މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [16]

“ދަރިފުޅާ ކިހިނެއްވީ… އޭ ދަރިފުޅު މަޑުކޮށްބަލަ.. ކިހިނެއްތަވީ..” އަހަރެންނަށް މަންމަގޮވި އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންނަށް ހަމައެކަނި ބުނެވުނީ “ޝާޔާ..” މިހެންނެވެ. އޭރު އަހަރެންގެ ފަހަތުން ނިކުތް އަޔާން އާއި ޒާނިޝް ވެސް އައިސް މަންމައާއި އަރާ ހަމަކުރީއެވެ. އަހަރެން އެދިޔަބާރުމިނުގައި ގެއިން ނިކުމެ ދޮރުލައްޕައިލީމެވެ. އަހަރެންގެ މިސްރާބަކީ ޒަބަރުޖުދުގެއެވެ. އަހަރެންގެ ގައިގައި ބާކީ ހުރި ހުރިހާ ވަރެއް ދެފަޔަށް ލާފައި އަހަރެން ދުއްވައިގަތީމެވެ.

ސްޓްރީޓް ލައިޓް ތަކުގެ ފަނޑުއަލިކަމުގައި، ފަޅުވެފައި ވާ މަގު މަތިން އަހަރެން ދުވަމުން ދިޔައިރު ހިނގަމުން ދިޔަ ކޮންމެ ސިކުންތެއް އަހަރެންނަށް ހީވީ ގަޑީޔެއްހާއިރުހެނެވެ. ދަތްކުނޑިވިކާލެވިފައި ވީއިރު ގައިގައި ހުރި ހުރިހާ ބާރެއް އަޅާ ކޮންމެ ފިޔަވަޅަކަށް ލެވެމުން ދިޔައެވެ. ޝައިހާ ޝާޔާއަށް ސިންގާއެއްފަދައިން ޙަމަލާ ދެމުން ދިޔަ މަންޒަރު އަހަރެންގެ ސިކުނޑީތެރޭގައި ސިފަވަމުންއޭރު ދިޔައެވެ. ޒަބަރުޖުދުގޭގެ ދޮރުން ވަދެގެން އަހަރެންނަށް ގޮސް ހުއްޓުނީ ފެންޑާގައި ހުރި ގޭގެ މައިދޮރު ކުރިމަތީގައެވެ.

“ޝާޔާ….!!!” އަހަރެންނަށް އަޑުގައި ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. އަހަރެންގެ އަޑަށް ގޭތެރެއިން މީހަކު އެއްޗެއްގައި ތަޅަން ފެށި އަޑު އިވުނެވެ. ވަގުތުން އަހަރެން ގައިގައި ހުރިބާރެއްލާފައި ފައިން ދޮރުގެ ތަޅާދިމާލަށް އަރުވާލި އެތިފަހަރާއިއެކު ތަޅު ލުހިގެން ދޮރު ހުޅުވިގެން ދިޔައެވެ. އޭރު ޝާޔާ އަތުން އެނދުމަތީގައި ތަޅަމުން ދަނީއެވެ. ޝާޔާގެ ގައިމައްޗަށް ސަވާރުވެ ޝާޔާގެ ފުރާނަ ލުހެލަން މަސައްކަތް ކުރަމުންދިޔަ ޝައިހާ ފެނުމާއިއެކު ވައިރޯޅިއެއްހާ ހަލުއިކޮށް އަހަރެންގޮސް ޝައިހާގެ އަތުގައި ހިފާ އެނދުމަތިން ހޫރައިލީމެވެ. އެ އަޑުފައްގަނޑަށް ހޭލައިގެން ބަކުރުބެއާއި ހައްވާދައްތަ އޭރު ނިކުންނަނީއެވެ. ޝައިހާ ބިންމަތީގައި ޖެހުނު ގޮތުން ފަޔަށް ވެފައިވާތަދާއިއެކުވެސް ތެދުވެގެން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ޝާޔާ ކަރުގައި އަތްއަޅައި ނޭވާ ލުމަށް މަސައްކަތްކުރަމުން ދިޔައިރު ޝާޔާގެ ދެލޯ ބޮޑުވެފައިވެއެވެ. އަހަރެން ޝާޔާކައިރީ އެނދުގައި އިށީނުމާއިއެކު ޝާޔާ އަހަރެންގައިގާ އޮޅުލައިގަތެވެ.

“ކިހިނެއް ވެގެން މި އުޅެނީ…؟؟ ކަލޭ ކިހިނެއްވެގެން ތިއުޅެނީ ގޭތެރެއަށް ވަދެ މިދަންވަރު..؟” ބަކުރުބެ ވާނުވާ ނޭނގި ރުޅިއައިސް ހަޅޭއްލަވައިގަތެވެ. އެވަގުތު ޝައިހާ ކޮޓަރި ތެރެއިން ނިކުތީ ވަޅިއެއް ހިފައިގެނެވެ. އަހަރެންނާއި ޝާޔާއަށް ކޮޅަށް ތެދުވެވުނެވެ. އެމަންޒަރު ބަލަން ހުރި ބަކުރުބެއާއި ހައްވާދައްތައަށް ލިބުނު ހައިރާންކަމާއިއެކު ޝައިހާ ގައިގާ ހިފެހެއްޓޭތޯ އެޅި ފިޔަވަޅާއިއެކު ޝައިހާ ވަޅި މަޅާލީ އެދެމީހުންނާއި ދިމާލަށެވެ.

“ކައިރިނުވާތި މަށާ ކަލޭމެން.. މިރޭ އޭނަ މަރާލާނަން..” ބަކުރުބެމެންނާއި ދިމާލަށް ލޯއަޅައިލަމުން އެހެން ބުނިއިރު ޝައިހާ ރުޅިއައިސްފައި ހުރިވަރުން ވަނީ ނޭވާކުރުވެފައެވެ. ކަލެއަށް ތިހެން އަބަދަކު އޭނަ ސަލާމަތެއް ނުކުރެވޭނެ.. މިރޭ ކަލޭމެން ދެމީހުން މަރާލާނަން..” އަހަރުމެންނާއި ދިމާލަށް އެނބުރިފައި ޝައިހާ އެހެން ބުނިއިރު ގޭގެ ދޮރުން ވަދެގެން އައި އަހަރެންގެ މަންމަ ދުށީމެވެ. މަންމަގެ ފަހަތުން އަޔާން އާއި ޒާނިޝްވެސް އައިސް އަރާ ހަމަކުރަނީއެވެ. ޝައިހާ އަށް ނަޒަރު ހުއްޓާލެވިފައި ވީއިރު މަންމަގެ މޫނުމަތީގައި ހުރި ސީރިޔަސް ކަމާއި ހިންހަމަ ނުޖެހުމުގެ އަސަރުތައް ފެނި އަހަރެންނަށް ނަޒަރު ހުއްޓައިލެވުނީ މަންމައަށެވެ. އޭރު ޝައިހާ ވަޅިހިފައިގެން ހަޅޭއްލަވައި ގަންނަމުން އަހަރުމެންނާއި ދިމާލަށް ދުއްވައިގަތީއެވެ. އެމަންޒަރު ބަލަން ބަކުރުބެއާއި ހައްވާދައްތަ ހުރީ ގުޑިލަންވެސް ނުކެރިފައި ކަހަލައެވެ. މަންމަ ވަދެގެން އައި ގޮތަށް އައިސް ވަޅިހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް އައި ޝައިހާގެ އަތުގައި ހިފަހައްޓާލީ ގުޑީނުލެވޭވަރަށެވެ.

“ޝައިހާ..!!!” އަނެއް އަތުން ގައިގައި ހުރިބާރެއްލާފައި މަންމަގެ އަތުގެ އެތިފަހަރެއް ޝައިހާގެ ކަންކަށިމައްޗަށް އެރުމާއިއެކު ޝައިހާ ހުރިތަނަށް ގަނޑުވިކަހަލައެވެ. އެމަންޒަރު ބަލަން ހުރި ބަކުރުބެ ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު ހައްވާ ދައްތައަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ޝައިހާ މަޑުމަޑުން އަހަރެންގެ މަންމައާއިދިމާލަށް އެނބުރިލީ ކަންކަށިމަތީގައި އަތް އަޅާލަމުންނެވެ. އެވަގުތު ޝައިހާގެ އަތުގައި އޮތް ވަޅި މަންމަ އަތުލައި ބިންމައްޗަށް އެއްލައިލިއެވެ. ޝައިހާގެ މޫނުމަތިން ދެންފެނިގެން ދިޔައީ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތަކެކެވެ. ޝައިހާއަށް ރޮވެން ފަށައިފިއެވެ. އެއާއިއެކު ދެންފެނުނީ މަންމަ ޝައިހާ ގައިގާ ބައްދާލި މަންޒަރެވެ. މަންމަގެ ކޮނޑުގައި ބޯއަޅާލަމުން ޝައިހާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ހައްވާދައްތަ މަޑުމަޑުން ކައިރިވެ ޝައިހާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އޭރު ބަކުރުބެއަށް ވެގެންއުޅޭ ގޮތް ކޮންމެވެސް ވަރަކަށް ފަހުމް ވެފައިވާ ކަހަލައެވެ. ޝާޔާ އަހަރެންގެ ގައިގާ ބައްދާލިއިރު ޝާޔާގެ މޫނުމަތިން އެ ނާޒުކު ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި އުދާސް ފެންނަމުން ދިޔައެވެ. ކަނޑެއްފަދަ ފުން އެދެލޮލުގައި ކަރުނައިގެ މުތީތައް ވިދަވިދާ ހުއްޓެވެ.

“މަންމާ.. އަހަރެންނެއް ބޭނުމެއް ނޫން އަނެއްފަހަރު އޭނަ ދޫކޮށްލައިގެން ޝާޔާއަށް އިތުރު ނުރައްކަލަކާ ކުރިމަތި ވާކަށް.. އިޓްސް ދަ ސެކަންޑް ޓައިމް.. އެންޑް އައި ވޯންޓް ހަރ އެރެސްޓެޑް..” އަހަރެން މަންމަ އާއި ވާހަކަ ދައްކަމުން ދިޔައީ ހޯރަފުށީ ޕޮލިސް ސްޓޭޝަން ގައި ތިބެއެވެ. އޭރު ޝައިހާގެ ބަޔާން ނެގުމަށް ވަނީ ވެއްދިފައެވެ. ހިނގައި ދިޔަ ކަންތަކާއި ގުޅިގެން ސިފައިންނަށް ގުޅައިގެން ގެނެއީ އަހަރެންނެވެ. އެމައްސަލައިގައި ޝާމިލުވާ ހުރިހާ އެންމެންގެ ބަޔާން ދަނީ ނެގެމުންނެވެ.

“ދަރިފުޅާ.. ޝައިހާ އަކީ ބަލި ކުއްޖެކޭ.. ޝައިހާ ބަންދުކޮށް ކުއްވެރިޔަކަށް ހެދުމަކީ ރަނގަޅުކަމެއް ނޫން.. ޝައިހާ އަށް އެކަންތައް އެ ކުރެވުނީ ޝައިހާގެވެސް ކުށަކުންނެއް ނޫނޭ.. ޝައިހާގެ ބަލީގެ ސަބަބުން.. އަސްލު ކުއްވެރިންނަކީ އަހަރުމެން.. ޝައިހާގެ މައިންބަފައިން.. ޝައިހާއަށް އެކަށީގެންވާ ފަރުވާ ހޯދައިދޭން ޖެހޭނެ.. ފަރުވާނުކޮށް ބަހައްޓާފައި ޝައިހާއަށް ގޯހެއް ހެދުނީމައި ކުއްވެރިޔަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން.. އޮސްޓްރޭލިޔާގަ ހުންނާނެ އެކަމަށް ވަރަށް ރަނގަޅު ޑޮކްޓަރެއް.. މަންމަ ވިސްނަނީ މިފަހަރު ދާއިރު ޝައިހާވެސް ގޮވައިގެންދާން.. ގޮސް އެކޮޅުން ފަރުވާފަށަން..” މަންމަ ވާހަކަ ދައްކަމުންދާގޮތުން އަހަރެން ހުރީ މަންމަދެކެވެސް ހިތްހަމަ ނުޖެހިފައެވެ. މަންމަ އެހާވަރަކަށް ޝައިހާ ރަނގަޅުކުރަނީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހާކަމެއް މިގޮތަށް ހިނގުމަށް ފަހުގައިވެސް ހެއްޔެވެ؟ އަހަރެން ހިތްހަމަ ނުޖެހިގެން އެތަނުން ނިކުތީއެވެ. ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ހައްދާފައި ހުރި ގަސްތަކުގެ ތެރޭގައި އަހަރެން މަޑުކޮށްލީމެވެ. ސިކުނޑިއަށް ލިބެމުން ދިޔަ ނުތަނަވަސް ކަން ފިލުވާލާށެވެ. އޭރު އިރުއަރަން ދުނިޔެމަތި ދޮން ކުރަމުން ދަނީއެވެ.

“މަންމަ އަށް އެނގޭ ދަރިފުޅުގެ ހިތަށް އަރާނެކަން މަންމަ ޝައިހާއާއި ދޭތެރޭ އެހާ ވަރުން އުޅެނީ ކީއްވެގެން ހެއްޔޭ..؟” މަންމަ މަޑުމަޑުން އައިސް އަހަރެންނާއި އަރާ ހަމަކުރަމުން ވާހަކަ ދެއްކިއެވެ. މަންމަގެ އަޑުގައި އެކުލެވިފައިވާ އަސަރުން އަހަރެންނަށް އިތުރުއެއްޗެއް ބުނާކަށް ނުކެރުނެވެ. އަހަރެން ބޭނުންވީ މަންމަގެ ހިތުގައި ފޮރުވާފައިވާ ރިހުންތައް ބޭރުކޮށްލަން ފުރުޞަތު ދޭށެވެ. “ދަރިފުޅަށް އެނގޭތަ.. މަންމައަކީވެސް ކުޑައިރު އެބަލި ހުރި މީހެއް.. ދަރިފުޅުގެ ބައްޕައާއި ދިމާވަންދެން..” މަންމަގެ އެޖުމްލައާއިއެކު އަހަރެންގެ ހިތް ވިރިގެން ފޭބި ކަހަލައެވެ. އަހަރެންނަށް މަންމައަށް ބަލައިލެވުނީ ހައިރާންކަމާއިއެކުގައެވެ. ޝައިހާ އާއި ދޭތެރޭ މަންމަ އެހާ ކަންބޮޑުވަނީ އެހެންވެގެން ތާއެވެ. “މަންމަ ގެ ފެމެލީގަ ޝާއިނާ ތިއްތަގެ އިތުރުން ދޮންތައެއްވެސް ހުރި..” މަންމަގެ ތުރު ތުރުލާ އަޑުން ކިޔައިދެމުން ދިޔަ ވާހަކަތައް އަހަރެން ކަނުލާ އަޑުއަހަމުން ދިޔައީމެވެ. މީގެކުރިން ދޮންތައެއްގެ ވާހަކަ އަހަރެން އަޑުއަހާފައެއް ނުވެއެވެ. “މަންމައާއި ދޮންތައަކީ އަހަރު ދެކޮޅު ދެކުދިން.. ތިއްތައަށް އޭރު ވާނި ދިހަވަރަކަށް އަހަރު.. މަންމަގެ އުމުރުން ސޯޅަ ވަރަކަށް އަހަރު.. މަންމަ ވެސް އޭރު ވަރަށް ރުޅި ގަދަވާނެ.. ދޮންތައަށް ވަރަށް އަނިޔާ ކުރެވޭ.. އެކަމާ މާމަ މަންމަ އަށް ވަރަށް އަނިޔާވެސް ކުރާނެ.. އަދި ދޮންތައާއި މަންމަ އާއި ތަފާތު ކުރާނެ.. ކާފަ އަބަދުވެސް މާމައަށް އެހެން ނެހެދުމަށް ނަސޭޙަތް ދޭނެ.. އަދި މަންމައަށް ވެސް ވަރަށް ވިސްނައިދޭނެ.. އޭރަކު މަންމަ އެހެން އުޅެނީ ބައްޔެއް ހުރެގެން ކަމެއް ނޭނގެ.. މާމަ ކަންތައް ކުރަމުން ދިޔަ ގޮތުން މަންމައަށް ކުރިއަށްވުރެ ބޮޑަށް ދޮންތަދެކެ ނަފްރަތުވާންފެށި.. އެއްދުވަހަކު މާމައަށް ތަނަކަށް ދާންޖެހިގެން ބޭރަށް ނިކުތް ވަގުތު ދޮންތަ އުޅުނީ ފާހާނައިގަ.. އެދުވަހުވެސް މާމަ އޮތީ މަންމަ އާދި ދިމާލަށް ވަރަށް އެއްޗިހިކިޔާފަ.. ދޮންތަގެ ކަމަކާ.. މަންމަ ހުރީ ވަރަށް ރުޅިއައިސްފަ.. މަންމަ ކޮޓަރިއަށް ވަދެ ފާހާނައިގެ ތަޅުދަނޑިފަތި އަލަމާރި ތެރެއިން ނަގައިގެން ފާހާނައިގެ ތަޅު ހުޅުވިއިރު ދޮންތަ ލަވައެއް ކިޔާލަ ކިޔާލާ ބިލިގާ ތެރޭގައި އޮތް.. ދޮންތަ ހެވިފައި ހުރިތަން ފެނުނު ވަގުތު މަންމަގެ ހިތް ނަފްރަތާއި ރުޅިވެރިކަމުން ފުރުނު.. އެންމެ ހިނދުކޮޅަކަށްވެސް އެ މޫނު ފެންނާކަށް ބޭނުމެއް ނޫން.. އެވަގުތު މަންމައަށް ދޮންތަގެ ސަބަބުން މާމަ މަންމައާއި ދޭތެރޭ ކަންތައް ކުރަމުން އައި ގޮތް ސިފަވި.. މަންމަގެ އެތެރެހަށީގަ ހުޅު ރޯވެގެން ދިޔަ.. މަންމަ ދިޔަގޮތަށް ގޮސް ދޮންތަގެ ކޮނޑުގައި ހިފާ ބިލިގާގެ ތެރެއަށް ގަންބާލީ.. ދޮންތަގެ ބޮޑުވެފައިވާ ދެލޮލުން މަންމައާއި ދިމާލަށް ބަލަން ހުރި މަންޒަރު އިއްޔެ ވީކަމެއްހެން މިހާރުވެސް ހިތަށް ސިފަވެ.. މަންމަގެ މި ދެއަތުން ދޮންތަ މަރާލީ.. ދޮންތަގެ ފުރާނަ ހަށިގަނޑު ދޫކޮށްދިޔައީ މަންމައާއި ދިމާލަށް ބަލަންހުރެ..” މަންމަގެ ދެއަތަށް ބަލަމުން އެވާހަކަތައް ކިޔައިދީ ނިމުނުއިރު މަންމައަށް ގިސްލެވެނީއެވެ. އަހަރެންގެ ހިތް ހަލާކުވީ މަންމައަށް ކުރަމުންދިޔަ އަސަރު ފެނިފައެވެ. އަހަރެން ވަގުތުން މަންމަ ގައިގާ ބައްދާލީމެވެ. އޭރުވެސް މަންމަގެ ހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. މަންމަގެ މޫނުމަތިން ދުވަހަކުވެސް އެފަދަ ހިތްދތިކަމެއް އަހަރެންނަކަށް ފެނިފައެއް ނުވެއެވެ. އެރުކޮޅަކުން މަންމަ ހަމަޔަކަށް އެޅުނެވެ.

“މާމައަށް ގެޔަށް އާދެވުނުއިރު މަންމަހުރީ…”

“ޕްލީޒް މަންމާ.. ދެން ހެޔޮ.. އަހަރެން ބޭނުމެއް ނޫން މަންމަ އިތުރަށް އެ ހަނދާންތައް އާކުރާކަށް..” އަހަރެން މަންމަގެ ވާހަކަ މެދުކަނޑައިލީމެވެ. މަންމަގެ ހިތުގައި ލަކުނުލާފައި ވާ ފާރުތަކެއްގެ މަތި ހަލާކުކޮށް ރޯފާރު ތަކަކަށް ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ނޫން ދަރިފުޅާ.. ދަރިފުޅަށް މިޔަދު އެހުރިހާ ވާހަކައެއް އެނގެން ޖެހޭ..” މަންމަ އަހަރެންގެ ކޮނޑުގައި ހިފާލާފައި ހިތާމަތައް ފޮރުވަމުން ވާހަކަ ދެއްކިއެވެ. “އެބަލީގެ ސަބަބުން މަންމަގެ ޙަޔާތުގައި އައި އަނދިރި ދުވަސްތައް މިއަދު ދަރިފުޅަށް ވެސް އެނގެންޖެހޭ..” މަންމަގެ އެދުމަށް އަހަރެން ހިތްވަރުކޮށްލާފައި މަންމަގެ ވާހަކަތަކަށް ފުރުޞަތު ދިނީމެވެ.

“މަޑުމަޑުން މަންމަގެ ރުޅިމަޑުވެ ހަމަހޭވެރިކަން ވިއިރު ދޮންތަގެ ފުރާނަނެތް މަސްގަނޑު ބިލިގާގެ ތެރޭގަ އޮތް.. މަންމަ ހަދާނެ ގޮތެއް ނޭނގިފައި ހާސްވެގެން ދެކޮޅު ދެކޮޅަށް ހިނގަ ހިނގާފައައިސް ބިލިގާގެތެރެއަށް އެރި ދޮންތަ ނަގާ ގައިގަ ލައްކޮށްލައިގެން ދޮނަތައަށް ގޮވަމުން ދިޔައިން.. ދޮންތައަށް ބަލާލާފަ ހީވަނީ ހަމަ ދެންމެ ދެންމެ ލޯ ހުޅުވާލަ ފާނެހެން..” މަންމަގެ ލޮލުން ކަރުނަ ބަންޑުން ވަމުން ދިޔައެވެ. “މާމައަށް އާދެވުމާއިއެކު މަންމަ އަށް ރޮއެ ގަނެވުނު.. މާމާ ވަގުތުން ހުރިތަނަށް ގަނޑުވި.. ރުޅިއައިސް ގެން މަންމަ ކޮއްޕަމުން ފާހަނަތެރެއިން ނެރެ ކޮޓަރިތެރެއަށް ހޫރާލި.. މަންމަ ވެއްޓިގެން ގޮސް އެނދުގެ ދާރައިގަ ބޯޖެހި ވަގުތުން ފަޅައިގެން ދިޔަ.. މާމަ ރުޅިއައިސް ހުރިވަރުން ފިހިގަނޑުގެ ދަނޑިބުރިން މަންމަ ގައިގަ ތަޅަންފެށި.. ކާފައަށް އާދެވުނީ އެތަނަށް.. އޭރު މަންމަގެ އަތެއް ވެސް އޮތީ ބިނދިފަ.. ވަގުތުން ސިފައިން ގެނެސް މަންމަ ހައްޔަރު ކުރެވުނު.. ވަގުތުން ދޮންތަގެ މަރުގެ މައްސަލަ ބަލަންފެށުނު.. އެ ޚަބަރު ދަރިފުޅުގެ ބައްޕައަށް ލިބުނު.. ދަރިފުޅުގެ ބައްޕަ އޭރުވެސް މަންމަގެ ބޯކޮޅު ބަލަމުން ދުވާނެ.. ބައްޕައޭރު ވާނީ ދަރިފުޅުވަރު..” މަންމަ އެހެން ބުނިއިރުގައި ހިތާމައިން ކަޅިވެފައިވާ މަންމަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭރުގެ ފޮނި ހަނދާންތަށް އާވުމުންނެވެ. “ބައްޕަގެ ޢާއިލާއަކީ އޭރުވެސް ވަރަށް ފޯރާ ޢާއިލާއެއް.. އެހެންކަމުން ބައްޕަގެއާއިލާގެ އެހީތެރިކަމާއެކު މަންމައަށް ވަކީލެއް ހަމަޖެއްސުނު އަދި ކައުންސިލިންދެވުނު އެއަށް ފަހު ނަފްސާނީ ޑޮކްޓަރަކަށް ދެއްކުނު.. އެހައިހިސާބުން މަންމަގެ ބައްޔެއް ހުންނަކަން އެނގުނީ.. ޑޮކްޓަރުގެ ލިޔުމާއި ގުޅިގެން މަންމަގެމައްޗަށް ކުރެވުނު ދަޢުވާ އުފުލުނު.. އަދި މަންމައަށް ފަރުވާ ދިނުމަށް ބޭރަށް ގެންދެވުނު.. އެއީވެސް ދރިފުޅުގެ ބައްޕަގެ ޢާއިލާގެ ޚަރަދުގަ.. ދެޢާއިލާގެ ގުޅުން ވަރަށް ބަދަހިވި.. މަންމަމެންގެ ކައިވެނި ކުރެވިގެންދިޔައީ އޭގެ އަހަރެއްހާ ދުވަސްފަހުން އޮސްޓްރޭލިޔާގަ.. މަންމައަށް ފަރުވާލިބެން ފެށިފަހުން މަންމައަށް ވިސްނެންފެށުނީ މަންމައަށް ކުރެވުނު ކަންތައްތައް. . އޭގެފަހުން މާމަ ނިޔާވެގެން ދިޔައިރުވެސް މަންމައާއި އަނގަޔަކުން ނުބުނެ.. ތުއްތަވެސް އަދިވެސް މަންމަމެންނާއި އެހާދުރުން އެއުޅެނީ އެހެންވެ.. މަންމަގެ މުޅި ޢުމުރު ހޭދަކޮށްމިލަނީ މަންމައަށް ކުރެވުނު ބޮޑު ފާފަ ފުއްސަވާތޯ ދުޢާކުރުމުގަ.. މަންމަގެ ބަލި ދެނެގަނެވި ކުރިޔާލާ ފަރުވާ ލިބުނުނަމަ މަންމައަށް މިހާ އަނދިރި ދުވަސްތަކަކާ ކުރިމަތިލާކަށް ނުޖެހުނީސް.. މަންމަގެ އަތުން..” އެހައި ހިސާބަށް ބުނެވުނުއިރު މަންމައަށް ކުރެވުނު ކަންތައް ހިތަށް އަރައި މަންމައަށް އިތުރަށް އުނދަގޫވެ ވާހަކަ ނުދެއްކޭ ވަރު ވެއްޖެއެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

މިއަދު މަންމަގެ މަޤާމުގައި އެހުރީ ޝައިހާއެވެ. އަހަރެންނަށް ޝައިހާއާއި ދޭތެރޭ ދެކެވުނީ ކިހާ ނުބައިކޮށް ހެއްޔެވެ؟ ޝައިހާގެ ކުށަކީ ކޮބައިހެއްޔެވެ؟ ކުއްވެރިއަކީ ޝައިހާއެއް ނޫނެވެ. ޝައިހާކަހަލަ ބަލިކުދިންނަށް ފަރުވާ ނުކޮށްދޫކޮށްލާ މައިންބަފައިން ވެސް ކުއްވެރިވާނެއެވެ. އެފަދަ ކުދިންނަށް ސަރުކާރުގެ އެހީގެ ދަށުން ފަރުވާ ލިބިދެވެން ޖެހޭނެއެވެ. ޢާއިލާގައި ފޯރުންތެރިކަން ނެތަސްވެސް އެކުދިންނަށް ފަރުވާ ލިބިދެވެންޖެހޭނެއެވެ. އެއީ އެކުދިންގެ އިންސާނީ ޙައްޤެއް ނޫންހެއްޔެވެ؟

“މޮމް.. އައި އަންޑަސްޓޭންޑް.. އައިމް ސޮރީ.. އަޅުގަނޑަށް ޝައިހާއާއި ދޭތެރޭގައި ދެކެވުނީ މުޅިން ގޯސްކޮށް.. ލައިކް ޔޫ ސެޑް.. ޝައިހާ އަށް ފަރުވާ ކުރަން ގެންދަން ވާނެ..” އަހަރެން މަންމަގެ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކީމެވެ. އޭރު އާދުވަހަކަށް އަރައިގެން އައި އިރު ގެ އަލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ހައްދާފައިވާ ރީތި ގަސްތަކަށް އެޅިފައިވާއިރު ހުވަފެނީ ރީތިކަމެއް އެމަންޒަރުގައި އެކުލެވިފައި ވިއެވެ.

އޭރު ބަޔާންތައް ނެގުމަށްފަހު ހުރިހާ އެންމެންވެސް ދޫކޮށްލެވިއްޖެއެވެ. އަހަރެންނަށް ކަންތައްތައް އެހައި ހިސާބަށް ގެނެވުނީތީ ދެރަވެސް ވިއެވެ. އެކަމާ ބަކުރުބެމެން ތިބީ ހިތްހަމަ ނުޖެހިފައިހެންވެސް ހީވެއެވެ. އަހަރެން މަންމައާއިއެކީގައި ގޮސް ބަކުރުބެމެންނާއި ވާހަކަދެއްކީމެވެ. އަދި މާފަށްވެސް އެދުނީމެވެ. މަންމަގެ އެދުމުގެ މަތިން ބަކުރުބެގެ ޢާއިލާވެސް ޑޮކްޓަރަށް ދައްކާލާށާ އެކީގައި ބޭރަށް ދާގޮތަށް އެއްބަސްވިއެވެ. އަހަރެންގެ ހިތަށް ހިސާބަކަށް ހަމަޖެހުން ލިބުނެވެ. އަދި މަންމަގެ އެދުމުގެ މަތިން ޝާޔާ މަންމަ ކައިރިޔަށް މިދުވަސްކޮޅަށް ބަދަލުވެސް ކުރެވުނެވެ. އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ. ދެޢާއިލާގެ ދެމެދުގައި އުފެދުނު ގާތްގުޅުމުގެ ސަބަބުން އަހަރެންގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަތައް ވެރިކުރުވާފައި ވީއިރު އިންތިހާ ހިތްދަތިކަން އަހަރެންގެ އެ ހިނިތުންވުމުގެ އަޑީގައި ފޮރުވިފައި ވެއެވެ. ދެޢާއިލާގެ ގުޅުން ބަދަހިވެ ޝާޔާއާއިއެކީގައި އުޅުމުގެ ހުރިހާ މަގެއް ފަހިވެފައިވާއިރު ކުރިމަތިވެފައިވާ ޠޫފާނުގެ ވާހަކަ މަންމައާއި ހަމައަށް ގެންނާނީ ކިހިނެއްހެއްޔެވެ. މި ޙަޤީގަތް ހާމަކުރާނީ ކިހިނެއް ހެއްޔެވެ. ނަމަވެސް އަހަރެން ބޭނުންވާ އެއްކަންތައް އަދި އެބައޮތެވެ. މިފަހަރުގެ ދަތުރުގައި ޝާޔާ ޑޮކްޓަރަށް ދައްކައި ވާހަކަ ދެއްކޭނެ ގޮތެއް ވޭތޯ ބެލުމެވެ. އެހަކަލަ އިރާދައެއް ކުރައްވައިފިނަމަ އަހަރެންނަށްވެސް ޝާޔާއަށް ކޮށްދެވުނު ހެޔޮކަމަކަށް ވާނެއެވެ. އޭގެ ކުރިއަކުން މިވާހަކަ ޝާޔާއާއި ހަމައަކަށް ނުގެންނާނަމެވެ. ނަމަވެސް އަހަރެންނަކަށް ޝާޔާއާއި އެކީގައި ދިރިއުޅުމެއް އުޅެވޭކަށް ނެތެވެ. އެހެން ކަމުން މަޑުމަޑުން ޝާޔާއާއި ދުރުވެވޭތޯ ބަލަންވީއެވެ. އެއީ އަހަރެންގެ ހިތަށް ކިތަންމެ ވޭނެއް ލިބޭނެ ކަމަކަށް ވެހެވެ. ކަންތައް ދިމާކުރިގޮތުން ޝާޔާ އަހަރުމެންގެއަށް ބަދަލުވުމާއިއެކު ޝާޔާއާއި ދުރުވުމަށް އަހަރެން ކުރަންޖެހޭނެ މަސައްކަތްވެސް އެތައް ގުނައެއް އުނދަގޫ ވާނެއެވެ. ޝާޔާފެންނަ ހިސާބުގައި ހުރެ އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާނީ ކިހިނެއް ހެއްޔެވެ. ޝާޔާގެ ހިތުގައި ޖެހޭތަން ބަލަން އަހަރެންނަށް ކެތް ވާނެހެއްޔެވެ؟

އެދުވަސް ނިމިގެން ދިޔައީ ޝާޔާ އައިޝާދައްތަމެން ގެއަށް ބަދަލުކުރެވިގެންނެވެ. ރަނާއާއި ރިޔާގެ އެކުވެރިކަން ލިބުމުން ޝާޔާގެ ހިތުގައި ވި އެކަނިވެރިކަން ފިލާގޮސްފައި ވާކަހަލައެވެ. ޝާޔާގެ ރީތިކަން ފެނި އިޝީވެސް އަހަރެން ކައިރީ ޝާޔާއަށް ތަޢުރީފް ކުރުމުގައި ގިނަ ވަގުތު ހޭދަކުރެއެވެ. އިޝީވެސް ޝާޔާ ދެކެމުން އައީ ޢާއިލާގެ މެމްބަރެއްފަދައިންނެވެ. ޝާޔާއަށް ޝާޔާގެ ޙަޔާތުގައި ލިބިފައިނުވާ ލޯތްބާއި އެކުވެރިކަމާއި ޢާއިލާވަންތަކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހިތަކަށް ލިބިފައި ކަހަލައެވެ. ޝާޔާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި މައުސޫމުކަން އަހަރެންގެ ހިތަށް މިޔަތޫނު ހަންޖަރެއްފަދައިން ޒަޚަމް ލައްވަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ޝާޔާގެ ނަޒަރު އަހަރެންނަށް ހުއްޓާލާއިރު އެލޮލުގައިވާ އުންމީދުގެ ވިދުވަރު އަހަރެންނަށް ފެނި އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. އެއުފާވެރިކަމަކީ ހިނދުކޮޅެއްގެ ކަމެއްކަން އިޙްސާސްވެ ޙަމްދަރުދީ ވެވެއެވެ. އަހަރެންގެ މަޑުމޮޅި މިޒާޖާއި ބަސްމަދުކަން ފާހަގަ ވީނަމަވެސް އެއީ ޝާޔާ ފެންނަ ހިސާބުގައި ވުމުން ވާގޮތެއްކަމަށް ބުނެ އެކަންތައްވެސް މަޖާ ގަނޑެއްގެ ތެރޭގައި ފޮރުވާލެވުނެވެ. އެގޮތުގައި ދުވަސްތައް މާޒީވެދެއެވެ. މާލެދާން ފުރަންވީ ދުވަސް ކައިރި ވެއްޖެއެވެ. ދަތުރަށް ތައްޔާރު ކުރުމުގައި ހުރިހާ ޢާއިލާއަކުން އެކީގައި މަސްހުނިވެ އުޅޭއިރު އެމަންޒަރު ބަލައި ހިތްފިލައި ނުދާނެއެވެ. އާލިޔާ ދައްތައާއި މަންމައާއި އައިޝާދައްތަގެ ގުޅުން ބަދަހި ވަމުންދިޔަވަރަކަށް ރަނާއާއި އަޔާންގެ މެދުގައި އޮތް ޚާއްސަކަން ދެޢާއިލާއަށްވެސް ފާހަގަ ވަމުން ދިޔައެވެ. ނަމަވެސް އަޔާންގެ ބަހަކަށް އިންތިޒާރު ކުރާކަހަލައެވެ.

“ޒެން.. ދެން ކޮންއިރަކު ޒެންގެ ފެމިލީ އިންޓްރޮޑިއުސް ކޮށްދޭނީ.. ތިހެން ހުއްޓަ އާން ރަނާ ގޮވައިގެން ދާއިރުވެސް ޒެންނަށް ހުންނަންޖެހޭނީ ތިހެން ކަންނޭނގެ..” އަހަރެން ޒާނިޝްއާއި ދިމާކޮށްލީމެވެ. ނިދަން އަރައި ތިބިއިރު ޒާނިޝް ނިތްމަތީގައި އަތްބާވައިލައިގެން އޮތްތަން ފެނުމުން ޒާނިޝްގެ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުންވީއެވެ.

-ނުނިމޭ-

1
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 16 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [16]“

  1. ދިމާވި ކުއްލި ކަމަކާ ގުޅިގެން އިންޓްރނެޓް ލިބެން ނެތިގެން މި ބައި އަޕްނުވެ ލަސްވީ. މިކަމަށްޓަކާ ކިޔުންތެރިންގެ އަރިހުން މާފަށް އެދެން. މިޕާޓް ވެސް ކިޔާލާފަ ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަވާ ކަމެއްް އޮތިއްޔާ އަންގާލަ ދިނުން އެދެން. ތިބޭފުޅުންގެ ފާޑު ކިއުމަކީ އަޅުގަނޑަށް ލިބޭ ހިތްވަރެއް. ތެންކްސް.

    1

    0

Leave a Reply

Your email address will not be published.