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޝާޔާ ހިނިތުންވެލާފައި އިށީނެވެ. ޝައިހާގެ ކައިރީގައެވެ. ޝައިހާގެ ޚިދުމަތުގައި އުފަލުން އަބަދުވެސް ކައިރީގައި ހުރުމަށް ޝާޔާބޭނުންވިއެވެ.

އެހިސާބުންވެސް މޫދު ފެންނަނީ އެހާ ހިތްގައިމުކޮށެވެ. ރަށުގެ އެހެން ހިސާބުތަކާއި ކުޑަކޮށް ތަފާތެވެ. މިހިސާބުގައި ގޮނޑުދޮށް ކައިރިން ފެށިގެން އޮންނަނީ ރަށުގެ ރީތި ނޫ ލިވާ ގުޅިފައެވެ. އެހާ ހިތްގައިމެވެ. އެކި ކުލަކުލައިގެ ނޫކުލައިން ޖަރީކޮށްލާފައި އޮންނަ އިރު ހިތްދަމައިގަންނަހާ ޗާލެވެ. ޝާޔާއަށް ލިބެމުންދިޔަ އުފާތަކާއިއެކު އައިސްފައިވާ ބަހާރުމޫސުމަށް އިތުރު ފުރިހަމަކަމެއް އެ މަންޒަރުން ގެނުވަމުންދިޔައެވެ.

އަހަރެންނަށް ޝާޔާގެ ޚަބަރެއް ނުވެ ލަސް ވުމުން ކަންބޮޑުވާން ފަށައިފިއެވެ. ކާކަށް ނީނދެވުނެވެ. އެންމެ ފަހުންތެދުވީ ކާތަށި ބަހައްޓާފައެވެ. އަހަރެން އަވަހަށް ބެލީ ޝާޔާ ވީހިސާބެއް ހޯދާށެވެ. އެކިމީހުން ކައިރީގައި ޝާޔާ އާއި ޝައިހާ ފެނުނުތޯ އަހަމުން ދަނިކޮށް ލަމްހާ އާއި ދިމާވެގެން އަހާލުމުން ރަށުގެ އެފަރާތައް ދަނިކޮށް ފެނުނުވާހަކަ ބުނުމުން ވަގުތުން އަހަރެން އެދިމާލަށް ދާން ހިނގައިގަތީމެވެ. ޝައިހާ އަނެއްކާ ޝާޔާގާތުން މާފަށް އެދެނީބާއެވެ. ޝައިހާއަށް ކަންތައްކުރެވުނު ގޮތް އިޙްސާސްވެ އިސްލާޙުވީ ބާއެވެ. އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ކުއްލިޔަކަށް ޝައިހާ އަށް އައި ބަދަލުން އަހަރެންގެ ސިކުނޑީގެ ކަނެއްގައި ރިއްސާލިއެވެ.

ޝައިހާ ކައި ނިމުމަށްފަހު ޝާޔާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއަށް ފަހު ކޯކުތަށި ބޮއެ ނިންމާލަމުން ތެދުވިއެވެ. މަޑުމަޑުން ގޮނޑުދޮށަށް ފައިބާ ކޭތަށި އަތުކޮޅަށް ހޫރާލައިފިއެވެ. އެމަންޒަރު ބަލަން ހުރި ޝާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަށި ދޮންނަށް ޝާޔާ އަތަށް ދިންނަމަވެސް ދޮވެދިނީސް ވިއްޔާއެވެ. މީހެއްގެ ތައްޓެއް އެހެން އެއްލާލާކަށްވެސް ނުވާނެ އެއްނުންހެއްޔެވެ؟

” އޫޕްސް. އަޅެ އެއީ މީހެއްގެ ތައްޓެއް ދޯ މަށަށް މިއެއްލާ ލެވުނީ. އަޅެ ދައްތާ އަހަރެންނަށް އެ ތަށިނަގައިގެން ދޮވެލައިގެން ގެނެސްދޭންވީއެއްނު. ޕްލީޒް. ” ޝައިހާ ޝާޔާގެ އަތުގައި ހިފާލާފައި ދެރަވެލާފައި ބުނިގޮތުން ޝާޔާވެސް ދެރަވިއެވެ. ކޮއްކޮއަށް ނުވިސްވޭ ވަރުން ވެސް ކުރާނެ ކަމެއްނެތެވެ. ޝައިހާ އެހެން ބުނެފައި ހިނގައި ގަތުމުން ޝާޔާބެލީ އެތަށި އަތުޖެހޭތޯއެވެ. ކޮއްކޮ އެހާ ލޯބިން އެދުނީތީ އެކަން ކޮށްދޭން ޝާޔާ ކޮންމެހެންވެސް ބޭނުންވިއެވެ. ޝާޔާ މަޑުމަޑުން މޫދަށް އެރެން ފެށިއެވެ. މާ ދުރަށް ނުދެވެނިސް ފުންވަމުން ފުންވަމުން ގޮސް މެޔާއި ހަމައަށް ފެން އަރައިފިއެވެ. އެނބުރި ބަލައިލިއިރު ޝައިހާ ދަނީއެވެ. އެހެންކަމުން ޝާޔާ ބޭނުންވީ އެތަށި ހިފައިގެން އަވަހަށް ދާށެވެ. އޭރު ތަށި އަތުގައި ޖެހެން ކައިރި ވެއްޖެއެވެ. ފޫޓެއްހާހިސާބަށް ކައިރި ވެއްޖެއެވެ. ޝާޔާ ކުރިޔަށް ދެން އަޅާލި ފިޔަވަޅާއެކު ފުން ވިލުގެ ތެރެޔަށް ޝާޔާގެ ފައި ދޫވިއެވެ. އެހައިހިސާބުން އެއްގަމަށް ދާން ކުރިމަސައްކަތް ދިޔައީ ފެނަށެވެ.

އަހަރެންނަށް ޝައިހާ އެކަނި އަންނަތަން ފެނުމާއިއެކު ދެލޯ ބޮޑުވިއެވެ. އޭރު ޝައިހާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ހުއްޓެވެ.

“ކޮބާ ޝާޔާ. ؟” އަހަރެން އަހައިލީ ހާސްވެފައި ހުރެގެންނެވެ.

“މަށަކަށް ނޭނގެ. ކަލޭމެންނާއި އެއްކޮށެއްނު އުޅުނީ. ” ޝައިހާގެ މޫނުމަތިން ފެންނަންހުރި މަކަރުވެރި ވިހަ ހިނިތުންވުމާއިއެކު އަހަރެންގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އައި ރުޅިން ދަތްކުނޑިވިކައިލެވުނު ނަމަވެސް އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއާއިއެކު އަހަރެން ދުއްވައިގަތީ ޝާޔާއަށް ކަންތައް ވަމުންދާނެގޮތް އެނގުމުންނެވެ. އަހަރެންގެ ހިތުގައި އަހަރެންނަށް ހުވަފެނުން ފެނުނު ކޮންމެ މަންޒަރެއް ބިރުވެރި ހަރުފަތަކެއްހެން ވިހަލަމުން ދިޔައެވެ. ފައިގާ ހުރި ހުރިހާބާރެއް ލާފައި އަހަރެން ދުވެފައި ދިޔައިރު ކަންބޮޑުވެ ހާސްވެ އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަހަރެންގެ ކޯތާފަތްމަތި ތެންމަމުން ދިޔައެވެ.

ޝާޔާއަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. ފަތަން ނޭނގޭތީއާއިއެކީ ހަތަރެސްފައިން ސަލާމަތް ވުމަށް އެދި ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވަމުން ދިޔައެވެ. ޝާޔާއަށް ފެންނަހިސާބުގައި އެއްވެސް މީހަކު ނެތެވެ. ޝާޔާ އަޑުގެ ކޮޅަށް ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް ޝާޔާގެ އަނގައިން އަޑެއް ނުނިކުތެވެ. ނޭވާލާން ކުރިމަސައްކަތުން އަނގައާއި ނޭފަތަށް ވަންނަންފެށީ ލޮނެވެ. ކޮށިއަރާ ފުއްޕާމޭ ފުރެމުން ދިޔައިރު ޝާޔާގެ މޫނުމައްޗަށް އަނދިރިވަމުންދިޔައެވެ. އެއަނދިރިކަމުގެ ތެރެއަށް ޝާޔާދަމައިގަނެވުނެވެ.

އަހަރެންނަށް ޝާޔާ އާއި ހަމައަށް އާދެވުނުއިރު ޝާޔާ އަތުން ފެންމަތީގައި އޮތުމަށް ކުރަމުންދިޔަ މަސައްކަތް ބޭކާރުވެ ޝާޔާގެ ހަރަކާތްތައް ހިމޭންވަނީއެވެ.

“ޝާޔާ. !!” އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. މުޅި ރަށަށް އަޑު އިވޭ ވަރަށެވެ. އެއާއިއެކު އެންމެ ސިކުންތެއްވެސް ލަސްނުކޮށްލާ އަހަރެން ފަތައިގަތީ އަޑިއަށް ދަމުންދިޔަ ޝާޔާގެ ހަށިގަނޑު ނަގާށެވެ. ޝާޔާގެ އަތުގައި ހިފުމާއިއެކު ދަމާ މައްޗަށް ގެނެސް ކަރުގައި އެއްއަތުން ވަށާލާ ހިފަހައްޓައިގެން އަނެއްއަތުން އެއްގަމަށް ޖަހަމުންދިޔައީމެވެ. ގޮނޑުދޮށާއި ކައިރިކަން ނަސީބެކެވެ. ޝާޔާގެ ނޫވެފައިވާ މޫނު ފެނުމާއިއެކު އަހަރެންގެ ހިތްފަޅައިގެން ދިޔައެވެ. ދިރުން ނެތިފައިވާ ދެއަތުގައި ހިފައިގެން ތަންކޮޅެއް މައްޗަށް އަރުވާފައި އަހަރެން ޝާޔާ ބަންޑުން ޖަހާލީމެވެ. ޝާޔާގެ މޫނު އެއްފަރާތަކަށް އަނބުރާލަމުން ޝާޔާގެ ބުރަކަށްޓަށް ފިތަންފެށީ ފުއްޕާމޭގެ ތެރޭގައި ތަށިވެއފައިވާ ލޮނުތައް ބޭރު ކުރާށެވެ. ގައިގަ ހުރި ހުރިހާ ބާރެއްލާފައި އަހަރެން ފިތަމުން ދިޔައިރު އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޮލު ފައިބަމުން ދިޔައެވެ. އެއަށްފަހު އުއްޑުން ޖަހާލާ އެންމެފުރަތަމަވެސް އަހަރެން ޝާޔާއަށް އަނގައިން އަނގަޔަށް ނޭވާ ލައިދިނީމެވެ. ރެސްކިއު ބްރެތް ގެ ފަސް ބޮޑު ނޭވާ ލައިދިނުމަށްފަހު ޝާޔާގެ މެޔަށް ފިތަން ފެށީމެވެ. ނޫވެފައިވާ ޝާޔާގެ ދިރުމެއްނެތް ހަށިގަނޑު އަހަރެންގެ ލޯކުރިމަތީގައި ފެންނަމުން ދިޔައިރު އަހަރެންގެ ހިތް ކުދިކުދިވެ ލޮލުން ފައިބަމުންދިޔައެވެ.

“ސަމްބޮޑީ. ހެ. ލް. ޕް. ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ.

-ނުނިމޭ-

1
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [11]“

Leave a Reply

Your email address will not be published.